ޕިކްނިކް އައިލެންޑް، ކުޑަގިރިއަށް ދާން ކުރިއާލައި ބުކިން ހަދަންޖެހޭ ގޮތަށް އޮތް އޮތުން އުވާލައި ފެރީ ފުރާ ގަޑީގައި ކޮންމެ މީހަކަށް ވެސް ދެވޭ ގޮތަށް ހަމަޖައްސައިފި އެވެ.
މިގޮތަށް ހަމަޖެއްސިޔަސް އެ ރަށުން އަށި ފަދަ ތަންތަން ނަގަން، ކުޑަގިރި އެޕްލިކޭޝަނުން ބުކިން ހަދަން ޖެހޭނެ އެވެ.
ފެންވަރު ރަނގަޅު ރޫމްތަކެއް ވެސް ހަދާފައިވާ އެ ރަށުން މިހާރު ވަނީ ރޫމްތައް ވެސް ދޫކުރަން ފަށައިފަ އެވެ. ރޫމް ވެސް ޖެހޭނީ އެޕްލިކޭޝަން މެދުވެރިކޮށް ބުކް ކުރާށެވެ.
މި މަހު ރަށް ހުޅުވާލި އިރު ޖެހެނީ ރަށަށް ދާ އެންމެންގެ މައުލޫމާތު އެޕްލިކޭޝަން މެދުވެރިކޮށް ދޭށެވެ.
މާލެއާ ކައިރި ފަޅެއް ހިއްކައިގެން ހެދި ރަށް ހުޅުވީ މި މަހުގެ 11ގައި އެވެ. އެ ރަށަަށް ދިއުމަށް ފުރަތަމަ 300 މީހުންގެ ބުކިންއަށް ހުޅުވާލި 10 ވަނަ ދުވަހުގެ ހަވީރު އެވެ. ދެ ގަޑިއިރުގެ ތެރޭގައި ހުރިހާ ޖާގައެއް ފުރުނެވެ. ދުވާލަކު 500-600 މީހުންނަށް އެ ރަށުން ހިދުމަތް ދެވެ އެވެ.
ކުޑަގިރީގައި 13 ހަޓު ހުންނައިރު، އެ ތަންތަން ވެސް އެޕާއި ވެބްސައިޓް މެދުވެރިކޮށް ބުކް ކުރެވޭނެ އެވެ. ކުޑަ ހަޓެއް މުޅި ދުވަހަށް ބުކް ކުރެވޭނީ 500ރ. އަށެވެ. އަދި ބޮޑު ހަޓެއް 1،200ރ. އަށެވެ. ހަޓުން ކަރަންޓު ލިބޭނެ އެވެ. އަދި ކައްކަން ބޭނުންވާ ގޭހާއި އުނދުން ވެސް ލިބޭނެ އެވެ.
ދިވެހިންނަށް ކަނޑައަޅާފައިވާ އަގުތައް
● ބަންދު ދުވަސްތަކުގައި ކުޑަގިރި އަށް އެރުމާއި ފެރީ ހިލޭ.
● ބަންދު ނޫން ދުވަސްތަކުގައި ކުޑަގިރިއަށް އެރުމަށް 50ރ. އަދި ފެރީއަށް 50ރ.
● ދެ އަހަރުން ދަށުގެ ކުދިންނާއި 65 އަހަރުން މަތީގެ މީހުންނަށް ކޮންމެ ދުވަހަކު ވެސް ހިލޭ.
● ބަންދު ނޫން ދުވަސްތަކުގައި 2-11 އަހަރުގެ ކުދިންނަށް 25ރ. ގެ ފީއެއް.
މާލެއިން އެ ރަށަށް ލޯންޗުގައި 15 މިނެޓުން ދެވޭނެ އެވެ. މާލެ އާއި ހުޅުމާލެއިން ވެސް އެ ރަށަށް ދެވޭނެ އިންތިޒާމު ވަނީ ހަމަޖައްސައިފަ އެވެ.