ރިޕޯޓް / ފުޓްބޯޅަ

ފުރަތަމަ ދިޔައީ މަހަށް، ދެން ވައްދާލީ ޗައިނާ ކޮޅަށް ގޯލެއް!

ނިއު ރޭޑިއަންޓާއި ހުއްރިއްޔާ ކުޅުނު މެޗެއްގައި ނިއުގެ ލައްޗޭ (ކ) އާއި ހުއްރިއްޔާގެ ކޭޑީ ބޯޅައަށް މަސައްކަތްކުރަނީ. -- ފައިލް ފޮޓޯ

ވޯލްޑް ކަޕް ކޮލިފައިންގައި 2001 ވަނަ އަހަރު ކުޑަކުޑަ ދިވެހިރާއްޖެއާ ދެކޮޅަށް ބިޔަބޮޑު ޗައިނާ އިން އަމިއްލަ ގައުމުގައި ނުކުތީ ހަމައެކަނި މޮޅުވާކަށް ނޫނެވެ. ޗައިނާ ފުޓްބޯޅަ އެސޯސިއޭޝަނުގެ ވައިސް ޗެއާމަން ޔަން ޝިދުއޯ "ޗައިނާ ސްޕޯޓްސް ޑެއިލީ" އަށް ދެއްވި އިންޓަވިއުގައި ވިދާޅުވީ މޮޅުވާން ޖެހޭނީ ބައިވަރު ލަނޑުތަކެއް ވެސް ޖަހައިގެން ކަމަށެވެ.

އޭނާގެ އެ ވާހަކަތައް ސިފަކޮށް އެ ނޫހުން ބުނެފައިވަނީ ޗައިނާ އިން ރާއްޖެއާ ދެކޮޅަށް ނުކުންނަނީ "މަރާލުމުގެ އަމުރު" ހިފައިގެން ކަމަށެވެ. ކަންވީ ވެސް އެހެންނެވެ. އޭޕްރިލް 22، 2001 ގައި ޗައިނާގެ ޒިއާންގެ ގަދަފިނީގައި، އެ ގައުމުން ރާއްޖެ އަތުން 10-1 އިން މޮޅުވި އެވެ. މާލޭގައި ކެމްބޯޑިއާ އަތުން 6-0 އިން މޮޅުވެ ރާއްޖޭން ރަނގަޅު މިސްރާބެއްގައި ކޮލިފައިން ފެށި ނަމަވެސް ޗައިނާ އަތުން އެހާ ބޮޑު ތަފާތަކުން ބަލިވުމުން، 1998 ގެ ކޮލިފައިންގައި އީރާނުން ރާއްޖެ ކޮޅަށް ޖެހި 17 ލަނޑުގެ މާޔޫސްކަން ދިވެހިންގެ ހިތުގައި އާވި އެވެ.

ހަގީގަތުގައި ޗައިނާގެ ބައެއް ސަޕޯޓަރުން އުއްމީދުކޮށްގެން ތިބީ އީރާނުން ރާއްޖެ ކޮޅަށް ޖެހި ވަރަށް ވުރެ ގިނައިން އެ ދުވަހު ލަނޑު ޖެހޭނެ ކަމަށެވެ. އޭރު އޮސްޓްރޭލިއާ އިން އޮތީ އެ އަހަރު އެމެރިކަން ސަމޯއާ އަތުން 31-0 އިން މޮޅުވެ، އީރާނުން ރާއްޖެ ކޮޅަށް 17 ލަނޑު ޖަހައިގެން ހެދި ދުނިޔޭގެ ރެކޯޑް މުގުރާލައިފަ އެވެ. އެހެންވެ ޗައިނާގެ ބައެއް ސަޕޯޓަރުންގެ އުއްމީދަކަށްވީ އޮސްޓްރޭލިއާގެ ރެކޯޑް މުގުރާލުމެވެ.

"ބައެއް މީހުން ތިބި ގަނޑު ހިފައިގެން 33 ލަނޑު ނޯޓުކުރަން އައިސްގެން ވެސް،" ގައުމީ ޓީމުގެ މެނޭޖަރު އަބްދުލްހަމީދު އަބްދުލްގަފޫރު (އައްޑޯ) "ހަވީރަ"ށް ދިން އިންޓަވިއުގައި ބުންޏެވެ.

ދުނިޔޭގެ ރެކޯޑެއް ނެހެދުނަސް ޖަރުމަނުގެ އަލެމަނިއާ އާޗެންގެ ޒައި ހުއީގެ ހެޓްރިކާއި އިންގްލެންޑުގެ ކްރިސްޓަލް ޕެލަސްގެ ފެން ޒިޔާގެ ދެ ލަނޑާ އެކު ޗައިނާ ރާއްޖެ ކޮޅަށް 10 ލަނޑު ޖެހުންވީ އެ ގައުމަށް ހިތްހަމަޖެހުމެކެވެ. އެކަމަކު މެޗަށް ފަހު ޗައިނާގެ ނޫސްވެރިންގެ އެންމެ ބޮޑު ސަމާލުކަމެއް ލިބުނީ ދިވެހި ކުޅުންތެރިޔަކަށެވެ. އެއީ އެއްކޮޅަށް ބުރަވެފައި އޮތް އެ މެޗުގައި ޗައިނާ ކޮޅަށް ރާއްޖޭން ފޮނުވާލި ހަމައެކަނި ހަމަލާގައި، ރާއްޖެ އަށް ގޯލް ޖަހައިދިން ކ. ހުރައަށް އުފަން އިސްމާއީލް ނަސީމް (ކޭޑީ) އެވެ.

ކޭޑީ (ވ) އައިއެފްސީގެ މަސްއޫލުވެރިޔާ ޗާންދަލިޔާ އަހުމަދު ހަސަންއާ އެކު.

މެޗު ނިމުމާ އެކު ޗައިނާ ނޫސްވެރިން ކޭޑީ ވަށާލި އެވެ. އޭރު ރާއްޖޭގައި ގިނައީ އެހެން ވަޒީފާއެއްގައި އުޅެމުން ފުޓްބޯޅަ ކުޅޭ އެމެޗުއާ ކުޅުންތެރިންނަށް ވާތީ، ފުޓްބޯޅަ ކުޅުމުގެ އިތުރުން ކޭޑީ ކުރަނީ ކޮން މަސައްކަތެއްތޯ ޗައިނާ ނޫސްވެރިން އެހި އެވެ.

"އަހަރެން ފުރަތަމަ ދިޔައީ މަހަށް. މަހަށް ގޮސް އުޅެނިކޮށް އަހަރެން ރަށު ޓީމަށް ކުޅުވަންވެގެން ބޭބެ އަހަރެން ރަށުގައި ބެހެއްޓީމާ ގަވާއިދުން ކުޅެން ފެށީ،" ކޭޑީ އެ ދުވަހު ބުންޏެވެ.

ކޭޑީގެ އެ ޖަވާބުން ޗައިނާ ނޫސްވެރިން އަންތަރީސްކޮށްލި އެވެ. މަސްވެރިކަން ކުރަމުން ކުޅުނު ކުޅުންތެރިޔަކަށް ޗައިނާ ފަދަ ޕްރޮފެޝަނަލް ކުޅުންތެރިން ތިބި ޓީމެއް ކޮޅަށް ލަނޑެއް ޖަހާލެވުމުން އެ މީހުން ހައިރާންވީ އެވެ. އެކަމަކު އެއީ އޭރުގެ ހަގީގަތެވެ. ކޭޑީ ފަދަ އެތައް ދިވެހި ކުޅުންތެރިންނަކީ އޭރު ކޮންމެވެސް އެހެން މަސައްކަތެއް ކުރަމުން ހަވީރު ޕްރެކްޓިސްކޮށްލާފައި ފުޓްބޯޅަ ކުޅުނު ކުޅުންތެރިންނެވެ.

ކޭޑީގެ ހުނަރުވެރިކަން ފާހަގަވެ އޭނާ ލައްވާ ރަށު ޓީމު ކުޅުވަން އޭރު އެ ރަށުގެ އެންމެ ސީނިއާ ކުޅުންތެރިޔާ އަދި އޭނާގެ ދޮންބެ އަބްދުލްވާހިދު ނިންމީ، ކޭޑީ ކުޑަކަމުން އެންމެ ފުރަތަމަ އެ ފުރުސަތު ނުދޭން ނިންމުމުން، އެކަމުގެ ހިތްހަމަނުޖެހުމުގައި އޭނާ ރަށް ދޫކޮށް ރިޒޯޓެއްގައި މަސައްކަތްކުރަން ގޮސް ހުއްޓަ އެވެ.

"ވަރަށް ފޫހިވި ފުރުސަތު ނުލިބުމުން. އެހެންވެ ރަށު ޓީމަށް ވާގޮތެއް ނުވެސް ބަލަން،" ވެލެންސިއާ އަށް ކުޅުނު ސްރީ ލަންކާގެ ކުޅަދާނަ ޑިފެންޑަރު ކޭޑީ ލަލިތުއާ ވައްތަރު ގޮތެއް ހުންނާނީ ހުރާ މީހުން ކޭޑީގެ ނަމުން މުހާތަބުކުރަން ފެށި ކުޅުންތެރިޔާ "މިހާރަ"ށް ބުންޏެވެ.

ކޭޑީ (19) ހުއްރިއްޔާގެ ފުރަތަމަ އެގާރައިގެ ގްރޫޕް ފޮޓޯއެއްގައި.

ގަސްފިނޮޅު ރިޒޯޓުގެ ޑައިވިން ދޯނީގެ ވަޒީފާގައި ހުއްޓާ ރަށު ޓީމަށް ކުޅުވަން ކޭޑީ ބަލާ އައީ ދޮންބެ ވާހިދު އާއި ޓީމުގެ މެނޭޖަރު ހުސެއިން ޒަރީރު (ހުސޭނުބޭ) އެވެ. އޭނާ އުފަލާ އެކު އެ ފުރުސަތުގެ ބޭނުން ހިފި އެވެ. އަދި ރޭވަންސްގެ ނަމުގައި ދެ ވަނަ ޑިވިޝަނުގައި ވާދަކޮށް ކ. ހިންމަފުށި ބަލިކޮށް ފުރަތަމަ ޑިވިޝަނުން ޖާގަ ހޯދި ހުރާ ކުޅުންތެރިންގެ ތެރޭގައި ހިމެނުނެވެ.

އެކަމަކު ރޭވަންސް ނަމުގައި ފުރަތަމަ ޑިވިޝަނުގައި ނުކުޅެން ރަށުގެ ނަގާކިޔާ މީހުން ނިންމުމުން ޖެހިގެން އައި އަހަރު އެ ކުޅުންތެރިން ވާދަކުރީ ހުރާ ޖަމިއްޔަތުލް ހުއްރިއްޔާގެ ނަމުގަ އެވެ. މުބާރާތް ނޯންނަ ދުވަސްވަރު ކޭޑީ ދަނީ މަހަށެވެ. އޭރު އެ ޓީމަށް ކޯޗުކޮށްދޭން، ހަފުތާއަކު ދެ ދުވަހު، މޯނިންސަން މޫސާމަނިކު (ކުޑަމޫސަ) އެ ރަށަށް ދެ އެވެ. މޫސަގެ އިރުޝާދު ލިބުމަކީ ހުރިއްޔާ ކުޅުންތެރިންނަށް ލިބުނު ބޮޑު ހިތްވަރެކެވެ.

ނަތީޖާއަކަށްވީ ހުއްރިއްޔާ އިން 1996 ވަނަ އަހަރު މަޝްހޫރު ކްލަބް ލެގޫންސް ކަޓުވާލައި ފުރަތަމަ ޑިވިޝަނުން ޖާގަ ހޯދުމެވެ. އޭރު ހުއްރިއްޔާގައި ހުނަރުވެރި ވަރަށް ގިނަ ކުޅުންތެރިން ތިއްބެވެ. ގަތަރުގައި 1994 ގައި އޮތް 21 އަހަރުން ދަށުގެ ވޯލްޑް ކަޕުގެ ކޮލިފައިންގައި ވާދަކުރި ރާއްޖޭގެ 19 އަހަރުން ދަށުގެ ޓީމުގައި ހިމެނުނު އަލީ ޝިހާމް (ހުރާ އައްޔަ) މައުސޫމް އަބްދުގް ގަފޫރު (މާސޭ) އާއި އަބްދުﷲ އިބްރާހިމް (އަބުޅޯ) އާއި ގޯލްކީޕަރު އިސްހާގު އީސާ ތިބީ ސީނިއާ ފުޓްބޯޅައަށް ފައްކާވެފަ އެވެ.

ކޭޑީ ހިމެނިގެން ހުއްރިއްޔާ އިން މާލޭގެ ޓީމުތަކަށް ރަނގަޅު ވާދައެއް ދިނެވެ. އެގޮތުން 1997 އާއި 1999 ގެ ގައުމީ މުބާރާތުގެ ފައިނަލުގައި ކުޅުނެވެ. މީގެ ތެރެއިން 1999 ގައި ގައުމީ މުބާރާތުގެ ލީގު ބުރުގެ ޗެމްޕިއަންކަން ހޯދި އެވެ. އަދި އެ އަހަރާއި 2000 ވަނަ އަހަރު، ރާއްޖޭގެ ބައިނަލްއަގްވާމީ ކްލަބް މުބާރާތް ޕޮމިސް ކަޕް ކާމިޔާބުކުރި އެވެ. ޓީމުގެ އެންމެ ސީނިއާ ކުޅުންތެެރިޔަކީ، ވެލެންސިއާ ދޫކޮށް އެ ޓީމާ ގުޅުނު ކުޑަމޫސަ އެވެ.

ހުރާ އައްޔަ އާއި މާސޭ އާއި އަބުޅޯ އަދި އިސްހާގު އޭރު ގައުމީ ޓީމުން ޖާގަ ހޯދަމުން އައި ނަމަވެސް ކޭޑީ އަށް އޭރު އެ ފުރުސަތެއް ނުލިބުނެވެ. އެކަމަކު 1999 ގައި ވިކްޓްރީ 1-0 އިން ބަލިކޮށް އަދި 2000 ވަނަ އަހަރު ވެލެންސިއާ އަތުން ޕެނަލްޓީން 4-3 އިން މޮޅުވެ ހުއްރިއްޔާ އިން ޕޮމިސް ކަޕް ކާމިޔާބުކުރިއިރު ކޭޑީގެ ހިއްސާ ވަރަށް ބޮޑެވެ.

ކޭޑީ (19) ހުއްރިއްޔާގެ ގްރޫޕް ފޮޓޯއެއްގައި.

ރާއްޖޭން ބޭރުގައި އޭނާ އަށް އެންމެ ފުރަތަމަ ކުޅެން ލިބުނީ 2000/2001 ގެ އޭޝިއަން ކްލަބް ޗެމްޕިއަންޝިޕުގަ އެވެ. އެ މުބާރާތުގެ ފުރަތަމަ ބުރުގެ އިރުމަތީ އޭޝިއާ ފަޅީގައި، ސެޕްޓެމްބަރު، 2000 ގައި މުބާރާތުގެ ޗެމްޕިއަންކަން ހޯދި ދެކުނު ކޮރެއާގެ ސުވޮން ސެމްސަން ބްލޫވިންގްސްއާ ކުޅެ 2-1 އިން ބަލިވި މެޗާއި 0-0 އިން އެއްވަރުވި މެޗުގައި ކޭޑީ ވަނީ ކުޅެފަ އެވެ. އޭރު ވެސް ކޭޑީ ޕްރެކްޓިހަށް ނޯންނަ ނަމަ މަހަށްދެ އެވެ. އެކަމަކީ އެ ރަށު ކުޅުންތެރިން ފަހުރުވެރިކަމާ އެކު ކުރި ކަމެކެވެ. ފުޓްބޯޅަ ކުޅުންތެރިޔަކަށް ނުވީ ނަމަ ވީހީ މަސްވެރިޔަކަށް އެ ޓީމުގެ އަލީ ޝިހާމް ވެސް ބުނެފައިވެ އެވެ.

ކޭޑީގެ މޮޅު ކުޅުމުގެ ނަތީޖާއަކަށްވީ 2001 ވަނަ އަހަރު އޭނާ ގެންދަން ނިއު ރޭޑިއަންޓުން މަސައްކަތްކުރުމެވެ. އެކަމަކު އޭރު ހުއްރިއްޔާ އަށް ވެސް ހަރަދުކުރައްވާ ނިއުގެ ޗެއާމަން މުހައްމަދު ވަހީދުއްދީން (ޑީން) އެކަމަށް ހުރަސް އެޅުއްވި އެވެ. ހުއްރިއްޔާ ނިކަމެތިވެދާނީވެ އެވެ. އެކަމަކު ކޭޑީ އާއި ހުރާ އައްޔަ އާއި އަބުޅޯ، ހުއްރިއްޔާގައި މަޑުނުކޮށް އެހެން ކްލަބްތަކަށް މިސްރާބު ޖެހި އެވެ. ކޭޑީގެ ސޮއި ހޯދީ ނިއު ލެގޫންސް ގަނެގެން އައިލެންޑް ފުޓްބޯޅް ކްލަބް (އައިއެފްސީ) ގެ ނަމުގައި އައްޑޫ ވިޔަފާރިވެރިން އުފެއްދި ކްލަބުންނެވެ.

އެ އަހަރު އައިއެފްސީ އަށް މެޗެއް ނުކުޅެވެނީސް ކޭޑީ އަށް ގައުމީ ޓީމުން ޖާގަ ލިބުނެވެ. ދެކުނު ކޮރެއާ އާއި ޖަޕާނުގައި 2002 ގައި ބާއްވާ ވޯލްޑް ކަޕް ކޮލިފައިންގައި ވާދަކުރާ ރާއްޖޭގެ ސްކޮޑުން ކޭޑީ އަށް ކޯޗު ޖޯސެފް ޔަންކޭޒް ޖާގަ ދިނީ އޭރުގެ ކެޕްޓަން އަދި އިތުބާރު ޑިފެންޑަރު މުހައްމަދު އިބްރާހީމް (ކައްޕި) ގެ ލަފާގެ މަތިންނެވެ.

އެކަމަކު މާލޭގައި ކެމްބޯޑިއާ އަތުން 6-0 އިން މޮޅުވި މެޗާއި ޖަކާޓާގައި އިންޑޮނީޝިއާ އަތުން 5-0 އިން ރާއްޖެ ބަލިވި މެޗުގައި ކޭޑީ އަށް ކުޅެން ފުރުސަތެއް ނުލިބުނެވެ. ކޯޗު އޭނާ އަށް ޖާގަ ހޯދީ އޭޕްރިލް 15 ގައި ކެމްބޯޑިއާއާ ދެކޮޅަށް އެ ގައުމުގައި ކުޅުނު މެޗުގަ އެވެ. އިބްރާހީމް ފަޒީލް (އޮއްޕޮ) ގެ ބަދަލުގައި 66 ވަނަ މިނެޓުގައި ކޭޑީ އެރުވިތާ ދެ މިނެޓު ފަހުން އޭނާ ރާއްޖެ އަށް ގޯލެއް ޖަހައިދީ ލީޑު ނަގައިދިނެވެ. ގައުމީ ޓީމަށް ކުޅުނު ފުރަތަމަ މެޗުގައި ލަނޑެއް ޖެހުންވީ ކޭޑީ އަށް ވަރަށް ހާއްސަ އުފަލަކާއި ޝަރަފެއް ލިބުނު ކަމެކެވެ. އެކަމަކު 79 ވަނަ މިނެޓުގައި ކެމްބޯޑިއާ އިން ލަނޑު ޖަހައި ނަތީޖާ އެއްވަރުކޮށް، އޭނާގެ ލަނޑުން ރާއްޖެ މޮޅުކޮށްދިނުމުގެ އުފާފާޅުކުރަން ތައްޔާރުވެ ހުރި ކޭޑީ މާޔޫސްކޮށްލި އެވެ.

ރާއްޖެ އަށް ދެން އޮތީ ޗައިނާ މެޗެވެ. އެއީ އޭގެ ކުރީ އަހަރު އޭޝިއަން ކަޕުގެ ސެމީ ފައިނަލުގައި ކުޅެފައިވާ އޭޝިއާގެ ވަރުގަދަ ޓީމެކެވެ. ކޯޗަކަށް ހުރީ އޭގެ ކުރީ ހަތަރު ވޯލްޑް ކަޕުގައި، މެކްސިކޯ އާއި ކޮސްޓާ ރީކާ އާއި އެމެރިކާ އާއި ނައިޖީރިއާ އަށް ކޯޗުކޮށްދިނީ އެ ހަތަރު ޓީމު ވެސް ދެ ވަނަ ބުރަށް ގެންގޮސްދީފައިވާ ޔޫގޮސްލާވިއާގެ ބޯރާ މިލުޓިނޮވިޗެވެ. ރާއްޖެ ކޮޅަށް ގިނަ ގޯލްތަކެއް ޖަހަން ޗައިނާގެ ފުޓްބޯޅައިގެ އިސް މީހުންގެ ޕްރެޝަރު އޮތުމުންނާ އެކު ޗައިނާ އިން ވަރުގަދަ އެޓޭކިން ގޭމެއް ކުޅޭނެތީވެ ކޯޗު ޔަންކޭޒް އެ މެޗަށް ނެގީ ޑިފެންސިވް ފުރަތަމަ އެގާރައަކަށެވެ. ނަތީޖާއަކަށްވީ ކޭޑީ އަށް ފުރަތަމަ އެގާރައިން ފުރުސަތު ލިބުމެވެ.

ޗައިނާގެ ކުރީގެ ކޯޗު ބޯރާ.

ބޯކޮށް ވާރޭ ވެހި ދަނޑު ތެމިފައި އޮތް ނަމަވެސް، ޗައިނާގެ އިސްކޮޅުން ދިގު ބިޔަ ކުޅުންތެރިން ދިޔައީ މެޗުގެ ފުރަތަމަ މިނެޓުން ފެށިގެން ދިވެހި ކުޅުންތެރިންގެ މައްޗަށް ކޮންޓްރޯލް ނަގަމުންނެވެ. އަދި 12 ވަނަ މިނެޓުގައި ނެގި ލީޑާ އެކު، ގޯލްކީޕަރު އިމްރާން މުހައްމަދު މޮޅު ކުޅުމެއް ދެއްކި ނަމަވެސް ޗައިނާ އިން ފުރަތަމަ ހާފު ނިންމާލީ ރާއްޖެ ކޮޅަށް ހަތަރު ލަނޑު ޖަހައިފަ އެވެ.

މެޔަށް ތަދުވުމުގެ ސަބަބުން އިމްރާނުގެ ބަދަލުގައި ދެ ވަނަ ހާފުގައި ގޯލް ބެލެހެއްޓީ އަސްލަމް އަބްދުއްރަހީމް ބެލެހެއްޓި ރާއްޖޭގެ ގޯލަށް ޗައިނާ އިން ދެ ވަނަ ހާފުގެ ފުރަތަމަ 16 މިނެޓުގައި ހަތަރު ގޯލް ވައްދާލި އެވެ. އެއާ އެކު ހިތްމަރުވެފައި ތިބި ދިވެހި ކުޅުންތެރިންނަށް ކުޑަނަމަވެސް ހިތްވަރެއް ލިބުނީ 61 ވަނަ މިނެޓުގަ އެވެ.

ޗައިނާ އިން ނެގި ކޯނަރެއް އަސްލަމް ދިފާއުކޮށް ފޮނުވާލުމުން ލިބުނީ ކޭޑީ އަށެވެ. އޭނާ އެ ބޯޅަ މުހައްމަދު ހުސެއިން (އޮއިއްޓޭ) އަށް ދީފައި ކުރިއަށް އެރީ އެ ބޯޅަ އަލުން އޭނާ އަށް ޕާސްކުރުމަށް އޮއިއްޓޭ ގާތު އެދިފަ އެވެ. އޮއިއްޓޭ އެ ބޯޅަ އަލުން ކޭޑީ އަށް ފޯރުކޮށްދިން އިރު، އޭނާ މާކުކުރަން އެރި ޗައިނާ ޑިފެންޑަރަށް ހުރެވުނީ ބޯޅައަށް ފުރަގަސްދީގެންނެވެ. އެއާ އެކު ކޭޑީ އަށް ކުރިއަށް އަރާނެ ޖާގަ ލިބުނެވެ. އަދި ސްޕީޑާ އެކު ކުރިއަށް އަރައި އޭރިއާ ތެރެއަށް ވަދެ ޗައިނާ ގޯލްކީޕަރަށް އެއްވެސް ފުރުސަތެއް ނުދީ ބޯޅަ ތިރީ ކަނަށް ވައްދާލި އެވެ.

ކޭޑީ ބޯޅަ ގޯލަށް ފޮނުވާލި ވަގުތަކީ، އެ ބޯޅަ ދިފާއުކުރަން އެރި ޗައިނާ ޑިފެންޑަރުގެ ޓެކުލެއް އަރައި ކޭޑީ ބިމާ ހަމަވި ވަގުތެވެ. ބޯޅަ ގޯލުގެ ތެރެއަށް ވަންކަން އެނގުނު ނަމަވެސް، ވެއްޓިފައި އޮތުމުން އުފާފާޅުކުރަން ދުއްވައިގަނެވޭ ގޮތެއް ނުވި އެވެ. އެކަމަކު އެހެން ކުޅުންތެރިން އައިސް ކޭޑީ ގައިމައްޗަށް ވެއްޓި ވަރަށް ބޮޑަށް އުފާފާޅުކުރި އެވެ.

"އެ ވަގުތު ނޭގޭ ވީ ގޮތެއް ވެސް. ހުއްޓުން އަރާފައި ހުރެވުނީ،" އެ ދުވަހުގެ އިހުސާސްތައް ކޭޑީ "މިހާރަ"ށް ކިޔައިދިނެވެ.

ވޯލްޑް ކަޕް ކޮލިފައިންގައި 2001 ވަނަ އަހަރު ކެމްބޯޑިއާއާ ދެކޮޅަށް ނުކުތް ރާއްޖޭގެ ފުރަތަމަ އެގާރައިގައި ހިމެނޭ އޮއިއްޓޭ (ކ)، އަލީ އުމަރު (ކ-2) އަދި ލައްޗޭ: ކޭޑީ އަށް ގޯލް ޖަހަން ބޯޅަ ފޯރުކޮށްދިނީ އޮއިއްޓޭ.

ޗައިނާ އިން ރާއްޖެ ކޮޅަށް ލަނޑު ގޯންޏެއް އޮއްސާލި މެޗެއްގައި ރާއްޖޭން ޖެހި އެންމެ ލަނޑެއްގެ ފައިދާއެއް ނަތީޖާއިން ނުކުރި ނަމަވެސް އެ ގޯލަކީ އަގުހުރި ގޯލެކެވެ. ޗައިނާ ފަދަ ވަރުގަދަ ޓީމެއް ކޮޅަށް ކައުންޓާ އެޓޭކެއްގައި ރާއްޖެ އަށް ލަނޑެއް ޖަހާލެވުމަކީ ކުޅުންތެރިންނަށް ލިބުނު ވަރަށް ބޮޑު އިތުބާރެކެވެ. އެހެންވެ ޗައިނާ އަށް 10 ގޯލުން ލިބުނު އަގާ އެއްވަރުގެ އަގެއް ރާއްޖެ އަށް އެންމެ ގޯލަކުން ލިބުނެވެ. މެޗަށް ފަހު ޗައިނާ ނޫސްވެރިން ކޭޑީ ވަށާލީ އެހެންވެ އެވެ.

"އެ މީހުން އެހީ އެހާ ފަސޭހައިން ޗައިނާ ކޮޅަށް ގޯލް ޖެހީ ކިހިނެއްހޭ؟ އަހަރެން ބުނިން އެއީ ފަސޭހަ ގޯލެއް ނޫނޭ،" ކޭޑީ ބުންޏެވެ.

ޖެހިގެން އައި ހަފުތާގައި ޗައިނާ އިން ދެ ވަނަ ލެގު ކުޅެން ރާއްޖެ އައީ ސަތޭކައެއްހާ ސަޕޯޓަރުންނާއި 25 އެއްހާ ނޫސްވެރިންނާއި ފޮޓޯގްރާފަރުން ގޮވައިގެންނެވެ. ދުނިޔޭގެ ބޮޑެތި ނޫސް އެޖެންސީތަކުން ވެސް އެ މެޗު ކަވަރުކުރި އެވެ.

މި މެޗުގައި ކޭޑީ އަށް ފުރަތަމަ އެގާރައިން ފުރުސަތެއް ނުލިބުނެވެ. ބަދަލުގައި ކޯޗު ފުރުސަތު ދިނީ އޭރު ވިކްޓްރީ އާއި 23 އަހަރުން ދަށުގެ ގައުމީ ޓީމަށް ކުޅޭ އިސްކޮޅުން ދިގު ޒުވާން ޑިފެންޑަރު ސޮބާހު މުހައްމަދު އިބްރާހިމް އާއި އަނިޔާއިން ފިޓްވި އައްސަދު އަބްދުލްގަނީ އަށެވެ. އެ ދެ ކުޅުންތެރިންގެ މޮޅު ކުޅުމާ އެކު، ހާއްސަކޮށް ސޮބާގެ ތަފާތު ކުޅުމާ އެކު ރާއްޖޭން ޗައިނާގެ ފޯވާޑް ލައިން ހުއްޓުވި އެވެ. އޭރިއާ ތެރެއިން ރާއްޖޭގެ ޑިފެންސް ލައިން ފޫއަޅުވާނުލެވުމުން ޗައިނާ އިން މަސައްކަތްކުރީ ގޯލް ކުރިމައްޗަށް ބޯޅަ ހުރަސްކުރާށެވެ. އެގޮތުން ލިބުނު ފުރުސަތެއްގައި ފުރަތަމަ ހާފުގެ ފަހު މިނެޓުގައި ޗައިނާ އިން ގޯލެއް ޖެހި އެވެ.

ދެ ވަނަ ހާފުގައި ވެސް ރާއްޖޭން ޗައިނާ ހިފައްޓައިގެން ކުޅުނެވެ. އެކަމަކު 75 ވަނަ މިނެޓުގައި ފޯވާޑް އާދަމް އަބްދުއްލަތީފް (ލައްޗޭ) އަށް ދެ ވަނަ ރީނދޫ ކާޑާ އެކު ރަތްކާޑެއް ދެއްކުމުން، ރާއްޖެ އަށް މައްސަލަތަކެއް ދިމާވި އެވެ. އެހެންވެ ނަތީޖާ 1-0 ގައި ހިފަހައްޓަން އަލީ ޝިހާމްގެ ބަދަލުގައި ކޯޗު އެރުވީ ކޭޑީ އެވެ.

ވޯލްޑް ކަޕް ކޮލިފައިންގައި 2001 ވަނަ އަހަރު ޗައިނާގެ އެޓޭކެއް ހުއްޓުވަން ރާއްޖޭގެ ޑިފެންޑަރު ސޮބާ އާއި ގޯލްކީޕަރު އިމްރާން މަސައްކަތްކުރަނީ.

"އަޅުގަނޑު އެރީ ޑިފެންސަށް. އެކަމަކު ކައްޕި ވަރަށް ބޮޑަށް ހިތްވަރުދިން ކައުންޓާގައި އަރަން. ކުރީ ދެ މެޗުގައި ވެސް ގޯލް ޖެހިފައިވާތީ މި މެޗުގައި ވެސް ޖެހޭނެ ކަމަށް ބަލައި އަޅުގަނޑު ވެސް ކުރިއަށް ޖެހިލިން،" ކޭޑީ ބުންޏެވެ.

އެކަމަކު ޗައިނާ ކުޅުންތެރިން ތިބީ ކޭޑީއާ މެދު އެއަށް ވުރެ ވަރަށް ބޮޑަށް ސަމާލުވެގެންނެވެ. އެހެންވިޔަސް ދޭތެރެއަކުން ދެމި ގަނެ އޭނާ ޗައިނާ ހާފުގެ ތެރެއިން ގޯލަށް ހަމަލައެއް ފޮނުވާލި އެވެ. އެ ބޯޅަ ދިޔައީ ހުރަސް ދަނޑި މަތިންނެވެ. އެ ލަނޑު ވަން ނަމަ ރާއްޖެ އަށް ނަތީޖާ އެއްވަރުކުރެވި، އެއީ އެހާތަނަށް ރާއްޖެ ބައިނަލްއަގްވާމީ ފުޓްބޯޅައިގައި ހޯދި އެންމެ ބޮޑު ކާމިޔާބަށްވީހެވެ.

އެކަން ނުވިޔަސް، ކުރީގެ މެޗުގެ ގޯލާ އެކު ކޭޑީގެ ނަން ދިވެހި ފުޓްބޯޅައިގެ ތާރީހުގައި ލިޔެވިފައިވަނީ ރަނުންނެވެ. އެ އަހަރު އައިއެފްސީ އަށް ކުޅުމަށް ފަހު، ފަހުން ރާއްޖޭގެ އެންމެ ބޮޑު ދެ ޓީމު ކަމަށްވާ ވިކްޓްރީ އާއި ނިއު ރޭޑިއަންޓަށް ކުޅެ ދެ ޓީމާ އެކު ތަށި ހޯދުމަށް ފަހު ހުއްރިއްޔާ ޓީމުން 2005 ގައި އޭނާ ރިޓަޔާކުރި އެވެ. ފަހުން ގައުމީ ޓީމުން ފުރުސަތު ނުލިބުނަސް ކޭޑީ ހިމެނެނީ ކުޅުނު މެޗުގެ ނިސްބަތުން ގައުމީ ޓީމަށް އެންމެ އެހީއެއްވެދިން އެއް ކުޅުންތެރިޔާ އަށެވެ.

ކުޅުން ހުއްޓާލައި އޭނާ އޭރުން ފެށިގެން ކޭޑީ، 51، މަސައްކަތްކުރަނީ ކައިރީގައި އޮންނަ ކުޑަހުރާ ރިޒޯޓުގެ ލޯންޗް ކެޕްޓަނަކަށެވެ. ފުޓްބޯޅައާ ދުރުގައި ހުރި ނަމަވެސް، ޗައިނާ ކޮޅަށް ޖެހި އެ ހާއްސަ ލަނޑުގެ ހަނދާންތައް އޭނާގެ ސިކުނޑީގައި ހަރުލާފައި ހުރެ އެވެ.

14 ކޮމެންޓް, 14 ރިއެކްޝަންސް

icon happy icon happy 64%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 36%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ސާދިގެު

05 December 2022

ލަދުން ބޯހަލަާކު

The name is already taken The name is available. Register?

ކައްނާޑާ

03 December 2022

މި ގައުމުގަ ރަނގަޅު ކަމެއް ކުރަން އުޅޭ މީހަކަށްވެސް ނޯންނާނެ ރީތިނަމެއް. ކަމެއް ކުރިޔަސް ނުކުރިޔަސް އެއްޗެހި ގޮވާނެ

The name is already taken The name is available. Register?

ލުބޫ

03 December 2022

މިހާރު އޮންނަނީ މަޖިލިސް ބޯޅައާއި ޕާޓީ ބޯޅަކުޅުން... ފުޓްބޯޅަ ފޯރި ރާއްޖެއިން ނެތިދަނީ .

The name is already taken The name is available. Register?

ޢިއްލަބޭ

04 December 2022

ނެތިނުދޭ! ފުޓްބޯޅައެއް ނެތްމިހާރު. މިހާރުވެސް ކޯޗެކޯ ކިޔާފަ އިޓަލީގެ މީހެއްވީމަ އެބައިން މޮޔައެއް ބަހައްޓާފަ. ފުޓްބޯޅަ ޓީމަށް ފައިސާފޮއްޗެއް ސަރުކާރަކަށް ނުދެވޭ. މިހާރު ކުޅެނީ ފަސްއޮށް. ޢެވެސް ކުޅެނީ ފުނައޮށުގަ.

The name is already taken The name is available. Register?

ޙިނި

03 December 2022

ފުޓުބޯޅަ ކުރިއެރީ މައުމޫނު ދައުރުގަ ލައްކަ މަސައްކަތުން، މިހާރު ކުޅެނީ މަޖުލިހުގެ ކޯޅުމާ ސަޔާސީ ޕާޓީގެ މުޒާހިރާ ކުރުން

The name is already taken The name is available. Register?

އރޑ22

03 December 2022

ސަޅި ރިޕޯރޓެއް..2000ގެ އަހަރުތަކުގައި ރާއްޖޭގެ ފުޓްބޯޅައިގެ ރަންޒަމާން އޮތް ގޮތް އެއޮތީ ފެންނަން.. އެކަމަކު އޭރު ބޯޅަ ކުޅުނީ ލޯބިން ލާރި ނުލިބުނަސް ހެޔޮ ކަމަށް.. މިހާރު ކުޅެނީ ފައިސާއަށް.. މިޔަށް ކިޔަނީ ޕްރޮފެޝަނަލް ފުޓްބޯޅަ ކަމަށް ވަނީ.. ކޮންމެ ގޮތެއްވިޔަސް ހަމްދޫން ގަތާ އަމުނާލި މި ރިޕޯރޓުގައި އިތުރަށް މީހަކު ލާނެ ލޮނުކޮޅެއް އަދި ހުތް ކޮޅެއްވެސް ނެތް.އެހާވެސް ރަހަ ހެޔޮވަރު.. ފުރިހަމަ.. ހަބޭސް..

The name is already taken The name is available. Register?

ލައިލާއްތަ

03 December 2022

ދެން ތި ފުޓްބޯޅައިގައި މިހާރު ލިބުނު ކާމިޔާބީ އަކީ ކޮބާ؟ މުހައްމަދު އަމީނުއްސުރެން ތިކަމަށް ކަރަދު ކުރަނީ. ވީކަމެއް އެބައޮތްތަ؟ މަހަށް ގޮސްފަ މެޗުކުޅުން އެދެން ބޮޑަށް ފާހަގަ ކުރަން ޖެހޭ ކަމަކީތަ؟

The name is already taken The name is available. Register?

ދިވެހިން ދިވެހިންގެ ގޮތުގައި

03 December 2022

ދިވެހިންގެ ލަދުކޮބާ؟ އޭއެފްސީ 3 ގައުމު އެއޮތީ ވޯރލްޑްކަޕް ނޮކްއައުޓްގަ. ދިވެހިންނަށް ފުޓުބޯޅާގައި މިހާރު ހުރެވުނީ 1990 އަށްވުރެވެސް ފަހަތުގަ. ނޫނޭ ވަގުތު ބޭކާރު ކުރުމާއި ކޮފީގައި ބޭކާރު މޮޅު އަނގަތެޅުމާއި ވަރިކުރުމުގެ ދުނިޔޭގެ މުބާރާތެއް ބާއްވާފިޔާ ދިވެހިން ޖެހިޖެހިގެން 3 ރަންމެޑަލްވެސް ހޯދާނެ..

The name is already taken The name is available. Register?

އަލަސް

03 December 2022

ފްރޭންޑް ޑެބީ ދިވެއްސަކަށްވީތީ ފުރަތަމަ ފަހުރުވެރިވަން ދަސްކުރޭ. ދިވެއްސަކުގެ އޮރިޖިން ކިތަންމެ ވަރެއް ކުރިއަސް ބްރިޒިލަކަށް ބަދަލެއް ނުވާނެ. ދިވެއްސަކަށްވެ މުސްލިމަކަށްވެ ޔުނިކް ޖަޒީރާ ރަށަކަށް ނިސްބަތްވުމަކީ ކުޑަ ނިއުމަތެއް ކަމެއް ދެކެނީތޯ؟ އިނގިރޭސި ވިލާތުން ބްރެޒިލަށް ދިޔަ ލޭބަރެއްގެ ފުށުން އެގައުމަށް ފުޓްބޯޅަ ތައާރަފްވީ. ބްރެޒީލް 5 ފަހަރު ވޯލްޑްކަޕް ނެގިއިރު އިގެރޭސިންނަށް އެންމެ ފަހަރަކު. އޭވެސް މީގެ އެތައް އެތައް އަހަރުކުރީގެ ކަމެއް. ދެނޯ

The name is already taken The name is available. Register?

ޑެބީ

03 December 2022

ތިކޮމެންޓުން މަށަށް ދޭހަވީ ކިތަންމެ ވަރަކަށް ކުޅުނަސް ދިވެހިން ކުރިޔަކަށް ނުދާނެއޭ. އެއީ ދިވެހިންގެ ގައިގަ ފުޓުބޯޅަ ހުނަރުނެތީމައޭ. އިނގިރޭސިން ތަށި ނުނެގުނަސް މޮޅޭ. ވާދަކުރެވެއޭ. ދިވެހިން 80 އަހަރު ކުޅުނު އިރުވެސް ސައުތު އޭޝިއާ ގައުމުތަކާ އެކަނި ވާދަކޮށްލެވެނީ. އެއީ މައްސަލައަކީ.

The name is already taken The name is available. Register?

ޑެބީ

03 December 2022

ކުޅެކުޅެ މުސްކުޅިވިއިރުވެސް ކުރިޔަށް ނުދާ ބަޔަކު ހިޔެއްނުވޭ އުޅޭނެހެން ދިވެހިން ނޫނީ.

The name is already taken The name is available. Register?

އައްޅޮ

03 December 2022

އަދި ކޮބާ ތަޅާލާހާ ލާރިތައް.

The name is already taken The name is available. Register?

ކުލަޔެލޯ

03 December 2022

މިހާ ނެގަޓިވް ބައެއް ވެސް ދުނިޔެމަތީ އުޅޭހެނެއް ހިއެއް ނުވޭ. ރަނގަޅު ކަމެއް ކުރިޔަސް ރަނގަޅު ނުވާނެ. ކަމެއް ނުކުރިޔަސް ރަނގަޅެއް ނުވާނެ. ރަނގަޅު އެއް ގޮތެއްވެސް ނޯންނާނެ

The name is already taken The name is available. Register?

ރަދީފު ބިން ރަފައިދާ

03 December 2022

ހުއްރިއްޔާ ވެއްޓުން އެއީ ދިވެހި ފުޓުބޯޅައަށް ލިބުނު ވަރަށް ބޮޑު ދެރައެއް. ސުވާލަކީ ޑީން ވަކިހިސާބަކުން ފަންޑުކުރުން ހުއްޓާލީ ހެއްޔޭ؟ ހުއްރިއްޔާއަށް ވެގެންދިޔަގޮތް ރިޕޯޓެއް ގޮތުގާ ގެނެސްދިނުން ވަރަށްބޮޑަށް އެދެން.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454