ކުޅިވަރު / ޓޮޓެންހަމް

ކޮންޓޭގެ އިހުސާސްތައް ސާފުކޮށްދޭން ޖެހޭ: ހޮއިބިއޭ

ލީގު މެޗެއްގައި ކޮންޓޭ (ކ) އާއި ހޮއިބިއޭ (ވ).-- ފޮޓޯ: ގެޓީ އިމޭޖަސް

ލަންޑަން (މާޗު 22) - ޓޮޓެންހަމް ހޮޓްސްޕާގެ ކޯޗު އިޓަލީގެ އެންޓޯނިއޯ ކޮންޓޭ އެ ޓީމުގެ ކުޅުންތެރިންނަން ފާޑުކީ މައްސަލައިގައި، ކޮންޓޭގެ އިހުސާސްތައް ސާފުކޮށް ބުނެދޭން ޖެހޭކަމަށް އެ ޓީމުގެ މިޑްފީލްޑަރު ޕިއޭ-އެމީލް ހޮއިބިއޭ ބުނެފި އެވެ.

ޓޮތެންހަމް ދެ ގޯލުގެ ލީޑެއްގައި އޮއްވައި ލީގު ފުލުގައި އޮތް ސައުތެމްތަނުން ފަހަތުން އަރައި ނަތީޖާ 3-3 އިން އެއްވަރު ކުރި މެޗަށް ފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮންޓޭ ވަނީ ޓީމުގެ ކުޅުންތެރިން "އަމިއްލަ އެދުން ބޮޑު" ކަމަށް ބުނެ، ކްލަބުގެ ހިންގުންތެރިންނަށް ވެސް ފާޑު ކިޔައިފަ އެވެ.

ރިޕޯޓްތައް ބުނާގޮތުން އިންޓަނޭޝަނަލް ބްރޭކުގައި މިވަގުތު އިޓަލީގައި ހުރި އުމުރުން 53 އަހަރުގެ ކޮންޓޭ ވަރަށް އަވަހަށް މަގާމުން ވަކި ކުރާނެ އެވެ. އަދި އޭނާ މަގާމުން ވަކި ކޮށްފި ނަމަ ވަގުތީގޮތުން އެ މަގާމު ހަވާލުކުރާނީ އެސިސްޓެންޓް ކޯޗު ރަޔާން މޭސަންއާ އެވެ.

"އަހަރެމެން އެންމެން ވެސް އަޑުއެހިން [ކޮންޓޭ ދެއްކި ވާހަކަ]. އޭނާ ވަނީ ވަރަށް ތެދުވެރިކަމާ އެކު ފޮރުވުމެއް ނެތި ޕްރެސްގައި ވާހަކަ ދައްކައިފައި. އޭގެ ސަބަބަކީ [ބޭނުންވާ ނަތީޖާ ނުލިބުމުން] އޭނާ އެންމެ ހިތްހަމަ ނުޖެހެނީ. ޗެމްޕިއަންސް ލީގު ކުއާޓާ ފައިނަލަށް ދިޔަ ނަމަ އަދި އެފްއޭ ކަޕް ސެމީ ފައިނަލަށް ދިޔަ ނަމަވެސް އެހެން ވާހަކައެއް ނުދެއްކީސް،" ހޮއިބިއޭ ބުންޏެވެ.

"ކަންދިމާކުރިގޮތުން އަހަރެމެން ބޭނުންވި ނަތީޖާއެއް ނުލިބުނު. އަހަރެމެން މިތިބީ ލީގުގައި ބޭނުންވާ ހިސާބުގައި އެކަމަކު މިއީ އުނދަގޫ ކަމެއް. ޓީމެއްގެ ގޮތުގައި ކާމިޔާބު ހޯދަން ދަނޑުމައްޗަށް އަރާ 11 ކުޅުންތެރިންގެ ފަރާތުން ކޮމިޓްމަންޓް ބޭނުންވާނެކަން އަހަރެން ގަބޫލު ކުރަން. އެކަމަކު އަހަރެންނަށް ހީވަނީ ކުޅުންތެރިންނަށް ފާޑުކިޔުމުގެ ކުރިން އޭނާ އަށް ކުރެވޭ އިހުސާސްތައް ތަފްސީލު ކޮށްދޭން ޖެހޭހެން."

މި ސީޒަން ގައި ހުރިހާ ކަޕް މުބާރާތްތަކަކުން ކަޓާފައިވާ ޓޮޓެންހަމް ލީގުގައި އޮތީ ހަތަރު ވަނައިގަ އެވެ.

އިންޓަނޭޝަނަލް ބްރޭކުގައި ޑެންމާކް ޓީމާ އެކު ހުރި ހޮއިބިއޭ ބުނީ އޭނާއަކީ ޓީމަށް އަބަދުވެސް 100 ޕަސެންޓް ދޭ ކުޅުންތެރިއެއް ކަމަށާއި ކޮންޓޭ ކުޅުންތެރިންނަށް ފާޑު ކިޔުމުގެ ކުރިން އޭނާ ކުޅުންތެރިއެއްގެ ހައިސިއްޔަތުން ވިސްނާލައި، އޭނާއަށް ކުރެވޭ އިހުސާސްތައް ވެސް ސާފު ކޮށްދޭން ޖެހޭ ކަމަށެވެ.

އެހެން ނަމަވެސް ޖެނުއަރީ ގައި ޓޮޓެންހަމް ދޫކޮށް އެތުލެޓިކޯ މެޑްރިޑަށް ބަދަލުވި ފުލްބެކް މެޓް ޑޮހާޓީ ވަނީ، ކޮންޓޭ ދިގު މުއްދަތަކަށް ކުލަބުގައި ހުންނާނެ ކަމަށް އުއްމީދުކުރާ ކަމަށް ބުނެފަ އެވެ. އޭނާ ބުނީ، ކޮންޓޭ ކުލޫންތެރިންނާ ދިމާއަށް ނުބުނާ އެއްވެސް އެއްޗެއް ޕްރެސް އެއްގައި ނުބުނާނެ ކަމަށެވެ. އަދި އޭނާ އަކީ ތެދުބަހުން ކުޅުންތެރިންނާ ވާހަކަ ދައްކާ، ދުނިޔޭގެ އެންމެ މޮޅު ކޯޗުންގެ ތެރޭން ގުނާލެވޭ ކޯޗެއް ކަމަށް ވެސް ޑޮހާޓީ ބުނެފައިވެ އެވެ.

0 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454