ޑރ. މުނައްވަރު ޕްރެސް ކޮންފަރެންސެއްގައި ވާހަކަ ދައްކަވަނީ: ރިޔާސީ އިންތިިހާބުގައި ވާދަކުރައްވަނީ ވެރިކަމުގެ ދަހިވެތިކަމުގައި ސަރުކާރު ބަހައި ހުސްކުރާ ލީޑަރުންގެ ކިބައިން ގައުމު ސަލާމަތްކުރަން ކަމަށް ވިދާޅުވި. -- ފޮޓޯ | މިހާރު
05 މާޗް 2023 - 09:57
ވެރިކަމުގެ ދަހިވެތިކަމުގައި ސިޔާސީ ލީޑަރުން ގައުމު ވައްޓާލާފައިވާ އަނދަވަޅުން ރައްޔިތުންނަށް ލިބެމުންދާ ގެއްލުމުން ސަލާމަތްކުރަން އަންނަ ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވަން ކުރީގެ ބަންޑާރަ ނައިބު ޑރ. މުހައްމަދު މުނައްވަރު ނިންމަވައިފި އެވެ.
މުނައްވަރު "މިހާރު"އަށް މިއަދު ވިދާޅުވީ ސިޔާސީ ފިކުރުތަކުގެ ނަމުގައި ގައުމު ބަހައި ހުސްކޮށްފައިވާ ކަމަށެވެ. ކޯލިޝަންތައް ހަދައި އަމިއްލަ މަންފާ އާއި ފައިދާ ކުރިއަށް ނެރުމުގެ ނަތީޖާ ފެންނަން އޮތީ ވަރަށް ހިތިކޮށް ކަަމަށް ވިދާޅުވި އެވެ.
އޭނާ ވާދަކުރައްވަނީ އެއްވެސް ޕާޓީއަކާ ގުޅިވަޑައިނުގެން އަމިއްލަ ގޮތުންނެވެ.
"އަޅުގަނޑު މި ނުކުންނަނީ ދިވެހި ރައްޔިތުންނާ އެކު ކޯލިޝަނަކުން،" މުނައްވަރު ވިދާޅުވި އެވެ.
"ފިކުރެއް ނުފެނޭ. ފެންނަނީ ސިޔާސީ ގޮތުން އިސްކޮށް އުޅުއްވާ ބޭފުޅުންނަށް ގައުމު ބަހައި ހުސްކޮށްފައި އޮތް ތަން. އެއް ބޭފުޅަކަށް 40 ޕަސެންޓް އަނެއް ބޭފުޅަކަށް 21 ޕަސެންޓް ދެން ހުންނެވި ބޭފުޅަކަށް 11 ޕަސެންޓް. މިހެން ގޮސް މިއީ ބޮޑުވަރު ދެއްތޯ."
މުނައްވަރު ވިދާޅުވި ގޮތުގައި ސިޔާސީ ޕާޓީތައް އިއްތިހާދުވެ ސަރުކާރު ބަހާލުމުން ބާކީވެ، ނިކަމެތި ވަނީ ދިވެހި ރައްޔިތުންނެވެ. މިއީ ހުއްޓުވަން ޖެހޭ ކަމެއް ކަމަށް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ގައުމުން ފެންނަނީ ވެރިކަމުގެ ދަހިވެތިކަމުގައި ކުރާ މަސައްކަތްތަކެއް ކަމަށެވެ. ސިޔާސީ ކަންކަމުން ދުރުވެ ރިޓަޔާކުރައްވަން ގަސްތުކުރައްވައިގެން ހުންނެވިޔަސް ގައުމު މި ހާލަތަށް ދޫކޮށްލެވެން ޒަމީރު ގަބޫލު ނުކުރެއްވޭ ކަަމަށް ވިދާޅުވި އެވެ.
"އަޅުގަނޑުމެން ބޭނުން ވަނީ ހަމަޖެހިގެން އުޅެވޭތޯ ބެލުން. އެކަމަކު މި އަޑު އިވެނީ ގައުމެއް ނެތޭ. މިނިވަންކަމެއް ނެތޭ، އިގްތިސާދީ ހާލަތު ގޯހޭ، ދަރަނި ކުޑަކުރާކަށް ނޫޅޭ. ފައިސާގެ އަގު ވެއްޓިދާނެއޭ. މިނިވަންކަމާ އެކު މަގުމަތީގައި ހިނގާލެވޭކަށް ނެތޭ،" ވެރިކަމަށް ކުރިމަތިލައްވާ ސަބަބު ތަފްސީލްކޮށްދެއްވަން ވިދާޅުވި އެވެ.
ރާއްޖޭގެ އިންތިހާބުތަކުގައި ނަތީޖާ ބުރަވަނީ އެމްޑީޕީ އާއި ޕީޕީއެމްގެ ފިކުރަށް ކަން ފެންނަން އޮތަސް މުނައްވަރު ވިދާޅުވީ އެ ދެ ފިކުރަށް ވުރެން ރައްޔިތުންގެ ފިކުރު މާބޮޑު ކަމަށެވެ. ކޯލިޝަނަކާ ނުލައި ވާދަކުރެއްވިޔަސް ރައްޔިތުންނާ އެކު ކާމިޔާބު ކުރެއްވޭނެ ކަމަށް ވިދާޅުވި އެވެ.
"ވެރިކަމަށް ސިޔާސީ ލީޑަރުންގެ އޮތް ދަހިވެތިކަމަކީ ފިކުރެއް ނޫން. ރައްޔިތުން އެއީ ފިކުރު، އަޅުގަނޑު ނުކުންނަނީ އެ ފިކުރާ އެކު،" މުނައްވަރު ވިދާޅުވި އެވެ.
އެމްޑީޕީގެ ޖަލްސާއެއްގައި މުނައްވަރު ވާހަކަ ދައްކަވަނީ: ސިޔާސީ ކަންކަމުން ދުރަށް ވަޑައިނުގެންނެވުނީ ގައުމުގެ ހާލަތާ ހެދި ކަމަށް ވިދާޅުވި.
މުނައްވަރުގެ ކެމްޕޭން މަރުކަޒު ވެސް މިހާރު ވަނީ ހުޅުވައިފަ އެވެ. ރިޔާސީ އިންތިހާބަށް ގެންގުޅުއްވާ ވިސްނުންތައް ހާމަކުރައްވަން ވަރަށް އަވަހަށް ޕްރެސް ކޮންފަރެންސް ބާއްވަވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
އޭނާ ވަނީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ބަންޑާރަނައިބުގެ މަގާމް 10 އަހަރު ފުރުއްވައިފަ އެވެ. އޭގެ ފަހުން، 2008 ގައި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ބައިވެރިވެވަޑައިގަތެވެ. ޕާޓީގެ ރައީސްގެ މަގާމަށް ވާދަކުރެއްވި ނަމަވެސް އެ ފަހަރު ނާކާމިޔާބުވީ އެވެ. އޭގެ ދުވަސްކޮޅެއް ފަހުން އެ ޕާޓީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވުމަށް ފަހު ވަކިވެ، ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގަތެވެ.
ފަހުން ޖުމްހޫރީ ޕާޓީއާ ވެސް ދުރަށް ވަޑައިގެން މޯލްޑިވްސް ރިފޯމް މޫވަމަންޓުގެ ނަމުގައި އަމިއްލަ ސިޔާސީ ޕާޓީއެއް އުފެއްދެވި އެވެ. އެކަމަކު ގާނޫނުގައި ބުނާ ޝަރުތުތައް ހަމަނުވެގެން އިލެކްޝަންސް ކޮމިޝަނުން އެ ޕާޓީ އުވާލީ އެވެ.
މިދިޔަ އަހަރުގެ ފަހުކޮޅާ ހަމައަށް މުނައްވަރު ސިޔާސީ އެއްވެސް ކަމެއްގައި ބައިވެރިވެވަޑައިނުގަންނަވަ އެވެ. އޭގެ ފަހުން ސަރުކާރުގެ ބައެއް ސިޔާސަތުތަކަށް ފާޑުވިދާޅުވާން ފެއްޓެވެމުން "މުނައްވަރު ނިދިން ހޭލެވިއްޖެ" ކަަމަށް ފާޑުކިއުން އަމާޒުވި އެވެ.
ރައްދުގައި އޭނާ ވިދާޅުވީ ގައުމީ ބޮޑެތި މައްސަލަތަކުގައި އޭނާ ހިމޭނުން ނުހުންނަވާ ކަަމަށެވެ. ގައުމުގައި އިސްލާހުކުރަން އޮތް ކޮންމެ ކަމެއްގައި ބަސްވިދާޅުވެ އެކަން ހައްލުކުރަން ވެސް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެފައިވެ އެވެ.
ރިޔާސީ އިންތިހާބުގައި މުނައްވަރުގެ އިތުރުން އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓުގެ ގޮތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ކުރީގެ ރައީސް އަބްދުﷲ ޔާމީން އާއި އެމްއެންޕީގެ ކެންޑިޑޭޓް މުހަންމަދު ނާޒިމް އަދި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވަނީ ވާދަކުރައްވާނެ ކަން ވަނީ އިއުލާންކުރައްވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އޮނަރަބްލް އަފީފު ދީދީ
07 March 2023
ޑރ މުޙައްމަދު މުނައްވަރުގެ ސަރުކާރެއްގައި މަސައްކަތްކުރާންޖެހޭނީ ރޭގަނޑުދަންވަރުކަމަށްބުނެ މިތަނުގައި ކޮމަންޓްކުރިފަރާތްތަކާއި، އަދި ޙަޤީގަތާއިޙިލާފަށް މިފަދަވާހަކަ ފަތުރަމުންގެންދާމީހުނަކީ މުނާޖާ ކޮނޑުއަޅައިގެން ފަތިހުހޭލައި މަސައްކަތަށްނިކުމެ ހީވާގިކަމާއިއެކުގައި މަސައްކަތްކުރާމީހުންތޯ ނޫންތޯ އެމީހާއަމިއްލަނަފުސާއި އަމިއްލައަށްސުވާލުކޮށްލުން ރަނގަޅު. އަދި މިފަދަވާހަކަ ފަތުރާމީހުންގެ ރައްޓެހިން އެމީހުންގެރައްޓެހިމީހާ އުޅެނީމިހެންތޯ ބަލާބަލަ.
ދަރި
06 March 2023
އަމިއްލަ ނަފުސަށް ވޯޓު ދޭން ބޭނުން ނުވާ މީހުންވެސް ރައީސް ކަމާއި ކުރިމަތި ލާތި!
ގޯއަވޭއޯލްޑްރެލިކް
06 March 2023
ތިޔަ ނިކަމެއްޗަކީ ތިޔަ ނިކަމެތި މުނައްވަރު ، ދިވެހިންނަކީ މިހާރު އިއްޒަތްތެރި ލޮބުވެތި ރައްޔިތުން
އަބްޑޫޅް
06 March 2023
ދެ މިޔަކަނުން އިރުއޮއްސުނީމަ، މިކަހަލަ ހުވަފެން ދޫކޮށްލަންވީ.
ދުނިޔެ ވަށާ ބުރުޖަހާ ބެއްޔާ އައުޓް
06 March 2023
ސޯލިހު އެހެރީ އިރު އަރާފަ އުތަ؟ ލޮލް
އާތިފާ
06 March 2023
ޑރ މުނައްވަރަށް މިހާ ހަސަދު ބަޔަކު ބާލަނީ އިލްމީ ކުޅަދާނަ ބޭފުޅަކަށްވީތީ. ކޮއްމެމީހަކަވެސް ވެރިކަމަށް ކުރިމަތިލައިގެން މަސައްކަތްކުރުމުކީ އެއީ މައްސަލައެއްކަމަށް ނުދެކެން.
އާނއެ
06 March 2023
ކުރިމަތިލާފާނެތީ އެވަރުކުރާނީ ވަރަށް ނާތަހުޒީބުވީމަ. ކުރިމަތިލުމަކީ ވަރަށް ހިތްވަރު ހުރެގެން ވާ ކަހަލަ ކަމެއް. އެވަރުގެ ހިތްވަރެއް ނެތް ބަޔަކު އެހެން މީހުންނަށް ފާޑުކިއުމަކީ ހެއްވާ ކަމެއް.
އިއްލަބޭ
06 March 2023
ޑޮކްޓަރު ހަސަންސައީދު ހޯއްދެވި ތާއީދު ވެސް މިވާހަކަތަކަށް ލިބިގެން ނުދާނެއެވެ. މާޒީ އޮތީ އެހާ ތާއީދު ހޯދޭވަރަށް ވުރެ ފަނޑުކޮށެވެ. ރައީސް މައުމޫނުގެ އެތައް ޖަރީމާ ތަކެއްގައި ބައިވެރިވެފައި ވެއެވެ!!
އަލިފުޅު3
07 March 2023
މައުމޫނުގެ ޒައާމަތުބައިވެރިވި ކަމަށް ވަނީ އޭރުގެ ވަޒީރުކަން ކުރި ހަމަ އެންމެ މީހެއް؟ އަބްދުﷲ ޝާހިދު އެންމެ ރަނގަޅުވެފަ، މާރިއާ ރަނގަޅުވެފަ، ހަސަން ސޯބިރު ރަނަގަޅުވެފަ، ޔާމީނު ރަނަގަޅުވެފަ (ރައީސް ކަމަށް ހޮވުނީ ގިނަ ބަޔަކަށް ކަމުދިޔަޢިމަ) ދެން ވެސް އެތައް ބަޔަކު ހަމަ ބަރާބަރު. ޑރ ގެ އާއިލާ ދަރަވަންދޫގެއާ ގުޅުން ނެތީމަ ގޯސްވީ؟ ނޫނީ ތުއްތު އަހަންމައިދީގެ ބޭފުޅެއް ނޫންވީމަ؟
މައިނާ ސައްތާރު
06 March 2023
މުނައްވަރު މައިނަސްކޮއްފަ އޭނާ އެދެއްކި ވާހަކަ ހަމައެކަނި މިނާ ކިރާފިއްޔާ ހުސް ރަނގަޅު ވާހަކަ، ތެދުވާހަކަ، ރައްޔިތުންގެ ގިނަ ބައެއްގެ ޝުއޫރުތަކުގެ ހުލާސާއެއް!ރާއްޖޭގައި މިއޮތީ ޖޯކު ޕާޓީ ސިސްޓމެއް!މިއެއްނޫން ހަމަގައިމުވެސް ބޭނުންވި ސިސްޓަމަކީ.
މަލިކު މުހަންމަދު
06 March 2023
މަހަށް ދޭބަލަ
ކާތިބު
05 March 2023
މާދަމާ މެންދުރު ފަހުން އޮންނަ ޖޭޕީ ކައުންސިލުން ޖޭޕީ ލީޑަރ ގާސިމް އިބްރާހީމް، މިފަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަނުކޮށް، މިހާރުގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލީޙު އާއި އެކު ކޯލިޝަނަކަށް ދިއުމަށް ނިންމަފާނެ ކަމުގެ "ހުވަފެން" ފެނިގެން "ފިކުރެއްގެ ދިރުން" ތެޅިފޮޅިގަނެ އަވަހަށް 2023 އަށް ކެންޑިޑޭޓަކު ނެރުނީ ނޫންތަ؟ އަޅެ ނިކަން މާދަމާ ރެޔަށް މަޑުކޮށްލަމާ ބަހީ؟
ނޯ ޓު ޕާޓީ
05 March 2023
ޕާޓަިތަކުން ދިވެހިން ނެެއްޓެން އެބަޖެހޭ!