ކުޅިވަރު / އިންގްލިޝް ޕްރިމިއާ ލީގް

ރަޝްފޯޑްގެ 100 ވަނަ ގޯލާ އެކު ޔުނައިޓެޑް ކުރިއަށް ޖެހިލައިފި

މާކަސް ރަޝްފޯޑް، އޭނާ ޔުނައިޓެޑަށް ޖަހައިދިން 100 ވަނަ ގޯލަށް ފަހު އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

މެންޗެސްޓާ (އޮކްޓޫބަރު 31) - މާކަސް ރަޝްފޯޑް މެންޗެސްޓާ ޔުނައިޓެޑަށް ޖަހައިދިން 100 ވަނަ ގޯލުން 1-0 އިން ވެސްޓް ހޭމް ޔުނައިޓެޑް ބަލިކޮށް، ޕްރިމިއާ ލީގު ތާވަލްގެ ފަސް ވަނައަށް ޔުނައިޓެޑް ޖެހިލައިފި އެވެ.

މި ނަތީޖާއާ އެކު ޔުނައިޓެޑް ވަނީ 12 މެޗުން 23 ޕޮއިންޓް ހަމަކޮށް، ލީގުގެ ފަސް ވަނައަށް ޖެހިލައި، އެއް މެޗު އިތުރަށް ކުޅެގެން، ހަތަރު ވަނައިގައި އޮޔް ނިއުކާސަލް ޔުނައިޓެޑާ ޕޮއިންޓަކަށް ފަރަގު ކުޑަ ކޮށްފަ އެވެ. ޔުނައިޓެޑް ފަސްވަނައަށް އެރުމާ އެކު 12 މެޗުން 21 ޕޮއިންޓް ލިބިފައިވާ ޗެލްސީ ވަނީ ހަ ވަނައަށް ވެއްޓިފަ އެވެ.

މެޗުގެ 38 ވަނަ މިނިޓުގައި ކްރިސްޓިއަން އެރިކްސަން ނަގައިދިން ހުރަހަކުން ރަޝްފޯޑް ކާމިޔާބު ކުރި މި ގޯލާ އެކު، މިއަދު 25 އަހަރު ފުރުނު ފޯވާޑް ވެފައި ވަނީ ޔުނައިޓެޑަށް 100 ގޯލު ހަމަކުރި 22 ވަނަ ކުޅުންތެރިޔާއަށެވެ.

ރަޝްފޯޑަކީ އުމުރުން ހަތް އަހަރުގައި ޔުނައިޓެޑްގެ އެކެޑަމީއާ ގުޅުނު ކުޅުންތެރިއެކެވެ. ސީނިއާ ޓީމަށް ފުރަތަމަ ކުޅެން ފެށީ އުމުރުން 18 އަހަރުގައި، 2016 ވަނަ އަހަރު (2015/2016 ސީޒަންގަ) އެވެ.

ޔުނައިޓެޑްގެ އެންޓޮނީ އަށް އަނިޔާ ވެގެން ރޭގެ މެޗުގައި ކްރިސްޓިއާނޯ ރޮނާލްޑޯ ވަނީ ސްޓާޓް ކޮށްފަ އެވެ. އަދި އަނިޔާއިން އެނބުރި އައިސް، ކެޕްޓަން ހެރީ މެގުއާ ވެސް ވަނީ ގިނަ ދުވަސްތަކަކަށް ފަހު ލީގުގައި ފުރަތަމަ ފަހަރަށް މެޗެއް ސްޓާޓް ކޮށްފަ އެވެ.

ޓެން ހަގް ގެ ތައުރީފު ކީޕަރު ޑެހެއާ އަށް

ހަނި ތަފާތަކުން ޔުނައިޓެޑް މޮޅުވި މި މެޗުގައި އެޓީމުގެ ސްޕެއިން ގޯލްކީޕަރު ޑޭވިޑް ޑެހެއާ ވަނީ، ވެސްޓް ހޭމްގެ މިޝޭލް އެންޓޯނިއޯ އާއި ކާޓް ޒޫމާ އަދި ޑެކްލަން ރައިސް ފޮނުވާޅި ނުރައްކާތެރި ހަމަލާތަކެއް ދިފާއު ކޮށް، ޓީމުގެ ހަނި ލީޑު ދަމަހައްޓަން މޮޅު ކުޅުމެއް ދައްކައިފަ އެވެ.

ޑެހެއާ ދެއްކި މޮޅު ކުޅުމާ އެކު މެޗަށް ފަހު ޔުނައިޓެޑްގެ ކޯޗު އެރިކް ޓެން ހަގް ބުނީ، އޭނާއަކީ މޮޅު ކީޕަރެއް ކަމަށާއި، މި އަހަރުގެ ވޯލްޑް ކަޕުގައި އޭނާއަށް ސްޕެއިން ގައުމީ ޓީމަށް ނުކުޅެވޭނެ ކަމަށް ބުނާ ވިސްނުމާ ދެކޮޅު ހަދައިފަ އެވެ.

ޑެހެއާ ފަހަތުން ދޭ ޕާސްތަކާ މެދު ހިތްހަމަ ނުޖެހޭ ކަން މީގެ ކުރިން ސްޕެއިންގެ ކޯޗު ލުއިސް އެންރީކޭ ވަނީ މީޑިއާގައި ހާމަ ކޮށްފަ އެވެ. އަދި ވޯލްޑް ކަޕަށް ތައްޔާރުވާން އެންރީކޭ ނެގި 55 ކުޅުންތެރިންގެ ސްކޮޑުން ޑެހެއާ އަށް ޖާގައެއް ނެތް ކަމަށް ސްޕެއިންގެ މީޑިއާތަކުން ހާމަ ކޮށްފައި ވީ ނަމަވެސް، ޓެން ހަގް ވަނީ ޑެހެއާގެ ގާބިލްކަމާމެދު ސުވާލު ނުއުފެއްދޭނެ ކަމަށް ބުނެފަ އެވެ.

"ކޮންމެ މީހެއްގެ ވެސް އަމިއްލަ ހިޔާލު ހުންނާނެ، ގޯލްކީޕަރެއްގެ އެންމެ ފުރަތަމަ މަސްއޫލިއްޔަތަކަށް ވާނެ ކަމަށް އަހަރެން ދެކެނީ، ބައިކޮޅަށް ގޯލެއް ވަނަ ނުދީ ހިފެހެއްޓުން. އެކަމުގައި އޭނާ (ޑެހެއާ) އަކީ ހަގީގަތުގައި ވެސް މޮޅު މީހެއް،" ޓެން ހަގް ބުންޏެވެ.

މެޗުން މޮޅުވުމުން ކީޕަރު ޑެހެއާ އަދި ޑިފެންޑަރު ޑިއޯގޯ ޑަލޮޓް އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

"އޭނާގެ ފައިގައި ވެސް ގާބިލުކަން އެބަހުރި. އެއީ (ގޯސް ހެދެނީ) ހަމައެކަނި ކީޕަރުގެ ސަބަބަކުން ނޫން، ކުރިމަތީގައި ޕާސް ލިބެން ހުންނަ ކުޅުންތެރިޔާ، ނޫނީ ކުރިމަތީ ޕާސް ދޭން ތިބި އޮޕްޝަން ތައް ވެސް އޭގެ ހިއްސާއެއް އަދާ ކުރޭ."

ޑެހެއާ އަކީ މިދިޔަ ސީޒަންގައި ޔުނައިޓެޑުން ހޮވި އެޓީމުގެ އެންމެ މޮޅު ކުޅުންތެރިޔާ އެވެ. އޭނާ ވަނީ ޔުނައިޓެޑްގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ހަތަރު ފަހަރު ހޯދައިފަ އެވެ.

"އަހަރެންނަށް ގަބޫލު ކުރެވޭ އޭނާ (ޑެހެއާ) އަށް ވާނެކަން، މިހާތަނަށް ކުޅުނު މެޗުތަކުން އޭނާ އެކަން ސާބިތު ކޮށްދީފި،" ޓެން ހަގް އިތުރަށް ބުންޏެވެ.

އެތުލެޓިކޯ މެޑްރިޑުން 2011 ވަނަ އަހަރު ޑެހެއާ ޔުނައިޓެޑަށް ގެނައީ ޔުނައިޓެޑްގެ ލެޖެންޑަރީ ކޯޗު ސާ އެލެކްސް ފާގަސަން އެވެ. އަދި 2019 ވަނަ އަހަރު ހުރި ކޯޗު އޮލެ ގުނަ ސޯލްޝެއާ ވަނީ 2023 ގެ ޖޫން އާ ހަމައަށް، ހަފްތާއަކު 375،000 ޕައުންޑް ލިބޭހެން ހޮންޓްރެކްޓް އާ ކުރުވައިފަ އެވެ.

މި ސީޒަންގެ ނިޔަލަށް ޑެހެއާ އާއި ޔުނައިޓެޑްގެ ކޮންޓްރެކް ހަމަވާއިރު، އިތުރު އަހަރަކަށް ކޮންޓްރެކްޓް އިތުރު ކުރުމުގެ ފުރުސަތު ވެސް ޔުނައިޓެޑަށް އެބަ އޮތެވެ. ނަމަވެސް ޓެން ހަގް ބުނީ ގޮތެއް ނިންމާނީ ވޯލްޑް ކަޕް ތެރޭގައި ކަމަށެވެ.

"މި ދުވަސްކޮޅު ނިމޭގޮތަށް ކުރިއަށް އެބަ އޮތް ވޯލްޑް ކަޕް، އަހަރެމެން ވިސްނަން ޖެހޭ. އަހަރެމެންގެ ސްޓްރެޓެޖީ އެއް އެބަ އޮތް، ވަރަށް ސާފު، އެކަމަށް ހާއްސަ ސަމާލުކަމެއް ވެސް އެބަ ދެން. ޑެހެއާ އާ މެދު އަހަރެން ގައިމުވެސް ވަރަށް ހިތްހަމަ ޖެހޭ، އޭނާ އަކީ ވަރަށް މޮޅު ކީޕަރެއް،" ޓެން ހަގް ބުންޏެވެ.

"އޭނާ އަށް އަދި އެންމެ 31 އަހަރު، އޭނާ ހުރީ ފިޓް ކޮށް، އިތުރަށް ވެސް ކުރިއެރޭނެ ކުޅުންތެރިއެއް އެއީ. އޭނާ އަކީ މިހާތަނަށް ވެސް މެންވެސްޓާ ޔުނައިޓެޑަށް މޮޅު ކުޅުމެއް ދެއްކި މުހިއްމު ކުޅުންތެރިއެއް. ކުރިމަގުގައި ވެސް އެގޮތުގައި ފެންނާނެ ހެން އަހަރެންނަށް ހީވަނީ."

0 ކޮމެންޓް, 4 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454