10 ފެބުރުއަރީ 2023 - 09:55
ފައިނަލުގައި ކަލާފަން ސްކޫލްގެ މައްޗަށް 2-1 ގެ ނަތީޖާއަކުން ކުރި ހޯދައި، އިންޓަ ސްކޫލް 17 އަހަރުން ދަށުގެ މުބާރާތުގެ ޗެމްޕިއަންކަން ރެހެންދި ސްކޫލް ހޯދައިފި އެވެ.
ގައުމީ ފުޓްބޯޅަ ދަނޑުގައި ރޭ ކުޅުނު ފައިނަލު މެޗުގައި ފުރަތަމަ ލީޑް ނެގީ ކާލާފާނުންނެވެ. އެ ޓީމުގެ ލަނޑު 18 ވަނަ މިނެޓްގައި ޖެހީ މުހައްމަދު މީކާއީލް އަބްދުﷲ މަސްއޫދެވެ.
ފުރަތަމަ ހާފު ނިމުމުގެ ކުރިން ރެހެންދި ޓީމުން ނަތީޖާ ހަމަހަމަ ކުރި އެވެ. މެޗުގެ 35 ވަނަ މިނެޓްގައި އެ ޓީމުގެ ލަނޑު ޖަހައި ދިނީ ޝާއިން އިބްރާހިމް ރަމީޒެވެ.
ރެހެންދި މެޗުން މޮޅުކޮށް ދިން ލަނޑު އަބްދުﷲ އައްވަލް މައުރޫފް ޖެހީ ދެވަނަ ހާފުގެ ކުރީ ކޮޅުގަ އެވެ.
މުބާރާތުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ރެހެންދި ޓީމުގެ އަހުމަދު އަކުމަލް ނިޒާމެވެ. އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ އެވޯޑް ހޯދީ ޣާޒީ ސްކޫލްގެ އަހުމަދު އަޒްލާން އަލީ އަށެވެ. އޭނާ ވަނީ 12 ލަނޑު ޖަހައިފަ އެވެ. މުބާރާތުގެ ފެއާ ޕްލޭ ޓީމަކީ ދަރުމަވަންތަ އެވެ.
ކަލާފާން ފައިނަލަށް ދިޔައީ ހޫނުވި މެޗުގައި ކ. ގުރައިދޫ ސްކޫލް ބަލި ކުރުމަށް ފަހު އެވެ. އެ މެޗުގައި މައްސަލަ ހޫނުވީ ރެފްރީގެ ނިންމުންތަކާ މެދު ހިތްހަމަނުޖެހި ގުރައިދޫ ސްކޫލްގެ ބައެއް ކުޅުންތެރިންނާއި އޮފިޝަލުން އަދި ސަޕޯޓަރުން ރެފްރީ އާ ދިމާ ކުރުމުންނެވެ. ރެފްރީ ފަހަތުން ދުވެ މާރާމާރީ ހިންގި އެވެ.
އެ ހަމަނުޖެހުމާ ގުޅިގެން މައްސަލަ ބެލުމަށް ފަހު އެފްއޭއެމުން ވަނީ ގުރައިދޫ ސްކޫލްގެ އެ ޓީމު އެއް އަހަރަށް އެފްއޭއެމުން ރާވާ އެއް ވެސް މުބާރާތެއްގައި ވާދަ ނުކުރެވޭ ގޮތަށް ސަސްޕެންޑްކޮށްފަ އެވެ. އަދި އެ ޓީމުގެ ތިން ކުޅުންތެރިޔަކު ދެ އަހަރަށް ސަސްޕެންޑް ކުރި އެވެ. ގުރައިދޫ ސްކޫލުން އެފްއޭއެމްގެ އެއް ވެސް މުބާރާތެއްގައި ދެން ކުޅޭ 10 މެޗު ކުޅެން ޖެހެނީ ސަޕޯޓަރުން ނެތި ކަމަށް ވެސް އެފްއޭއެމުން އެންގި އެވެ.
ރެހެންދި ފައިނަލަށް ދަތުރު ކުރީ އިމާދުއްދީން ސްކޫލް ބަލި ކުރުމަށް ފަހު އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢެމް ބީ އޭ
10 February 2023
ކަލާފާނު ސުކޫލް ގަ ސާކިރު ސޯރ ހުތިހާ ހިނދަކު ލިޔަކަހަލަ ހުރިހާ ކަމެއް ކުރާނެ
ހައލު
10 February 2023
ނަސީބެއ ތީކީ ކަލާފާނު ބަލި ވިކަން..ސެމީގައި ރެފްރީ ގަނެލާގެން މޮޅުވީ .ކަލާފާނު ސުކޫލަށް ހުންނާނީ ރާކަނި މަސް ކެވިފަ ??