އެސްޓީއޯ ޕީޕަލްސް ޗޮއިސް، މިތަން ހައިޕާމާކެޓަކަށް ބަދަލު ކުރީ މީގެ އެއް އަހަރު ކުރިން. --- ފޮޓޯ: މިހާރު
15 މާޗް 2023 - 20:35
އެސްޓީއޯ ޕީޕަލްސް ޗޮއިސް ހައިޕާމާކެޓް ކޮންސެޕްޓަށް ބަދަލު ކޮށް ހުޅުވިތާ އެއް އަހަރު ފުރުން ފާހަގަކުރުމަށް ގިނަ ހަރަކާތްތަކެއް ފަށައިފި އެވެ.
މިއަދު އެ މާޓުގައި 500ރ. އިން މަތީގެ ވިޔަފާރި ކުރާ ކަސްޓަމަރުންގެ ތެރެއިން ގުރުއަތުން ހޮވޭ ހަތަރު ކަސްޓަމަރަކަށް 5000ރ. ގެ ގިފްޓު ވައުޗަރެއް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ. އޭގެ އިތުރުން މިއަދު ވިޔަފާރި ކުރާ ކަސްޓަމަރުންގެ ތެރެއިން ކޮންމެވެސް 10 ކަސްޓަމަރަކަށް ސައިޕްރައިޒެއްގެ ގޮތުގައި އަގުހުރި އިނާމުތަކެއް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި މިއަދު އެ މާޓުން ވިއްކާ އެކި ބްރޭންޑުތަކުގެ "ޓޭސްޓް ޓެސްޓު" ކުރުމުގެ ފުރުސަތު ވެސް ލިބޭނެ އެވެ.
އޭގެ އިތުރުން އަހަރީ ދުވަހާ ގުޅިގެން މި މަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށް އެ މާޓުގައި ބޮޑެތި ޑިސްކައުންޓުތަކެއް ލިބޭ ޕްރޮމޯޝަނެއް ކުރިއަށް ދާނެ އެވެ. އެ ޕްރޮމޯޝަނުގައި ލިބޭ ޑިސްކައުންޓަކީ މިހާރު ކުރިއަށްދާ ރަމަޒާން ބާޒާރު ޕްރޮމޯޝަންގެ އިތުރުން ލިބޭ ޑިސްކައުންޓެކެވެ.
އެސްޓީއޯގެ ހައިޕާމާކެޓް ކޮންސެޕްޓަށް އެއް އަހަރު ފުރުމާއި ގުޅިގެން ސޯޝަލް މީޑިއާގައި ގިވްއަވޭއެއް ވެސް ވަނީ ފަށައިފަ އެވެ. މި ގިވްއަވޭގައި މި މަހުގެ 18ގެ ނިޔަލަށް ބައިވެރިވެވޭނެ އެވެ.
އެސްޓީއޯގެ ޓްރޭޑް ސެންޓަރުގެ ބޮޑު މަރާމާތަކަށް ފަހު ޒަމާނީ ބަދަލުތައް ގެނެސް، އަމިއްލަ ފަރާތްތަކަށް ވެސް އެތާނގެ ތެރޭގައި ވިޔަފާރި ކުރެވޭގޮތަށް ފުރުސަތު ދެވިގެން އެސްޓީއޯ ޕީޕަލްސް ޗޮއިސް އަލުން ހުޅުވާފައިވަނީ މިދިޔަ އަހަރުގެ މާޗު 15ގަ އެވެ.
އެސްޓީއޯއިން ބުނި ގޮތުގައި ހައިޕާމާކެޓުގެ ކޮންސެޕްޓަކީ ކާމިޔާބު ކޮންސެޕްޓެކެވެ. އަދި އެ މާޓުގައި އާއްމު ފަރާތްތަކުން ވިޔަފާރި ކުރުމުގެ ޝައުގުވެރިކަން ފާޅުކޮށް ރެކް ހޯދުމުގެ ވާދަވެރިކަން ބޮޑުވުމާއެކު އެސްޓީއޯއިން މިހާރު ގެންދަނީ ޓްރޭޑް ސެންޓަރުގެ ފުރަތަމަ ފަންގިފިލާވެސް އާއްމު ވިޔަފާރިތަކަށް ހުޅުވާލުމަށްޓަކައި މަރާމާތުކުރުމުގެ މަސައްކަތްކުރަމުން ކަމަށް ބުންޏެވެ.
އަދި ކެއުންބުއިމަށް ބޭނުންކުރާ ދިވެހި އުފެއްދުންތަކަށް ހާއްސަ ރެކެއް ކުއްޔައް ދޫކުރުމަށްޓަކައި ތައްޔާރުކުރެވި އާންމުންނަށް ހުޅުވާލުމުގެ މަސައްކަތް ކުރަމުން ދާ ކަމަށް ވެސް އެސްޓީއޯއިން ބުނެ އެވެ.
އެސްޓީއޯއިން އިތުރަށް ބުނީ އަމިއްލަ އުފެއްދުންތައް ޕްރޮމޯޓް ކުރުމަށް ޕީޕަލްސް ޗޮއިސްގެ ތެރޭގައި ހިލޭ ފުރުސަތު ދިނުމަށް ވާންޖެހޭ ތައްޔާރީތައް ވަމުން އަންނަ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޙިނި
16 March 2023
ސަރުކާރުން ހިންގާ އުންގުވިޔަފާރިރަކުން ފައިދާވޭތަ؟ ބޮޑައް ޝޯއޯޕް ތަނަތަން.
ލައިން
16 March 2023
ހަކުރު، ފުއް، އާދައިގެ ހަނޑޫ ލިބޭނެ ގޮތްވެސް ހަދާލަ ދިނުން އެދެން.
މަތީހާ
16 March 2023
ހިދުމަތް ހަމަ ސުމެއް! ސަރުކާރު އޮފީހެއް!
އަޑަފި
15 March 2023
ބާރުން 15ރ ފިޔާ ކިލޯއެއް ލިބެން ހުންނައިރުވެސް، ތިޔަ ހައިޕާ މާޓުގައި ފިޔާކިލޯއެއް ހުންނަނީ 20 ރުފިޔާއަށެވެ. އާއްމުމީހާ އެސްޓީއޯއަށް ކުރިން ދަނީ އަގުހެޔޮކޮށް އެއްޗެހި ލިބޭތީއެވެ. އެސްޓީއޯ ގެ ގާޑުމީހާވެސް ބުނަނީ ބޭރުން މާ އަގުހެޔޮކޮށް ލިބޭ ކަމަށް.
އޮނަރަބްލް އަފީފު ދީދީ
15 March 2023
ދައުލަތުގެ ބޮޑު އިސްޓޯރުގެ ނަމުގައި މީގެ 70 ވަރަކަށް އަހަރު ކުރިން އުފެއްދި ކުންފުނިން މިއަދު ކަންމަތީ ފިހާރައެއްގެ ދައުރު އަަދާކޮށް އަދި ފެހުރުވެރިކަމާއިއެކު ހަވާއަރުވާފައި ފާހަނގަ ކުރާން ލަދެއް ނުގަނޭތޯ؟ ކުންފުންޏަށް ބޭނުންވާ ބޭރުފައިސާ ހޯދުމުގެ މަޤުސަދަށްޓަކާ ދައުލަތާއި ރައްޔަތް ޙިއްސާވާ ކުންފުނިން އެތައް މިލިޔަން ރުފިޔާ ޙަރަދުކޮށް ހުޅުމާލޭގައި އަޅާފައިވާ ސިޓީހޮޓާ ވީރާނާވެގެންދާއިރު އެތަން ނުގިންގަނީ މަހުޖަނުން ކޯފާވެދާނެތީތޯ؟!