ކުޅިވަރު / ވޯލްޑް ކަޕް 2022

ބްރެޒިލް އަށް އަނިޔާގެ އިތުރު މައްސަލަތަކެއް، އެކަމަކު ނޭމާ އުއްމީދުގައި

ބްރެޒިލް އާއި ކެމަރޫން ބައްދަލުކުރި ގުރޫޕް ސްޓޭޖުގެ ފަހު މެޗުގެ ކުރިން ނޭމާ އާއި ޑެނީލޯ.-- ފޮޓޯ: އޭއެފްޕީ

ވޯލްޑް ކަޕް ގައި ވާދަކުރާ ބްރެޒިލްގެ ސްކޮޑުގައި ހިމެނޭ ފޯވާޑް ގެބްރިއެލް ޖީސަސް އާއި ފުލްބެކް އެލެކްސް ޓެލޭސް އަށް އަނިޔާވެ، ދެ ކުޅުންތެރިންނަށް ވެސް މުބާރާތް ނިމިއްޖެ އެވެ.

އެހެން ނަމަވެސް ނޮކްއައުޓް ބުރުގައި ދެކުނު ކޮރެއާއާ ވާދަކުރާ މެޗުގެ ކުރިން އެ ޓީމުގެ ތަރި ނޭމާ ހުރީ އަނިޔާއިން މުޅިން ރަނގަޅުވެ އެ މެޗު ކުޅުމުގެ އުއްމީދުގަ އެވެ.

ޖީސަސް އާއި ޓެލޭސް ގެ ކަކުލަށް އަނިޔާވީ ގުރޫޕް ސްޓޭޖުގެ ފަހު މެޗުގައި ކެމަރޫނާ ދެކޮޅަށް ކުޅެނިކޮށެވެ. އެ މެޗުގެ 54 ވަނަ މިނިޓުގައި ޓެލޭސް ބަދަލު ކުރަން ޖެހުނު އިރު، 10 މިނިޓު ފަހުން ޖީސަސް ވެސް ވަނީ ބަދަލު ކޮށްފަ އެވެ.

ބްރެޒިލްގެ ފުޓުބޯޅަ އެސޯސިއޭޝަނުން އިއްޔެ ނެރުނު ބަޔާނެއްގައި ވަނީ، ދެ ކުޅުންތެރިންގެ ވެސް ކަނާތު ކަކުލުގެ އެމްއާރުއައި ސްކޭނުން ދައްކާގޮތުން މި ވޯލްޑް ކަޕް ގައި ދެން ނުކުޅެވޭނެ އެވެ.

ކެމަރޫނާ ދެކޮޅަށް ބްރެޒިލް ކުޅުނު މެޗުގައި ޖީސަސް (ކ) އަދި ޓެލޭސް (ވ).-- ފޮޓޯ: އޭއެފްޕީ

ބްރެޒިލްގެ ޓީމުގައި އާއްމުކޮށް ފަށާ ދެ ފުލްބެކުން ކަމަށްވާ ޑެނީލޯ އާއި އެލެކްސް ސަންޑްރޯ އަށް ވެސް އަނިޔާ ވެފައި ވާއިރު، ސަންޑްރޯ އަށް ކޮރެއާ ދެކޮޅަށް ކުޅޭ މެޗަށް ފިޓު ވާނެކަން އަދި ޔަގީނެއް ނޫނެވެ. ނަމަވެސް ޑެނީލޯ އެ މެޗަށް ފިޓު ވާނެ ކަމަށް ބްރެޒިލް ޓީމުން ތިބީ އުއްމީދު ކޮށްގެންނެވެ.

ފުލްބެކުން ފިޓް ނުވާނަމަ ކޯޗު ޓީޓޭ އަށް އޮތް އެއް އޮޕްޝަނަކީ ޓީމުގެ ސެންޓަ ބެކް މާކީނިއޯސް ފަޅިއަށް އަރުވައިގެން ކުޅުވުމެވެ. އަދި ސެންޓަ ބެކް އެޑާ މިލިޓާއޯ ބޭނުން ކޮށްގެން ސްޓާޓް ކޮށްފި ނަމަ ބެންޗުގައި އެޓީމަށް ޑިފެންޑަރުންގެ ދަތިކަން ކުރިމަތިވުމުގެ ފުރުސަތު ވެސް އެބަ އޮތެވެ.

އުމުރުން 39 އަހަރުގެ ޑެނީ އަލްވޭސް ވަނީ ކެމަރޫނާ ދެކޮޅަށް ކުޅުނު މެޗު ސްޓާޓް ކޮށްފަ އެވެ. އަދި އޭނާ ވެފައި ވަނީ ވޯލްޑް ކަޕް މެޗެއްގައި ބްރެޒިލް އަށް ސްޓާޓް ކުރި އެންމެ ދޮށީ ކުޅުންތެރިޔާއަށެވެ.

ގުރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި ނޭމާގެ ފައިގެ ކުޑަހުޅު ދުޅަވެފައި.-- ފޮޓޯ: އޭއެފްޕީ

ނޭމާ އަށް އަނިޔާވީ ގުރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގަ އެވެ. ގުރޫޕް ސްޓޭޖުގެ ފަހު ދެ މެޗް ނޭމާ އަށް ގެއްލުނު ނަމަވެސް، އެ ޓީމުގެ ޑޮކްޓަރު ރޮޑްރިގޯ ލަސްމާ ވަނީ، ގަދަ 16 ގެ މެޗަށް ނޭމާ ފެނިދާނެ ކަމުގެ އުއްމީދު ބޮޑު ކަން ހާމަ ކޮށްފަ އެވެ.

"ނޭމާ އާއި އެލެކްސް ސަންޑްރޯ ގެ ހާލަތަށް ބަލާ އިރު، އަހަރެމެންނަށް ހީވަނީ އަދި ވަގުތު އެބަ އޮތް ހެން، (ކޮރެއާ އާ ދެކޮޅަށް ކުޅޭނެ ކަމުގެ) އުއްމީދު އެބަ އޮތް،" ޓީމުގެ ޑޮކްޓަރު ބުންޏެވެ.

ނޭމާ އަކީ ބްރެޒިލް ގައުމީ ޓީމަށް ދެ ވަނައަށް އެންމެ ގިނަ ގޯލު ޖަހައިދީފައިވާ ކުޅުންތެރިޔާ އެވެ. އޭނާ ވަނީ މިހާތަނަށް 75 ގޯލު ގައުމީ ޓީމަށް ޖަހައިދީފަ އެވެ. އެންމެ ގިނަ ލަނޑު ޖަހައިގެން ލިސްޓުގެ އެންމެ ކުރީގައި އޮތީ ލެޖެންޑް ޕެލޭ އެވެ.

ބްރެޒިލްގެ ފުރަތަމަ ތިން ވޯލްޑް ކަޕް ހޯދުމުގެ މުހިއްމު ހިއްސާއެއް ކަމަށްވާ ޕެލޭ ވަނީ ގައުމީ ޓީމަށް 77 ގޯލު ޖަހައިދީފަ އެވެ.

މި އަހަރުގެ ވޯލްޑް ކަޕްގެ ގުރޫޕް ސްޓޭޖުގެ ފަހު މެޗުގައި ކެމަރޫން އަތުން ބަލިވި ނަމަވެސް ހަ ޕޮއިންޓް ހޯދައިފައިވާ ބްރެޒިލް ގުރޫޕް ޖީ ގެ އެއް ވަނަ ހޯދީ ފައިދާ ގޯލުން ސްވިޒަލެންޑްގެ މައްޗަށް ކުރި ހޯދައިގެންނެވެ. ކެމަރޫން އަކީ ވޯލްޑް ކަޕް ގައި ބްރެޒިލް ބަލިކުރި ފުރަތަމަ އެފްރިކާގެ ގައުމެވެ.

ކުއާޓާ ފައިނަލުން ޖާގައެއް ހޯދަން ގަދަ 16 ގައި ބްރެޒިލް އާއި ދެކުނު ކޮރެއާ ބައްދަލުކުރާ މެޗު ކުޅޭނީ ހޯމަ ދުވަހުގެ ރޭ 12 ޖަހާއިރެވެ.

0 ކޮމެންޓް, 3 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454