ގަތަރުގެ ޓީމުގެ ކޯޗާއި އެ ޓީމުގެ ބައެއް ކުޅުންތެރިން: އެ ޓީމުގެ ޑިފެންޑަރު އިސްމާއީލް މުހައްމަދު ބުނީ ސައުދީ އާއި ޖަޕާން ނެރުނު ނަތީޖާއިން ގަތަރަށް ހިތްވަރު ލިބޭ ކަމަށް --- ފޮޓޯ: އޭއެފްޕީ
25 ނޮވެމްބަރ 2022 - 10:31
ދޯހާ (ނޮވެމްބަރު 25) - ވޯލްޑް ކަޕްގައި ސައުދީ އަރަބިއާ އާއި ޖަޕާނުން ނެރުނު ނަތީޖާއިން ގަތަރަށް ވެސް ހިތްވަރު ލިބިފައިވާ ކަމަށް އެ ޓީމުގެ ޑިފެންޑަރު އިސްމާއީލް މުހައްމަދު ބުނެފި އެވެ.
ސައުދީ އާއި ޖަޕާން ވަނީ، އެ ޓީމުތައް ކުޅުނު ފުރަތަމަ މެޗުތަކުގައި އާޖެންޓީނާ އާއި ޖަރުމަން ބަލިކޮށްފަ އެވެ. ގިނަ ބަޔަކަށް އެ މެޗުތަކުގެ ނަތީޖާ ވީ ހައިރާން ކުރުވަނިވި ނަތީޖާ އަކަށެވެ.
"ތި ފާހަގަ ކުރި ދެ ޓީމުގެ ކުޅުނު މެޗުގެ ނަތީޖާ އާއި ދެއްކި ކުޅުމުން. ހާއްސަ އަރަބި ޓީމުތައް ދެއްކި ކުޅުމުން އަހަރެމެން ކޮންމެވެސް ވަރަކަށް ޖެލަސީއެއް އުފެދޭ. ހަމައެޔާއެކު އެފަދަ ނަތީޖާއެއް ނެރެން ހިތްވަރު ވެސް ލިބޭ."
ފުރަތަމަ މެޗުގައި ގަތަރު ވަނީ އިކުއެޑޯ އަތުން 2-0 ން ބަލިވެފަ އެވެ. އެ މެޗުން ގަތަރު ބަލިވުމުން އެ ޓީމު ވެފައި ވަނީ ވޯލްޑް ކަޕް ބާއްވި ގައުމުތަކުގެ ތެރެއިން ފުރަތަމަ މެޗުން ބަލިވި ހަމައެކަނި ޓީމަށެވެ.
އެ މެޗަށް ފަހު ގަތަރުގެ ކޯޗު ފެލިކްސް ސަންޗޭޒް ބުނީ ގަތަރުގެ ކުޅުންތެރިންނަށް ކުރިމަތިވި މައްސަލައަކީ މުބާރާތަށް އާ ވުމުން ޖެހިލުންވުމުގެ މައްސަލަ ކަމަށެވެ. އެކަމަކު މިއަދު އެ ޓީމުގެ ދެވަނަ މެޗުގައި ސެނެގާލް އާ ދެކޮޅަށް ނުކުތުމުގެ ކުރިން ސަންޗޭޒް ބުނީ ގަތަރު ޓީމު މިހާރު ބިރު ކެނޑިފައިވާ ކަމަށެވެ.
"އަބަދު ވެސް އަހަރެމެން ބުނަން ކުރިން ހެދުނު ގޯސްތަކުން އަހަރެމެންނަށް ފިލާވަޅު ދަސް ވެއްޖެޔޭ. އެހެންވީމާ އަހަރެން އުންމީދުކޮށްގެން މިހުރީ ފުރަތަމަ މެޗުގައި އަހަރެމެންނަށް ކުރިމަތިވި ހުރިހާ ޕްރެޝަރަކުން އަރައިގަނެވިއްޖެ ކަމަށް،" 2019 ގެ އޭޝިއަން ކަޕް ގަތަރަށް ކާމިޔާބުކޮށް ދިން ސަންޗޭޒް ބުންޏެވެ.
"އަހަރެން އުންމީދު ކުރަން އަހަރެމެންނަށް ވަރުގަދަ އަށް ވާދަ ކުރެވޭނެ ކަމަށް. އަހަރެމެން ޕްލޭން އޭ އާ އެއްގޮތަށް ގޭމް ކުޅެވޭނެ ކަމަށް އުންމިދުކުރަން. އޭރުން އަހަރެމެންނަށް ވާދަވެރި ގޭމެއް ކުޅެވޭނީ."
ސެނެގާލްގެ ފުރަަތަމަ މެޗުގައި އެ ޓީމު ވަނީ ނެދަލެންޑްސް އަތުން 2-0 ން ބަލިވެފަ އެވެ. ގަތަރާއި ސެނެގާލް ކުޅޭ މެޗު މިއަދު ފަށާނީ ރާއްޖޭ ގަޑިން އިރުއޮއްސި 6 ޖަހާއިރު އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy