27 މާޗް 2023 - 12:34
ލޯފަން މީހުންނަށް އިތުރު މީހެއްގެ އެހީތެރިކަމާ ނުލައި ވޯޓުލެވޭ ގޮތް ހަދަން އިންތިހާބުތަކާ ބެހޭ އާންމު ގާނޫނަށް ސަރުކާރުން އިސްލާހެއް ހުށަހަޅައިފި އެވެ.
ސަރުކާރު ފަރާތުން، ހިންނަވަރު ދާއިރާގެ އެމްޑީޕީގެ މެމްބަރު ޖީހާން މަހުމޫދު ހުށަހެޅުއްވި އެ އިސްލާހުގައި ވާ ގޮތުން، ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ މީހުން ވޯޓު ކަރުދާހުގައި އަމިއްލަ އަށް ފާހަގަ ޖެހުމަށް އެދޭ ނަމަ ވޯޓު ކަރުދާސް ޓެމްޕޭޓެއް ބޭނުން ކުރެވޭނެ އެވެ.
އެއީ ވޯޓު ކަރުދާހުގެ ތެރެއަށް ލައިގެން ނުވަތަ ވޯޓު ކަރުދާހުގެ މަތީގައި ވަގުތީ ގޮތުން ހަރުކޮށްގެން، ލޯފަން މީހުންނަށް ވޯޓުލެވޭ ގޮތަށް ތައްޔާރު ކޮށްފައިވާ އެތެރެ ފެންނަ ޕްލާސްޓިކް ޑިވައިސެއް ކަމަށް އެ އިސްލާހުގައި ވެ އެވެ.
އެ ޕްލާސްޓިކް ޓެމްޕްލޭޓްގައި ވޯޓު ދިނުމަށްޓަކައި ފާހަގަ ޖަހަން ޖެހޭ ގޮޅިއާ ދިމާލުގައި ފާހަގަ ޖެހޭ ގޮތަށް ކެނޑުމެއް ހިމެނެން ވާނެ ކަމަށް ވެސް އެ އިސްލާހުގައި ބުނެފައި ވެ އެވެ.
އިއްޔެ ބްލައިންޑް އެސީސިއޭޝަނުން ބޭއްވި ބައްދަލުވުމުގައި ބައިވެރިވި އެ ޖަމިއްޔާގެ މެމްބަރުން. -- ފޮޓޯ: ފަޔާޒް މޫސާ \ މިހާރު
ލޯފަން މީހާ އަށް ވޯޓު ކަރުދާސް އަދި ޓެމްޕްލޭޓް ދޫކުރުމަށް ފަހު، އޭނާ ވޯޓުލާ ނިމެންދެން އިލެކްޝަންސް ކޮމިޝަން (އީސީ)ގެ އެއްވެސް އޮފިޝަލަކު ނުވަތަ އެ ނޫން ވެސް ފަރާތަކުން އެ ތަނުގައި ހާޒިރުވެ ހުރެގެން ނުވާނެ ކަމަށް އެ އިސްލާހުގައި ބުނެފައި ވެ އެވެ. އިސްލާހުގައި ވާ ގޮތުން އެ ފަރާތެއްގެ ވޯޓުގެ ސިއްރުކަން ގެއްލޭނެ އެއްވެސް އަމަލެއް އެއްވެސް ފަރާތަކުން ކޮށްގެން ނުވާނެ އެވެ.
ލޮލުގެ ފެނުމުން މަހްރޫމްވެފައިވާ މީހުންގެ ވޯޓުގެ ސިއްރު ނުހިފެހެއްޓޭ ކަމުގެ ޝަކުވާ އަބަދުވެސް ކުރެ އެވެ. އެކަމަށް ހައްލެއް ގެނައުމަށް ބްލައިންޑް އެސޯސިއޭޝަނުން ދާދި ފަހުން ވަނީ ރާއްޖޭގެ އެކި މުއައްސަސާތަކާއި ރައްޔިތުންގެ މަޖިލިހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީ އާ ވެސް ބައްދަލުކޮށް، އެ ޝަކުވާތައް ހިއްސާ ކޮށްފަ އެވެ.
ބްލައިންޑް އެސޯސިއޭޝަނުން ރައްޔިތުންގެ މަޖިލީހުގެ އިދާރާއި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަނީ ޕްލާސްޓިކް ޓެމްޕްލޭޓެއް ބޭނުން ކޮށްގެން ލޯފަން މީހުންނަށް ވޯޓުލެވޭނެ ގޮތުގެ މިސާލެއް ދައްކާލައިފަ އެވެ.
އެކަމާ ގުޅޭ ގޮތުން އީސީން ވެސް ވަނީ މި އަހަރުގެ ރިޔާސީ އިންތިހާބުގައި ލޯފަން މީހުންނަށް އަމިއްލަ އަށް ވޯޓުލެވޭ ގޮތް ހަމަޖައްސައި ދޭނެ ކަމަށް ބުނެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy