ހަނިމާދޫ އެއާޕޯޓް: މިއީ ރީޖަނަލް އެއާޕޯޓުން ހިންގަމުން އަންނަ އެއާޕޯޓެއް-- ފައިލް ފޮޓޯ: މިހާރު
23 ފެބުރުއަރީ 2023 - 13:43
ރީޖަނަލް އެއާޕޯޓްސް އިން ހިންގާ ހަ އެއާޕޯޓުގެ ގްރައުންޑް ހޭންޑްލިން ފީ ބޮޑު ކުރަން ނިންމައިފި އެވެ.
އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޒްވީ ވިދާޅުވީ، އެ ކުންފުނިން ހިންގާ އެއާޕޯޓުތަކުގެ ގްރައުންޑް ހޭންޑްލިން ފީ ބޮޑު ކުރަން ނިންމީ، މިހާރު ކަނޑައަޅާފައި ހުރި ރޭޓުތަކަކީ 15 އަހަރު ކުރީގެ ރޭޓުތަކަށް ވާތީ، މިހާރަށް އެކަށީގެންވާ ފީތަކަކަށް ބަދަލު ކުރުމުގެ ބޭނުމުގައި ކަމަށެވެ. އަދި އެ ކުންފުނީގެ އާމްދަނީ އިތުރު ކުރުމަށް މިއީ ކުރާ ވަރަށް މުހިއްމު ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
"އެކަމާ ގުޅޭ އިންޓާނަލް މަޝްވަރާތައް އަންނަނީ ކުރަމުން،" އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، މިހާރު ހުރި ރޭޓުތަކަށް ވުރެ އެންމެ ބޮޑުވެގެން ވެސް ފީއަށް އިތުރު ކުރާނީ 10 ޕަސެންޓް ކަމަށެވެ. ފީތައް ބޮޑު ކުރާނެ އިރެއް އެ ކުންފުނިން އަދި ހާމައެއް ނުކުރެ އެވެ. އެހެން ނަމަވެސް ކުރިއަށް އޮތް ދެތިން މަސް ތެރޭގައި އާ ރޭޓުތަކުގައި ގްރައުންޑް ހޭންޑްލިން ފީ ނަގާނެ ކަމަށް މައުލޫމާތު ލިބިފައިވެ އެވެ.
ގްރައުންޑް ހޭންޑްލިން ފީ އަކީ އެ އެއާޕޯޓަށް ޖައްސާ ކޮންމެ ބޯޓަކުން ނަގާ ފީ އެވެ. އެ ފީ ނަގަނީ ބޯޓު ނައްޓާލާ އިރު އާއި ޖައްސާ އިރު އެ ދޭ ރޭމްޕް ހިދުމަތްތަކާއި މާޝަލް ކުރުމުގެ ހިދުމަތްތަކަށެވެ.
ރީޖަނަލް އެއާޕޯޓުން މި ވަގުތު ހިންގަމުން އަންނަނީ ހޯރަފުށި އެއާޕޯޓާއި ހަނިމާދޫ އެއާޕޯޓާއި ކުޅުދުއްފުށި އެއާޕޯޓާއި ފުނަދޫ އެއާޕޯޓާއި މާވަރުލު އެއާޕޯޓާއި ފުވައްމުލަކު އެއާޕޯޓެވެ.
ރީޖަނަލް އެއާޕޯޓުން ހިންގާ އެއާޕޯޓުތަކުގެ އިތުރުން ވިލާ ގްރޫޕުން ހިންގާ ކާޑެއްދޫ އެއާޕޯޓުގެ ގްރައުންޑް ހޭންޑްލިން ފީ ވެސް ވަނީ މިދިޔަ ޖެނުއަރީ މަހުން ފެށިގެން ބޮޑު ކޮށްފަ އެވެ. އެނގިފައިވާ ގޮތުގައި ކާޑެއްދޫ އެއާޕޯޓުން ކުރިން ނެގި ފީއަށް ވުރެ ގާތްގަނޑަކަށް 400 ޕަސެންޓު ބޮޑު ފީ މިހާރު އެއާލައިނުތަކުން ދައްކަން ޖެހެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކޮރަލް
24 February 2023
ގްރައުންޑް ހޭންޑްލިން ފީ ބޮޑުކުރުމާ ގުޅިގެން ޓިކެޓް އަގު ބޮޑުވަނީ އެވެ.
ސަސި.
23 February 2023
ސަޅި އިނގޭ، ދެން އެއަރ ލައިންތަކުން ޓިކެޓް އަގު ބޮޑުކުރީމަ ހުންނާނީ ވަށާޖެހިފަ
އެމްސް
23 February 2023
އެއާލައިންތަކުގެ ޓިކެޓްތައް އަގުބޮޑުކުރާނެ ގޮތެއް ވިސްނީ!