އެންމެ ފަހުން ބޭއްވި ސާފް ޗެމްޕިއަންޝިޕް ކާމިޔާބު ކުރުމަށް ފަހު އިންޑިއާއިން އެ މުބާރާތުގެ ތަށި އުފުލަލަނީ: މި އަހަރުގެ ސާފް ޗެމްޕިއަންޝިޕް އޮންނާނީ އިންޑިއާގައި --- ފައިލް ފޮޓޯ: ފަޔާޒު މޫސާ | މިހާރު
14 ފެބުރުއަރީ 2023 - 23:10
މި އަހަރުގެ ސާފް ޗެމްޕިއަންޝިޕް އިންޑިއާގައި ބޭއްވަން ސަރަހައްދީ ފުޓްބޯޅަ ޖަމިއްޔާއިން މިއަދު ނިންމައިފި އެވެ.
މުބާރާތް އިންޑިއާގައި އޮންނާނީ ޖޫން 20 ން ޖުލައި 3 އަށެވެ. އިންޑިއާގެ ފުޓްބޯޅަ ފެޑެރޭޝަނުން ބުނީ މުބާރާތް ބާއްވާނެ ސިޓީއެއް އަންނަ މަހު ކަނޑައަޅާނެ ކަމަށެވެ.
މި އަހަރުގެ މުބާރާތް ބާއްވަން ލަންކާއިން ވެސް ކުރިން ޝައުގުވެރިކަން ފާޅު ކުރި އެވެ. އެކަމަކު ލަންކާގެ ފުޓްބޯޅަ ފެޑެރޭޝަނަށް ސިޔާސީ ނުފޫޒު ފޯރުވުމުން ފީފާއިން މިދިޔަ މަހު އެ ގައުމުގެ ފުޓްބޯޅަ ސަސްޕެންޑް ކުރި އެވެ. ލަންކާ އަށް މުބާރާތުގައި ވާދަ ކުރެވޭނީ ވެސް ފީފާއިން ސަސްޕެންޝަން އުވައިލައިފިނަމަ އެވެ.
އިންޑިއާގައި މުބާރާތް ބާއްވާތީ، ޕާކިސްތާން މުބާރަތުގައި ބައިވެރި ވެދާނެ ކަމާ މެދު ސުވާލު އުފެދެ އެވެ. އިންޑިއާގައި އެންމެ ފަހުން ބޭއްވި ފަހަރު 2015 ގައި ވެސް ޕާކިސްތާން ބައިވެރިއެއް ނުވެ އެވެ. އެއީ އެ ދެ ގައުމުގެ ދެމެދުގައި ސިޔާސީ ގޮތުން ގުޅުން ގޯސް ވެފައިވުމުންނެވެ. އަދި އެ އަހަރު ޕާކިސްތާންގައި ބާއްވަން ހަމަޖެއްސި ސާކް ސަމިޓް ވެސް އިންޑިއާއިން ބޮއިކޮޓް ކުރުމުން ބޭއްވޭ ގޮތެއް ނުވި އެވެ. ނަމަވެސް 2021 ފެށިގެން ދެ ގައުމުގެ ގައުމީ ޓީމުތަކުން ވަނީ ކުޅިވަރުގެ އިވެންޓްތަކުގައި އެއް ގައުމު އަނެއް ގައުމަށް ދަތުރުކޮށް މުބާރާތްތަކުގައި ވާދަކުރަން ފަށައިފަ އެވެ.
އޮކްޓޯބަރު 2021ގައި ރާއްޖޭގައި ބޭއްވި ސާފް ޗެމްޕިއަންޝިޕްގައި ޕާކިސްތާން ބައިވެރި ނުވީ ފީފާގެ ސަސްޕެންޝަނުގައި އޮތުމުންނެވެ. އެ މުބާރާތުގައި ބޫޓާން ވެސް ވާދަ ނުކުރެ އެވެ. އެ ގައުމު ބައިވެރި ނުވީ ކޮވިޑް-19 އާ ގުޅިގެން އަޅައިފައިވާ ފިޔަވަޅުތަކުގެ ސަބަބުން ގައުމުން ބޭރަށް ދަތުރު ކުރުމުގެ ހުއްދަ ނުލިބުމުންނެވެ.
މި އަހަރު މުބާރާތުގައި ޕާކިސްތާން އަދި ބޫޓާން ވެސް ބައިވެރި ވާނެ ކަމަށް ބެލެވެ އެވެ. އެންމެ ފަހުގެ ޗެމްޕިއަން ޓީމަކީ އިންޑިއާ އެވެ. ރާއްޖޭގައި ބޭއްވި މުބާރާތުގެ ޗެމްޕިއަންކަން އިންޑިއާއިން ހޯދީ ފައިނަލުގައި ނޭޕާލް ބަލި ކުރުމަށް ފަހު އެވެ.
މި އަހަރުގެ މުބާރާތުގައި އިންޑިއާއިން ނެރޭނީ 23 އަހަރުން ދަށުގެ ޓީމު ކަމަށް އެ ގައުމުން ކުރިން އިއުލާން ކުރި އެވެ. މީގެ ކުރިން ދެފަހަރެއްގެ މަތިން އިންޑިއާއިން ވަނީ 23 އަހަރުން ދަށުގެ ޓީމު މުބާރާތަށް ނެރެފަ އެވެ. އެ ދެފަހަރު ވެސް ފައިނަލުގައި އެ ޓީމާ ދެކޮޅަށް ނުކުތީ ރާއްޖެ އެވެ. ބަންގަލަދޭޝްގައި 2009 ގައި ބޭއްވި ސާފް ޗެމްޕިއަންޝިޕްގެ ފައިނަލުގައި އިންޑިއާގެ ޒުވާން ޓީމު އަތުން ރާއްޖެ ބަލިވީ އެވެ. ހަމަ ބަންގްލަދޭޝްގައި 2018 ބޭއްވި މުބާރާތުގެ ފައިނަލުގައި އިންޑިއާގެ ޒުވާން ޓީމު ބަލިކޮށް ރާއްޖެއިން ޗެމްޕިއަންކަން ހޯދި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދސަދ×ދސޗ
15 February 2023
އިންޑިޔާއިން އަންޑަރ 19،16 ނެރުނަސް ދިވެހި ޓީމު ބަލިކުރާނެ ފަސޭހަ ކަމާއި އެކު..
އޮނަރަބްލް އަފީފު ދީދީ
15 February 2023
ސާފް ގޭމްސް ފުޓްބޯޅަ މުބާރާތާއި AFC ގެ މެޗްތަކާއި ވޯލްޑްކަޕް ކޮލުފުކޭޝަންގެ ބައެއްމެޗް ތަކުގެ އިތުރުން އެކުވެރިކަމުގެ ފުޓްބޯޅަ މެޗްތައް ކުޅެވޭ ފެންވަރަށް ހުޅުމާލެ، ހަނިމާދޫ އަދި އައްޑޫސިޓީގެ ސްޓޭޑިއަމް ތައްޔާރުކޮށް ކުޅިވަރުގެ ތެރެއިން ރާއްޖެއަށް އާމްދަނީއެއް އިތުރު ކުރެވޭނެ މަގު ހުޅުވަންޖެހޭ. # މިފަދަ ވަސީލަތް ޤާއިމް ކުރުމަށް FIFA އާއި އޭއެފްސީގެ އިތުރަށް ވޯލްޑްކަޕް މުބާރާތާއި އޭއެފްސީ މުބާރާތް ބޭއްވުމަށްއެދޭ ޤައުމުތަކުގެ އެހީތެރިކަން ހޯދިދާނެ.
ކޮބާ
15 February 2023
ކޮބާ އެއްކަލަ އެފް.އޭ.އެމް. ހޭލާނެބާ؟
ސުހާނާ
15 February 2023
މިއީ އިންޑިއާއިން 23 އަހަރުން ދަށުގެ ޓީމެއްނެރެ ރާއްޖެ ޗެމްޕިއަންކަން ދޭން ރޭވި ގޭމްސް އަކާވައްތަރީ، އިލެކްޝަން އޮތީމަ އެޑްވާންޓޭޖް އެއް ނަގަން އުޅޭހެން ހީވަނީ، 12 އަހަރުން ދަށުގެ ޓީމެއްވެސް އެރުވުން އެކަށީގެންވޭ، ސބަބަކީ މިއީ އިންޑިއާ މާޝައުގުވެރިވާ ކުޅިވަރެއްނުން ވީމަ، ޗެމްޕިއަންކަން ހޯދާނީ ރާއްޖެ.