ދުނިޔެ / ނައިޖީރިއާ

ނައިޖީރިއާގެ ރިއާސީ އިންތިޚާބު ވެރިކަން ކުރާ ޕާޓީއަށް

ނައިޖީރިއާގެ ރިއާސީ އިންތިޚާބު ކާމިޔާބު ކުރެއްވި، ވެރިކަން ކުރާ އޯލް ޕްރޮގްރެސިވް ކޮންގްރެސް ޕާޓީ އަށް ނިސްބަތްވާ، ލާގޯސް ސްޓޭޓްގެ ގަވަރުނަރު ބޮލާ އަހްމަދު ޓިނޫބޫ

01 މާޗް 2023 - 14:42

1 comments

ނައިޖީރިޔާގައި މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިޚާބާއި އާންމު އިންތިޚާބުގެ ވޯޓުލުމުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން، ވެރިކަން ކުރާ އޯލް ޕްރޮގްރެސިވް ކޮންގްރެސް ޕާޓީ އަށް ނިސްބަތްވާ، ލާގޯސް ސްޓޭޓްގެ ގަވަރުނަރު ބޮލާ އަހްމަދު ޓިނޫބޫ، ރައީސްކަމުގެ މަގާމަށް އިންތިޚާބުވެއްޖެ އެވެ.

އިންތިޚާބުގެ ކަންތައް ކުރިއަށް ގެންދިޔަ ކޮމިޝަނުން ބުނި ގޮތުގައި، ކުރި ހޯއްދެވި ޓިނޫބޫއާ ކައިރި ކުރެވޭ ވަރަށް ވެސް އެހެން ކެންޑިޑޭޓަކަށް ވޯޓެއް ނުލިބެ އެވެ. ވަރަށް ވާދަވެރިވާނެ ކަމަށް ބެލެވުނު އިންތިޚާބުގައި ޓިނޫބޫ އިންތިޚާބު ކާމިޔާބު ކުރެއްވުމާ ގުޅިގެން، އެ ގައުމުގެ މިހާރުގެ ރައީސް މުހައްމަދު ބުޚާރީ ވަނީ ޓިނޫބޫ އަށް ތަހުނިޔާ ވިދާޅުވެފަ އެވެ.

"ރައްޔިތުން އޭނާ އިންތިޚާބުކޮށްފި. އެ މަގާމަށް އެންމެ ރަނގަޅު ބޭފުޅަކީ އެއީ. އަހަރެން ދެން މަސައްކަތް ކުރާނީ ވީހާ އޮމާން ކަމާއެކު ވެރިކަން ބަދަލުކުރުމުގެ މަސައްކަތް އޭނާ އާއި އޭނާގެ ޓީމާ އެކުގައި ފުރިހަމަ ކުރުމަށް،" ވެރިކަމުގެ ދެ ދައުރުގެ އަށް އަހަރު ފުރިހަމަ ކުރެއްވުމަށް ފަހު، މަގާމުން ވަކިވެވަޑައިގަންނަވާ ބުޚާރީ މިއަދު ނެރުއްވި ބަޔާނެއްގައި ވިދާޅުވި އެވެ.

އިންތިޚާބާ ބެހޭ ކޮމިޝަނުން ބުނި ގޮތުގައި، އެފްރިކާގެ އާބާދީ އެންމެ ބޮޑު ގައުމުގެ ރައީސް ކަމުގެ މަގާމަށް ޓިނޫބޫ އިންތިޚާބުވީ 8.8 މިލިއަން މީހުންގެ ވޯޓުންނެވެ. އެ ގައުމުގެ ދެކުނުގައި އޮންނަ، ޔޮރޫބާ ބަހުން ވާހަކަ ދައްކާ ސަރަހައްދަށް އުފަންވި ޓިނޫބޫ، 70، ޚާއްސަވެވަޑައިގެންފައިވަނީ އެކައުންޓްގެ ދާއިރާއިންނެވެ.

އެ ދާއިރާ އިން އެމެރިކާގެ ގިނަ ކުންފުނިތަކެއްގައި މަސައްކަތް ކުރެއްވި ޓިނޫބޫ އަކީ ނައިޖީރިއާގެ މަހުޖަނުންގެ ތެރޭގައި ގުނައިލެވޭ އެކަކެވެ. އޭނާގެ ވިޔަފާރީގެ ޚާއްސަ ކުންފުންޏެއް ނެތަސް، ތަފާތު ވިޔަފާރިތަކުގައި އޭނާގެ ހިއްސާ އޮވެ އެވެ. އޭގެ ތެރޭގައި މީޑިއާ ކުންފުނިތަކާއި ވައިގެ ދަތުރުފަތުރުގެ ޚިދުމަތް ދޭ ކުންފުނިތަކާއި ޓޫރިސްޓް ހޮޓަލުގެ ވިޔަފާރިތަކާއި ރިއަލް އެސްޓޭޓް ވިޔަފާރީގައި އޭނާގެ ހިއްސާ އޮވެ އެވެ.

މިފަހަރުގެ އިންތިޚާބުގައި އޭނާއާ އެންމެ ގާތުން ވާދަކުރެއްވީ ކުރީގެ ނައިބު ރައީސް އަދި އިދިކޮޅު ޕީޕަލަސް ޑިމޮކްރެޓިކް ޕާޓީގެ އަތިކު އަބޫބަކުރެވެ. އޭނާ އަށް ލިބިވަޑައިގަތީ 6.9 މިލިއަން ވޯޓެވެ. އަދި ތިން ވަނަ އަށް އެންމެ ގިނަ ވޯޓު ލިބިވަޑައިގަތީ ލޭބާ ޕާޓީގެ ޕީޓާ އޯބީ އަށެވެ. އެއީ 6.1 މިލިއަން ވޯޓެވެ.

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އިންތިޚާބު އޮބްޒާވްކުރި ޓީމުތަކުން ބުނާ ގޮތުގައި ވޯޓު ގުނުން ލަސްވެގެން ދިޔައީ، ވޯޓު ގުނުމުގައި އަލަށް ބޭނުންކުރި އިލެކްޓްރޯނިކް ނިޒާމުތަކަށް ދިމާވާ ޓެކްނިކަލް މައްސަލަތަކެއްގެ ސަބަބުންނެވެ. އަދި ވޯޓު ލަމުން ދިޔައިރު، ބައެއް ސަރަހައްދުތަކުގައި ހިނގި ހަމަނުޖެހުންތަކުގެ ސަބަބުން ވެސް ވޯޓު ގުނުމުގެ މަސައްކަތަށް ހުރަސްއެޅިފައިވާ ކަމަށް އޮބްޒާވަރުން ބުނެ އެވެ.

މިފަހަރުގެ އިންތިޚާބުގައި ވޯޓުލުމަށް ރަޖިސްޓްރީ ކުރީ ގާތްގަނޑަކަށް 93.4 މިލިއަން މީހުންނެވެ. އޭގެ ތެރެއިން ތިން ބައިކުޅަ އެއްބަޔަކީ އުމުރުން 18-34 އަހަރުގެ ޒުވާނުންނެވެ. ބައެއް ޔުނިވަސިޓީތަކުގެ ޒުވާނުން ބުނި ގޮތުގައި އިންތިޚާބާ ބެހޭ ކޮމިޝަނުން ވޯޓުގެ ކަންތައް އިންތިޒާމުކޮށްފައި އޮތް ގޮތް ކަމަކު ނުދެ އެވެ.

ބައެއް ސަރަހައްދުތަކުގައި ވޯޓުލުން ކުރިއަށް ދަނިކޮށް، ގޭންގުތަކާއި ބައެއް ޕާޓީތަކުގެ މީހުން ލަކުޑިބުރި ފަދަ ތަކެތި ހިފައިގެން، ވޯޓުލާ މަރުކަޒުތަކަށް ވަދެ ވޯޓުލުން ހުއްޓުވާފައި ވެސް އެބަހުއްޓެވެ. އެހެންކަމުން، ވޯޓުގެ ނަތީޖާ ބަދަލުކުރުމުގެ ފުރުސަތު އެބަ އޮތް ކަމަށް ބައެއް ޒުވާނުން ބުނެ އެވެ.

1 ކޮމެންޓް, 1 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޑަނޑޫ

01 March 2023

ބޮލާވެސް މީ އަރަބިނަމެއްތަ؟

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454