ކުޑަގިރި ޕިކްނިކް އައިލެންޑު.
23 ޖެނުއަރީ 2023 - 12:58
ކުޑަގިރި ޕިކްނިކް އައިލެންޑް އަންނަ މަހުގެ ތެރޭގައި ހުޅުވާނެ ކަމަށް، އެ ރަށް ހިންގައި ބަލަހައްޓާ އެޗްޑީސީން މިއަދު ބުނެފި އެވެ.
އެ ކުންފުނީގެ މާކެޓިން އަދި ޕަބްލިކް ރިލޭޝަންސް ޑިރެކްޓަރު ނިއުޝާދު ޝަރީފު "މިހާރު" އަށް ވިދާޅުވީ އެ ރަށުގައި މިހާރު ކުރަމުން އަންނަނީ އެންމެ ފަހުގެ ތައްޔާރީތައް ކަމަށެވެ. އެ ހުރިހާ ކަމެއް ނިންމުމަށް ފަހު ދަތުރު ދިއުމަށް އަންނަ މަހުގެ ތެރޭގައި ކުޑަގިރި ހުޅުވާލާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އެނގިފައިވާ ގޮތުގައި ސަރުކާރުން މަސައްކަތް ކުރަނީ އާއްމުން ދަތުރު ދިއުމަށް އަންނަ މަހުގެ ކުރީކޮޅު ނުވަތަ މެދު ތެރޭ ހިސާބުގައި އެ ރަށް ހުޅުވާލުމަށެވެ.
ސަރުކާރުން އެންމެ ފުރަތަމަ ނިންމީ މިދިޔަ އަހަރުގެ މިނިވަން ދުވަހާ ގުޅުވައިގެން އެ ތަން އާއްމުންނަށް ހުޅުވާލުމަށެވެ. އެ މުއްދަތަށް އެ މަސައްކަތް ނުނިމުމުން ދެން ހަމަޖެއްސީ މިދިޔަ ނޮވެމްބަރު 11 ވަނަ ދުވަހު އެތަން ހުޅުވާށެވެ. އެކަމަކު، އެ މުއްދަތުތައް ފާއިތުވެގެން ދިޔައިރު ވެސް ޕިކްނިކް އައިލެންޑު ނުހުޅުވުނެވެ.
ނިއުޝާދު ވިދާޅުވީ ކުޑަގިރިއަށް ދަތުރު ދެވޭނީ ކުރިން ބުކްކޮށްގެން ކަމަށެވެ. އެކަމަށް ހާއްސަ އެޕްލިކޭޝަން ވެސް ކުރިއަށް އޮތް ދެ ދުވަސް ތެރޭގައި ލޯންޗުކުރާނެ އެވެ.
"އެ އެޕްލިކޭޝަނުން ފެންނާނެ ރަށުގައި އުޅެވޭނެ ގަވައިދުތައް. މުޅި ރަށުގައި ދުންފަތުގެ އިސްތިއުމާލެއް ނުކުރެވޭނެ. އެކަމަށް ހާއްސަ ސްމޯކިން އޭރިޔާ ހުންނާނެ. އެ ތަނުގައި އެކަނި ދުންފަތުގެ އިސްތިއުމާލު ކުރެވޭނީ. އާއިލާތަކަށް ހިތްފަސޭހަ، އުފާވެރި މާހައުލަކަށް ވެގެން ދާނީ." އޭނާ ވިދާޅުވި އެވެ.
ކުޑަގިރިއަށް ދަތުރުކުރުމަށް ފެރީ ހަމަޖެއްސުމުގެ މަސައްކަތް ވެސް އެޗްޑީސީން އަންނަނީ ކުރަމުންނެވެ. އޭރުން މާލެ އަދި ހުޅުމާލެއިން ވެސް އެ ރަށަށް ދަތުރުކުރެވޭނެ އެވެ.
އެޗްޑީސީން ވަނީ ކުޑަގިރީގެ ތައްޔާރީތަކާ ގުޅޭ ވީޑިއޯއެއް މިދިޔަ ބުރާސްފަތި ދުވަހު ސޯޝަލް މީޑިއާގައި އާއްމުކޮށްފަ އެވެ. އެ ވީޑިއޯ އިން ފެންނަ ގޮތުގައި ރަށުގައި މިހާރު ވަނީ ކުޅިވަރު ކުޅޭނެ ތަންތަން ހަދައި އަދި ކުޑަކުދިންނާއި ބޮޑެތި މީހުންނަށް މޫދުގެ ކުޅިވަރުތަކާއި މަޖާ އެކި ހަރަކާތްތަކުގައި އުޅެވޭނެ ގޮތަށް ތަންތަން ހަދައި މަސައްކަތް ވަރަށް ފުރިހަމަކޮށްފަ އެވެ.
އެ ރަށުގައި ކައިވެނީގެ ހަފްލާތަކާއި އުފަންދުވަހުގެ ޕާޓީތަކާއި އެކި އެއްވުންތަކުގެ އިތުރުން ކޯޕަރޭޓް އިވެންޓްތައް ވެސް ބޭއްވޭނެ އެވެ. އެހެންވެ، އާއްމުންގެ އަތުން ވީހާ ވެސް ކުޑަ ހަރަދެއް ނެގުމަށް އެ ކުންފުނިން އަންނަނީ މަސައްކަތް ކުރަމުންނެވެ.
ކުޑަގިރީގައި؛
- ޗޭންޖިން ރޫމް
- މިސްކިތް
- ކްލިނިކް
- ކެފޭ ހުންނާނެ އެވެ.
މާލެއާ 10.5 ކިލޯ މީޓަރު ދުރުގައިވާ ކުޑަގިރިއަށް ލޯންޗެއްގައި ގާތްގަނޑަކަށް 15 މިނެޓުން ދެވެ އެވެ. އެތަން ހިއްކަން ޕްލޭންކުރީ ދަތުރު ދާން ރަށަކާ އެކު 1.5 ހެކްޓަރުގެ ސޭންޑްބޭންކް ގޮތަށް ފިނޮޅެއް ވެސް ހަދާ ގޮތަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގަމާރުލް
24 January 2023
ސްމޯކިން އޭރިއާއެއް ހުންނާނެޔޯ! ބަލަ މިހާރުވެސް މަގުމަތީގައި ސިގިރެޓު ބުއިން މަނާ! އެކަމަކު ބޮއެދޯ ހަބޭހަށް. ކުޑަކުދިންދާ ތާކު އެއްވެސް ވަރަކަށް ދުން ބުރުވިގެން ނުވާނެ. ނަމުން ވަރަށް ޕްރޮގްރެސިވް ކަމުން ނަވާރަސަތޭކަ ސުމެއްގަ! ތަހުޒީބުވެބަލަ!
މުހައްމަދު 22
24 January 2023
ޖުލައި 26، ނޮވެމްބަރު މަހު، އާ އަހަރު، އަންނަ މަހު، އެޗް.ޑީ.ސީ ން ހީކުރަނީތަ އަހަރުމެންނަކީ މޮޔައިން ކަމަށް؟ އަހަރުމެންނަށް ހެޔޮ ތިތަން ނުހުޅުވިޔަސް، އަހަރުމެންނަށް ތިތަނަށް ނުދިޔަސް ދިރި އުޅެވޭނެ، ރާއްޖޭގަ އެބަހުރި މާރީތި ގުދުރަތީ ރަށްތައް އަހަރުމެނަށް ދެވިދާނެ
ދިއްދޫމީހާ
23 January 2023
އެހެން ވިއްޔާ ކަލަންޑަރުގައި އިންނާނެ 13މަސްދުވަސް ތިޔަ އަންނަމަސް އަންނަނީ އަންނަނީ ކިޔަކިޔާ ދައުރެއް ނިންމާލީ ވީކަމެއް ވާންވީ ކިހެނެއްކަން ނޭގި
ބޮޑުމީހާ
23 January 2023
100 ދުވަހުން ޕިކްނިކް އައިލެންޑް. އަންނަ މަހު މި ސަރުކާރަށް 100 ދުވަސް ވަނީ. 100 ދުވަހުން މިސްކިތްތައް ވެސް އޭސީކުރަން ބުނި. އެ ވައުދުގަ އަދި 100 ދުވަސް ހަމަވާން ވަރަށް ދުވަސް އެބައޮތް.
ކުޗީ
23 January 2023
އަންނަނީ އަންނަނީ ....
ބޯހަލާކު ޤަވައިދު
23 January 2023
ތަންފީޒު ނުކުރެވޭ މާ މޮޅެތި ޤަވައިދުތައް ތިޔަ ހަދަނީ ކީއްކުރަންތޯ؟ ސްމޯކިންގް ވަކި އޭރިއާއެއް ރަށުގައި ކަނޑައަޅާއިރު، އެކަން ތަންފީޒުކުރަން ބައިތިއްބަނީ ފުލުހުންތޯ؟ އަދި ފުލުހުން ބައިތިއްބާނަމަ ކިހާ އަދަދެއްތޯ؟ އެއީ ދެކޮޅުޖެހޭ ކަމެއްތޯ؟ ޢަޅުގަނޑަށް މިފެންނަނީ، މިއުޅޭ ގޭންގުތައް ފުލުހުން ކުރިމަތީ ބޭނުން އެއްޗެއްކިޔާ، ބޭނުން ގޮތެއް ހަދާފަ ދާއިރުވެސް، ކަމެއްކުރަން ނުކެރޭ ތާނގައި ޗުއްޕުވެސް ނުބުނެ ބިރުން ހައްޕު ކިޔައިގެން ތިބޭތަން.
ހަސަނު
23 January 2023
އަންނަނީ އަންނަނީ އަންނަނީ...
ތެފައާސާ.
23 January 2023
ރަށަށް ދާން ކުރިއާލާ ބުކްކުރެވޭގޮތަށް ހެދުން އެއީ ވަރަށް ރަގަޅު ކަމެއް. އަދި ބުކިންގ ހަދައިދޭއިރު ދަތުރުދާން ދުވާލަކަށް ވަކި ވަރަކަށް ހުއްދަދިނުން ރަގަޅުކަމަށް ފެނޭ. އެހެން ނޫނީ ތަން އޯވާރ-ކްރައުޑް ވެ ބައިބޯވެ ތަނުން ލިބެންވާ ހިތްހަމަޖެހުން ދަތުރުދާ އެއްވެސް ބަޔަކަށް ނުލިބިދާނެ. ޝުކުރިއްޔާ
ސަަި
23 January 2023
ދެން އަަންނަނީ އަންނަނީ ހުޅުވަނީ ހުޅުވަނީ އޭ ބުނީމަ މައްސަލައަކަށްވާނީ. މާ ގިނަ ތާރީހް ނުދީ ހުަޅުވޭވަރުވީމަ ހުޅުވަބަލަ.
ރަންނަ
23 January 2023
އަންނަނީ އަންނަނީ އަންނަނީ