ވިޔަފާރި

ސިގްސްގެ "މިކަން ވާނެތަ؟" ޕްރިމިއާކޮށްފި

ސިންގަލް ޔޫޒް ޕްލާސްޓިކް މަދުކުރާނެ ގޮތްތައް ދައްކައިދޭ "މިކަން ވާނެތަ؟" ޑޮކިއުސީރީޒް ޕްރިމިއާކޮށްފި އެވެ.

މި ޑޮކިއުސީރީޒް އަކީ ތިމާވެށި ހިމާޔަތްކުރުމުގެ މަސައްކަތް ކުރަމުންދާ ސްމޯލް އައިލެންޑްސް ޖިއޮގްރެފިކް ސޮސައިޓީ (ސިގްސް)އިން ތައްޔާރު ކޮށްފައިވާ ޑޮކިއު ސީރީޒްއެކެވެ. ސިގްސްއިން ބުނި ގޮތުގައި މި ޑޮކިއުސީރީޒް ތައްޔާރު ކުރީ ޔޫއެސް އެޖެންސީ ފޯ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓްގެ ކްލީން ސިޓީސް، ބްލޫ އޯޝަން ޕްރޮގްރާމްގެ އެހީއާ އެކު އެ ޖައްމިއްޔާއިން ހިންގާ "ހޯމް" ޕްރޮޖެކްޓުގެ ދަށުންނެވެ.

"ހޯމް ޕްރޮޖެކްޓަކީ" ސިންގަލް ޔޫޒް ޕްލާސްޓިކް ބޭނުން ކުރާ ވަރު މަދުކޮށް، ޕްލާސްޓިކް ނޫން އިތުރު ގޮތްތައް ހޯދައި، އެ ގޮތްތައް ބޭނުން ކުރުމަށް ހިތްވަރު ދޭ ޕްރޮޖެކްޓެކެވެ. މި ޕްރޮޖެކްޓުގެ ދަށުން ހެދި މި ޑޮކިއުސީރީޒްގައި ދައްކައިދޭނީ އާއްމުކޮށް ގޭގޭގައި ބޭނުން ކުރާ ސިންގަލް ޔޫޒް ޕްލާސްޓިކުގެ ބަދަލުގައި ބޭނުން ކުރެވޭނެ ތަކެތި ބޭނުންކުރަން 12 ގެއަކުން ކުރާ މަސައްކަތެވެ.

ސިގްސްއިން ކުރި ދިރާސާއިން ދައްކާ ގޮތުގައި އެންމެ ގިނައިން ބޭނުން ކުރާ ސިންގަލް ޔޫޒްޑް ޕްލާސްޓިކަކީ ޕްލާސްޓިކް ކޮތަޅު. -- ފޮޓޯ: ސިގްސް

ސިގްސްއިން ބުނި ގޮތުގައި އެ ޖަމިއްޔާގެ މަގުސަދަކީ މި ޑޮކިއުސީރީޒް މެދުވެރިކޮށް ޕްލާސްޓިކް ބޭނުން ކުރާ މިންވަރު މަދުކުރުމަށް ކުރެވޭނެ ގޮތްތަކުގެ މައުލޫމާތު ހިއްސާކޮށް އެކަމަށް ހިތްވަރުދިނުމެވެ.

ސިގްސްއިން 321 ގެއެއް ހިމަނައިގެން 2021 ވަނަ އަހަރު ހުޅުމާލޭގައި ކުރި ދިރާސާއަކުން ދައްކާ ގޮތުގައި ގޭގޭގައި އެންމެ ގިނައިން ބޭނުން ކުރާ ސިންގަލް ޔޫޒް ޕްލާސްޓިކުގެ ގޮތުގައި ހިމެނެނީ ފެން ފުޅި އާއި ޕްލާސްޓިކް ކޮތަޅެވެ. އަދި ދިރާސާގައި ބައިވެރިވި ގެތަކުގެ 88 ޕަސެންޓް ސިންގަލް ޔޫޒް ޕްލާސްޓިކް ބޭނުން ކުރާ މިންވަރު މަދުކުރަން ޖެހޭ ކަމަށް އެއްބަސްވި އިރު 41 ޕަސެންޓު ގެތަކުން ވަނީ މިފަދަ ދެމެހެއްޓެނިވި އާދަތައް އަށަގަންނަން އުނދަގޫ ކަމަށް ބުނެފަ އެވެ.

ސިގްސްއިން 12 ގެއެއް ހިމަނައިގެން ކުރި ދިރާސާއަކުން ދައްކާ ގޮތުގައި ބޮލަކަށް ދުވާލަކު 0.25 ކިލޯގެ ކުނި އުފެދެ އެވެ. އަދި ބޮލަކަށް ދުވާލެއްގެ މައްޗަށް 0.11 ކިލޯގެ ޕްލާސްޓިކް ކުނީގެ ގޮތުގައި އުކާލަ އެވެ. އެ ދިރާސާއިން ދައްކާ ގޮތުގައި ޕްލާސްޓިކަކީ ދެ ވަނަ އަށް އެންމެ ގިނައިން އުކާލެވޭ ކުނީގެ ބާވަތެވެ.

މި ޑޮކިއުސީރީޒް މެދުވެރިކޮށް ޕްލާސްޓިކު މަދުކުރެވޭނެ އެކި ގޮތްތައް ދައްކާ. -- ފޮޓޯ: ސިގްސް

ޕްލާސްޓިކް މަދުކުރުމުގެ ޓްރައަލްގައި ބައިވެރިވި ފަރާތްތަކުގެ މެދުގައި އެންމެ ބޮޑު ތަރުހީބެއް ލިބުނީ ވޯޓާ ފިލްޓަރު ބޭނުން ކުރުން ކަމަށް ސިގްސްއިން ބުންޏެވެ. ވޯޓާ ފިލްޓަރު ގިނަ ބަޔަކު ބޭނުން ކުރާ ނަމަ، ކުނީގެ ގޮތުގައި އެންމެ ގިނައިން އުކާލެވޭ ޕްލާސްޓިކް ފުޅީގެ މިންވަރު ބޮޑުތަނުން މަދު ކުރެވޭނެ ކަމަށް ސިގްސްއިން ބުނެ އެވެ.

ސިގްސްއިން ކުރި ސާވޭގެ އަލީގައި ހޯދުނު ގިނަ ކަންތައްތަކެއް "މިކަން ވާނެތަ؟" ޑޮކިއު ސީރީޒްގައި ހިމަނާފައިވާކަމަށް އެ ޖައްމިއްޔާއިން ބުނެ އެވެ.

ރޭ ޕްރިމިއާ ކުރި މި ޑޮކިއު ސީރީޒް އައިސްޓީވީ މެދުވެރިކޮށް ދައްކާނެ އެވެ. އަދި ސްޓްރީމް ކުރަން ބޭނުންވާ ފަރާތްތަކަށް ބައިސްކޯފް، ސިގްސްގެ ޔޫޓިއުބް ޗެނަލާއި އިންސްޓަގްރާމް މެދުވެރިކޮށް ބެލޭނެ އެވެ.

ޑޮކިއުސީރީޒްގައި ނެރެމުންދާނީ ހަފްތާއަކު އެއް އެޕިސޯޑެވެ.

0 ކޮމެންޓް, 2 ރިއެކްޝަންސް

icon happy icon happy 50%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 50%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454