28 ފެބުރުއަރީ 2023 - 13:15
ޔޫކްރޭނާ ދެކޮޅަށް ރަޝިޔާ ސިފައިން މިހާރު ކުރަމުންދާ ހަނގުރާމައިގައި، ރަޝިޔާ ސިފައިންނާއި ޔޫކްރޭން ސިފައިންނާ ދެމެދު މިހާރު ސީދާ ކުރިމަތިލުންތައް ހިނގަމުންދާ ސަރަހައްދު ވަރަށް ނުރައްކާ ހާލަތަކަށް މިހާރު ވެއްޓިފައިވާ ކަމަށް، ޔޫކްރޭންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ ވިދާޅުވެއްޖެ އެވެ.
އޭނާ ވިދާޅުވި ގޮތުގައި މިހާރު އެންމެ ވަރުގަދަ އަށް ހަމަލާތައް ބަދަލުކުރަމުން ދަނީ އެ ގައުމުގެ އިރުދެކުނުގައި އޮންނަ ޑޮނެޓްސްކް ސަރަހައްދުގައި އޮންނަ ބަޚްމުތު ސަހަރުގަ އެވެ. ރަޝިޔާ ސިފައިންގެ ބާރުގެ ދަށަށް ގެންގޮސްފައި އޮތް އެ ސަރަހައްދު މިނިވަންކުރުމަށް މިހާރު ކުރަމުން ދާ ހަނގުރާމައިގައި ކުރިމަތިވާ ނުރައްކާތައް ދުވަހުން ދުވަހަށް އިތުރުވަމުންދާ ކަމަށް ވެސް ރައީސް ޒެލެންސްކީ ވިދާޅުވި އެވެ.
ޑޮނެޓްސްކް ސަރަހައްދު ހިފުމަށް ފަހު ބަޚްމުތު ސަހަރު ވެސް އެމީހުންގެ ބާރުގެ ދަށަށް ގެންދިއުމަށް ރަޝިޔާ ސިފައިން ހަނގުރާމަ ކުރަމުން އަންނަތާ މިހާރު ހަ މަސް ވެއްޖެ އެވެ. އެ ސަރަހައްދުގައި ތިބި ޔޫކްރޭންގެ ސިފައިން ހިމާޔަތް ހޯދާ ހުރިހާ ތަނަކަށް ރަޝިޔާ ސިފައިން ހަމަލާ ދެމުން އަންނަ ކަމަށް ޒެލެންސްކީ ވިދާޅުވި އެވެ.
ބަޚްމުތު ހިފުމަށް ރަޝިޔާ ސިފައިން ދެމުންދާ ހަމަލާތައް މިދިޔަ މަހެއްހާ ދުވަހުގެ ތެރޭގައި ވަނީ ވަރަށް ބޮޑަށް އިތުރުކޮށް ވަރުގަދަ ވެސް ކޮށްފަ އެވެ. ނަމަވެސް ޔޫކްރޭން ސިފައިން ދިފާއުގައި ދޭ ހަމަލާތަކުގެ ސަބަބުން އެ ސަހަރު ހިފުމުގައި ރަޝިޔާ ސިފައިންނަށް އެދެވޭ ކުރިއެރުމެއް ނުލިބެ އެވެ.
އަމިއްލަ އަށް މިނިވަންކަން އިއުލާން ކޮށްފައިވާ ޑޮނެޓްސްކް ސަރަހައްދުގެ، ވަކިވެގަތުމަށް މަސައްކަތް ކުރާ ލީޑަރު ޑެނިސް ޕުޝިލިން ބުނާ ގޮތުގައި ބަޚްމުތު ސަހަރުގެ ހުރިހާ މަގެއްހެން މިހާރު އޮތީ ރަޝިޔާ ސިފައިންގެ ފުރިހަމަ ބާރުގެ ދަށުގަ އެވެ. އަދި އެ ސަހަރުގެ ހުރިހާ ހިސާބެއްގައި ވެސް ވަރުގަދަ އަށް ހަނގުރާމަ ހިނގަމުންދާ ކަމަށް ވެސް އޭނާ ބުންޏެވެ.
ރަޝިޔާގެ މިފަދަ ހަމަލާތަކުން ޔޫކްރޭންގެ ރައްޔިތުންނާއި ބިން ސަލާމަތް ކުރެވޭނީ، ޒަމާނީ ހަނގުރާމަމަތީ މަތިންދާބޯޓުތައް ލިބިގެން ކަމަށް ވިދާޅުވެ، ރައީސް ޒެލެންސްކީ ވަނީ، އެފަދަ ބޯޓުތައް ޔޫކްރޭނަށް ފޮނުވުމަށް ހުޅަނގުގެ ގައުމުތަކަށް އަނެއްކާ ވެސް ގޮވައިލައްވައިފަ އެވެ.
ރަޝިޔާގެ ހަމަލާތަކުން ދިފާއުވުމުގައި ޔޫކްރޭން ސިފައިން މިހާރު ވެސް މައިގަނޑު ގޮތެއްގައި ބޭނުންކުރަމުން އަންނަނީ ހުޅަނގުގެ ގައުމުތަކުން ދެމުންދާ ހަތިޔާރެވެ. އޭގެ ތެރޭގައި ބޮޑުބަޑި އާއި މިސައިލާއި ރޮކެޓް ފަދަ ޒަމާނީ ހަތިޔާރުތައް ވެސް ހިމެނެ އެވެ.
އޭގެ އިތުރުން އެމެރިކާ އާއި ޖަރުމަން ވިލާތާއި އިނގިރޭސި ވިލާތާއި ޕޮލެންޑުން ވެސް މިހާރު ވަނީ، ޔޫކްރޭނަށް ޒަމާނީ ޓޭންކުތައް ފޮނުވުމަށެވެ. ނަމަވެސް ޔޫކްރޭނުން އެދިފައިވާ ގޮތަށް އެ ގައުމަށް ހަނގުރާމަމަތީ މަތިންދާބޯޓުތައް ފޮނުވުމަށް އެއްވެސް ގައުމަކުން މިހާތަނަށް އެއްބަހެއް ނުވެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފިޓު
01 March 2023
މީނާ ރަނގަޅު ވާނެ ސޭޓުގެ އެޑްވައިޒަރަކަށް.
އެޗް އެމް
01 March 2023
ހަގުރާމަ ނުކުރަންޏާ މީހުން މަދެއް ނުވާނެ. މިހާރުވެސް ނުކަތައިގެން މިއުޅެނީ.
ށަވިޔަނި
28 February 2023
ހުރިހާ ގޯހަކީ ކަލޭމެން ދުނިޔޭގެ އެއްކޮޅުގައިއޮވެ މުޅިދުނިޔެ އަޅުވެތިކުރަމުންދާ ގައުމަށް ވާގިވެރިވުމަށްޓަކައި އަމިއްލަ ގައުމާއި އަމިއްލަރައްޔިތުންނަށް ނުބަލާ އެމީހުނަށް އަޅުވެތިވުން.
ރެފްރީ
28 February 2023
100% ރަނގަޅުވާހަކައެއް..ބޮލަށްފިތިފަހިރި ތާވަޅައެކޭއެއްކަހަލަ ކަނޑުކޮހަކުވެރިކަމަށްހޮވުނީތީ ރައްޔިތުންވެސްއެތިބީ މޮޔަހީވެފަ.