މުލިއާގޭ ކުރިމަތީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ--ފޮޓޯ: ނިޝާން އަލީ | މިހާރު
21 މާޗް 2023 - 19:14
ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގައި ގުޅިގެން ވާދަ ކުރުމަށް ޖުމްހޫރީ ޕާޓީ އަށް ދެއްވި ދައުވަތަށް ރަސްމީ ޖަވާބެއް ލިބިވަޑައިގަންނަވަންދެން މަޑުކޮށްލައިގެން ހުންނެވި ކަމަށާއި އެހެން ނަމަވެސް އަދާލަތު ޕާޓީ އާއި އެމްޑީއޭއާއެކު އިންތިހާބު އެއްބުރުން ކާމިޔާބު ކުރެވޭނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީއާއެކު ކޯލިޝަން ހަދަން މިހާތަނަށް އެއްބަސްވެފައިވާ އަދާލަތު ޕާޓީ އާއި އެމްޑީއޭ އިން މިއަދު ވަނީ މުލިޔާގޭގައި ރައީސްއާއެކު ބައްދަލުވުމެއް ބާއްވައިފަ އެވެ.
އެ ބައްދަލުވުމަށް ފަހު ބޭރަށް ނިކުމެވަޑައިގެން ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އަދާލަތާއި އެމްޑީއޭއާއެކު ރިޔާސީ ކެމްޕެއިން ފެށުމާއި މެނިފެސްޓޯ އެކުލަވައިލުމުގެ މަސައްކަތް ފަށަން މަޝްވަރާ ކުރެއްވި ކަމަށެވެ.
ރިޔާސީ އިންތިހާބުގައި އެ ތިން ޕާޓީ ގުޅިގެން ރަނގަޅު މަސައްކަތްތަކެއް ކުރެވޭނެ ކަމަށާއި މިހާތަނަށް ދެކެވުނު ވާހަކަތަކުގެ އަލީގައި އާ ކޯލިޝަންގެ އަމާޒަކީ އެއްބުރުން ރިޔާސީ އިންތިހާބު ކާމިޔާބު ކުރުން ކަމަށް ރައީސް ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ އަމާޒަކީ އެއްބުރުން އިންތިހާބު ކާމިޔާބު ކުރުން. އެކަމުގެ ވަރާށް ބޮޑު އުންމީދެއް އަދި ޔަގީންކަން އެބައޮތް،" ރައީސް ވިދާޅުވި އެވެ.
ޖުމްހޫރީ ޕާޓީން ވަކިން ވާދަ ކުރަން ނިންމާފައިވާތީ އެކަމާ ގުޅޭ ގޮތުން ސުވާލު ކުރުމުން ރައީސް ވިދާޅުވީ އެ ޕާޓީ އާއި އެމްއާރްއެމް އަށް ކޯލިޝަނާ ގުޅެން ރަސްމީކޮށް ދައުވާތު ދެއްވާފައިވާ ކަމަށެވެ.
އަޅުގަނޑުމެންގެ އަމާޒަކީ އެއްބުރުން އިންތިހާބު ކާމިޔާބު ކުރުން. އެކަމުގެ ވަރާށް ބޮޑު އުންމީދެއް އަދި ޔަގީންކަން އެބައޮތް -- ރައީސް
ޖުމްހޫރީ ޕާޓީ ރިޔާސީ އިންތިހާބަށް ވަކި ކެނޑިޑޭޓެއް ނެރޭނެ ކަމަށް އިއުލާން ކުރެއްވި ނަމަވެސް ރަސްމީ ޖަވާބެއް ލިބެންދެން މަޑުކޮށްލައިގެން ހުންނެވި ކަމަށް ރައީސް ވިދާޅުވި އެވެ.
"އަޅުގަނޑު މަޑުކޮށްގެން މި ހުރީ ޖުމްހޫރީ ޕާޓީން އަޅުގަނޑުމެންގެ އެ ރިކުއެސްޓަށް ކޮންމެވެސް ރަސްމީ ސިފައެއްގައި ޖަވާބެއް ލިބޭނެ ކަމަށް،" ރައީސް ވިދާޅުވި އެވެ.
ޖުމްހޫރީ ޕާޓީގެ ތާއީދު ލިބިއްޖެ ނަމަ ރިޔާސީ އިންތިހާބު ވަރަށް ފަސޭހައިން ކާމިޔާބު ކުރެވޭނެ ކަމަށް ރައީސް އަނެއްކާވެސް ވިދާޅުވި އެވެ.
އެ ވާހަކަފުޅު ތަފްސީލް ކުރައްވަމުން އެމްޑީޕީގެ ޗެއާޕާސަން އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅުވީ ޖުމްހޫރީ ޕާޓީން ކޯލިޝަނާ ގުޅެން ނިންމައިފި ނަމަ މި އިންތިހާބު 60 ޕަސެންޓަށް ވުރެ މަތިން ކާމިޔާބު ކުރެވޭނެ ކަމަށެވެ.
މުލިއާގެއިން ރައީސް އާއި އާ ކޯލިޝަންގެ ލީޑަރުން ނިކުމެވަޑައިގަންނަވަނީ--ފޮޓޯ: ނިޝާން އަލީ | މިހާރު
އެހެން ނަމަވެސް އެ ޕާޓީ ވަކިން ވާދަކުރިޔަސް އެމްޑީޕީ، އަދާލަތު އަދި އެމްޑީއޭ އަށް ރިޔާސީ އިންތިހާބު އެއްބުރުން ކާމިޔާބު ކުރެވޭނެ ކަމަށް ފައްޔާޒް ވިދާޅުވި އެވެ.
އަޅުގަނޑުމެން ގަބޫލު ކުރަނީ ކުރިޔަށް އޮތް ތަނުގައި އެހެން ޕާޓީތައް ވެެސް [ރައީސް އުފައްދަވާ ކޯލިޝަނާ] ބައިވެރިވާނެ ކަމަށް،" ފައްޔާޒް ވިދާޅުވި އެވެ.
ކުރިޔަށް އޮތް ރިޔަސީ އިންތިހާބުގައި ކެނޑިޑޭޓަކު ނެރެން ޖުމްހޫރީ ޕާޓީން ނިންމުމަށް ފަހު އެ ޕާޓީން މިހާރު އަންނަނީ އިސްވެ ކޯލިޝަނެއް ހެދުމުގެ މަޝްވަރާތައް ކުރަމުންނެވެ. އެގޮތުން އިއްޔެ ޖުމްހޫރީ ޕާޓީން ވަނީ އެމްއާރްއެމް އާ ވެސް މަޝްވަރާ ކޮށްފަ އެވެ.
އެމްއާރްއެމް ވެސް އިން އިންތިހާބާ ގުޅޭ ގޮތުން ރައީސް އާ ބައްދަލު ކުރައްވާފައިވާ އިރު އެ ޕާޓީން މިއަދު ވަނީ އަދާލަތު ޕާޓީ އާ ވެސް މަޝްވަރާތަކެއްކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކިހިނެއް
22 March 2023
ކަރަޕްޝަން އިންތިހާ، ފެނަކަ، ސިވިލްސަރވިސް ގެ ވަޒީފާތަކަށް މީހުން ހޮވުމުގައި ހައްދުފަހަނައަޅާގޮސްސި.. ކަރްޕްޝަނުގެ ހާއްޔަކަށް ރާއްޖެ ބަދަލްކޮށްފި..
އެހެން
22 March 2023
އެއީ ހޮވޭ ގޮތްކަމަށް ބަލާ ގޮތަކީ.
ހައްޕު
22 March 2023
ރައީސްގެ ހިސާބު ރަނގޅު. އަދާލަތާނުލާވެސް ވާނެ އެކަން. އަދާލަތަކީ ޕާޓީއެއްވެސްނޫން. ބައުގަނޑެއް. ދެން އިމުރާނާ މީނަގެ ފަހުލަވާނުން މަގުތަކަށް ނިކުމެ ދީނޭ ދީނޭ ގޮވައިގެން ބައިއަޅާ ޕާޓީއަކަށް ވަދެގަންނާނެތީ އަދާލަތަށް ބޭރުނުކުރަނީ. ސަން ޝިޔާމު ނަގާނެ މ.ފ.ދ.ތ. ދެން ހުރިހާތަނެއް އިބޫ. ހެއްހެއް
ލުތުފީ
22 March 2023
ވޯޓް ހޯދަން އެންމެ ކުރިޔަށް ނެރެގެން އުޅެނީ މަޖިލިސް މެންބަރުން. އެމީހުން މަސައްކަތްކުރަނީ 2023 ގެ ކުރިން 2024 ހޯދަން. ބެދޭ މަޅިނުފެނި ނާނާ ހުވަފެނެއްގަ ތި އުޅެވެނީ!
ބުރު
22 March 2023
ކޮންމެ ގޮތެއްވިއަސް ކާމިޔާބު ވަންޏާ ވާނީ އެއްބުރުން. އެއީ ފުރަތަމަ ބުރަށް ވާކަށް ނުޖެހޭ. ދެވަނަ ނުވަތަ ތިންވަނަ ބުރުން ކާމިޔާބު ވިއަސް ވާނީ ހަމަ އެއްބުރުން.
ވަހުތާން
22 March 2023
ދެން ކީއްކުރަން ގާސިމްގެ ފައިބުޑުގަ ސަލާންޖަހަނީ؟ ޔަގީނޭ އެކަމަކު ބިލާހެކޭ ނޫންތަ ތިވިދާޅުވަނީ؟
ބަޑިތަކުރު
22 March 2023
އެންމެ ބޮޑު އެއްކޯލިޝަނަށް ތާއީދު ނުކުރެވެނީ މައިޕާޓީގައި، ކުރީގެ ސަރުކާރަކުން މަންފާލިބުނު ބަޔަކު ފިޔަވައި ރާއްޖޭގެ އެންމެންހެން އެކޯލިޝަންގެ ގިނަ މީހުންވެސް ހިމެނޭހެން ކޮރަޕްޝަނާއި ފަސާދައާއި އަނިޔާވެރިކަމުގައި ހައްދުފަހަނައަޅާ ދިއުމުގެ ސަބަބުން ބަދަލުކުރިވެރިކަމުގައި އެކަންކަމަށް ހިތްވަރުދީ ބައިވެރިވެ އަދި ދައުވާވެސް އުފުލިފައިވާ ފަރާތްތައް ވެރިކަން ލިބިއްޖެނަމަ ދައުލަތުން ބޮޑެތި މަޤާމުދޭނެ އެންމެ އަރިސް މީހުންގެ ތެރޭގައި ތިބީމައެވެ.
މުބާރަކް
22 March 2023
ނަނާ ހުވަފެން ތިޔަ ދެކެލައްވަނީ...
ވަހީދުބޭބެ
22 March 2023
އިމްރާނު ބުނެފައި އެބައޮތް އަދާލަތު މީހެކޭ ދެން ވެރިކަމަށް އަންނާނީ.
ާތެދުވާހަކަ
22 March 2023
ޢެމް ޑީ އޭ 3000 ޢަދާލަތު 1200 ޢެމް ޑީ ޕީ އަންނި ނުލާ 27000 31200 މީ ހަގީގަތަކީ
އެމްސް
22 March 2023
ވޯޓަކީ ޕާޓީ އެއްޗެއް ނޫން! އެމްޑީއޭ އާއި ޖޭޕީ ފަހަތުން އުޅެވޭ 1 ސަބަބަކީ ކެމްޕެއިން ޚަރަދު ލުއި ކުރަން!
ބަޑިތަކުރު
22 March 2023
ޕާޓީތަކުގައި ނޫޅޭ މީހުން ގިނައީ. އެ އެންމެން ވޯޓުދޭނީ ސަރުކާރާ ދެކޮޅަށްކަމަށް ނިންމީ ކިހިނެއްބާ؟
ހަސޯ
22 March 2023
އަދުރޭ ކަލްކިއުލޭޓަރުން ކުރިހިސާބަކާ ވަރަށް ވައްތަރު.
ޙިނި
22 March 2023
ޑރ. ވަހީދު މަތިން ހަނދާންވަނީ