"ވާވޭ ވޮޗް ބަޑްސް" ގެ ޕޯސްޓަރެއް
19 ފެބުރުއަރީ 2023 - 06:01
ވާވޭ ކުންފުނިން ވަޔަލެސް އިއާބަޑްސްއާ އެކު އަތުކުރި ގަޑިއެއް ތައާރަފްކޮށްފި އެވެ.
"ވާވޭ ވޮޗް ބަޑްސް" ގައި އިން-ބިލްޓް އިއާޕޮޑްސް އިންނާނެ އެވެ.
އާންމުކޮށް ތަންތަނަށް ދާއިރު، އިއާބަޑް ނުވަތަ އެއާޕޮޑް ގެންދަން ހަނދާންނެތޭ މީހުންނަށް، މި ގަޑިއަކީ ހައްލަކަށް ވާނެ އެވެ.
ވާވޭ ވޮޗް ބަޑްސް: ސްމާޓް ވޮޗްގެ ސްކްރީން ހިއްލާލުމުން އަޑީގައި ދެ އިއާބަޑް
އާދައިގެ ގަޑިއެއްގެ ޑިޒައިނަށް ހަދާފައިވާ މި ގަޑިއަކީ 1.43 އިންޗި "އޭމޯލްޑް" ސްކްރީނަކާ އެކު، ހުޅުވާލުމުން އެތެރޭގައި ވާވޭ އިއާބަޑްސް އިންނަ ގަޑިއެކެވެ.
އެ ގަޑީގެ ފީޗާތަކުގެ ތެރޭގައި، ހާޓް ރޭޓް އަދި ނިދި މޮނިޓަކުރުމާއި އޮކްސިޖަން ލެވެލް ބެލުމާއި ފިޓްނެސް ޓްރެކް ކުރުން ފާހަގަކޮށްލެވެ އެވެ. ފެން ނުވަންނަ މި ގަޑީގެ ވާވޭ ހެލްތު އެޕް މެދުވެރިކޮށް، އެންޑްރޮއިޑް އަދި އައިއޯއެސްގެ ޑިވައިސްތަކަށް ގުޅާލެވޭނެ އެވެ.
ވާވޭ ވޮޗް ބަޑްސް: ސްމާޓު ވޮޗެއް ނަމަވެސް، ގަޑި ޑިޒައިންކޮށްފައި ހުންނަނީ އާދައިގެ ގަޑިއެއް ގޮތަށް
ހަތަރު ގްރާމުގެ ބަރުދަން ހުންނަ އިއާބަޑުތަކުގައި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ނޮއިސް ކެންސަލޭޝަން ފީޗާގެ އިތުރުން، ވައިގެ އަޑު މަޑުކޮށްދޭ ފީޗާއެއް ހިމެނެ އެވެ. އެކަމަކު، ނޮއިސް ކެންސަލޭޝަން ޖައްސައިގެން އިއާބަޑްސްގެ ޗާޖު ހިފަހައްޓަނީ ތިން ގަޑިއިރަށެވެ. އަދި ގަޑީގެ ޗާޖު ތިން ދުވަހަށް ހިފަހައްޓާނެ ކަމަށް ވާވޭ އިން ބުނެ އެވެ.
ގަޑިއާ އެކު ލިބޭ ހަތަރު ގްރާމުގެ ދެ އިއާބަޑުގައި އޭއައި ނޮއިސް ކެންސަލޭޝަން ފީޗާ ހިމެނޭ
"ވާވޭ ވޮޗް ބަޑްސް" އަންނަ މަހު މާކެޓަށް ނެރެން ހަމަޖެހިފާ ވާއިރު، ފުރަތަމަ ލޯންޗު ކުރަނީ ޔޫރަޕްގެ ގައުމުތަކަށެވެ. ރާއްޖެ ހިމެނޭ ސަރަހައްދަށް އަންނާނެ ވަކި ތާރީހެއް އަދި އެ ކުންފުނިން އިއުލާނެއް ނުކުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy