އަބޫބަކުރު ބެސިކްތާސް އަށް ސޮއިކުރުމަށް ފަހު.-- ފޮޓޯ: ބެސިކްތާސް
22 ޖެނުއަރީ 2023 - 09:46
އިސްތަންބޫލް (ޖެނުއަރީ 22) - ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ މެންޗެސްޓާ ޔުނައިޓެޑް ދޫކޮށް ސައުދީ އަރަބިއްޔާގެ އަލް ނަސްރަށް ބަދަލުވުމާ ގުޅިގެން އޭނާ އަށް ޖާގަދޭން ނަސްރުގެ ޓީމުން ދޫކޮށްލި ކެމަރޫން ގައުމީ ޓީމުގެ ފޯވާޑް ވިންސެންޓް އަބޫބަކުރު، ތުރުކީގެ ބެސިކްޓަސް އާ ގުޅިއްޖެ އެވެ.
އަބޫބަކުރު ބެސިކްޓަސް އާ ގުޅުނީ، އެ ކްލަބަށް ލޯނު އުސޫލުން ކުޅެމުން އައި ނެދަލެންޑްސްގެ ފޯވާޑް ވައުޓް ވެހޯސްޓް މެންޗެސްޓާ ޔުނައިޓެޑަށް ބަދަލުވުމާ ގުޅިގެން، އޭނާގެ މަގާމު ފޫބައްދާށެވެ.
ސައުދީ އަރަބިއްޔާގެ ލީގުގައި އެއް ޓީމެއްގައި އެއްފަހަރާ ރަޖިސްޓްރީ ކުރެވެނީ ބިދޭސީ އަށް ކުޅުންތެރިންނެވެ.
ރެކޯޑް އަގަކަށް ރޮނާލްޑޯގެ ސޮއި ހޯދުމަށް ފަހު ނަސްރުން ވަނީ މީގެ ދެ ހަފްތާ ކުރިން އަބޫބަކުރު ދޫކޮށްލައި ރޮނާލްޑޯ ޓީމުގައި ރަޖިސްޓްރީ ކޮށްފަ އެވެ. ނަމަވެސް އަބޫބަކުރުގެ ޓްރާންސްފާ ހަމަޖެހެންދެން އޭނާ ވަނީ ނަސްރާ އެކު ފަރިތަކުރުންތައް ކުރިއަށް ގެންގޮސްފަ އެވެ.
ޔުނައިޓެޑުން ރޮނާލްޑޯ ނެތްތަން ފޫބައްދަން ވެހޯސްޓް ގެންދިޔުމާ އެކު ބެސިކްޓަސް އިން އެ ޓީމުގެ ކުރީގެ ފޯވާޑް ގެނައީ ހިލޭ ޓްރާންސްފާގައި، 2025 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ.
މިއީ އަބޫބަކުރު ބެސިކްޓަސް އާ ގުޅުނު ތިންވަނަ ފަހަރެވެ. އެންމެ ފުރަތަމަ ޕޯޗުގަލްގެ ޕޯޓޯ އަށް ކުޅެމުން ވަނީ 2016/2017 ވަނަ ސީޒަން ގައި ލޯނު އުސޫލުން ކުޅެފަ އެވެ. އެ ސީޒަން ގައި އޭނާ ވަނީ 38 މެޗުން އެޓީމަށް 19 ގޯލު ޖަހައިދީފަ އެވެ.
އެއަށް ފަހު ޕޯޓޯގެ ކޮންޓްރެކްޓް އުވާލުމަށް ފަހު އޭނާ ދާއިމީ ކޮންޓްރެކްޓެއްގައި ބެސިކްޓަސް އަށް ބަދަލުވީ 2020 ވަނަ އަހަރު އެވެ. އޭނާ ވަނީ 2020/2021 ސީޒަން ގައި 29 މެޗުން 16 ގޯލު ޖަހައިދީފަ އެވެ. އެއް ސީޒަނަށް ފަހު ކޮންޓްރެކްޓް ހަމަވުމުން އޭނާ އަލް ނަސްރަށް ބަދަލުވީ މިދިޔަ ސީޒަންގަ އެވެ.
ބެސިކްޓަސް އާއެކު އަބޫބަކުރު މީގެ ކުރިން ކުޅުނު ދެ ސީޒަންގައި ވެސް ވަނީ ތުރުކީ ލީގު ކާމިޔާބު ކޮށްފަ އެވެ. އަދި ފަހު ސީޒަން ގައި ތުރުކީ ކަޕް ވެސް ކާމިޔާބު ކުރި އެވެ.
މީގެ އިތުރުން މިދިޔަ އަހަރުގެ ވޯލްޑް ކަޕް ގައި ގުރޫޕް ސްޓޭޖުގެ ފަހު މެޗުގައި ބްރެޒިލް ބަލިކުރަން ކެމަރޫންއިން ޖެހި ހަމައެކަނި ގޯލު ވެސް ޖެހީ އަބޫބަކުރެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އާދަނު3
22 January 2023
މަށަށް ވޯލްޑްކަޕުން ލޮލުގައި އަޅައިގަތް މޮޅު ކުޅުންތެރިންގެ ތެރެއިން އެއް ކުޅުންތެރިޔާ އަބޫބަކުރަކީ. ރަޙްމަތް ލައްވާށި.