މާލެ ލޯކަލް މާރުކޭޓް: ރޯދަމަހަށް ހާއްސަކޮށްގެން ހުޅުމާލެ ދެވަނަ ފިޔަވަހީގައި ވަގުތީ މާރުކޭޓެއް ހަދަން މާލޭ ސިޓީ ކައުންސިލުން ވަނީ ނިންމައިފައި -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
28 ފެބުރުއަރީ 2023 - 10:13
އަންނަ މަހު ފަށާ މި އަހަރުގެ ރޯދަ މަހަށް ހާއްސަ ކޮށްގެން ހުޅުމާލެ 2 ގައި ހަދާ ވަގުތީ މާރުކޭޓުގެ ގޮޅި ކުއްޔަށް ދޫކުރަން މާލޭ ސިޓީ ކައުންސިލުން އިއުލާން ކޮށްފި އެވެ.
ހުޅުމާލެ 2 ގައި 30،000 އަށް ވުރެ ގިނަ މީހުން ދިރިއުޅެމުން އަންނައިރު، ރޯދަމަހަށް އެ ސަރަހައްދުގައި ވަގުތީ މާރުކޭޓެއް ހެދުމަކީ މުހިންމު ކަމެއް ކަމަށް ކައުންސިލުން ދެކެ އެވެ.
އެ ކައުންސިލްގެ ސްޕޯކްސްޕާސަން މަރިޔަމް ޝިއުނާ "މިހާރު" އަށް ވިދާޅުވީ ހުޅުމާލެ 2 ގައި ހަދަނީ 30 ގޮޅީގެ މާރުކޭޓެއް ކަމަށެވެ.
ވަގުތީ މާރުކޭޓުން ގޮޅި ދޫކުރުމާ ބެހޭ އުސޫލުގައިވާ ގޮތުން އެ ތަންތަން ދޫކުރާނީ ހުޅުމާލޭގެ ރަށްވެހިންނަށާއި ހުޅުމާލޭގައި ދިރިއުޅޭ މީހުންނަށެވެ. ގޮޅި ކުއްޔަށް ދިނުމާއި އެހެން ފަރާތަކަށް މަންފާ ލިބޭ ގޮތަށް ދީގެން ގޮޅި ހިންގުމާއި ބިދޭސީންނާ ހަވާލުކޮށްގެން ގޮޅީގެ އެއްވެސް މަސައްކަތެއް ހިންގުމަކީ ހުއްދަ ކަމެއް ނޫން ކަމަށް ކައުންސިލްގެ އުސޫލުގައިވެ އެވެ.
ގޮޅިތައް ހިންގުމަށް ދީފައިވާ އުސޫލާ ހިލާފު ކަމެއް ކުރާ ނަމަ 200ރ. އާއި 500ރ. އާ ދެމެދު އަދަދަކުން އެ ގޮޅިއެއް ޖޫރިމަނާ ކުރާނެ ކަމަށް ވެސް ކައުންސިލުން ބުންޏެވެ. އެފަދަ ކަމެއް އަލުން ތަކުރާރު ވެއްޖެ ނަމަ އިތުރު ފުރުސަތެއް ދިނުމަކާ ނުލައި ގޮޅިން މުދާ ހުސްކުރުމަށް އަންގާ ގޮޅި ވަކި ކުރުމުގެ ނޯޓިސް ދޭނެ އެވެ.
ގޮޅި ދޫކުރުމަށް ހަމަޖެހިފައިވަނީ 50 ދުވަހުގެ މުއްދަތަށެވެ. ގޮޅިއަށް އެދެން ބޭނުންވާ މީހުން ފޯމު ހުށަހަޅަން ޖެހެނީ ހުޅުމާލޭގެ އަމީން އެވެނިއު މޭޕްލް ބިލްޑިންގްގެ އެއްވަނަ ފްލޯގައި ހުންނަ އެ ކައުންސިލްގެ ހުޅުމާލޭ ސެކްޝަނަށެވެ.
ވަގުތީ މާރުކޭޓް ގާއިމުކުރަނީ ހުޅުމާލޭގެ 2 ގެ ކޮން ސަރަހައްދެއްގައި ކަމެއް އަދި ނޭނގެ އެވެ.
މާލެ ސިޓީ ކައުންސިލުން މިދިޔަ އަހަރު ވެސް ރޯދަމަހަށް ހާއްސަކޮށްގެން މާލެ އާއި ވިލިމާލޭގައި ވަގުތީ މާރުކޭޓް ހުޅުވަން މަސައްކަތްކުރި އެވެ. ނަމަވެސް އެކި ސަބަބުތަކާ ހުރެ މިދިޔަ އަހަރު އެކަމެއް ނުވި އެވެ.
ކަލަންޑަރުގައިވާ ގޮތުން މި އަހަރުގެ ރޯދަމަސް ފެށޭނީ މި މަހުގެ 23 ގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނުވާނެ ތިކަމެއް
28 February 2023
ގަވާއިދެއް ހައްދަވާއިރު ، ގަވާއިދުގައި ތިން ހަތަރު "ބާގަޑު" ނުހުންނާނެ ގޮތަށް ، ގަވާއިދު ހައްދަވާ ދެއްވާ
ފޫހި
28 February 2023
މި މުއިއްޒުއަކީ ފައިސާ ހޯދަން މޮޔަވެފަހުންނަމީހެއް. މިތަންތަންވެސް ހަމަ ދޭނީ ބިދޭސީންނަށް. ނަމުގަ ދިވެއްސެއް. ގާނޫނެއް ގަވާއިދެއް ތަންފީޒެއްނުކުރެވޭނެ. މުއިއްޒު މިހަދާއެއްޗަކުން ހުވާ ކުދި ވިޔަފާރި ފުޑިއްޖެ. ފިހާރަ ތައް ފުޑިއްޖެ. ކުލި އަދި ޓެކްސް ކަރަންޓް ދައްކައިގެން ފިހާރަ ހިންގާ މީހުންނަށް ވަރަށް ބޮޑަށް މިކަހަލަ ކަންކަމުން ގެއްލުންވޭ.
އަލީ
28 February 2023
ބަންގާޅީ މީހުންގެ ހަކަތައާ ނުލާ މަސައްކަތް ނުދާނެ!
އޮނަރަބްލް އަފީފު ދީދީ
28 February 2023
ހަތަރުވަނަ ޕެރަޤްރާފްގައި އޮތްކަންކަން އެއްބަސްވުމުގައި ތަފްސީލްކޮށް 2 ވަނަފަރާތަކަށް "ކުއްޔަށް" ނުވަތަ ދެވަނަފަރާތެއްގެ ވިޔަފާރިހިންގުމަށް ގޮޅިދީފިނަމަ، އަދި ތަނުގައިހުންނަ ތަކެތިގަންނަން އަންނަމީހުނަށް ހިދުމަތްދިނުމަށް (ނުވަތަ އެހެންބޭނުމަކުވެސް ގޮޅީގައި މަސައްކަތްކުރަން) ބިދޭސިއަކުބަހައްޓައިފިނަމަ އެއްބަސްވުންބާތިލްކޮށް ގޮޅިއަތުލެވޭނެކަމަށް މާއްދާއެއްއިތުރުކުރުން ރަނގަޅު. މިފަދަގޮތަކަށްނޫނީ ޤަވާއިދާއިޙިލާފު ބިދޭސިންގެމައްސަލަ ހައްލުނުވާނެ.
ހަސަނު
28 February 2023
މާލޭ ސިޓީ ކައުންސިލުން ކުރާ ކޮންމެ ކަމެއް ހުންނާނީ މާލޭން ޕާކު ކުރާ ތަންތަން ކުއްޔަށް ދިން އުސޫލުން ކަމުގައި ކަން ގައިމު.. އެހެންވީމާ މިޒާތު ކަންކަން އެ ކައުންސިލާ ހަވާލު ކުރަން ހެޔޮ ނުވާނެނު..
މުއީޒުލް
28 February 2023
މުއީޒު ތިކަމެއް ކުރަން ތިއުޅެނީ އެއްވެސްވަރަކަށް އެޗްޑީސީ އާއި މަޝްވަރާކޮށްފަބާ މަޝްވަރާކުރުމަކީ މުއީޒު ދަންނަކަމެއް ނޫންވީމަ އަހާލީ ހަމަ
ކިޔާ މީހާ
28 February 2023
ފޯރމް ލިބެން ހުންނާނެ ތަނެއް ވެސް ބަޔާން ކުޮށް ލިނަމަ ދޯ
ޙޫން
28 February 2023
ޙިތުދަސްކުރާ މީހާ.. ކަންނޭގެ ކިޔަންވީ،،