ޚަބަރު / ޑްރަގް ރިހަބިލިޓޭޝަން

44 ގައިދީންނާ އެކު ޖަލުގެ ޑްރަގް ރިހިބިލިޓޭޝަން ޕްރޮގްރާމްގެ ދެވަނަ ބުރު ފަށައިފި

މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ޖަލުގައި ހިންގާ ޑްރަގް ރިހިބިލިޓޭޝަން ޕްރޮގްރާމްގެ ދެވަނަ ބުރުގައި ބައިވެރިވާ 44 ގައިދީންނާ އެކު ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ޕްރިޒަން ކޮމިޝަނަރު އަހުމަދު މުހައްމަދުފުޅު އަދި ކަރެކްޝަންސްގެ ބައެއް އިސްވެރިން ފޮޓޯއަކަށް ހުއްޓިވަޑައިގެން -- ފޮޓޯ: ކަރެކްޝަންސް

މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ޖަލުގައި ހިންގާ ޑްރަގް ރިހިބިލިޓޭޝަން ޕްރޮގްރާމްގެ ދެވަނަ ބުރު، 44 ގައިދީންނާ އެކު މާފުށީ ޖަލުގައި އިއްޔެ ފަށައިފި އެވެ.

ކަރެކްޝަންސް އިން ބުނީ އެ ޕްރޮގްރާމްގެ ދެވަނަ ބުރު ފެށުމުގެ ގޮތުން އިއްޔެ މާފުށީ ޖަލުގައި ހާއްސަ ރަސްމިއްޔާތެއް ބޭއްވި ކަމަށެވެ. އެ ރަސްމިއްޔާތުގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ޕްރިޒަން ކޮމިޝަނަރު އަހުމަދު މުހައްމަދުފުޅު ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

އެ ޕްރޮގްރާމްގެ މަގުސަދަކީ ކަރެކްޝަންސް އިން ބުނިގޮތުގައި މަސްތުގެ ވަބާގައި ޖެހި، ޖަލު ހުކުމް ތަންފީޒުކުރަމުންދާ ގައިދީން ރިހިބިލިޓޭޓްކޮށް، ބޭނުންތެރި ބައެއްގެ ގޮތުގައި އެ މީހުން މުޖުތަމައަށް އަނބުރާ ނެރުމެވެ. ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން ކަރެކްޝަންސްގެ ބެލުމުގެ ދަށުގައި ތިބި، ގައިދީން ޑިޓޮކްސިފައިކޮށް، ޑްރަގްގެ ފަރުވާ ދިނުމާއި ދިރިއުޅުމުގެ ހުނަރުތައް ދަސްކޮށްދިނުމުގެ އިތުރުން ވަޒީފާގެ ހުނަރުތައް ވެސް އެ ޕްރޮގްރާމްގައި ދަސްކޮށްދޭނެ އެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ޖަލުގައި ހިންގާ ޑްރަގް ރިހިބިލިޓޭޝަން ޕްރޮގްރާމްގެ ދެވަނަ ބުރުގައި ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ޕްރިޒަން ކޮމިޝަނަރު އަހުމަދު މުހައްމަދުފުޅު އަދި ކަރެކްޝަންސްގެ ބައެއް އިސްވެރިން. -- ފޮޓޯ: ކަރެކްޝަންސް

ކަރެކްޝަނަލް ސާވިސް އާއި ހެލްތު މިނިސްޓްރީ އާއި ހޯމް މިނިސްޓްރީ އާއި ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) އަދި ބައެއް ޖަމިއްޔާތައް ގުޅިގެން މާފުށީ ޖަލުގައި ހިންގި ހަ މަސް ދުވަހުގެ އެ ޕްރޮގްރާމްގެ ފުރަތަމަ ބުރުގައި 40 ގައިދީން ބައިވެރިވި އެވެ. އެއީ ހަމައެކަނި މަސްތުވާތަކެތި ބުއިމުގެ ރިކޯޑް އޮތް ގައިދީންނެވެ. މިދިޔަ އޮގަސްޓް މަހު ނިމުނު އެ ޕްރޮގްރާމް ފުރިހަމަކުރީ 32 މީހެކެވެ.

ދެވަނަ ބުރުގައި ބައިވެރިކުރި 44 ގައިދީންނަކީ މަސްތުވާތަކެއްޗާ ގުޅިގެން ހުކުމް ތަންފީޒުކުރަމުންދާ މީހުން ކަމަށް ކަރެކްޝަންސް އިން ބުންޏެވެ.

އެ ޕްރޮގްރާމްގެ ފުރަތަމަ ބުރުގެ ތަޖުރިބާ އަށް އަލިއަޅުއްވާލައްވައި، ހޯމް މިނިސްޓަރު އިމްރާން ވިދާޅުވީ ޕްރޮގްރާމް ފުރިހަމަކުރި މީހުން މިދިޔަ ސެޕްޓެމްބަރު މަހު މުޖުތަމައަށް އަނބުރާ ނެރެފައިވާ ކަމަށާއި ފުރަތަމަ ބުރުގައި ކުރި ތަފާތު ތަޖުރިބާތަކަށް ބިނާކޮށް، ގައިދީން ތިބޭ ޔުނިޓަށާއި ޕްރޮގްރާމަށާއި އޮފިސަރުންގެ ތަމްރީނަށް ބަދަލުތައް މިހާރު ގެނެސްފައިވާ ކަމަށެވެ.

"މި ބެޗުގެ ކަންތައްތައް ކަރެކްޝަންސްގެ އޮފިސަރުންނަށް މިހާރު ލިބިފައިވާ ތަޖުރިބާއާއެކު ކުރިއަށް ވުރެއް ރަނގަޅަށް ކުރިއަށް ގެންދާނެ ކަމަށް އުއްމީދު ކުރަން. މި ޕްރޮގްރާމް ފުރިހަމަ ކޮށްފައިވާ ފަރާތްތައް މެދުވެރިކޮށް އާ ބެޗަށް ހިތްވަރު ހޯދައިދިނުމުގެ ގޮތުން އެހީތެރިކަން ދެއްވާނެ ކަމަށް ވެސް އުއްމީދުކުރަން،" އޭނާ ވިދާޅުވި އެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ޖަލުގައި ހިންގާ ޑްރަގް ރިހިބިލިޓޭޝަން ޕްރޮގްރާމްގެ ދެވަނަ ބުރުގައި ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވާހަކަދައްކަވަނީ -- ފޮޓޯ: ކަރެކްޝަންސް

އެ ޑްރަގް ރިހިބިލިޓޭޝަން ޕްރޮގްރާމް ހިންގަނީ ހަތަރު މަރުހަލާއަކަށް ބަހާލައިގެންނެވެ. މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ ވަރު ބެލުމަށް އެސެސްމެންޓެއް ހެދުމަށް ފަހު 21 ދުވަހުގެ މުއްދަތަށް ޑިޓޮކްސިފިކޭޝަން ފުރަތަމަ މަރުހަލާގައި ކުރިއަށް ގެންދެ އެވެ. ދެވަނަ މަރުހަލާގައި އޮންނާނީ ކަނޑައެޅޭ ވަކި ތާވަލެއްގެ ދަށުން ޕްރޮގްރާމްގެ ބައިވެރިންނަށް ސައިކޯސޯޝިއަލް ސަޕޯޓް ދިނުމާއި ދިރިއުޅުމުގެ ހުނަރުތަކާއި ވޮކޭޝަނަލް ނުވަތަ ސްކިލް ޓްރެއިނިންތައް ދިނުމާއި އަދި ދީނީ ކަންކަމަށް ހޭލުންތެރި ކުރުމެވެ.

ޕްރޮގްރާމްގެ ބައިވެރިން މުޖުތަމައަށް ނެރުމުގައި ހުރި ރިސްކުތަށް ދެނެގަތުމަށް ރިސްކް އެސެސްމެންޓްތައް ހަދައި، ވަޒީފާގެ ފުރުސަތު ހޯދައިދީ، ޕެރޯލްގެ ދަށުން މުޖުތަމައަށް ނެރެނީ ތިންވަނަ މަރުހަލާގަ އެވެ. ފަހު މަރުހަލާގައި އެ ޕްރޮގްރާމްގެ ދަށުން މުޖުތަމައަށް ނެރޭ ބައިވެރިން ދެ އަހަރުގެ މުއްދަތަކަށް މޮނިޓާ ކުރެ އެވެ.

5 ކޮމެންޓް, 1 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އެދުރުކަލޭގެފާނު

19 December 2022

އިމްރާނު މެންނަށް ރީހެބިލިޓޭޓް ކުރެވޭނަމަ 5 އަހަރުގެ ދައުރެއް ނިމޭއިރު ފަށާނީއެއް ނޫނެވެ. ނަތީޖާނެރެ ދައްކާނީއެވެ. ނަމަވެސް ކެމްޕޭނު ކައިރިވީވީހެން މީގެ 4 އަހަރުކުރިން ފަށައި މިހާރަށް ނިންމަން ޖޭހޭކަންތަށް ފަށާވާހަކަ ދައްކަނީއެވެ. އެހެން ވެއްޖެއިޔާ މުސާރަ ހިއްޕަވައިގެން މިހުރިހާ ދުވަހު ކުރެއްވީ ކޮންކަމެއްތޯއެވެ؟ އަތަރު ލައިގެން ދީނުގެ ނަމުގައި ސިޔާސީ މަންފާ ހޯދުން ނޫންކަމެއް ކުރެވުނު ބާވައެވެ. ސިޔާސީ މީހުންނަށް ދީންވިއްކާ މީހުން އެހާ މުހިއްމު؟

The name is already taken The name is available. Register?

ދިއްދޫމީހާ

15 December 2022

އަހުން ހީކުރީ ކާނަލް ނާޒިމް ޕާރޓީއަ މެމްބަރުން އިތުރު ކުރަން ބޭއްވި ރަސްމިއްޔާތެެއް ކަމަށް އެކަހަލަ ޓީސާޓްވިއްޔާ އެބޭފުޅުންވެސް ތުރު ކުރައްވަނީ

The name is already taken The name is available. Register?

ގެދާނޯމޮސް

15 December 2022

ރިހިބިލިޓޭޝަން ބޭނުން ގައިދީން ތިބީ ފަހަތުގަ ކޮޅަށް ތޯ ނޫނީ އިށީނދެވަޑައިގެން ތޯސާފެއްނުވިއެވެ.

The name is already taken The name is available. Register?

ޕްރޮގްރާމް

15 December 2022

ޖަލުގައި ތިބެގެން އެވަރަށް ޑްރަގް ބޯން ލިބޭއިރު ތިޔަ ކަހަލަ ޕްރޮގްރާމް ހިންގައިގެން ލިބޭނެ ފައިދާއެއް ނުވިސްނޭ، މައްސަލައަކީ ޑްރަގް ބޮއެގެން ޖަލަށްލާ މީހާއަށް ޖަލު ތެރެއިން ތިޔަ ބޯން ލިބެން ހުރުން، ބޯން ލިބެންޔާ ޑްރަގް އެޑިކްޝަނުގެ ވަޅުގަނޑުން އަރާނެ ގޮތެއް މަށަކަށް ނުވިސްނޭ، އެޑިކްޝަން ގައި ތިބެ ޖަލުން ނުކުމެގެން ވެސް ބޯން ދުވާހާ އޭރުން މިވަނީ. ޖަލުތަކުގައި އޮތް ޑްރަގް ސަޕްލައި އަރި ޑިމާންޑް ހުއްޓުވަން ޖެހޭ ޕްރޮގްރާމް ސަކްސަސްއަކަށް ހަދަން.

The name is already taken The name is available. Register?

ވިރާސް

15 December 2022

ތީ ވެރިން ޑްރާމާ ޖައްސަން ހިންގާ ޕްރޮގްރާމެއް ހަމައެކަނި ފޮޓޯނަގާލާ ނޫސްތަކަށް ހަބަރު ދޭން..އެވަރަށް ޖަލަށް މަސްތުވާތަކެތި ވައްދައި ވިއްކާ ހަދާ.. ޕްރޮގްރާމްގައި ބައިވެރިވަނީ ޖަލުން ނުކުންނަށް ފަސޭހަވާނެތީ..ވެރިން އިހްލާސްތެރިނަމަ ޖަލަށް މަސްތުވާތަކެތި ނުވެއްދޭނެ..

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454