އިސްކަންދަރު ސްކޫލުން މުބާރާތުގެ ޗެމްޕިއަން ޓްރޮފީ އުފުލާލަނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
13 މާޗް 2023 - 00:45
ކަލާފާނު ސްކޫލާ ވާދަކޮށް 7-1 އިން ފައިނަލް މެޗު ކާމިޔާބު ކޮށްގެން އިސްކަންދަރު ސްކޫލުން 100 ޕަސެންޓް ރެކޯޑަކާ އެކު 15 އަހަރުން ދަށުގެ އިންޓަ ސްކޫލް ޗެމްޕިއަންޝިޕް މިރޭ ކާމިޔާބު ކޮށްފި އެވެ.
އިސްކަންދަރު ސްކޫލުގެ މުހައްމަދު އިލާން އިމްރާމް މި މެޗުގައި ފަސް ގޯލު ޖަހައިދީފައި ވާއިރު މުހައްމަދު ލާމިހު އިމްތިޔާޒާއި ކާއިން އަބްދުﷲ ފާއިޒް ވަނީ ގޯލު ޖަހައިފަ އެވެ.
ކޯޗު މުހައްމަދު ފަރީދު (ފަރިއްޓޭ) ގެ ކޯޗުކަމުގައި ކުޅުނު ކަލާފާނު ސްކޫލުން ޖެހި ހަމައެކަނި ލަނޑު ދެވަނަ ހާފުގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބު ކުރީ އަހުމަދު އަފްނާން އަލީ އެވެ. މި ލަނޑަކީ މި މުބާރާތުގައި އިސްކަންދަރު ސްކޫލުން ކުޅުނު ހަ މެޗުގެ ތެރެއިން ބައިކޮޅަށް ވަން ހަމައެކަނި ލަނޑެވެ. އެޓީމުން މުބާރާތް ނިންމާލީ 86 ގޯލު ޖަހައިގެންނެވެ.
އިލާން، ކަލާފާނު ކުޅުންތެރިއެއް ކައިރިން ނައްޓާފައި ދަނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
އިސްކަންދަރު ސްކޫލުގެ އިލާން ވަނީ މި މުބާރާތުގައި މުޅި އެކު 38 ގޯލު ޖަހައި މުބާރާތުގެ ރަން ބޫޓު ހޯދައިފަ އެވެ. މުބާރާތުގެ މޮޅު ކުޅުންތެރިއަކީ ވެސް އޭނާ އެވެ.
އިލާން އާއި ކާއިން އަދި ލާމިހުގެ އިތުރުން އިސްކަންދަރުގެ އީތަން އިބްރާހިމް ޒަކީ، ކެޕްޓަން ޔޫސުފް އަޔާން އާމިރު، އަހުމަދު ކައިން ގަޔާޝް އަދި އަލީ އިލާން އަހުމަދު ވަނީ އިސްކަންދަރުގެ ސްޕޯޓްސް ސްޕަވައިޒަރު އަދި ކުރީގެ ޑިފެންޑަރު ޔޫސުފް އަޒީމް (ޔޫއްޓޭ) ގެ ކޯޗުކަމުގެ ދަށުން އެ ސްކޫލު ހޯދި މި ކާމިޔާބީގައި މުހިއްމު ދައުރެއް އަދާކޮށްފަ އެވެ.
އިލާން މި މުބާރާތުގައި ކާމިޔާބު ކުރި 38 ގޯލާ އެކު އޭނާ ވަނީ މިދިޔަ އަހަރު އޮތް 14 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕް ގައި ކްލަބް ވެލެންސިއާގެ ޔޫތު ޓީމަށް ކުޅެމުން އޭނާ ޖެހި 35 ގޯލުގެ ރެކޯޑް މުގުރާލައިފަ އެވެ. ފައިނަލް މެޗުގެ ފުރަތަމަ ހާފު ނިމެނިކޮށް އޭނާގެ ހެޓްރިކް ފުރިހަމަ ކުރަން ޖެހި ގޯލަކީ އޭނާގެ ރެކޯޑް މުގުރާލި ގޯލެވެ.
މުބާރާތުގެ ފެއާޕްލޭ ޓީމަކަށް ހޮވުނީ އިމާދުއްދީން ސްކޫލެވެ. ޖުމްލަ 19 ސްކޫލަކާ އެކު ކުރިއަށް ގެންދިޔަ މި މުބާރާތުން ވަނީ ހުނަރުގެ ގޮތުން ތަފާތު މޮޅު ކުލުންތެރިން ފާހަގަ ވެފަ އެވެ. އޭގެ ތެރޭގައި ގިނައީ ފުރަތަމަ ޑިވިޝަނުގެ ކުލަބުތަކުގެ އެކަޑަމީތަކުން ތަމްރީނުވި ކުދިންނެވެ. އޭގެ ތެރޭން އިސްކަންދަރު ސްކޫލުގައި ހިމެނޭ ގިނަ ކުޅުންތެރިންނަކީ ކޯޗު ޔޫއްޓޭ އާއެކު ވެލެންސިއާ އެކަޑަމީގައި އެކުގައި ކުޅޭ ކުޅުންތެރިންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިހްސާސް..
13 March 2023
މަރުހަބާ އިސްކަންދަރު. މިކުޅުންތެރިން ނިކުމެ ދިވެހި ގައުމީ ފުޓުބޯޅަ ޓީމު ސާފު ޗެމްޕިއަންޝިޕުން ބޭރަށް ގެންދާނެ ކަމަށް އުންމީދު ކުރަން.
ނަންތު
13 March 2023
ކޮބާ ރެފްރީ ފަހާ ނުދުވޭތަ ބަލިވި ޓީމު؟
ރަދީފްއޮފިޝަލް
13 March 2023
ބަލިވީމަ ރެފްރީން ފަހާ ދުވުން އެއީ ނާތަހުޒީބު އަމަލެއް.އެހެންވީމަ އެފަދަ އަމަލެއް ނުހިނގުން އެއީ އުފާވެރިކަމެއް.އެހެން ނޫން ތޯ!! ވ.ވެދުން
12ރަފީގު
13 March 2023
މިއޮތީ ރަނގަޅު ގޮތަކީ! މީގެ ތެރޭން ވެލެންސިއާ އެކަޑަމީގައި ހިމެނޭ ގިނަ ކުޅުންތެރިންނަކީ ކޯޗު ޔޫއްޓޭ އެހީގައި އިސްކަންދަރަށް ބަދަލު ވެފައިވާ ކުޅޭ ކުޅުންތެރިންނެވެ.
ޢަބްދޯ
13 March 2023
މީގެ ގިނަ ކުދިންނަކީ ކޯޗް ޔޫސުފް އަޒީމާއެކު އުމުރުން 6 އަހަރުން ފެށިގެން ތަމްރީން ހަދަމުން އަންނަ ކުދިންނެވެ.
ޢިބްދޯ
14 March 2023
މީގެ ގިނަ ކުދިންނަކީ ކޯޗް ޔޫސުފް އަޒީމާއެކު އުމުރުން 6 އަހަރުން ފެށިގެން ތަމްރީން ހަދަމުން އަންނަ ކުދިންނެވެ. ފުޓުބޯޅަ މުބާރާތް ކާމިޔާބުކުރުމަށް ޓާގެޓްކޮށްގެން މިކުދިންވަނީ އިސްކަންދަރަށް ވައްދާފައެވެ. ސަރުކާރު އޮފީސްތަކުން މޮޅެތި ކުޅުންތެރިން އެމީހުންގެ ވަޒީފާގައި ގެންގުޅޭފަދައިންނެވެ.