11 ޖެނުއަރީ 2023 - 10:10
އޮސްޓްރޭލިއާގެ ކްއީންސް ލޭންޑް ޕްރިމިއާ ކްރިކެޓް ލީގުގައި ކުޅެމުން އަންނަ ރާއްޖޭގެ ބާރު އުކުންތެރިޔާ ހަސަން އިބްރާހިމް އެ ގައުމުގައި ބޮޑެތި ކުރިއެރުންތަކެއް ހޯދައިފި އެވެ.
މިދިޔަ އަހަރު އޯގަސްޓް މަހު ވެސްޓަން ސަބާބްސް ޑިސްޓްރިކްޓް ކްލަބަށް ކުޅެފެށި އަންނަ ހަސަން އެންމެ ފުރަތަމަ ފެށީ އެ ކްލަބްގެ ސެކަންޑް ގްރޭޑް ކުޅުންތެރިންގެ ތެރެއިންނެވެ. ފަހުން އޭނާ ދެއްކި ކުޅުމާ އެކު ފަސްޓް ގްރޭޑަށް އޭނާ ޕްރޮމޯޓް ކުރި އެވެ.
"މިތަނަށް އައިސް އަޅުގަނޑުގެ ފުރަތަމަ ޓާގެޓަކަށް ވީ ފަސްޓް ގްރޭޑްގައި ހިމެނުން. އެއީ ކްލަބް ޓޮޕް 11 ކުޅުންތެރިންގެ ތެރޭގައި،" އޮސްޓްރޭލިއާގައި ހުރެ ހަސަން ކިޔައިދިނެވެ.
ކޮންމެ ކްލަބެއްގައި 11 ކުޅުންތެރިން ފަސް ޕޫލެއް އޮވެ އެވެ. ފަސްޓް ގްރޭޑްގައި ހަސަން ހިމެނުމަކީ މެޗުތަކަށް ޓީމު ނެގުމުގައި އެންމެ ފުރަތަމަ އިސްކަން ދޭ 11 ކުޅުންތެރިންގެ ތެރޭގައި އޭނާ ހިމެނުމެވެ.
މިދިޔަ އަހަރު އޮސްޓްރޭލިއާގައި ބޭއްވި ޓީ20 ކްރިކެޓް ވޯލްޑް ކަޕަށް އެ ގައުމުގެ ގައުމީ ޓީމު ވީ ތައްޔާރީތަކުގެ ތެރޭގައި ހަސަން ވަނީ އެ ޓީމުގެ ޕްރެކްޓިހުގައި ވެސް ބައިވެރިވެފަ އެވެ. އޮސްޓްރޭލިއާގެ ބިގް ބޭޝްގައި ވާދަކުރާ މެލްބަން ރެނެގޭޑްސްއާ އެކު 2017 ގައި ތަމްރީން ހެދި ހަސަން އަށް އޮސްޓްރޭލިއާގެ ގައުމީ ޓީމުގެ ޓްރޭނިންގައި ބައިވެރިވުމުގެ ފުރުސަތު ލިބުމުން އޭނާ ވެފައި ވަނީ އެންމެ މަތީ ފެންވަރުގެ ޓީމަކާ އެކު ތަމްރީން ހެދި ރާއްޖޭގެ ފުރަތަމަ އެތުލީޓަށެވެ.
ހަސަން އަށް އެ ފުރުސަތު ލިބުނީ އޮސްޓްރޭލިއާގެ ކްލަބް މުބާރާތްކުގައި ކުޅެމުންދާ އުކުންތެރިންގެ ތެރެއިން ނެގި ކުޅުންތެރިންގެ ތެރޭގައި ހިމެނިގެންނެވެ. އޮސްޓްރޭލިއާގެ ގައުމީ ޓީމުގެ އެންމެ ތަޖުރިބާކާރު ބެޓްސްމަނުންނާ ދެކޮޅަށް ރާއްޖޭގެ ގައުމީ ޓީމުގެ ބާރު އުކުންތެރިޔާ ހަސަން ވަނީ އުކާފަ އެވެ. އެގޮތުން ލިމިޓެޑް އޯވާ ކްރިކެޓްގައި އޮސްޓްރޭލިއާގެ ކުރީގެ ކެޕްޓަންކަން ޑޭވިޑް ވާނާ އާ ދެކޮޅަށް ވެސް ހަސަން އުކި އެވެ. އަދި ތަޖުރިބާކާރު ބެޓްސްމަނުން ކަމަށްވާ އާރޮން ފިންޗު އަދި ސްޓީވް ސްމިތު އާ ދެކޮޅަށް ވެސް ހަސަން ވަނީ އުކާފަ އެވެ. ދެން ހިމެނެނީ ޒުވާން ކުޅުންތެރިޔާ ކެމެރޫން ގްރީން އާއި މި އަހަރު ފެބްރުއަރީ މަހު ގައުމީ ޓީމަށް ކުޅެން ފެށި ޖޯޝް އިންގަލްސް އެވެ. އެ ޓްރޭނިން ކޭމްޕްގައި އޮސްޓްރޭލިއާގެ ގައުމީ ޓީމުގެ ކޯޗު އެންޑްރޫ މެކް ޑޮނަލްޑް އާ ބައްދަލުވި ހަސަން ވަނީ ކުރިން ވެސް އޭނާ އާއެކު މަސައްކަތް ކޮށްފަ އެވެ. މެލްބަން ރެނެގޭޑްސްގައި 2017 ގައި ހަސަން ޓްރޭނިން ހެދި އިރު އެ ކްލަބްގެ ކޯޗަކަށް ހުރީ އެންޑްރޫ އެވެ.
ހަސަން އެނބުރި ރާއްޖެ އަންނާނީ މާޗު މަހު ކްއީންސް ލޭންޑް ޕްރިމިއާ ލީގު ނިމުމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހުޅުމާލެ ރިޔަށްޓޭ
11 January 2023
އޮސްޓްރޭލިއާގެ ސްޓާރުންނާއި އެކު ކުޅެލަން ފުރުސަތު ލިބުމަކީ ފަހުރެއް ނޫން .. ކުރިކެޓަކީ ދުވަހެއް ދުވަހަކަށް ތަރުހީބު ފަނޑުވަމުން އަންނަ ކުޅިވަރެއް .. މިކުޅިވަރުގެ މަޤުބޫލުކަން ދަށައްވަމުން އަންނާތީ ކުރިކެޓުގެ ބޮޑެތި ބާރުތަކުން ވަރަށް ކަންބޮޑުވޭ .. އެމީހުން ބަލާނެ ކުރިކެޓުގެ ފޯރި އިތުރުކުރުމަށް ހަސަންމެން ކަހަލަ ކުދިން ގެންގޮސް އެމީހުނާއި އެކު ކުޅުވަން .. ކުރިކެޓުގެ ރޯގާ ރާއްޖެއަށް ގަދަކުރުމުގެ ކުރިން ދިވެހި ރައްޔިތުން އެބަޖެހޭ ދެކޮޅަށް ނުކުންނަން
ދޯޕައްޓާ
11 January 2023
ކުރިކެޓަކީ ރާއްޖެކަހަލަ ހޫނުގަދަ ގައުމުތަކުގައި ކުޅެން ކަމުދާ ކުޅިވަރެއްނޫން، ދުވާލުދާ ހަތަރުދަމު މިއިރުވައި މޫސުމުގަ ބޯޅައެއް އުކައުކާ ރަތްދަކަ އަވީގަ ތިބުމަކީ ސިއްހަތަށް ރަނގަޅުކަމެއްނޫން ބަޔަކު ބަލާހިއްވާނެކަމެއްވެސްނޫން. އަމުދުން ސްކޫލުކުދިން ކުރިކެޓު ކުޅުން މަނާކުރަންޖެހޭ.
ހަނދާން
11 January 2023
ކްރިކެޓް ކުޅުންތެރިންގެ ހުނަރުވެރި ކަމުގެ ވާހަކަ ނޫސްތަކުގައި ޖަހާފައި ހުންނަތަން ފެނުނީމާ ވަރަށް އުފާވޭ. ހަނދާނަށް އަންނަނީ ކްރިކެޓުގެ ޚަބަރެއް ޖަހައިދޭނެ ނޫހެއް ނުވެގެން އުޅުނު ދުވަސްތައް.
ކްރިކެޓް
11 January 2023
މިހާރު ކްރިކެޓުގައި އޮތް އެންމެ ބޮޑު ހިތާމައަކީ ކުރީގައި އޮތް ގޮތަށް ކްރިކެޓް ޕޫލްތައް ނެތުން. އެކި ލެވެލްގައި ޕޫލްތައް ހަދައިގެން ޒުވާން ކްރިކެޓަރުން އުފައްދައިގެން ކްރިކެޓް ކުރިއަރާނީ. އެހެންނޫނީ ފުޓްބޯޅައަށް ވީގޮތަށް ވެދާނެ. ހަސަނު މި ލެވެލްއަށް އައީ މިގޮތަށް އުފެދުނު ޕޫލްތަކުގެ ތެރެއިން. އަބަދަކު ހަސަނެއް ނުހުންނާނެ. އެކަހަލަ ބައިވަރު ހަސަން އުފައްދައިގެން ކުރިޔަށް ދެވޭނީ.
ވޯލް
11 January 2023
ފުޓޮބޯޅަ ދޫކޯށް އެހެން ކުޅިވަރުތަކަށް ދައުލަތުން ފޯކަސް ކުރަންވެއްޖެ. ފުޓިބޯޅައާއި އެފް އެމް އޭ ތިއީ ބޮޑު ކޮރަޕްޝަން އާއި ވައްކަމުގެ ހާޔަކަށްވެ މުޅި ކުޅި ވަރު ނެތި ހިންގައްޖެ. ރާއްޖޭގެ ފިޓޮބޯޅައިގެ ކުރިމަގެއް ނެތް.
ވިސްނާށޭ
11 January 2023
ފުޓްބޯޅަ ދޫނުކޮށްވެސް ބައްސާމޭ/ކޮރަޕްޓޭ މެން ދޫކުރެވޭނެ.
ފަޚުރު
11 January 2023
ޑޭވިޑް ވޯނާ، ސްޓީވް ސްމިތު މެންނާއެކު އެއް ދަނޑަކަށް އަރާލެވުންވެސް އެއީ ރާއްޖޭގެ ކުރިކެޓް މިއޮތް ފެންވަރުން ބޮޑު ފަޚުރެއް! ފުޓުބޯޅައިގައި ދަގަނޑޭ، ހެރީ ކޭން މެންނާ ދެކޮޅަށް ކުޅުން ކަހަލަ ކަމެއް! މަރުޙަބާ ޙަސަން!
ދޮން ހަސަނު
11 January 2023
އޮސްޓްރޭލިޔާގެ ސިޓިޒަންޝިޕް ހޯފާދަ އޮސްޓްރޭލިޔާ ޤައުމީ ޓީމަށް ކުޅެލާ. މާސަޅިވެފަ މާގިނަ ދޮރުތައް ހުޅުވޭނެ.