23 ފެބުރުއަރީ 2023 - 09:52
މާލޭގައި މިއަދު ފަށާ، އިންޓަނޭޝަނަލް ވޮލީބޯޅަ މުބާރަތަކީ، ގައުމީ ޓީމުގައި އޭނާގެ ފަހު މުބާރާތަށް ވެދާނެ ކަމަށް ގައުމީ ފިރިހެން ޓީމުގެ ކެޕްޓަން އަލީ ހުޒާމް (ހުޒާންޓޭ) ބުނެފި އެވެ.
ހަތަރު ގައުމަކުން ވާދަކުރާ މުބާރާތުގައި ގައުމީ ފިރިހެން ޓީމުން ކުޅޭ ފުރަތަމަ މެޗުގައި މިރޭ ނުކުންނާނީ މެލޭޝިއާ އާ ދެކޮޅަށެވެ. އަންހެން އަދި ފިރިހެން އެކުއެކީގައި ކުރިއަށްގެންދާ މުބާރާތުގައި މިއަދު ހަވީރު އަންހެން ޓީމުން ވެސް ނުކުންނާނީ މެލޭޝިއާގެ އަންހެން ޓީމާ ދެކޮޅަށެވެ. މުބާރާތުގައި ދެން ހިމެނެނީ ސިންގަޕޫރާއި އަފްގާނިސްތާނެވެ.
މަޝްހޫރު އަހްމަދު އަބްދުލް ކަރީމް (ލޯންގޭ) ގައުމީ ޓީމަށް ކުޅުން ހުއްޓާލުމުން ގައުމީ ކެޕްޓަން ބޭންޑް ލިބުނު ހުޒާމް ބުނީ ދިރިއުޅުމުގެ ހާލަތު މިވަގުތު ހުރި ގޮތުން ކުރިން ވެސް ވިސްނައިގެން ހުރި މި އަހަރު ތެރޭ ކުޅުން ހުއްޓާލުމަށް ކަމަށެވެ.
އިންޓަ ސްކޫލް މުބާރާތުގެ ތަށިތައް ވ. އަތޮޅު ތައުލީމީ މަރުކަޒަށް ހޯދައިދީ ގައުމީ ޓީމުގެ ދޮރު 2012 ގައި ހުޅުވި ހުޒާމް ބުނީ މި މުބާރާތް ރާއްޖެ އަށް ކާމިޔާބުކޮށް ދިނުމަކީ އޭނާގެ ވަރަށް ބޮޑު އުންމީދެއް ކަމަށެވެ.
"މި ވެދާނެ ގައުމީ ޓީމުން ފެންނާނެ ފަހު މުބާރާތް ކަމަށް ވެސް. މިވަގުތު އަމިއްލަ ދިރިއުޅުމަށް ވަގުތު ހުސްކުރުމުގެ ގޮތުން ގައުމީ ޓީމަށް ކުޅުން ހުއްޓާލުމުގެ ވިސްނުމެއްގައި މިހުރީ. އަދި މުޅިން ފައިނަލް ޑެސިޝަނެއް ނުނަގަން،" ދެ އަހަރުވީ ކައިވެންޏަށް އަލަތު ދަރިފުޅު ލިބެން ތައްޔާރުވެގެން ހުރި ހުޒާމް ބުންޏެވެ.
އިންޑޯ ވޮލީން އަދި ރާއްޖެ އަށް ރަން މެޑައްޔެއް ނުލިބެ އެވެ. އެ ފަޅުކަން ފިލުވާލުމަށް ކުޅުންތެރިން ވެސް ތިބީ ރަން ކާމިޔާބެއްގެ އުންމީދުގައި ކަމަށް ހުޒާމް ބުންޏެވެ.
"ރާއްޖޭގައި ކުޅޭ މުބާރަތަކުން ރަން މެޑަލް ހޯދުމަކީ ބޮޑު ހިތްހަމަޖެހުމަކަށް ވާނެ،" ހުޒާމް ބުންޏެވެ.
"އެ ޖޯޝުގައި ހުރިހާ ކުޅުންތެރިން ވެސް ތިބީ."
މިދިޔަ އަހަރު ޑޮމެސްޓިކް ތިން މުބާރާތް ސްޕޯޓްސް ކްލަބް ސިޓީ އަށް ހޯދައި ދިނުމުގައި މުހިންމު ދައުރެއް އަދާ ކުރި ހުޒާމް ބުނީ މިދިޔަ އަހަރަކީ އޭނާގެ ކެރިއާގައި އެންމެ ރަނގަޅަށް ކުޅެވުނު ސީޒަން ކަމަަށެވެ.
ކުރިއަށް އޮތް މުބާރާތަކީ ގައުމީ ޓީމަށް މިދިޔަ އަހަރުގެ މާޗް މަހު ހަމަޖެއްސި ބްރެޒިލްގެ ސާޖިއޯ ވެލޯސާ، ރާއްޖޭގެ ކޯޗު ކަމުގައި ކުރިމަތިލާ އެންމެ ފުރަތަމަ މުބާރާތެވެ. މިދިޔަ އަހަރެއް ހާ ދުވަހު އޭނާ ވަނީ ގައުމީ ޓީމާ އެކު ޕްރެކްޓިސްތަކެއް ކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖައުބެ
23 February 2023
މިހާރުވެސް ވޮލީ ކުޅޭތަ؟ ރިޔާ މެން އެސޯސިއޭޝަން ހިންގި ދުވަސްވަރު ކުޅޭކަން އެގޭ. މުބާރާތް ބާއްވާކަން އެގޭ. ކުޅުންތެރިންނާއި ކޯޗުންނާއި ރެފްރީންވެސް އުފަލުން އުޅޭތަން. މިހާރު ފެންނަނީ ރައީސަށާއި މެޑަމް އާއި މިނިސްޓަރަށް ޖޯޒީ ހަވާލުކުރާތަން.
ރަދީފްއޮފިޝަލް
23 February 2023
އެންމެ ސެޓެއް ހޯދުނަސް އެއީ ކާމިޔާބީއެއް.ގުޑް ލަކް.(މި މިބުބާތުގެ ޝެޑިއުލް ކޮބާ؟؟ އެއްވެސް ޓީވީ ޗެނަލަކުން މެޗްތައް ލައިވް ކުރޭތަ؟؟) ވ.ވެދުން
މޯޓިވޭޝަނަލް ކާށި ގޯނި ގެންދިޔަ
23 February 2023
އަފީފު ގެންދިޔައެއްނު ޖޯޒީ ހަވާލު ކުރަން. ރަނާ ރިއްސާ އެއްކޮށް ލިބޭނެ.