މި އަހަރުގެ ބޯހިމެނުމުގައި ދިމާވި އެންމެ ބޮޑު ގޮންޖެހުމަކީ އެ މަސައްކަތް ކުރާނެ ވޮލަންޓިއަރުން ބޭނުންވި އަދަދަށް ނުލިބުން ކަމަށް ސްޓެޓިސްޓިކްސް ބިއުރޯއިން ބުނޭ.
މާލެ މަޖީދީމަގުގައި ބަޔަކު ހިނގާފައި ދަނީ: މި އަހަރުގެ ބޯހިމެނުމުގައި މިހާތަނަށް ގުނުނު އާބާދީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ އަށް އަހަރުގެ ތެރޭގައި އިތުރުވީ 16،000 އެއްހާ ދިވެހިން. -- ފައިލް ފޮޓޯ: މިހާރު
07 ނޮވެމްބަރ 2022 - 06:42
ޗީފް ސްޓެޓިސްޓީޝަން އައިޝަތު ހަސަން ދެއްވީ ޔަގީންކަމެވެ؛ ގޮންޖެހުންތަކެއް ކުރިމަތި ވިޔަސް، މި އަހަރުގެ ބޯހިމެނުމުގެ ނަތީޖާ ސައްހަ ވާނެ އެވެ. އާންމުންގެ ހިތުގައި އެ ސުވާލު އުފެދިފައި އޮތަސް، އޭނާ އަށް އެ ޔަގީންކަން އެބައޮތެވެ.
މި އަހަރުގެ ބޯހިމެނުމުގައި، މިހާތަނަށް ގުނުނު އާބާދީގެ ތަފާސްހިސާބުތައް މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން މިދިޔަ މަހު އާންމުކުރުމުން ފާޑުކިޔުންތައް ބޮޑުވި އެވެ. އެ ތަފާސްހިސާބުގައިވާ ގޮތުން ރާއްޖޭގެ އާބާދީގައި މިހާރު ދިރިއުޅެނީ 452،495 މީހުންނެވެ. އޭގައިވާ ގޮތުން ފާއިތުވި އަށް އަހަރުގެ ތެރޭގައި އިތުރުވީ 16،800 އެއްހާ ދިވެހިންނެވެ.
އެ ނަތީޖާއާ މެދު ބައެއް މީހުން ސުވާލު އުފެއްދީ "އަދިވެސް މަގޭ ބޯހިމަނަން ނާންނަ" ކަމަށް ބުނެ އެވެ. އެ ތަފާސްހިސާބުތަކުގައި ހުރި އަދަދުތައް ރަނގަޅު ކަމަށް ޝައްކު އެފެދޭ ކަމަށް ބުނެ، ބައެއް މީހުން އެކަމުގެ ކަންބޮޑުވުން ވެސް ފާޅުކުރި އެވެ. އެހެންވެ، އެއީ ސައްހަ ނަތީޖާއެއް ކަމާ މެދު އާންމުންގެ މެދުގައި އޮތީ ހިޔާލު ތަފާތުވުންތައް އުފެދިފަ އެވެ.
ރާއްޖޭގައި މި އަހަރު އަމަލުކުރަން ފެށި ތަފާސްހިސާބުގެ ގާނޫނުގެ ދަށުން، ސްޓެޓިސްޓިކްސް ބިއުރޯގެ އެންމެ އިސް މަސްއޫލިއްޔަތު ހަވާލުކުރައްވާފައިވާ އައިޝަތު ވިދާޅުވި ގޮތުގައި، އެއީ ބޯހިމެނުމުގެ މުޅި ނަތީޖާ ކަމަށް ބައެއް މީހުންނަށް ހީކުރެވި އޮޅުންތަކެއް އަރާފައިވާ ކަމަށެވެ. އެކަމަކު، އެއީ ސެޕްޓެމްބަރު 13ގައި ބޯހިމަނަން ފެށިއިރުއްސުރެ މިދިޔަ މަހުގެ 20ގެ ނިލަޔަށް ގުނުނު އާބާދީ އެކަނި ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެއީ ވަގުތީ ނަތީޖާ ވެސް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.
ހުޅުމާލޭގެ މަގެއްމަތިން އުމުރުން ދުވަސްވީ ދެ މީހަކު ހިނގާފައި ދަނީ: މި އަހަރުގެ ބޯހިމެނުމާ ގުޅިގެން އާންމުންގެ ޝަކުވާ ބޮޑު. -- ފޮޓޯތައް: ފަޔާޒް މޫސާ | މިހާރު
އެ ބިއުރޯއިން މިހާތަނަށް އެއްކުރި މައުލޫމާތުތަކުން އާބާދީ ގުނުމުގެ މަސައްކަތް އަދިވެސް އެއްކޮށް ނުނިމޭ ކަމަށާއި ވަގުތީ އަދި ރަސްމީ ނަތީޖާއާ ހަމަ އަށް ދާއިރު އެއަށް ވުރެ ބޮޑެތި ތަފާތުތަކެއް ހުރުން އެކަށީގެންވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ރާއްޖެއިން ބޭރުގައި މިހާރު ދިރިއުޅޭ ދިވެހިންގެ އާބާދީ ދެނެގަތުމުން ވެސް ތަފާތުތަކެއް ފެންނާނެ ކަމަށް ވިދާޅުވި އެވެ.
"ބޮލެއް ނުހިމަނާ ރަނގަޅަކަށް. ތީ އެއްވެސް އޮށްޓަރެއް ހުރި ވާހަކައެއް ނޫން. ހަމަ ގައިމު ވެސް މި ގެއަކަށް ނާދޭ. މިއީ ހަ މީހުން ދިރިއުޅޭ ގެއެއް. މިގޮތަށް ނުހިމަނާ ކިތަންމެ ގެއެއް ހުންނާނެ،" މިހާތަނަށް ގުނުނު އާބާދީގެ ހަބަރު "މިހާރު"ގައި ލިޔުމުން މީހަކު ކުރި ކޮމެންޓެއްގައި ބުންޏެވެ.
ބޯހިމަނަން އަދިވެސް ނުދާ ކަމަށް ބުނާ ވަރަށް ގިނަ ކޮމެންޓުތައް އެ ހަބަރަށް ލިބުނެވެ.
"އަހަރުންގެ ބޯ ނުހިމަނާ އަދިވެސް. ގުޅީމަ ވެސް ނާދޭ. ތީ ކޮން ކަހަލަ ހިސާބެއް،" އެހެން މީހަކު ބުންޏެވެ.
އައިޝަތު ވިދާޅުވި ގޮތުގައި އެކި ސަބަބުތަކާ ހުރެ ބައެއް މީހުންގެ މައުލޫމާތު އަދިވެސް ނުލިބި އެބަހުއްޓެވެ. އެހެންވެ، އެ މައްސަލަ ހައްލުކުރުމުގެ ގޮތުން ސްޓެޓިސްޓިކްސް ބިއުރޯއިން އެ އިދާރާގެ ވެބްސައިޓްގައި މައުލޫމާތު ހުށަހަޅަން ހާއްސަ ޕޯޓަލްއެއް ވެސް ހަދާފައިވާ ކަމަށް ވިދާޅުވި އެވެ. އަދި އޭނާ ވިދާޅުވީ އެ އިދާރާގެ ހޮޓްލައިން 1423 އަށް ގުޅައި މައުލޫމާތު ހިއްސާކުރަން ވެސް އެދިފައިވާ ކަމަށެވެ.
ނަމަވެސް، ހޮޓްލައިނަށް ގުޅުމުން ޖަވާބެއް ނުލިބޭ ކަމަށާއި ޕޯޓަލް އަށް ފޮނުވާ ފޯމުތަކަށް ޖަވާބެއް ނުލިބޭ ކަމަށް ބުނެ ބައެއް މީހުން ޝޯޝަލް މީޑިއާގައި ވެސް ޝަކުވާކޮށްފައި އެބަހުއްޓެވެ.
އެކަމާ ގުޅޭގޮތުން އައިޝަތު ވިދާޅުވީ، މައުލޫމާތު ހިއްސާކުރަން މީހުން އަމިއްލަ އަށް އެދޭވަރަކުން، އެ އިދާރާއިން އެއްބާރުލުން ދެމުން އަންނަ ކަމަށެވެ. މައުލޫމާތު އެއްކުރުމުގެ މަސައްކަތުގައި ގޮންޖެހުންތަކެއް ހުރި ކަމަށް އޭނާ ގަބޫލުކުރައްވަ އެވެ. އޭނާ ވިދާޅުވި ގޮތުގައި، އެ މަސައްކަތުގައި ލަސްތަކެއް އުޅެނީ ބޯހިމެނުމުގެ މަސައްކަތް ކުރަން މި އަހަރު ލިބުނު ވޮލަންޓިއަރުންގެ އަދަދު ވަރަށް ބޮޑަށް މަދުވުމުންނެވެ.
20 އޮކްޓޯބަރުގެ ނިޔަލަށް ގުނުނު އާބާދީގެ އަދަދުތައް.
މިދިޔަ މަހު އެ ބިއުރޯއިން އާންމުކުރި މައުލޫމާތުގައިވާ ގޮތުން، މިހާތަނަށް ގުނުނު އާބާދީގައި ދިވެހިންގެ އަދަދަކީ 355،331 އެވެ. އެއީ 2014 ވަނަ އަހަރުގެ ބޯހިމެނުމުގައި ރާއްޖޭގައި ދިރިއުޅޭ ދިވެހިންގެ އާބާދީ އަށް ވުރެ 16،897 މީހުން އިތުރު އަދަދެކެވެ. އޭރު ރާއްޖޭގައި އުޅުނު ދިވެހިންގެ އާބާދީ އަކީ 338،434 އެވެ.
އެކަމަކު އެއީ ބައެއް މީހުންނަށް ގަބޫލުކުރަން ދަތިވި އަދަދެކެވެ.
މި ރިޕޯޓަށް ވާހަކަދެއްކި ތަޖުރިބާކާރަކު ވިދާޅުވީ، އަށް އަހަރުގެ ތެރޭގައި އިތުރުވި ދިވެހިންގެ އާބާދީ އަކީ 16،800 ކަމަށް ބަލާ ނަމަ، އެވްރެޖުކޮށް ކޮންމެ އަހަރަކު ވިހެއީ ގާތްގަނޑަކަށް 2،000 ކުދިންނޭ ބުނެވިދާނެ ކަމަށެވެ. އަދި އެވްރެޖުކޮށް ކޮންމެ ދުވަހަކަށް ބަލާ ނަމަ، އެއީ ތިން ކުދިންނެވެ. އެކަމަކު އެއީ ރަނގަޅު އަދަދެއްތޯ އޭނާ އަށް ވެސް ޝައްކު އުފެދެ އެވެ.
މާލޭގެ ހޮސްޕިޓަލުތަކުގައި އެކަނި ވެސް ދުވާލަކު ފަސް ކުދިންނަށް ވުރެ ގިނައިން ވިހާ. އަދި ކޮބައިތޯ ރަށްރަށުގައި ވިހާ ކުދިން؟ އެހެންވީމަ އިތުރުވި އާބާދީ އަކީ އެ އަދަދު ކަމަށް ބުނަން އުނދަގޫވޭ: ތަޖުރިބާކާރެއް
ބޯހިމެނުން: މިހާތަނަށް ދައްކަނީ އަށް އަހަރުން އިތުރުވީ 16،800 ދިވެހިން ކަމަށް https://t.co/WVp2nqsrm3
— Mihaaru (@Mihaarunews) October 20, 2022
"މާލޭގެ ހޮސްޕިޓަލުތަކުގައި އެކަނި ވެސް ދުވާލަކު ފަސް ކުދިންނަށް ވުރެ ގިނައިން ވިހާ. އަދި ކޮބައިތޯ ރަށްރަށުގައި ވިހާ ކުދިން؟ އެހެންވީމަ އިތުރުވި އާބާދީ އަކީ އެ އަދަދު ކަމަށް ބުނަން އުނދަގޫވޭ،" އޭނާ ވިދާޅުވި އެވެ.
"ދެން އެކަމަކު ކޮންމެ ދުވަހަކު ކުދިން ވިހާއިރު، ދުވާލަކު މަރުވާ މީހުންގެ އަދަދަށް ވެސް ބަލަން ޖެހޭ. އަދި ޅަފަތުގައި މަރުވާ ކުދިންގެ އަދަދު ވެސް. އެހެންވިޔަސް، މިހާރު އާންމުކޮށްފައި އޮތް އަދަދަކީ އެންމެ ރަނގަޅު އަދަދު ކަމަށް އަޅުގަނޑަށް ޝައްކު."
މި އަހަރުގެ ބޯހިމެނުމުގެ މަސައްކަތް ކުރުމަށް 4،400 މީހުން ނުވަތަ އެނިއުމަރޭޓާސް ހޯދަން އެ ބިއުރޯއިން އިއުލާންކުރި އެވެ. އެކަމަކު، އައިޝަތު ވިދާޅުވި ގޮތުގައި، އެނިއުމަރޭޓާސް ލިބުނީ އެ ބިއުރޯއިން އަންދާޒާކުރި ވަރަށް ވުރެ 16 ޕަސެންޓް މަދުންނެވެ. އެހެންވެ، ބޯހިމަނަން ކަނޑައެޅި މުއްދަތުގެ ތެރޭގައި މުޅި މާލެ ކަވަރުކުރަން ވެސް ދަތިވި އެވެ.
މިފަހަރު ދިމާވި އެންމެ ދަތިކަމަކީ އެއީ. ބޭނުންވާ ވަރަށް މީހުން ނުލިބުން: ޗީފް ސްޓެޓިސްޓީޝަން، އައިޝަތު ހަސަން
ރާއްޖޭގައި އެންމެ ބޮޑު އާބާދީއެއް ދިރިއުޅޭ މާލޭގައި ބޯހިމެނުމުގެ މަސައްކަތް ކުރަން 2،000 މީހުން ހޯދަން އިއުލާންކުރިޔަސް، އެކި ފަހަރު މަތިން އިއުލާންކޮށްގެން ވެސް އެ އަދަދަށް މީހުން ނުލިބުނެވެ. އެންމެ ބޮޑެތި ގޮންޖެހުންތައް ކުރިމަތިވީ ވެސް މާލެ ސަރަހައްދުގެ ބޯހިމެނުމުގެ މަސައްކަތުގަ އެވެ.
"މިފަހަރު ދިމާވި އެންމެ ދަތިކަމަކީ އެއީ. ބޭނުންވާ ވަރަށް މީހުން ނުލިބުން،" އައިޝަތު ވިދާޅުވި އެވެ.
"ދެން މީހުންގެ ލައިފްސްޓައިލް ވެސް ވަރަށް ތަފާތު. ވަރަށް ބިޒީ ޝެޑިއުލެއްގައި ގިނަ މީހުން އުޅެނީ. އެނިއުމަރޭޓާސް ދާ ގަޑިތަކުގައި ދިމާނުވުން، ގޭގެގައި ލޮކް ސިސްޓަމްތައް ހުރުމުން ގޭގެ އަށް އެކްސެސް ނުވެވުން ފަދަ ކަންކަން ދިމާވި."
މި އަހަރުގެ ބޯހިމެނުމުގެ މަސައްކަތުގައި އުޅުނު އެނިއުމަރޭޓާސް މައުލޫމާތު ނަގަން ތަންތަން ދަނީ -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
އެ ކަހަލަ ދަތިތައް ހުއްޓަސް، މާލެ އާއި ރަށްރަށުގައި އާންމުން ހޭލުންތެރިކުރުވުމަށް ވަރަށް ގިނަ މަސައްކަތްތައް ކުރެވުނު ކަމަށާއި އޭގެން ރަނގަޅު ނަތީޖާއެއް ފެނުނު ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ބިދޭސީންނަށް އަމާޒުކޮށްގެން އެޑްވޮކަސީގެ މައްސަތްތައް ވެސް ކުރި ކަމަށް ވިދާޅުވި އެވެ.
ބޯހިމެނުމުގެ މަސައްކަތަށް އާންމުންގެ އެއްބާރުލުން ނުލިބޭ ކަމަށް ބުނާ ވާހަކަ އައިޝަތު ދޮގުކުރެއްވި އެވެ. އޭނާ ވިދާޅުވި ގޮތުގައި އެ ބިއުރޯގެ މަސައްކަތަށް އާންމުން މަރުހަބާ ކިޔައި، އެއްބާރާލުން ވެސް ދެ އެވެ. އަދި މައުލޫމާތު ނުލިބި ހުރި ތަންތަނުގެ މައުލޫމާތު އެއްކޮށް، ކަވާރޭޖް ރަނގަޅު ކުރުމުގެ މަސައްކަތް މިހާރު ވެސް ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.
"ލޮކްޑް ތަންތަނާއި މީހުންނާ ދިމާނުވެފައި ހުރި ތަންތަން ވަނުމަށް އަޅުގަނޑުމެންގެ ސްޓާފުން އެބަ އެޓެމްޕްޓުކުރޭ މިހާރު ވެސް،" އޭނާ ވިދާޅުވި އެވެ.
މައުލޫމާތު ނުލިބި ހުރި ބައެއް ގޭގެ އާއި ތަންތަނުގައި ނޯޓިސް ތަތްކޮށްގެން ވެސް މައުލޫމާތު ހޯދުމުގެ މަސައްކަތް އެ ބިއުރޯއިން ވަނީ ފަށައިފަ އެވެ.
އައިޝަތު ވިދާޅުވި ގޮތުގައި، މި އަހަރު ބޯހިމެނުމުގެ މަސައްކަތް ކުރިއަށް ގެންދަނީ ކޮންމެ ރަށެއް ވެސް އެކި ބްލޮކްތަކަށް ބަހަލާއިގެން، ޖިއޯގްރެފިކް އިންފޮމޭޝަން ސިސްޓަމް (ޖީއައިއެސް) މެޕްތަކެއް ހަދައި، އެނިއުމަރޭޓާސް ދާންވީ ތަންތަން ފާހަގަކޮށްގެންނެވެ. އެނިއުމަރޭޓާސް އެތަންތަނަށް ދިއުމަށް ފަހު، އެ މީހުން ދިޔަ ތަންތަން އެ މެޕްގައި ފާހަގަކުރެ އެވެ.
މި އަހަރުގެ ބޯހިމެނުމުގެ މަސައްކަތަށް އެނިއުމަރޭޓާސް ތަމްރީނުކުރުމުގެ މަސައްކަތް ކުރިއަށް ދަނީ: ބޭނުންވި އަދަދަށް އެނިއުމަރޭޓާސް ނުލިބުނު -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
"އެހެންކަމުން އަޅުގަނޑުމެންގެ ކުދިންނަށް ނުވަދެވި ހުރި ތަންތަން އެނގޭ އެ މެޕުން. ބޯހިމެނުމުގެ ޑާޓާ އެކިއުރޭޓް ކުރުމަށްޓަކައި މިހާރު މި ބިއުރޯގެ ސްޓާފުން މި ކުރަނީ އެގޮތަށް ނުވަދެވި ހުރި ތަންތަން މައުލޫމާތު ނެގުމުގެ މަސައްކަތް،" އޭނާ ވިދާޅުވި އެވެ.
އެ ތަންތަނަކީ މީހުން ދިރިނޫޅޭ ފަޅު ތަންތަން ނަމަ، އެ ތަންތަނަށް ގޮސްގެން ނުވަތަ އަވައްޓެރިން ގާތު އަހައިގެން ނަމަވެސް އެއީ ފަޅުތަނެއްތޯ ޔަގީންކުރާ ކަމަށް ވިދާޅުވި އެވެ.
ސަރުކާރު އިދާރީ ރިކޯޑްތައް ކަމަށްވާ ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރް)ގެ ރިކޯޑްތަކާއި ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ވަޒީފާ އަދާކުރާ ބިދޭސީންގެ ރިކޯޑްތައް ބޭނުންކޮށްގެން، ނަތީޖާ ދިމާވޭތޯ ބެލުމަށް އަޅާކިޔުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އޭނާ ފާހަގަކުރެއްވި އެވެ.
"މީގެ އިތުރުން ވެސް އަޅުގަނޑުމެންގެ ޕްރޮޖެކްޝަންތަކާ ވެސް އަޅާކިޔަން،" އޭނާ ވިދާޅުވި އެވެ.
ބޯހިމެނުން: ރާއްޖެ އިން ބޭރުގައި ދިރިއުޅޭ ދިވެހިންގެ މައުލޫމާތު އެއްކުރަން ފަށައިފި https://t.co/Zvg60M4TCV
— Mihaaru (@Mihaarunews) November 3, 2022
ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ އާބާދީގެ ތެރެއިން ރާއްޖެއިން ބޭރުގައި ދިރިއުޅޭ އާބާދީ ދެނެގަތުމަށް އޮންލައިން ސާވޭއެއް ވެސް ފަށާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. މިދިޔަ އަންގާރަ ދުވަހު ފެށި އެ ސާވޭގެ މަސައްކަތް މި މަހުގެ ނިޔަލަށް ކުރިއަށް ގެންދާނެ އެވެ. އެހެންވެ، ބޯހިމެނުމުގެ ރަސްމީ ނަތިޖާއާ ހަމަ އަށް ދާއިރު މިހާރު އާންމުކޮށްފައިވާ އަދަދުތަކާ ވަރަށް ބޮޑު ތަފާތުތަކެއް ހުންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ބޯހިމެނުމުގެ ނަތީޖާ ހާމަކުރާއިރު މިއީ ރާއްޖޭގައި ދިރިއުޅޭ އާބާދީގެ އެންމެ ފުރިހަމަ ޑޭޓާބޭސް އަށް ހެދުމަށް މި ބިއުރޯއިން ވަރަށް ބުރަ މަސައްކަތެއް މި އަންނަނީ ކުރަމުން. މިއީ ގައުމީ މަސައްކަތެއް،" އޭނާ ވިދާޅުވި އެެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިޙްސާސް
10 November 2022
ތިފަދަ ކަންކަމަށް އެއްބާރުލުން ނުދޭ މީހުންވެސް ބައިވަރު އުޅޭ. ވީއިރު މަޢުލޫމާތު ރަގަޅު ނުވެދާނެ.
ރެޓޭ
07 November 2022
އަހަރެމެންގެ ގައުމުގައި މިހާރުކަންތައް ކުރާ ބީދައިން ތިކަންވެސް ތިއޮތީކޮށްފަ! މި ބުނީ ފޮޓޯއެއް ނަގާފަ ފޭސްބުކާއި ޓުވިޓާ ދެންހުރިއެއްޗަކަށްލާ ގޭސް އަނބުރާލީމާ ތިއޮތީ ވަރަށްމަސައްކަތް ކުރެވިފަ! މިއީ މިހާރު ޓްރެންޑަކީ މިނިސްޓްރީ ތަކުންވެސް ޖަހަނީ މިސަކަރާތް! އެބުނާހެން ބޯހިމަނަށް ގިނައިން އުޅޭތަން ފެނުނޫ އެއްވެސް ހިޔާލެއް ފިކުރެއްނެތި ރަށުތެރޭގެ މިއުޅޭ ކުދިން! ދެންއެއްޗެއްގެ ސައްހަކަމާމެދު ސުވާލު ކިހިނެތް އުފައްދާނީ!
އެމެރިކާ
07 November 2022
މީތި ކަޑަ މަކަރު. އަލުން ބޯހިމަނަންވީ
ނަސްރުު
07 November 2022
އަދިވެސް ސިޔާސީ އެކްޓިވިސްޓުންލާ ތަންތަނަށް، ސިޔާސީ ވައުދުވާހެން ކިތަންމެ ގެރެންޓީ ދިނަސް ޖެހޭނީ ހަމަ އެއްތާކު
ޓޮލަރޭޓް
07 November 2022
ތި މަަސައްކަތުގައި ގިނައިން އުޅުނީ މިހާރުގެ ކެއަރފްރީ ކުދިން. މަސައްކަތުގައި ޑެޑިކޭޝަން އަދި ޒިންމަދާރުކަން ވަރަށް ދަށްކޮށް ފެނުނީ. އަވަސް ކޮށްލާފަ ނިންމާލިތަން ފެނުނީ. ކުރީގައި ތިއީ ވަރަށް ފޯރީގައި ކުރާކަމެއް. އަދި އާންމުންގެ ހޭލުންތެރިކަން ބޯހިމެނުމާ ބެހޭގޮތުން ކުޑަކަން ވަރަށް ފާހަގަވޭ. ބައެއްގެ ތެރޭގައި މި ވާހަކަ ދެއްކި ދުވަހެއްގައި ގޭތެރޭ ދިރިއުޅުމާ ގުޅޭގޮތުން މަޢުލޫމާތު އެއްކުރާނޭ ބުނީމާ ރުޅިއަސްފައި ބުނީ އެއީ ކޮން ބޭނުމަކު ކުރާ ކަމެއްހޯ.
އަލިމާ
07 November 2022
ޒަމާނާ އެއްގޮތަށް ތަން ތަރައްޤީ ނުވެ އައު ގޮތް ބޭނުން ކުރަން ނެންގޭ ވެރިން ތިބީމަ ވާނީ ތިހެން. ޑޭޓާ އަކީ މިހާރު ބޮޑު ފީލްޑް. ސައިންސް އެއް. ވެރިން ތިބީ އެކްސެލް ނުވަތަ އެސްޕީއެސްއެސްގެ ޒަމާނުގަ.
ހުއްޔަ
07 November 2022
މައްސަލަޔަކީ ޤާނޫނާއި ޤަވާއިދުތައް ތަންފީޒުކުރަން ނުކެރުން. މައުލޫމާތު ނުދޭމީހުން ޖޫރިމަނާކުރާކަށް ނުކެރޭ. މައުލޫމާތު ނުދޭ ސަރުކާރު މުވައްޒަފުންނާއި ކުންފުނިތަކުގެ މުވައްޒަފުން ވަޒީފާއިން ވަކިކުރާކަށް ނުކެރޭ. މައުލޫމާތު ނުދޭ ވިޔަފާރިތަކަށް ފިޔަވަޅެއް ނޭޅޭ. ދެންކާކު މައުލޫމާތު ދޭނީ.
ސިމްޕަލް
07 November 2022
ބޯހިމެނި މުއްދަތުގައި، ކޮންމެ ދުވަހަކު ބޯހިމެނިފައިވާ މީހުންގެ ތެރޭ ގުރުއަތު ލައިގެން، ހޮވޭ 50 މީހުންނަށް އެންމެ ފަހުގެ އައި ފޯނެއް، ލެޕްޓޮޕެއް، ވޭވް ސައިކަލެއް، ދޮންނަ މެޝިނެއް، 5 ޖީބީ މޯބައިލް ޑާޓާ، އުމްރާ ދަތުރެއް، ވޯލްޑްކަޕްގެ މެޗެއް ބަލާލަން 5 މީހުންނަށް 3 ދުވަހަށް ގަތަރަށް ދެވޭ ފަދަ އިނާމްތައް ހުށަހަޅާލި ނަމަ، ބޯނުހިމެނި ތިބި މީހުން ތަންކޮޅެއް މަދުވީސް.
އަފުން
07 November 2022
މިއީ ރާއްޖޭގައި ކުރިއަށް ގެންދިޔަ އެންމެ ތާކުންތާކުނުޖެހޭ ބޯހިމެނުން.
ސާބަސްދެން
07 November 2022
ތިއަށްވުރެ ފަސޭހައިންވެސް ތިޔަ މައުލޫމާތު ނެގެން އެބަހުރި. ރާއްްޖޭގެ ރަށްތައް ކުދިވެފައި އާބާދީ ކުޑަ. ކައުންސިލާ ޙަވާލުކޮށްލަނިކޮށް ރަށްރަށުގެ މަޢުލޫމާތު ނެގުނީ. ހަމަ އެ ގޮތަށް ސިޓީތަކުގެ މަޢުލޫމާތުވެސް ނެގޭނެ. އިމިގްރޭޝަނުން ބިދޭސީންގެ މަޢުލޫމާތު ނެގޭނެ. އައި.ޑީ ކާޑް ޔުނިޓުން ދިވެހީންގެ އާބާދީ ނެގޭނެ. ދެންކޮންހާ ސަކަރާތެއް ޖަހާކަށް. ބޭކާރު ފައިސާތަކެއް ޚަރަދުކުރަނީ