23 ނޮވެމްބަރ 2022 - 01:02
މެންޗެސްޓާ (ނޮވެމްބަރު 22) - މެންޗެސްޓާ ޔުނައިޓެޑަށް ގިނަ ފާޑުކިޔުންތަކެއް އަމާޒުކޮށް ޓޯކް ޓީވީގެ ޕިއޭސް މޯގަން އަށް ދިން އިންޓަވިއު އަށް ފަހު ހޫނު ފެނަށް ވެއްޓިފައިވާ ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ޔުނައިޓެޑް ދޫކޮށްލައިފި އެވެ.
ދެފަރާތް އެއްބަސް ވެގެން ރޮނާލްޑޯ އާއި ކުލަބުގެ ދެމެދުގައި އޮތް ކޮންޓްރެކްޓް އުވާލިކަން ޔަގީން ކޮށްދީ މެންޗެސްޓާ ޔުނައިޓެޑުން ވަނީ މިރޭ ބަޔާނެއް ނެރެފަ އެވެ.
"އޯލްޑް ޓްރެފޯޑްގައި ދެ ފަހަރު މަތިން ހޭދަކުރި މުއްދަތެއްގެ ތެރޭގައި އޭނާ ކޮށްދިން އަގުހުރި ހިދުމަތަށް ކުލަބުގެ ފަރާތުން ޝުކުރު އަދާކުރަން،" މެންޗެސްޓާ ޔުނައިޓެޑުން ނެރުނު ބަޔާނުގައި ވެއެވެ.
މީގެ އިތުރުން ރޮނާލްޑޯ އާއި އޭނާގެ އާއިލާ އަށް ވެސް މުސްތަގުބަލަށް ހެޔޮ އެދުންތައް ފޮނުވަމުން ކުލަބުން ބުނެފައި ވަނީ، ޓީމުން ތިބީ ކޯޗު އެރިކް ޓެން ހަގް ގެ އިރުޝާދުގެ ދަށުން އެކުގައި މަސައްކަތްކޮށް، ދަނޑުމަތީގައި ޓީމުގެ ނަތީޖާތައް ރަނގަޅު ކުރަން ކަމަށެވެ.
ރޮނާލްޑޯގެ އިންޓަވިއު ގައި ކްލަބާއި ކުލަބުގެ ކޯޗާއި ކުޅުންތެރިން އަދި މެނޭޖްމަންޓަށް ވެސް ފާޅުކަން ބޮޑު ގޮތެއްގައި ފާޑު ކިޔުމުގެ ސަބަބުން ގިނަ ބަޔަކު ތިބީ އޭނާ ދެކެ ނުރުހުން ވެފަ އެވެ. އަދި ޔުނައިޓެޑަށް ކުރިން ކުޅެފައިވާ ކުޅުންތެރިން ހިމެނޭ ގޮތަށް ގިނަ ބަޔަކު ވަނީ ވަގުތުން ރޮނާލްޑޯ ޓީމުން ވަކިކުރަން ކްލަބަށް ގޮވާލައިފަ އެވެ.
ރޮނާލްޑޯ މިވަގުތު ހުރީ ޕޯޗުގަލް އާއެކު ގަތަރުގަ އެވެ. ވޯލްޑް ކަޕް ގައި ޕޯޗުގަލް ކުޅޭ ފުރަތަމަ މެޗުގައި ރޮނާލްޑޯގެ ކެޕްޓަންކަމުގައި އެގައުމުން ބުރާސްފަތި ދުވަހުގެ ރޭ ގާނާއާ ދެކޮޅަށް ނުކުންނާނެ އެވެ.
މެންޗެސްޓާ ޔުނައިޓެޑުން ރޮނާލްޑޯގެ އެއްބަސްވުން އުވާލީ އޭނާގެ ކޮންޓްރެކްޓުގައި ބާކީ ހަތް މަސް އޮއްވަ އެވެ. އޭނާ ޔުނައިޓެޑްގައި ހުރީ ހަފްތާއަކު 500،000 ޕައުންޑްގެ މުސާރައަކަށެވެ. މިއާ އެކު ޖެނުއަރީ ޓްރާންސްފާ ބާޒާރުގައި ގައި ހިލޭ ޓްރާންސްފާގައި ކުލަބް ބަދަލު ކުރުމުގެ ފުރުސަތު ރޮނާލްޑޯ އަށް ވަނީ ލިބިފަ އެވެ.
"މެންޗެސްޓާ ޔުނައިޓެޑާ ދެމެދު ކުރެވުނު މަޝްވަރާ ތަކަށް ފަހު މިހާރު ކޮންޓްރެކްޓް އުވާލަން ދެފަރާތް އެއްބަސް ވެވިއްޖެ،" ރޮނާލްޑޯ ނެރުނު ސްޓޭޓްމަންޓެއްގައި ވެއެވެ.
"އަހަރެން މެންޗެސްޓާ ޔުނައިޓެޑާއި ސަޕޯޓަރުން ދެކެ ވަރަށް ލޯބިވޭ، އެކަން ބަދަލެއް ނުވާނެ. އެކަމަކު އަހަރެންނަށް ގަބޫލު ކުރެވެނީ މިއީ އާ ޗެލެންޖެއް ހޯދަން އެންމެ މުނާސަބު ވަގުތު ކަމަށް. ސީޒަންގެ ބާކީ އޮތް ބައިގަ އާއި ކުރިއަށް އޮތް ތާނގައި ވެސް ކުލަބަށް ކާމިޔާބަށް އެދެން."
ރޮނާލްޑޯ އެންމެ ފަހުން ޔުނައިޓެޑަށް ކުޅުނީ މި މަހު އެސްޓަން ވިލާއާ ދެކޮޅަށް ޕްރިމިއާ ލީގުގަ އެވެ. ރޮނާލްޑޯ ކެޕްޓަން ބޭންޑް އަޅައިގެން ކުޅުނު އެ މެޗުން ޔުނައިޓެޑް ވަނީ 3-1 އިން ބަލިވެފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޕެސީގެ ބަފާގެ ޕޮގުބާ
23 November 2022
ކޮބާ ޕެސީ؟ ކޮބާ ޕޮގުބާ؟؟ ކަލޭމެންނަށް ފެނޭތަ؟؟
ކޯއްޗެއް
23 November 2022
ނުފެނިގެން އުޅޭ އެއްޗެއް ވެސް ބުނީމަތާ އެނގޭނީ. ޕެނާލްޑޯ އެއީ މިހާރު އެކްސްްްްޕަޔާޑް ޕްރޮޑަކްޓެއް. ކޮމެންޓް ނުކޮށް އެސޮރު ކުޅޭނެ ކްލަބެެއް ހޯދައިދިނިއްޔާ މާ ރަނގަޅު ވާނެ!