އުރުގުއޭ 2010 ވަނަ އަހަރުގެ ވޯލްޑް ކަޕް ސެމީ ފައިނަލަށް ދިޔުމުން ސުއަރޭޒް އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ
02 ޑިސެމްބަރ 2022 - 17:30
އަލް ވަކްރާ (ޑިސެމްބަރު 2) - ދެކުނު އެފްރިކާގައި 2010 ވަނަ އަހަރު އޮތް ވޯލްޑް ކަޕުގެ ކުއާޓާ ފައިނަލުން ގާނާ އަތުން ޕެނަލްޓީ ޖަހައިގެން އުރުގުއޭ މޮޅުވި މެޗުގައި ބޯޅައިގައި އަތްލީ މައްސަލައިގައި މައާފަށް އެދެން ނުޖެހޭނެ ކަމަށް އުރުގުއޭ ފޯވާޑް ލުއިސް ސުއަރޭޒް ބުނެފި އެވެ.
މެޗު 1-1 އިން އެއްވަރުވެގެން ނަތީޖާ ނެރެން ކުޅުނު އިތުރު ވަގުތުގެ ތެރޭ ގާނާ އިން ގޯލަށް ފޮނުވާލި ބޯޅައެއް ސުއަރޭޒް ވަނީ އަތުން ޖަހައި ބޭރުކޮށްލައިފަ އެވެ. އެއާ އެކު ސުއަރޭޒަށް ރަތްކާޑު ދައްކައި ގާނާ އަށް ޕެނަލްޓީއެއް ދިނެވެ. އެކަމަކު ގާނާގެ އަސަމޮއާ ޖިޔާން އަތުން އެ ޕެނަލްޓީ ނާކާމިޔާބުވީ އެވެ. އަދި ނަތީޖާއެއް ބަދަލެއް ނައުމުން، ޖެހި ޕެނަލްޓީ ޝޫޓްއައުޓް ކާމިޔާބުކޮށް އުރުގުއޭ އިން ސެމީ އަށް ދިޔަ އެވެ.
އެފްރިކާގެ ޓީމެއް ފުރަތަމަ ފަހަރަށް ވޯލްޑް ކަޕުގެ ސެމީ އަށް ދާން ލިބުނު ފުރުސަތު ގެއްލުވާލުމުގެ އިނގިލި ގިނަ ބަޔަކު ދިއްކުރަނީ ސުއަރޭޒަށެވެ.
"އެންމެ ފުރަތަމަ ވެސް އަހަރެން އެކަމަށް މައާފަކަށް ނޭދޭނަން. އަހަރެން އަތުން ބޯޅައިގައި އަތްލީ، އެކަމަކު ގާނާގެ ކުޅުންތެރިޔާ ޕެނަލްޓީ މިސް ކޮށްލީ،" މި އަހަރުގެ މުބާރާތުގެ ގުރޫޕް އެޗް އެޗް ގައި އުރުގުއޭ ގެ ފަހު މެޗުގައި ގާނާއާ ދެކޮޅަށް މިރޭ ނުކުތުމުގެ ކުރިން އޮތް ޕްރެސް ގައި ސުއަރޭޒް ބުންޏެވެ.
"އަހަރެން މާފަށް އެދުނީމުސް އަހަރެންގެ އަތުން ކުޅުންތެރިއަކަށް އަނިޔާވި ނަމަ، އެކަމަކު މި ހާލަތުގައި އަހަރެން ރަތް ކާޑު ހޯދީ. ރެފްރީ ނިންމީ ޕެނަލްޓީއެއް ކަމަށް، އެއީ އަހަރެންގެ މައްސަލައެއް ނޫން."
ގާނާ އިން ފޮނުވާލި ހަމަލާ، ސުއަރޭޒް އަތުން މަތަކުރަނީ.-- ފޮޓޯ: ފީފާ/ގެޓީ
އެ އަހަރުގެ ވޯލްޑް ކަޕް ސްކޮޑުގައި ހިމެނުނު ގާނާގެ ކުޅުންތެރިންގެ ތެރެއިން މިހާރު ޓީމަށް ކުޅޭ ހަމައެކަނި ކުޅުންތެރިއަކީ ކެޕްޓަން އަންޑްރޭ އަޔޫ އެވެ. އޭނާ ބުނީ، އޭނާ ހުރީ ޓީމު އަނެއް ބުރަށް ކޮލިފައި ކޮށްދިނުމުގެ ވިސްނުމުގައި ކަމަށާއި، އެކަމަކު އޭނާގެ ގައުމުގެ ރައްޔިތުން ތިބީ އުރުގުއޭ ކިބައިން ބަދަލު ހިފާނެ ކަމަށް އުއްމީދު ކޮށްގެން ކަމަށެވެ.
އޭނާ ބުނީ ސުއަރޭޒާ މެދު ގާނާގެ ރައްޔިތުން ނަފުރަތުކުރާ ކަމަށެވެ. ސަބަބަކަށް ވީ ޕެނަލްޓީ ނާކާމިޔާބު ވުމުންނާއި އުރުގުއޭ މެޗުން މޮޅުވުމުން ސުއަރޭޒް އުފާފާޅުކުރި ގޮތެވެ.
"މުޅި ގާނާ އާއި މުޅީ އެފްރިކާ ވެސް އޭނާއަށް ނަފްރަތު ކުރޭ. އަހަރެމެން އޭނާ އަށް ނަފްރަތު ކުރަން، އޭގެ ކިބައިން ބަދަލު ހިފަން އަހަރެމެން ބޭނުންވޭ،" އަޔޫ ބުނެފައި ވެއެވެ.
ގުރޫޕް އެޗް ގައި ކުޅުނު ފުރަަތަމަ ދެ މެޗް ކާމިޔާބު ކޮށްގެން ޕޯޗުގަލް ވަނީ ގަދަ 16 ގެ ޖާގަ ޔަގީން ކޮށްފަ އެވެ. ދެ ވަނައިގައި އޮތީ ދެކުނު ކޮރެއާ ބަލިކޮށް ތިން ޕޮއިންޓް ހޯދައިފައިވާ ގާނާ އެވެ. ދެކުނު ކޮރެއާ އާއި އުރުގުއޭ އަށް ލިބިފައި ވަނީ އެންމެ ޕޮއިންޓެކެވެ. އަދި ގޯލުގެ ތަފާތުން ފުލުގައި އޮތީ އުރުގުއޭ އެވެ.
ގާނާ އާއި އުރުގުއޭ މިރޭ ބައްދަލު ކުރާއިރު، ޕޯޗުގަލް އާއި ދެކުނު ކޮރެއާ ވެސް ކުޅޭނެ އެވެ. މި ދެ މެޗު ވެސް ފެށުމަށް ހަމަޖެހިފައި ވަނީ ރާއްޖެ ގަޑިން މިރޭ 8 ޖަހާއިރެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މުރީދުބެ
03 December 2022
ހައިރާނެއް ނުވޭ. މި ސުއަރޭޒްއަކީ ކުރީގައި ތަފާތު 2 ފަހަރެއްގެ މަތިން ކުޅުންތެރިން ގައިގައި ދަތްއަޅައިގެން މަޝްހޫރުކަން ހޯދައިފައިވާ ކުޅުންތެރިއެއްނު.
އައްޑާ
03 December 2022
ހެޔޮ ދެން މައާފަށް ނޭދުނަސް، މިފަހަރު ވަކި މޮޅެއް ނުލިބުނެއްނު. ގާނާ އާއެކީ ރަށަށްދޭ!
ސޫރޭޒް
03 December 2022
ހެޔޮ މާފަށް ނޭދުނަސް، ރަށަށްދޭ #ޖަސްޓިސް ސާވްޑް#
ހަންޖަރު
02 December 2022
ހަޔާތްކުޑަކަން