ފްރާންސްގެ ގްރީޒްމަން ރެފްރީން ގާތު ޝަކުވާ ކުރަނީ: ފްރާންސްގެ ފެޑެރޭޝަނުން ވަނީ މައްސަލަ ފީފާ އަށް ހުށަހަޅައިފަ --- ފޮޓޯ: ގެޓީ އިމޭޖަސް
01 ޑިސެމްބަރ 2022 - 11:38
އައް ރައްޔާން (ޑިސެމްބަރު 1) - ޓިއުނީޝިއާ އާ ދެކޮޅަށް ފްރާންސް ބަލިވި މެޗުގައި އެ ޓީމުން ޖެހި ގޯލް ބަލައި ނުގަންނަން ރެފްރީ ނިންމުމުން، މައްސަލަ ފީފާ އަށް ހުށަހަޅަން އެ ގައުމުގެ ފުޓްބޯޅަ ފެޑެރޭޝަނުން ނިންމައިފި އެވެ.
ޓިއުނީޝިއާއިން ލީޑް ނަގައިފައި ވަނިކޮށް، އެންޓްއާން ގްރީޒްމަން ލަނޑު ޖަހައި ފްރާންސަށް މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދެވުނު ކަމަށް ހީކުރެވުނެވެ. އައުރޭލިއަން ޗުއަމެނީ ނެގި ހުރަހުން ގްރީޒްމަން ލަނޑު ޖެހި އިރު އޭނާ ހުރީ އޮފްސައިޑްގައި ކަމަށް ވީއޭއާރުން ފަހުން ދެއްކި އެވެ.
މެޗުގެ އިތުރު ވަގުތުގެ އަށްވަނަ މިނެޓްގައި ގްރީޒްމަން ޖެހި ގޯލަށް ފަހު ނިއު ޒިލޭންޑްގެ ރެފްރީ މެތިއު ކޮންގާ ވަނީ މެޗުގެ ކުޅުން އަލުން ފައްޓައިފަ އެވެ. ގޯލެއް ނޫން ކަމަށް އޭނާ ކަނޑައެޅީ އޭގެ ފަހުންނެވެ.
"އެންޓްއާން ގްރީޒްމަންގެ ލަނޑު ބަލައި ނުގަންނަން ނިންމުމުން އަހަރެމެން ފީފާ އަށް މައްސަލަ ހުށަހަޅަން ނިންމައިފިން. އަހަރެމެން ދެކޭ ގޮތުގައި އެ ގޯލް ސައްހަ ނޫން ކަމަށް ކަނޑައެޅީ ގޯސްކޮށް. މެޗަށް ފަހު 24 ގަޑިއރުގެ ކުރިން މައްސަލަ ފީފާ އަށް ހުށަހަޅަން ޖެހޭނެ،" ފްރާންސް ފުޓްބޯޅަ ފެޑެރޭޝަނުން ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ.
ފުޓްބޯޅައިގެ ގަވާއިދުތައް ހަދާ އިންޓަނޭޝަނަލް ފުޓްބޯލް އެސޯސިއޭޝަން ބޯޑުން ވީއޭއާރް އާ ގުޅޭ ގޮތުން އެކުލަވާލާފައިވާ ގަވާއިދުގެ އެއް ވަނަ މާއްދާގެ 10 ވަނަ ނުކުތާގައި ބުނެފައި ވަނީ ކުޅުން އަލުން ފެށުމަށް ފަހު ވީއޭއާރުގެ މައްސަލަ ނުނެގޭނެ އެވެ.
އެންޓްއާން ގްރީޒްމަންގެ ގޯލް ސައްހަ ކަމަށް ފީފާއިން ކަނޑައެޅުމުން ފްރާންސަށް މެޗުގެ ނަތީޖާ ހަމަހަމަ ވާނެ އެވެ. ކޮންމެ ގޮތަކަށް ނަތީޖާ އަޔަސް އެ ގުރޫޕްގެ ތަރުތީބަށް އެއްވެސް ބަދަލެއް ނާންނާނެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖުހާނާ
02 December 2022
ލަނޑު ޖެހިއިރު ގްރީޒްމަން ހުރީ އޮފްސައިޑަކު ނޫން. އޭނާ އޮފްސައިޑުގައި ހުރީ އެހެން ކުޅުންތެރިޔަކު އެ ބޯޅަ ކުޅުމުގެ ކުރިން. ރަނގަޅަށް އެއްޗެހި ބަލާފައި ލިޔެބަލަ.
ބިގަރޮ ހަސަނާ
01 December 2022
އެއީ ސައްޚަ ގޯލެއް. ފުރަތަމަ އޮފްސައިޑުގައި ހުރިނަމަވެސް ފަހުން އެބޯޅަ ހުރަސްކުރިއިރު ގްރީޒްމަން ހުރީ އޮންސައިޑުގައި، އޭރު ކުޅުމުގެ އެހެން ޓާންއޯވާއެއް ވަނީ ފެށިގައި.