ޖަޕާނުގެ މިޓޮމާ ބޯޅަ ހުރަސްކުރަނީ: ފެންނަ ފެނުމަށް ބޯޅަ ބޭރުވެފައި އޮތަސް ބޯޅައިގެ ބިންމަތީ ނުޖެހޭ ބައިން، ތަންކޮޅެއް އޮތީ ރޮނގުމަތީގައި. --ފޮޓޯ: އޭއެފްޕީ
02 ޑިސެމްބަރ 2022 - 21:40
ވޯލްޑް ކަޕުގައި ރޭ ސްޕެއިން އަތުން 2-1 އިން މޮޅުވެ ޖަޕާނުން ދެ ވަނަ ބުރުގެ ޖާގަ ހޯދި މެޗުގައި އެ ޓީމުން ޖެހި ދެ ވަނަ ގޯލާ މެދު ފުޓްބޯޅަ ސަޕޯޓަރުންގެ މެދުގައި މިވަނީ ބޮޑު ބަހުސެއް އުފެދިފަ އެވެ. އަމުދުން، އެ ގޯލާ އެކު ޖަޕާން މޮޅުވުމުން، ޖަރުމަން މުބާރާތުން ކަޓާފައިވާތީވެ އެ ބަހުސް އިތުރަށް ވަނީ ހޫނުވެފަ އެވެ.
ސުވާލު އުފެދުނީ ޖަޕާނުގެ ދެ ވަނަ ގޯލް 51 ވަނަ މިނެޓުގައި އާއޯ ޓަނަކާ ވައްދާލަން މަގުފަހިވި ހުރަސް، ކޯރޫ މިޓޮމާ ނެގި އިރު ބޯޅަ އޮތީ ބޭރުވެފައިތޯ ނުވަތަ ނޫންތޯއާ މެދު އެވެ. ފެންނަ ފެނުމަށް މިޓޮމާ އެ ބޯޅަ ގޯލް ކުރިމައްޗަށް ހުރަސްކުރިއިރު ބޯޅަ އޮތީ އެއްކޮށް ބޭރުވެފަ އެވެ. އަދި ވީޑިއޯ ރީޕްލޭ އިންނާއި ފޮޓޯތަކުން ވެސް ފެންނަނީ ބޯޅަ ބޭރުވެފައި އޮތް ތަނެވެ. ލައިންސްމަން ވެސް ފުރަތަމަ ނިންމީ ބޯޅަ ބޭރުވެފައި އޮތް ކަމަށެވެ.
އެކަމަކު ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) ވަނީ ވީޑިއޯ ރީޕްލޭ ބަލައިގައި، އެ ބޯޅަ އެއްކޮށް ބޭރުނުވާ ކަމަށް ނިންމައިފަ އެވެ. އެއާ އެކު އެ ގޯލު ސައްހަ ކަމަށް ރެފްރީ ނިންމި އެވެ. ފީފާގެ ލޯ އޮފް ދަ ގޭމް ބުނާ ގޮތުގައި ބޯޅަ ބޭރުވި ކަމަށް ބަލާނީ އެ ބޯޅަ ބިމުން ނުވަތަ ވައިގެ ތެރެއިން 100 ޕަސެންޓް، ބޭރު ރޮނގު ހުރަސްކުރުމުންނެވެ. މިޓޮމާ ބޯޅަ ހުރަސްކުރިއިރު، އެ ބޯޅައިގެ ބިމުގައި ޖެހިފައި އޮތް ބައި އޮތީ ސުވާލެއް ނެތް ގޮތެއްގައި ރޮނގުން ބޭރުވެފަ އެވެ. އެކަމަކު ބޯޅައިގައި އަރިމަތިން ބިމުގައި ނުޖެހޭ ބައިން ކުޑަކުޑަ ތަންކޮޅެއް އޮތީ ރޮނގު މަތީގަ އެވެ. އެހެންވެ ބިމުގައި ޖެހިފައި އޮތް ބައި ބޭރުވެފައި އޮތް ނަމަވެސް، ބޯޅަ 100 ޕަސެންޓް ބޭރުނުވާ ކަމަށް ވީއޭއާރް ނިންމީ އެވެ.
ފީފާ އިން ބުނީ ބައެއް ކެމެރާ އޭންގަލްތަކުން ފެންނަ މަންޒަރުން، އަސްލު އޮޅިދާނެ ކަމަށާއި ކަމަށާއި އެކަމަކު ގޯލް ލައިން ކެމެރާގެ މަންޒަރު ދައްކާ ގޮތުން ބޯޅަ އެއްކޮށް ބޭރުނުވާ ކަމަށެވެ.
އެ ގޯލުން ޖަޕާން މޮޅުވުމުން ސްޕެއިނަށް ގްރޫޕުގެ އެއް ވަނަ ގެއްލުނު ނަމަވެސް ދެ ވަނަ ބުރަށް ދިޔަ އެވެ. އެ ގޯލުން ގެއްލުންވީ ޖެހިޖެހިގެން ދެ ވަނަ ވޯލްޑް ކަޕުގެ ގްރޫޕް ސްޓޭޖުން ކެޓި ޖަރުމަނަށެވެ. އެއާ އެކު އެއް ބަޔަކު ވަނީ 2010 ގެ ވޯލްޑް ކަޕުގެ ދެ ވަނަ ބުރުން ޖަރުމަން އަތުން އިންގްލެންޑް ބަލިވި މެޗުގެ ހަނދާންތައް އާކޮށްފަ އެވެ. އެ މެޗުން އިންގްލެންޑް ބަލިވީ އެ ޓީމުގެ ފްރޭންކް ލަމްޕާޑް ޖެހި ގޯލެއް ރޮނގު ހުރަސްކުރި ނަމަވެސް، ހުރަސްނުކުރާ ކަމަށް ލައިންސްމަން ނިންމާފައި އޮއްވަ އެވެ.
ފުޓްބޯޅަ އަށް ގޯލް ލައިން ޓެކްނޮލޮޖީ އަދި ފަހުން ވީއޭއާރް ތައާރަފުކުރަން ފީފާ އިން ނިންމީ އެ ފަހަރު އިނގިރޭސި މީޑިއާ އާއި ސަޕޯޓަރުން ކުރި ޕްރެޝަރުންނެވެ.
"ޖަރުމަން 2010 ގައި މޮޅުވީ ވަން ގޯލެއް ނުވަންނަ ކަމަށް ނިންމުމުން. ޖަރުމަނަށް މިފަހަރު އިހުސާސުކުރެވޭނެ އޭރު އިނގިރޭސި ސަޕޯޓަރުންވީ މާޔޫސް،" ސަޕޯޓަރަކު ބުންޏެވެ.
ރައްދުގައި ޖަރުމަން ސަޕޯޓަރުން ދެއްކީ 1966 ގެ ވާހަކަ އެވެ. އެ ފަހަރު ޖަރުމަން އަތުން އިންގްލެންޑް މޮޅުވެ ވޯލްޑް ކަޕް އުފުލާލީ އެ ޓީމުގެ ޖޯފް ހާސްޓް ޖެހި ގޯލް ރޮނގު ހުރަސްނުކުރާ ބޯޅައެއް ގޯލަށް ވަން ކަމަށް ރެފްރީ ނިންމުމުން އެ ގޯލާ އެކު އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކުލަބަރި
03 December 2022
ބޯޅަ ބޭރުވިތޯ ނިންމާނީ، ފީފާގެ ގަވާއިދާ އެއްގޮތަށް އެކަން ނިންމަން ތިބި މީހުން. ކެމެރާ އެންގަލް އެއީ ގޮތް ނިންމާ އެއްޗެއް ނޫން. އިމޯޝަންސް އެވެސް ގޮތް ނިންމާ އެއްޗެއް ނޫން އަދި ހަމަ ލޮލަށް ފެންނަ ފެނުމުންވެސް ގޮތެއް ނުނިންމޭނެ. ހަގީގަތް ބަލައިގަންނަންޖެހޭ. މަވެސް ގަބޫލު ކުރީ ބޭރުކަމަށް، އެކަމަކު ލޯއޮފްދަ ގޭމާއި ތަފާތު އެންގަލްތަކުން ބަލައިލީމައި އެއީ ގަވާއިދުގެ އަލީގެ އަލީގަ ބޭރު ނުވާ ބޯޅައެއްކަން އެނގުނު
ކޮމަންސެންސް
03 December 2022
ދެވަނަ ބޮޑުހަގުރައިމައިގަ ޖަރުމަނުން މެރި މީހުންގެ ވާހަކަވެސް ދައްކަންވީނު
އެޑަމް ބެ
03 December 2022
ހަމަ ކަލަ ގޮވަނީ ދޯ ހަހަހަ
މިސްޓަރ ޓިނޭ
03 December 2022
ރެއިންބޯ ބޭންޑް އަޅަން ރަށަށްދާންވީނު.... ހެހެހެހެހ