ލައިފްސްޓައިލް / ދީން

އީމާންކަމުން އުންމީދު އާލާކޮށް، މާޔޫސްކަމާ ދުރުހެލިވެވިދާނެ

މިސްކިތެއްގައި ޒުވާނަކު ގުރުއާން ކިޔަވަނީ: ޤުރުއާނުން އެނގޭ ގޮތުގައި މާތް ﷲ ގެ ރަހުމަތާ މެދު މާޔޫސް ވަނީ މަގުގެއްލިފައިވާ މީހުން.---ފައިލް ފޮޓޯ: މިހާރު

އިންސާނާގެ ދިރިއުޅުމުގައި ހަމަޖެހުމާއި އަމާންކަން ލިބި ދިރިއުޅުން ބާއްޖަވެރި ކުރުމަށްޓަކައި ބޭނުންވާ ކަންކަމުގެ ތެރެއިން އެއް ކަމަކީ އުންމީދު އާލާކުރުމެވެ. ސަބަބަކީ އުންމީދަކީ ކަންނެއްކަން ފިލުވާލައި ހީވާގިކަމާ އެކު މަސައްކަތް ކުރަން ލިބޭ ބާރެކެވެ. ނާކާމިޔާބުވުމުގެ ފިކުރުތައް ސިކުނޑިން ދުރުކޮށް ނަފްސަށް ހަމަޖެހުން ގެނެސްދޭނެ ކަމެކެވެ. މިކަން މިހެން އޮތް ނަމަވެސް ބައެއް މީހުން ދިރިއުޅުމުގައި މާޔޫސްވެ މި އިހުސާސްތަކުން ދުރުވާން އުނދަގޫވެ އެވެ. މިފަދަ މީހުންނަށް އޮތް އެންމެ ރަގަނޅު ފަރުވާއަކީ އީމާންކަން ވަރުގަދަކޮށްގެން މާޔޫސްކަން ދުރުކޮށް އުއްމީދު އުފަންކޮށް އާލާކުރުމެވެ.

● މާޔޫސްވުމަކީ އިސްލާމް ދީން ނަފުރަތު ކުރާ ކަމެއް

ކީރިތި ޤުރުއާނުން އެނގޭ ގޮތުގައި މާތް ﷲ ގެ ރަހުމަތާ މެދު މާޔޫސް ވަނީ މަގުގެއްލިފައިވާ މީހުންނެވެ. އަދި ﷲ ގެ ރަހުމަތުން އުންމީދު ކަނޑާލާ މީހުންނަކީ ކާފިރުވީ މީހުންނެވެ. (ޔޫސުފް 87). ދިރިއުޅުމުގެ ހަޔާތުގައި ދިމާވާ ބޮޑެތި މުސީބާތްތަކުގެ ވަގުތުތަކުގައި މާޔޫސްވާ މީހުންގެ އެ އަމަލު ކީރިތި ޤުރުއާނުގައި ކުށްވެރި ކުރެއެވެ.

ވީމާ އީމާންކަން ފުރިހަމަ ކުރަން ބޭނުން ނަމަ އަދި ތެދުމަގުގައި ހުންނަން ބޭނުން ނަމަ ނުވަތަ ނަފްސުގައި ޝައްކު ބަލި އުފެދި ދިރިއުޅުމުގެ ހަޔާތަކީ ކަޅު އަނދިރި ޖަންގައްޔެއް ކަމުގައި ދެކެން ބޭނުން ނުވާ ނަމަ މާޔޫސްވުމުން ދުރުހެލިވާން ޖެހެއެވެ. މާޔޫސްވުމަކީ އީމާންކަން ނިގުޅައިގަންނަ ކަމެއް ކަމުގައިވާ އިރު އަނެއްކޮޅުން އީމާންކަމަކީ އުންމީދު އުފަންކޮށް އާލާކުރުވާ ކަމެކެވެ. ސަބަބަކީ އީމާންވާ މީހަކު ގަބޫލުކުރާ ގޮތުގައި މި ކައުނުގައި ހިނގާ ހުރިހާ ކަމެއް ތަދުބީރު ކުރައްވަނީ ހުރިހާ ކަމެއް އެންމެ މޮޅަށް ދެނެވޮޑިގެންވާ މާތް ﷲ އެވެ. އެކަލާނގެ އެއްވެސް ކަމަކަށް ނުކުޅެދުންތެރިވެވޮޑިގެން ނުވެ އެވެ. އެކަލާނގެ ރަހުމަތަކީ އޭގެ މިންވަރެއް ނެތް ރަހުމަތެކެވެ.

ދަތިހާލުގައި ޖެހިފައިވާ މީހުންގެ ދައުވަތް އިޖާބަ ކުރައްވައި ނުބައި ކަންކަމުން އިންސާނާ މިންޖު ކުރައްވަނީ އެކަލާނގެ އެވެ. އެއީ ފާފަ ފުއްސަވައި ތައުބާ ގަބޫލު ކުރައްވާ ކަލާނގެ އެވެ. އެއްޗެއް ގެއްލިފައިވާ މީހަކަށް އެ އެތި ފެނުމުން ލިބޭ އުފަލަށް ވުރެ ކުށްކުރާ މީހަކު ތައުބާވުމުން އެކަލާނގެ އުފާވެވޮޑިގަންނަވާ މިންވަރު ބޮޑެވެ. ހެޔޮކަމަކަށް ދިހައަކުން ފެށިގެން ހަތްސަތޭކަ ގުނައާ ހަމައަށް އެކަލާނގެ ޖަޒާ ދެއްވަ އެވެ. އެކަމަކު ނުބައި ކަމަކަށް އެކަމެއްގެ މިންވަރުން މެނުވީ ޖަޒާ ނުދެއްވަ އެވެ. އަދި ކިއެއްތަ އެއްގޮތަކަށް ވެސް ޖަޒާ ނުދެއްވައި އަފޫ ކުރައްވަ އެވެ. އިންސާނާ އެކަލާނގެއާ ގާތްވާން މަސައްކަތް ކުރާ ނަމަ އިންސާނާ ގާތްވާ މިންވަރަށް ވުރެ ބޮޑަށް އެކަލާނގެ އިންސާނާއާ ކުއްތަންވެ ވޮޑިގަންނަވަ އެވެ.

● އީމާންތެރިކަން ވަރުގަދަޔަސް މާޔޫސް ވެދާނެ ފަދަ ކަންކަމާ ކުރިމަތިލާން ޖެހިދާނެ

މި ހުރިހާ ކަމެއް މިހެން އޮތް ނަމަވެސް އެކަލާނގެއީ މީސްތަކުންގެ މެދުގައި ދުވަސްތައް ބަދަލުކުރައްވަމުން ގެންދަވާ ކަލާނގެ އެވެ. މިގޮތުން ބިރުވެރިކަމަށް ފަހު އަމާންކަން މެދުވެރި ކުރައްވަ އެވެ. ނިކަމެތިކަމަށް ފަހު ބާރުވެރި ކުރައްވަ އެވެ. ދަތިކަމަށް ފަހު ފަސޭހަކުރައްވަ އެވެ. ކަންބޮޑުވުމަށް ފަހު ހިތްހަމަޖެހުން މެދުވެރި ކުރައްވަ އެވެ. މުސީބާތަށް ފަހު އަމާންކަން ދެއްވަ އެވެ.

މިއީ ކައުނުގައިވާ އިލާހީ ގާނޫނެވެ. އެއީ އިންސާނުން މި ދުނިޔޭގައި އަދާކުރަން ޖެހޭ ދައުރު އަދާކުރާ މިންވަރު އިމްތިހާނު ކުރުމަށްޓަކަ އެވެ. މި ހަގީގަތްތައް ދަންނަ މުއުމިނަކު ދިރިއުޅޭނީ އަބަދުވެސް އުންމީދާ އެކު އެވެ. ހަޔާތާ ކުރިމަތިލާނީ ހިނިތުންވެފައިވާ މޫނަކާއިގެންނެވެ. ދިމާވާ ހުރަސްތަކާއި ގޮންޖެހުންތަކަށް ކުރިމަތިލާނީ ކެތްތެރިކަމާއެކު އެވެ.

● އީމާންތެރިންނަށް ވަރަށް މުހިންމު އީޖާބީ ފިކުރުތަކެއް ލިބިފައިވޭ

ދިރިއުޅުމުގައި މާޔޫސްވެދާނެ ފަދަ ކަމެއް ދިމާވިއަސް އީޖާބީ (ޕޮޒިޓިވް) ގޮތެއްގައި ވިސްނާނެ ވަރަށް މުހިންމު ފިކުރުތަކެއް އީމާންތެރިންނަށް ލިބިފައި ވެ އެވެ. މިގޮތުން މިފަދަ މީހުން ﷲ ގެ މަގުގައި ޖިހާދު ކުރާނީ ނަސްރު ލިބޭނެ ކަމުގެ އުއްމީދާ އެކު އެވެ. އެހެނީ ގަދަވާނެ ބަޔަކީ މާތް ﷲ ގެ ލަޝްކަރުގެ މީހުންކަން ގަބޫލުކުރާތީ އެވެ. ބަލިވެއްޖެ ނަމަ ފަރުވާ ކުރާނީ އާފިޔަތު ލިބޭނެ ކަމުގެ އުއްމީދު އޮވެގެންނެވެ. އެހެނީ ބަލިވާ ހިނދު ޝިފާ ދެއްވާ ފަރާތަކީ ﷲ ކަން ކަށަވަރުވާތީ އެވެ. ކުށެއް ކުރެއްވިއްޖެ ނަމަ ﷲ އަށް ރުޖޫއަވެ ތައުބާވާނީ ތައުބާ ގަބޫލު ކުރެވި ފާފަ ފުއްސެވުމަށް އުއްމީދުކުރާ ހާލު އެވެ. ސަބަބަކީ ކުށްކުރުމުގައި އިސްރާފުގެ ދަރަޖައަށް ދިޔަސް ﷲ ގެ ރަހުމަތުން އުންމީދު ކަނޑާލައިގެން ނުވާނެ ކަމާއި ﷲ އީ ހުރިހާ ފާފައެއް ފުއްސަވާ އޯގާވަންތަ ރަސްކަލާނގެކަން ޔަގީންވާތީ އެވެ.

މިފަދަ މީހުން ދިރިއުޅުމުގައި ދަތިކަމަކާ ކުރިމަތި ލައިފި ނަމަ ފަސޭހަކަން އަދި އަންނާނެކަމާ މެދު ޝައްކެއް ނުކުރާނެ އެވެ. އެހެނީ އުނދަގޫ ކަމާ އެކު ފަސޭހަކަން ވާނެކަން ކަށަވަރުވާތީ އެވެ. (އައްޝަރްޙު 5-6).

މުސީބާތެއް ނުވަތަ ކާރިސާއެއް މެދުވެރިވެއްޖެ ނަމަ އުންމީދަކަށް ވާނީ އޭގެ ސަބަބުން ހެޔޮ ދަރުމައެއް ލިބުން ނުވަތަ އޭގެ ފަހުގައި އެއަށްވުރެ ހެޔޮ އެހެން ގޮތެއް ވުމެވެ. އެހެނީ މުސީބާތެއް ކުރިމަތިވާ ހިނދު "ހަމަކަށަވަރުން ތިމަންމެންނީ ﷲ އަށް މިލްކުވެވޮޑިގެންވާ ބަޔެކޭ، އަދި ހަމަކަށަވަރުން ތިމަންމެންނީ އެކަލާނގެ ހަޟްރަތަށް އެނބުރިދާނޭ ބައެކޭ" (އަލްބަޤަރާ 156) ބުނާ މީހުންނަށް ﷲ ގެ ހަޟްރަތުން ފާފަފުއްސެވުމާއި ރަހުމަތް ލިބޭނެކަމާއި އަދި ތެދުމަގު ލިބިގެންވާ ބަޔަކީ އެފަދަ މީހުންކަން ޔަގީން ވާތީ އެވެ. މީހަކާ ނުވަތަ ބަޔަކާ މެދު ނުރުހުންވެ ދެކޮޅުވެރި ވެއްޖެ ނަމަ އެ ދެމެދު ސުލްހަވާނެ ކަމުގެ އުންމީދުކުރާނެ އެވެ. އެހެނީ ހިތްތައް ބަދަލު ކުރައްވައި އަދާވާތްތެރިކަން ލޯތްބަށް ހައްދަވާ ކަލާނގެއަކީ ﷲ ކަން ޝައްކެއް ނެތި އެނގޭތީ އެވެ. (ފުއްޞިލަތު 34).

ހަމަ އެފަދައިން މިފަދަ ބަޔަކަށް އަނިޔާއެއް ލިބޭ ނަމަ ނުވަތަ ހައްގުގެ މައްޗަށް ބާތިލު ގަދަވެފައިވާ ނަމަ މި ކަމުން ވެސް މިންޖުވެ ހައްގަށް ނަސްރު ލިބޭނެ ކަމުގެ އުންމީދު އޮންނާނެ އެވެ. އެހެނީ ބާތިލުގެ މައްޗަށް މާތް ﷲ ހައްގު ފޮނުއްވައި އެ ބާތިލު ހަލާކުކޮށް ނައްތާލާ ކަމާއި ފޮނު ނުވަތަ ދަގުއި ފަދައިން ބާތިލު ވެސް ނެތިގެންދާނެ ކަން ދަންނާތީ އެވެ. (އައްރަޢުދު 17).

މުސްކުޅިވެ ގައިބާރު ނެތި އިސްތަށިތައް ނުރައަށް ވިއަސް ދެން އޮތް ހަޔާތުގައި މުސްކުޅިވުމެއް ނެތް ޒުވާން ކަމުގައި ދެމިހުރުމުގެ އުއްމީދުކުރާނެ އެވެ. އެހެނީ ނިއުމަތްތަކުން ފުރިގެންވާ އަރާމާއި އުފަލުގައި އަބަދަށް ދެމި ތިބެވޭނެ ސުވަރުގެތައް ވާ ކަމުގެ ވައުދު މާތް ﷲ ކުރައްވާފައިވާ ކަމާއި އެކަލާނގެ ވައުދަކީ ޝައްކެއް ނެތް ކަމެއް ކަން ޔަގީން ވާތީ އެވެ. އަދި މިފަދަ ބަޔަކަށް ދަތިކަމެއް މެދުވެރިވިއަސް އެ އިން ސަލާމަތްވާން ﷲގެ ހަޟްރަތުން އުންމީދާ އެކު އެދޭނެ އެވެ. ހާސްކަމާއި ކަންބޮޑުވުމެއް ދިމާވިއަސް ކެތްތެރިކަމާއި ރުހުން މިންވަރު ކުރެއްވުމަށް އުންމީދާއެކު އެދޭނެއެވެ.

● އީމާންތެރިން ނަބީބޭކަލުންގެ ނަމޫނާއިން ވެސް ހިތްވަރު ލިބިގަންނާނެ

މި އުންމީދު އާލާކުރުމުގައި މިފަދަ އީމާންތެރިން ނަބީބޭކަލުންގެ ކިބައިން ނަމޫނާ ދަސްކޮށް އެ އިން ވެސް ހިތްވަރު ލިބިގަންނާނެ އެވެ. މިގޮތުން ދަރިން ނުލިބޭ ގޮތް މެދުވެރިވިއަސް އެ ކަމުން ސަލާމަތްވާން އެދި އިބްރާހީމްގެފާނާއި ޒަކަރިއްޔާގެފާނު ފަދައިން ވަރުގަދަ އުންމީދުގެ މަތީ ހުރެ ދުއާކުރާނެ އެވެ. (އާލްޢިމްރާން 38). ތިމާ ލޯބިވާ މީހަކު ނުވަތަ އެއްޗެއް ގެއްލިގެން ދިޔަސް އެނބުރި އެ ލިބޭނެ ކަމުގެ އުންމީދުގައި ޔައުގޫބުގެފާނު ފަދައިން ދުއާ ކުރާނެ އެވެ. (ޔޫސުފް 86). ކުރެވުނު ކުށެއްގެ ސަބަބުން މުސީބާތަކާ ކުރިމަތިވިއަސް ޔޫނުސްގެފާނު ފަދައިން އުއްމީދާ އެކު ﷲ އަށް ތަސްބީހަ ކިޔައި އިސްތިއުފާރު ކުރާނެ އެވެ. (އަލްއަންބިޠާއު 87). އަދުއްވުންގެ ފަރާތުން ކުރިމަތިވާ ނުރައްކާތަކުގައި އުދަރެސްތައް އެކީ ބެދުނަސް މޫސާގެފާނު ވިދާޅުވި ފަދައިން އަދި އޭގެ ފަހުން ކީރިތި ރަސޫލާ ﷺ ވިދާޅުވި ފަދައިން އުއްމީދާ އެކު ބުނާނީ "ތިމަންމެންނާ އެކު ﷲ ވޮޑިގެންވާ" ކަމަށެވެ. (އައްތައުބާ 40).

މިފަދަ ހުރިހާ ހާލަތްތަކެއްގައި މިފަދައިން އުންމީދުތައް އާލާވެގެން މި ދަނީ އީމާންތެރިކަމުގެ ސަބަބުން ގަބޫލުކުރާ އީޖާބީ ވިސްނުންތަކުންނެވެ. މި އުންމީދު އޮންނަހާ ހިނދަކު ގަދައަޅައި މަސައްކަތް ކުރާނެ އެވެ. އަދި ނަފްސަށް ހަމަޖެހުން ލިބޭނެ އެވެ. ނަތީޖާއެއްގެ ގޮތުން ދިރިއުޅުމުގެ ހަޔާތް ބާއްޖަވެރިވާނެ އެވެ.

2 ކޮމެންޓް, 11 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 9%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 91%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޢަބްދުﷲ ޝަރީފް

04 December 2022

މިފަދަ މުހިއްމު ބޭނުންތެރި ލިޔުންތައް ލިޔުއްވާތީވެ ޑރ ސަޢުދުﷲ އަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.

The name is already taken The name is available. Register?

ޢަބްދުﷲ ނ

03 December 2022

ހަމަކަށަވަރުން ﷲއީ މޮޅަށް ބައްލަވާވޮޑިގެންވާ، ރަޙްމާންވަންތަ ރަޙީމްވަންތަ މާތްރަސްކަލާނގެ އެވެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454