ސޮން (ކ) އާއި ކޮންޓޭ (ވ)، ސޮން ބުނީ ކޮންޓޭ ވަކިކުރީ އޭނާ އަށް މި ސީޒަން ގައި މޮޅަށް ނުކުޅެވޭތީ ކަމަށް.-- ފޮޓޯ: ޝަޓާސްޓޮކް
30 މާޗް 2023 - 11:09
ލަންޑަން (މާޗު 30) - އިނގިރޭސި ކްލަބް ޓޮޓެންހަމް ހޮޓްސްޕާގެ ކޯޗުގެ މަގާމުން އިޓަލީގެ އެންޓޯނިއޯ ކޮންޓޭ ވަކިކުރުމުގެ ޒިންމާ، އެ ޓީމަށް ކުޅޭ ދެކުނު ކޮރެއާގެ ފޯވާޑް ސޮން ހެއުން މިން ނަގައިފި އެވެ.
ލީގުގައި ބާކީ 10 މެޗު އޮއްވައި ކޮންޓޭ މަގާމުން ވަކިކޮށްފައިި ވަނީ ދެ ފަރާތް އެއްބަސް ވެގެން މިދިޔަ އާދިއްތަ ދުވަހު އެވެ.
ސޮން އަކީ މިދިޔަ ސީޒަންގައި 23 ލަނޑު ޖަހައިގެން ޖޮއިންޓް ޓޮޕްސްކޯރާގެ މަގާމު ވެސް ހޯދި ކުޅުންތެރިއެކެވެ.
މި ސީޒަންގައި ލީގުގައި މިހާތަނަށް ސޮން އަށް ޖެހިފައި ވަނީ ހަ ގޯލެވެ. ސޮން ބުނީ ކޮންޓޭ މަގާމުން ވަކި ކޮށްފައި ވަނީ އޭނާ އަށް ރަނގަޅަށް ނުކުޅެވިގެން ކަމަށާއި އެކަމާ ހިތާމަ ކުރާ ކަމަށެވެ.
"އަހަރެން އޭނާ [ކޮންޓޭ] އާ މެދު ހިތާމަ ކުރަން. އޭނާ އަކީ ދުނިޔޭގެ ފެންވަރުގެ މެނޭޖަރެއް. އަހަރެމެން އެކުގައި ކުރީ އުފާވެރި ދަތުރެއް. އޭނާ އަށް އަހަރެން ޝުކުރު އަދާކުރަން. އެހެން ކުޅުންތެރިން ދެކޭ ގޮތެއް އަހަރެންނަކަށް ނޭނގޭ. އެކަމަކު [ކޮންޓޭ ވަކިކުރުމުން] އަހަރެން ހިތާމަ ކުރަން،" ދެކުނު ކޮރެއާ އިން އަންގާރަ ދުވަހު ކޮރެއާގައި އުރުގުއޭ އާ ދެކޮޅަށް ކުޅެ 2-1 އިން ބަލިވި މެޗަށް ފަހު ސޮން ބުންޏެވެ.
"އަހަރެން ޖެހޭނެ ރަނގަޅަށް ކުޅެން. އެއީ އަހަރެންނަށް ނުކުރެވުނު ކަމަކީ. އަހަރެންނަށް ޓީމަށް އެހީ ނުވެވުނު، އެކަމުގެ ޒިންމާ އަހަރެން ނަގަން ޖެހޭކަމަށް އިހުސާސް ކުރެވޭ. އޭނާއަކީ ހުނަރުވެރި، ތަޖުރިބާކާރު ކޯޗެއް. އަހަރެންނަށް ޔަގީން ކުރިމަގުގައި ވެސް އޭނާގެ ކެރިއަރުގައި ކާމިޔާބު ވާނެ."
ސޮން އެހެން ބުނެފައިވާއިރު، ކޮންޓޭ ވަނީ އޭނާގެ ކުޅުންތެރިންގެ ފަރާތުން ދަނޑުމަތީގައި 100 ޕަސެންޓު ނުދައްކާ ކަމަށް ބުނެ މީޑިއާގައި ފާޅުކޮށް ވާހަކަ ދައްކައިފަ އެވެ. އަދި ކޮންޓޭ މަގާމުން ވަކިކުރުމުގެ ކުރިން ޓޮޓެންހަމަށް ކުޅޭ ޑެންމާކްގެ މިޑްފީލްޑަރު ޕިއޭ-އެމީލް ހޮއިބިއޭ ވަނީ ކޮންޓޭގެ ކޮމެންޓްތަކާ ހިތްހަމަ ނުޖެހުން ފާޅުކޮށްފަ އެވެ.
ކޮންޓޭ މަގާމުން ވަކިކުރުމުން ސްކޮޑްގެ ގިނަ ކުޅުންތެރިންތަކަކަށް ހަމަޖެހުމެއް ލިބިފައިވާ ކަމަށް ވެސް ބައެއް މީޑިއާތަކުން ބުނެ އެވެ. އެ ޓީމަށް ކުޅޭ ސްވިޑެންގެ ފޯވާޑް ޑިޔާން ކުލުސެވްސްކީ ވަނީ ކްލަބުން ނިންމީ ކުޅުންތެރިންނާއި ކްލަބަށް ވެސް އެންމެ ފައިދާ ހުރި ނިންމުމެއް ކަމަށް ބުނެފަ އެވެ.
އުރުގުއޭ އަތުން ބަލިވި މެޗުގެ ކުރިން ކޮރެއާ އިން ވަނީ ކޮލަމްބިއާއާ ދެކޮޅަށް ކުޅުނު ރަހުމަތްތެރި ކަމުގެ މެޗު 2-2 އިން އެއްވަރު ކޮށްފަ އެވެ. އެ މެޗުގައި ކޮރެއާގެ ދެ ގޯލު ވެސް ޖެހީ ސޮން އެވެ.
އިންޓަނޭޝަނަލް ބްރޭކްގައި ކުޅެން ތާވަލް ކުރި މެޗުތަކަށް ފަހު، ސޮން އަށް ދެން އޮތީ ޓޮޓެންހަމާ އެކު އިނގިރޭސި ލީގުގެ މެޗުތަކެވެ. އެންމެ އަވަހަށް ކުޅެން އޮތީ ހޯމަ ދުވަހުގެ ރޭ އެވަޓަން އާ ދެކޮޅަށް ކުޅޭ މެޗެވެ. ޓޮޓެންހަމަށް ދާއިމީ ކޯޗެއް ހަމަޖައްސަންދެން ވަގުތީގޮތުން ޓީމަށް އިރުޝާދު ދޭނީ އެސިސްޓެންޓް ކޯޗު ކްރިސްޓިއަން ސްޓެލިނީ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy