މެލޭޝިއާ އާ ދެކޮޅަށް ނުކުތް ރާއްޖޭގެ ފުރަތަމަ 11 ގައި ހިމެނުނު ކުޅުންތެރިން: ރާއްޖެ މެޗުން ބަލިވީ 3-0 ން --- ފޮޓޯ: އެފްއޭއެމް
14 ޑިސެމްބަރ 2022 - 20:26
ބައިނަލްއަގުވާމީ އެކުވެރިކަމުގެ މެޗުގައި މިރޭ، މެލޭޝިއާ އަތުން 3-0 ން ރާއްޖެ ބަލިވެއްޖެ އެވެ.
މެލޭޝިއާ އާއި ސިންގަޕޫރާ ދެކޮޅަށް ކުޅޭ ދެ މެޗަށް ނެގި ސްކޮޑްގައި ސީނިއާ ކުޅުންތެރިންކަމަށްވާ އަލީ އަޝްފާގް (ދަގަނޑޭ) އާއި މުހައްމަދު އުމޭރު އަދި ހަމްޒާ މުހައްމަދު ހިމެނުނު ނަމަވެސް އެ ކުޅުންތެރިން މެޗު ފެށީ ބެންޗުންނެވެ.
މެޗަށް ނުކުތުމުގެ ކުރިން ވެސް ގައުމީ ޓީމުގެ ކޯޗު ފްރެންޗެސްކޯ މޮރިއޭރޯ ބުނީ މެޗުގެ ނަތީޖާ މުހިންމު ނޫން ކަމަށާއި އޭނާ އިސްކަން ދެނީ ރަނގަޅު ގޭމެއް ކުޅެން ކަމަށެވެ.
އެކަމަކު މެޗުގައި ރާއްޖޭގެ ޓީމަށް އެދެވޭ ކުޅުމެއް ނުދެއްކުނެވެ. މެލޭޝިއާގެ ކީޕަރު ސިހާން ހަޒްމީ ޓެސްޓްކޮށްލެވޭ ވަރުގެ ރަނގަޅު އެންމެ ބޯޅައެއް ވެސް ފޮނުވައި ނުލެވުނެވެ.
މެލޭޝިއާގެ ޓީމުގައި ނެޗްރަލައިޒޭޝަން އުސޫލުން ގައުމުގެ ރަށްވެހިކަން ދީގެން އާޖެންޓީނާ އާއި އިންގްލެންޑް އަދި އޮސްޓްރޭލިއާ އަށް ނިސްބަތްވާ ކުޅުންތެރިންނަށް ރާއްޖެއާ ދެކޮޅަށް ނެރުނު ސްކޮޑުން ފުރުސަތު ދިނެވެ. މެލޭޝިއާގެ ތިން ލަނޑުގެ ތެރެއިން ދެ ލަނޑު ޖެހީ އިންގްލެންޑަށް އުފަން އަދި އެ ގައުމުގައި ފުޓްބޯޅަ ކެރިއާ ފެށި ދެ ކުޅުންތެރިން ކަމަށްވާ ޑަރެން ލޮކް އާއި އެންޑްރޫ ޓަކް އެވެ. މެލޭޝިއާގެ ޓީމަށް ޑަރެން ލޮކް ކުޅެން ފެށީ 2016 ގައެވެ. އޭނާގެ ބައްޕަގެ އާއިލާ މެލޭޝިއާ ގުޅިފައި އޮންނާތީ މެލޭޝިއާ އަށް ކުޅުމުގެ ހައިސިއްޔަތު އޭނާ އަށް ލިބެ އެވެ.
މެލޭޝިއާއިން އެ ޓީމުގެ ފުރަތަމަ ލަނޑު ޖެހީ މެޗުގެ 24 ވަނަ މިނެޓްގަ އެވެ. ރާއްޖޭގެ ޑިފެންސަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި އެ ލަނޑު ޖެހީ ޑަރެން ލޮކް އެވެ. ރާއްޖޭގެ ޑިފެންޑަރު ދިފާއު ކުރަން އުޅުނު ބޯޅަ ރަނގަޅަށް ސާފުކޮށް ނުލެވި ބޯޅަ އޭރިއާގެ ތެރޭގައި މަޑު ޖެހުމުން އެ ބޯޅަ އަށް ދިޔަ ޑަރެން ވަނީ ގޯލްގެ ތެރެއަށް ބޯޅަ ފޮނުވައިލައިފަ އެވެ. އެ ވަގުތު ރައްޖޭގެ ކީޕަރު ހުސައިން ޝަރީފް އަށް ވެސް ކުރިއަށް ނުކުމެވިފައި ހުރުމުން ބޯޅަ ސަލާމަތް ކުރަން އޭނާ އަށް ވެސް މާ ބޮޑު ކަމެއް ނުކުރެވުނެވެ.
ދެވަނަ ހާފަށް ނުކުމެ މެލޭޝިއާގެ ދެވަނަ ލަނޑު ޖެހީ ފައިސަލް ހަލީމެވެ. ރާއްޖޭގެ އޭރިއާގެ ބޭރުން އެ ޓީމުގެ ކުޅުންތެރިން ފައިސަލް އަށް ބޯޅަ ނަގައި ދިނީ ދިވެހި ކުޅުންތެރިންގެ ބޯ މަތިންނެވެ. ފައިސަލް އޮފްސައިޑް ވެފައިވާ ކަމަށް ރާއްޖޭގެ ކުޅުންތެރިން އެޕީލް ކުރި އެވެ. އެކަމަކު އޭނާ ހުރީ އޮފްސައިޑް މަޅިން ނެއްޓިފަ އެވެ. ބޯޅަ ހިފައިގެން ވަދެ އޭނާ ވަނީ ކީޕަރު ހުސައިން ބޯޅަ އަށް ނުކުމެ ނުކުމެ އޮއްވައި ގޯލްގެ ތެރެއަށް ބޯޅަ ވައްދައިލައިފަ އެވެ.
މެލޭޝިއާގެ ތިންވަނަ ލަނޑު ޖެހީ އިނގިރޭސި ވިލާތަށް އުފަން ކުޅުންތެރިޔެއް ކަމަށްވާ ލީ އެންޑްރޫ ޓަކް އެވެ. މެލޭޝިއާގެ ކްލަބްތަކަށް ގިނަ އަހަރުތަކެއް ވަންދެން ކުޅުނު ޓަކް އަށް މެލޭޝިއާގެ ރަށްވެހިކަން މި އަހަރު ދިނީ ވެސް އެ ގައުމުގެ ގައުމީ ޓީމަށް އޭނާ ނެގުމަށެވެ.
އިންގްލެންޑްގެ ހަލްފަކްސް އަށް އުފަންވެ އެ ގައުމުގެ ނޮން ލީގުގެ ކްލަބްތަކަށް ވެސް ކުޅުނު އެންޑްރޫ އަށް މެލޭޝިއާގެ ގައުމީ ޓީމުން ފުރުސަތު ދިނީ މި މަހު އެވެ. މިރޭ ރާއްޖެ އާ ދެކޮޅަށް ކުޅުނު މެޗަކީ މެލޭޝިއާގެ ގައުމީ ޓީމަށް އޭނާ ކުޅުނު ދެވަނަ މެޗެވެ. މި މަހު ކޮމްބޯޑިއާ އާ ދެކޮޅަށް ކުޅެ މެލޭޝިއާގެ ޓީމަށް ކުޅުނު ފުރަތަމަ ދެ މެޗުގައި ވެސް އޭނާ ވަނީ ލަނޑު ޖަހައިފަ އެވެ.
މެޗުގެ 88 ވަނަ މިނެޓްގައި ޓަކް ލަނޑު ޖެހީ އާޖެންޓީނާ އަށް އުފަން އަދި ފަހުން މެލޭޝިއާގެ ރަށްވެހިކަން ދިގެން އެ ގައުމުގެ ގައުމީ ޓީމަށް ކުޅުވަން ފެއްޓި ސާޖިއޯ އަގުއޭރޯ ނަގައިދިން ބޯޅައިންނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަދީފްއޮފިޝަލް
17 December 2022
އަދި ރަނގަޅުވާނެ.ޝޮޕިން ނިންމާފަ އާދޭ.ލަދު ކޮބާ؟؟ ވ.ވެދުން
ކަހާސުން ގައްދާހޭ
15 December 2022
އެފް.އޭ.އެމް ގައި ތިބި މީހުން ބޭރު ކޮށްފަ މުރި ރާއްޖެއިން ޤައުމީ ސްކޮޑެއް ނެގުނު ދުވަހަކަުން ނޫނީ ދެން މިރާއްޖޭގހެ ފުޓްބޯޅަ ކުރިއެއް ނާރާނެ. ދަގަނޑޭމެން ކަހަލަ މީހުން އުފައްދަން އެބަ ޖެހޭ.
ޝޯމޭން
15 December 2022
ރާއްޖެ ސްކޮޑްގަ އިނޑިވިޖުއަލް ޓެކްނިކު އާދަޔާ ހިލާފު ރަނގަޅު ދެތިން ކުއްޖަކު އެބައުޅޭ މިހާރު ކުރިއާ ހިލާފަށް. މިދޭތެރެއަކުން ހިނގައްޖެ މުޅިޓީމު ވަރަށް ސަކަރާތް ދުވަސްކޮޅެއް. އެކަމު އެގޮތައް ރަނގަޅު ވިޔަކަސް ޓީމެއް ގޮތައް ދިވެހި ޓީމު ރަނގަޅެއް ނޫން. ދެން އަބަދުވެސް ބުނާ ވާހަކަ. ދިވެހި ކުޅުންތެރިން ފިޒިކަލީ ވީކް ވެފަ ސްޓެމިނާ ވެސް ވީކް ވާހަކަ. މިކަންކަން ރަނގަޅެއް ނުވޭ ދުވަހަކުވެސް. ކޮންމެސް ބޮޑު ވޮޔަފާރިވެރިއަކު ދެން މިކަމާ އުޅެން މަށަށް ފެންނަނީ
ިެޔެޔއޮއ
15 December 2022
ގެ ނަތީޖާ މުހިންމު ނޫން ކަމަށާއި އޭނާ އިސްކަން ދެނީ ރަނގަޅު ގޭމެއް ކުޅެން ކަމަށެވެ. އިނގޭ ވިއްޔަ ބަލިކަން ވާނީ ދެން ކޮންމެސް އެއްޗެއް ކިޔަންވާނެ، ކަމުދާ ކުޅުމެއްވެސް ނުކުޅެވުނުތާ ޝޮޓެއްވެސް ނުހެދުނު. ތީ ހަމަ ޗުއްޓީ ދަތުރެއް
ސޮދުރީ
15 December 2022
ކޯޗުން މިތިބެނީ އެހެން ބުރޭންޑެއްގެ ކިޓެއްގަ ކުޅުން ތެރިން އެހެން ބުރޭންޑެއްގަ.
މުގާބޭ ބެ
15 December 2022
ދިވެހިންނަކަށް ފުޓުބޯޅައެއް ނުކުޅެވޭނެ. ތި އެގާރަ ކުޅުން ތެރިން އިމާމު ކޯސް ހަދާފަ އިމާމުކަން ކުރިއްޔާ މާރަގަޅުވާނެ.
ހަސަންދީ
15 December 2022
ރާއްޖޭގެ ފުޓްބޯޅައަށް ކިޔާވެސް އުންމީދެއް އޮތީ އެކެޑަމީތަކުގައި މިހާރު ތިބި ކުދިން ރަގަޅު އަޚުލާގެއްގެ މަތީގައި ތިބެގެން ދަޑަށް ނިކުމެވިގެން އަދި އެކަމަށް 8 އަހަރާއި 10 އަހަރު ނަގާނެ
ނޯހަން
15 December 2022
ބަލިވީމަ ދައްކާނެ އުޒުރެއް ލިބުނީތާ. ރާއްޖެ ކުޅުނީ ސަތޭކަ ޕަސެންޓް ދިވެހި ކުޅުންތެރިންނާ އެކީ. މެލޭޝިޔާ ހުސް އިމްޕޯޓެޑް ކުޅުންތެރިން. އެހެންނޫން ނަމަ މޮޅުވީސް.
މަބުނިންދޯ
15 December 2022
މަބުނިންދޯ ކުރީދުވަހުވެސް ރާއްްޖެއަށް ފުޓުބޯޅަ ކުޅެވޭނެ އެންމެ މައްޗަށް މިހާރު ކުޅެވިއްޖެޔޭ ދެން އެހެންކަމަކާ 11 ކުޅުންތެރިން ހަމަކޮށްގެން އުޅޭށޭ
އޮނަރަބަލް އަފީފުދީދީ
14 December 2022
ވަރަށް ކުޅުން ދެރަ. އެންމެ ށޮޓެއްވެސް ނުނެގޭ. ކްލަބް މޯލްޑިވްސް ޓީމުތައްވެސް މާ ވަރުގަދަކޮށް ފެންނަނީ ތިއަށްވުރެ. އެހެނެއް ނޫން ސުޕޭން ލީގަށް ކުޅޭ ސޮރު ހީވޭ ރަނގަޅުވާނެހެން. އުއްމީދީ ސޮރެއް އެއީ!