ދުނިޔެ / ފަލަސްތީން

ނާބުލްސްގައި ފަލަސްތީނުގެ 11 މީހަކު ޝަހީދުކޮށްލައިފި

23 ފެބުރުއަރީ 2023 - 13:40

2 comments

އިޒްރޭލުން އަޅުވެތިކޮށްފައިވާ ފަލަސްތީނުގެ ހުޅަނގު އައްސޭރީގެ ނާބުލްސް އަށް އިޒްރޭލު ސިފައިން އިއްޔެ ވަދެގަނެ ދިން އުދުވާނީ ހަމަލާތަކުގައި، ފަލަސްތީނުގެ 11 މީހަކު ޝަހީދުކޮށްލައި 100 އަށް ވުރެ ގިނަ މީހުން ޒަޚަމްކޮށްލައިފި އެވެ.

ފަލަސްތީނު ސަރުކާރުން ބުނި ގޮތުގައި އިޒްރޭލުގެ އިސްތިއުމާރީ ސިފައިން އިއްޔެ ދިން އުދުވާނީ ހަމަލާތަކުގައި ޝަހީދުވި މީހުންގެ ތެރޭގައި ކުޑަކުއްޖަކާއި ދެ މުސްކުޅިން ވެސް ހިމެނެ އެވެ. ޝަހީދުވި އަނެއް އަށް މީހުންނަކީ އުމުރުން 30 އަހަރަށް ވުރެ ހަގު ޒުވާނުންނެވެ.

ފަލަސްތީނުގެ ހަނގުރާމަވެރިން ހައްޔަރުކުރުމުގެ ނަމުގައި އިޒްރޭލު ސިފައިން ނާބުލްސް އަށް ވަދެގަތީ އިއްޔެ ހެނދުނު އެވެ. އިޒްރޭލު ސިފައިން އެ އަވަށަށް ވަނުމާއެކު، ފަލަސްތީނުގެ ޒުވާނުން ގަލުންނާއި ލަކުޑިބުރި ފަދަ ތަކެތިން، އިޒްރޭލުގެ އަސްކަރީ އުޅަނދުތަކަށް ހަމަލާ ދޭން ފެށި އެވެ.

އޭގެ ބަދަލުގައި އިޒްރޭލު ސިފައިން ދިން ބަޑީގެ ހަމަލާތަކުގައި އަސްލު ވަޒަން އެރުމުގެ ސަބަބުން ފަލަސްތީނުގެ 82 މީހަކު ޒަޚަމްވި އެވެ. އޭގެ ތެރެއިން ހަ މީހެއްގެ ހާލު ވަރަށް ސީރިއަސް ކަމަށް ފަލަސްތީނުގެ ސިއްހީ ވުޒާރާ އިން ބުނެ އެވެ. އޭގެ އިތުރުން އިޒްރޭލު ސިފައިން ކަރުނަ ގޭސް ޖެހުމުގެ ސަބަބުން ނޭވާ ހާސްވެގެން ވެސް ބައެއް މީހުން ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދޭން ޖެހުނެވެ.

އިޒްރޭލު ސިފައިން އަސްލު ވަޒަން ބޭނުންކޮށްގެން ބަޑި ޖަހަން ފެށުމާ ގުޅިގެން، ފަލަސްތީނުގެ ހަނގުރާމަވެރި ޖަމާއަތެއް ކަމަށްވާ އަރީނުލް އުސޫދު (ލަޔަންސް ޑެން)ގެ ހަނގުރާމަވެރިން ވެސް އިޒްރޭލު ސިފައިންނަށް ބަޑިން ހަމަލާ ދޭން ފެށި އެވެ.

އިޒްރޭލު ސިފައިން ނާބުލްސް އަށް އަރައިގަތުމުގެ ކުރިން، އެންމެ ފުރަތަމަ އެ އަވަށަށް އިއްޔެ ހެނދުނު ވަންނަން ފެށީ، އިޒްރޭލުގެ ސިއްރު ސިފައިންގެ ގުރޫޕްތަކެވެ. އޮޅާލާފައި އޮތް ދޫލަތަކެއްގެ އަޑީގައި ހަތިޔާރު ފޮރުވައިގެން ތިބެ އާދައިގެ ހެދުމުގައި އެ ގުރޫޕްތައް ނާބުލްސް އަށް ވަދެ، އެކި ސަރަހައްދުތަކުގައި ހަރަކާތްތެރިވަމުން ގެންދިޔަ މަންޒަރު، ސޯޝަލް މީޑިއާގައި ވަނީ އާންމުވެފަ އެވެ.

އެ ގުރޫޕްތަކުގެ މަސައްކަތަކަށް ވީ، އިޒްރޭލު ސަރުކާރުން ހައްޔަރު ކުރަން ނުވަތަ މަރައިލަން ނިންމި ހަނގުރާމަވެރިންގެ ތެރެއިން ދެ މީހަކު ތިބި ތަނެއް ހޯދައި ކަށަވަރު ކުރުމެވެ. އެމީހުން ފޯރުކޮށްދިން މައުލޫމާތަށް ބިނާކޮށް، އަސްކަރީ ޖިޕުތަކުގައި އިޒްރޭލުގެ ޚާއްސަ ފައުޖުގެ ސިފައިން ނާބުލްސް އަށް އެރުމަށް ފަހު، އެ އަވަށަށް ވަދެވެން ހުރި ހުރިހާ މަގުތަކެއް ބަންދުކުރި އެވެ.

އެއަށް ފަހު، އިޒްރޭލު ސިފައިން ހައްޔަރު ކުރަން ބޭނުންވި ހަނގުރާމަވެރިން ތިބި އިމާރާތް ހިސޯރުކޮށް، އެ އިމާރާތުގެ އެތެރޭގައި އުޅުނު މީހުންގެ ތެރެއިން ދެ މީހެއްގެ ނަން ގޮވައި އެމީހުން އަމާން ދިނުމަށް ފަހު އިމާރާތުން ނުކުތުމަށް އެންގި އެވެ.

ވިޔަފާރި ސަރަހައްދެއްގައި ހުރި އެ އިމާރާތް ހިސޯރުކޮށް، އެންމެ ފަހުގެ އިންޒާރު ދިނުމަށް ފަހު އިޒްރޭލު ސިފައިން އެ އިމާރާތަށް ހަމަލާ ދޭން ފެށި އެވެ. އަދި އިޒްރޭލު ސިފައިން އެ ސަރަހައްދުން ފައްސައިލުމަށް އެ ސަރަހައްދަށް އެއްވި އާންމުންގެ ތެރެއަށް ވެސް، ގޮތެއްފޮތެއް ނުބަލައި ބަޑި ޖަހައި، އާންމުންގެ ތެރެއިން ނުވަ މީހަކު ޝަހީދުކޮށްލި އެވެ. އެ އިމާރާތަށް ދިން ހަމަލާތަކުގައި ހަނގުރާމަވެރިންގެ ތެރެއިން ޝަހީދުވީ އެންމެ ދެ މީހުންނެވެ.

އިޒްރޭލުގެ އަޅުވެތިކަމާ ދެކޮޅު ހަރަކާތްތައް، މިދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި އެންމެ އާންމުކޮށް ހިންގަމުން އައީ ހުޅަނގު އައްސޭރީގެ ނާބުލްސް އާއި ޖެނީން އަވަށުގަ އެވެ.

ނާބުލްސްގައި އިއްޔެ ހިންގި އުދުވާނަށް ރައްދު ދިނުމުގެ ގޮތުން ފަލަސްތީނުގެ ހަނގުރާމަވެރި ޖަމާއަތްތަކުން މިއަދު ފަތިހު ވަނީ، އިޒްރޭލަށް ރޮކެޓް ހަމަލާތަކެއް ދީފަ އެވެ. އިޒްރޭލުގެ ވައިގެ ދިފާއީ ނިޒާމު ބޭނުންކޮށް، އެންމެ ރޮކެޓެއް ފިޔަވައި ހުރިހާ ރޮކެޓްތަކެއް ގޮއްވާލާފައިވާތީ، އެ ހަމަލާތަކުގައި އިޒްރޭލުގެ އެއްވެސް މީހަކަށް އަދި ތަނަކަށް ވެސް ގެއްލުމެއް ނުލިބޭ ކަމަށް އިޒްރޭލުން ބުންޏެވެ.

އިޒްރޭލު ސިފައިން އިއްޔެ ހިންގި އުދުވާނުގެ އިތުރުން، ޔަހޫދީ ވަޒަންވެރިންނާއި އިޒްރޭލު ސިފައިން ގުޅިގެން އިއްޔެ ހިންގި އުދުވާނީ ހަރަކާތްތަކެއްގައި، ނާބުލްސްގެ ދެކުނުން އޮންނަ ފަލަސްތީނު މީހުންގެ ޒައިތޫނި ދަނޑެއް ވަނީ ހަލާކުކޮށްލައިފަ އެވެ. އިޒްރޭލު ސިފައިންގެ ބުލްޑޯޒަރުތައް އެ ދަނޑަށް ވަދެ، އެ ދަނޑުގައި ފޯދިފައި ހުރި 65 ޒައިތޫނި ގަސް މުލުން ލުހެލުމުން، ޔަހޫދީ ވަޒަންވެރިން ކީސްތައް ބޭނުންކޮށްގެން އެ ގަސްތައް ބުރިބުރިކޮށްލި އެވެ.

2 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ކެހެރި

23 February 2023

ޑިމޮކުރަސީ ތީ. އޭގެ ދަށުން އިޒުރޭލަށް ހުއްދަދީފައި ދުނިޔޭގެ އެއްވެސް ކޯޓަކުން ނުބެލޭގޮތަށް ހަދައިފައި. 74 އަހަރު ފާއިތުވީ.

The name is already taken The name is available. Register?

ޢަހުމަދުވަގާރު

25 February 2023

މުސްލިމުން މިސްކިތުގަ ބޮން ގޮއްވާ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454