05 ފެބުރުއަރީ 2023 - 10:52
ޕެރިސް (ފެބްރުއަރީ 5) - ފްރާންސް ލީގު އެއް ވަނައިގައި އޮތް ޕީއެސްޖީން ރޭ ފަހަތުން އަރައި 2-1 އިން ތޫލޫސް ބަލިކޮށްފި އެވެ.
މެޗުގެ 20 ވަނަ މިނިޓުގައި ތޫލޫސް އިން ލީޑު ނެގީ ބްރެންކޯ ވެން ޑި ބޫމެން ކާމިޔާބު ކޮށްދިން ގޯލުންނެވެ. ނަމަވެސް ފުރަތަމަ ހާފު ނިމެން ހަތް މިނިޓަށް ވެފައި ވަނިކޮށް އަޝްރަފް ހަކީމީ ކާމިޔާބު ކުރި ގޯލުން ޕީއެސްޖީން ނަތީޖާ އެއްވަރު ކުރި އެވެ.
ޕީއެސްޖީ މޮޅުވި ލަނޑު 58 ވަނަ މިނިޓުގައި ޖަހައިދިނީ ލިއޮނެލް މެސީ އެވެ. އޭނާ މި ލަނޑު ޖެހީ ހަކީމީ ތަނަވަސް ކުރި ފުރުސަތެއްގަ އެވެ.
ރޭގެ މެޗުގައި އަނިޔާގެ ސަބަބުން ކިލިއަން އެމްބާޕޭ އާއި ނޭމާ ކުޅެފައެއް ނުވެ އެވެ. ދެ ކުޅުންތެރިން ނެތި ޕީއެސްޖީ މޮޅު ކޮށްދޭން މެސީ ކާމިޔާބުކުރި ލަނޑަކީ ލީގުގައި މިހާތަނަށް އޭނާ މި ސީޒަނުގައި ޖެހި 10 ވަނަ ގޯލެވެ. އަދި މި ސީޒަން ގައި އޭނާ ވަނީ 15 ގޯލު ހަމަކޮށްފަ އެވެ.
މި މޮޅާ އެކު ޕީއެސްޖީ ވަނީ 22 މެޗުން 54 ޕޮއިންޓް ހަމަކޮށްފަ އެވެ. އެއް މެޗު މަދުން ކުޅެގެން ދެ ވަނައިގައި އޮތް މާސޭ އަށް ލިބެނީ 46 ޕޮއިންޓެވެ. އަދި ތިން ވަނައިގައި އޮތީ އެއް މެޗު މަދުން ކުޅެގެން 45 ޕޮއިންޓް ހޯދާފައިވާ ލެންސް އެވެ.
ދެ ވަނައިގައި އޮތް މާސޭ މިރޭ ނީސް އާ ދެކޮޅަށް ކުޅުމަށް ފަހު، ބުދަ ދުވަހުގެ ރޭ ފްރެންޗް ކަޕްގެ ގަދަ 16 ގައި، އަމިއްލަ ދަނޑުގައި ޕީއެސްޖީއާ ދެކޮޅަށް ކުޅޭނެ އެވެ.
އަނިޔާގެ ސަބަބުން މާސޭ އާ ދެކޮޅަށް ކުޅޭ މެޗާއި، އަންނަ ހަފްތާ ޗެމްޕިއަންސް ލީގު ގަދަ 16 ގައި ބެޔާން މިއުނިކާ ދެކޮޅަށް ކުޅޭ ފުރަތަމަ ލެގުގައި ވެސް އެމްބާޕޭ ނުފެންނާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy