ކުޅިވަރު / މާޒިޔާ ސ.ރ.ކ

އެހެން ޓީމުތަކާ މެދު މާޒިޔާގެ ކޯޗުގެ ވިސްނުމެއް ނެތް

މާޒިޔާގެ ކޯޗް އިވާން، ސީޒަން ފަށަން ކުޅުނު ޗެރިޓީ ޝީލްޑް މެޗުގެ ކުރިން ނޫސްވެރިންނާ ވާހަކަ ދައްކަނީ.-- ފޮޓޯ: ނައުޝަމް ވަހީދު

އެހެން ޓީމުތަކުން އާ ސީޒަނަށް ތައްޔާރުވާން ފެށީ ކޮން ވަގުތަކުތޯ ބެލުން މުހިއްމު ނޫން ކަމަށާއި ނަމަވެސް މަދު ޕްރެކްޓިސްތަކަކާ އެކު ނުކުންނަ ޓީމަކާ ދެކޮޅަށް ވެސް ކުޅެން އުނދަގޫވާ ފަހަރު އަންނާނެ ކަމަށް މާޒިޔާގެ ކޯޗު ބަލްގޭރިއާގެ އިވާން ވެންކޯވް ކޮލޭވް ބުނެފި އެވެ.

އިވާން މިހެން ބުނީ މިއަހަރުގެ ޕްރެޒިޑެންޓްސް ކަޕްގެ ފުރަތަމަ މެޗުގައި ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށް ނުކުތުމުގެ ކުރިން ގަލޮޅު ދަނޑުގައި މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަމުންނެވެ.

"އެހެން ޓީމުތަކާ ގުޅޭގޮތުން އަހަރެންނަށް ވާހަކައެއް ނުދެއްކޭނެ. ތައްޔާރީތަކާއި މެޗުތައް އޮންނައިރު އެޓީމުތަކަށް އެނގޭނެ އެންމެ މުހިއްމު ކަންތައް. އަހަރެމެންނަށް އެންމެ މުހިއްމީ މިރޭގެ މެޗު، އެއަށް ވިސްނުން ހުރީ. އިދިކޮޅުން ކުޅޭ ޓީމު ކިތައް ސެޝަންގެ ފަރިތަކުރުން ކުރިއަށް ގެންދިޔަތޯ ބެލުން އެއީ އަހަރެންމެންނަށް މުހިއްމު ކަމެއް ނޫން،" ހޮނިހިރު ދުވަހުގެ ރޭ ފަރިތަކުރުންތައް ފެށި ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށް ނުކުތުމުގެ ކުރިން އިވާން ބުންޏެވެ.

"އެކަމަކު ބައެއް ފަހަރު މިކަހަލަ މެޗުތައް ވަރަށް އުނދަގޫވެސް ވާން. ބައެއް ޓީމުތަކުން ވިސްނާނެ ހަމައެކަނި ޑިފެންސަށް، އަނެއްބައި ފަހަރު ކައުންޓާއަށް، ވަރަށް ނުރައްކާވާނެ. ކައުންޓާއެއްގައި ހިލޭޖެހުމަކުން ހުރަހަކުން ގޯލެއް ވަދެދާނެ. އީގަލްސްއާ ކުޅުން މެޗުގައި ފުރަތަމަ ހާފުގައި އެމީހުންނަށް ޝޫޓެއް ނުކުރެވުނު. ލިބުނީ ދެ ކޯނަރު. އެކަމަކު ދެވަނަ ހާފުގައި އަހަރެމެންގެ ކޮންސެންޓްރޭޝަން ދަށްވެގެން ގިނަ ސެޓްޕީސްތަކެއް ދެވިގެން ގޯލެއް ވަނީ. މިރޭގެ މެޗުވެސް އެކަން ތަކުރާރު ވެދާނެ."

ޝީލްޑް މެޗަށް ފަހު ކްލަބް އީގަލްސްގެ ކޯޗު އިހުސާން އަބްދުލްގަނީ (ސާންތީ) ވަނީ މާޒިޔާގެ ކުޅުން މާ ތަފާތު ނޫން ކަމަށް ބުނެފަ އެވެ. އިވާން ބުނީ އެއީ ސާންތީ ކޯޗުގެ ވިސްނުން ކަމަށާއި، އެ މެޗުގެ ފުރަތަމަ ހާފުގައި މާޒިޔާއިން ޑޮމިނޭޓް ކުރިއަސް، ދެ ވަނަ ހާފުގައި މާޒިޔާގެ ޕްލޭނާ އެއްގޮތަށް ނުކުޅެވުނު ކަން އިހުސާސް ކުރެވޭ ކަމަށެވެ.

ރާއްޖޭގެ އެންމެ ޝަރަފްވެރި ފުޓްބޯޅަ މުބާރާތް ކަމަށްވާ ޕްރެޒިޑެންޓްސް ކަޕަކީ ޒަމާނުއްސުރެން ފުރަތަމަ ޑިވިޝަންގެ ގަދަ ހަތަރު ޓީމުގެ މެދުގައި ކުޅެވެމުން އައި މުބާރާތެެވެ. ނަމަވެސް ބަދަލުތަކަކާ އެކު މިދިޔަ ސީޒަނުން ފެށިގެން ސީޒަން ހުޅުވަން ކުޅޭ ޗެރިޓީ ޝީލްޑް މެޗަށް ފަހު އެންމެ ފުރަތަމަ ޓީމުތަކަށް އޮންނާނީ ޕްރެޒިޑެންޓްސް ކަޕެވެ. މާޒިޔާގެ ކޯޗު އިވާން ވަނީ މި މުބާރާތަކީ ރަސްމީ ސިފައެއްގައި ރަހުމަތްތެރިކަމުގެ މެޗުތަކެއް ކުޅުމަށް ލިބޭ ފުރުސަތެއްގެ ގޮތުގައި ސިފަ ކޮށްފަ އެވެ.

"މިއީ ރާއްޖޭގެ [ފުޓްބޯޅަ] ފެޑެރޭޝަންގެ ވަރަށް ރަނގަޅު ވިސްނުމެއް. މި މުބާރާތް ވަރަށް ރަނގަޅު އެއީ، ރަހުމަތްތެރިކަމުގެ މެޗުތަކެއްގެ ގޮތުގައި ވާދަވެރި ރަސްމީ ސިފައެއްގައި މެޗުތަކެއް ކުޅުމުގެ ފުރުސަތު މި ލިބެނީ،" އިވާން ބުންޏެވެ.

"އިދިކޮޅުން ނުކުންނަނީ ކޮންބައެއްތޯ ނުބަލައި ކޮންމެ ބަޔަކަށް ވެސް އިހުތިރާމް ކުރަން. އަހަރެމެން ސީރިއަސްކޮށް ކުޅެން ޖެހޭނެ. އިދިކޮޅުން ކުޅޭ ޓީމުވެސް ސީރިއަސްކޮށް ކުޅޭނެކަމަށް އުންމީދުކުރަން. ދެ ޓީމަށް ވެސް ނަތީޖާ ނެރެން ލިބެނީ 90 މިނިޓު."

މާޒިޔާގައި ގައުމީ ޓީމުގެ ގިނަ ކުޅުންތެރިންތަކެއް ހިމެނޭއިރު، މެޗު ކާމިޔާބު ކުރުމަށް އެޓީމަށް އަބަދުވެސް ޕްރެޝަރު އޮންނަ ކަމަށް އިވާން ބުންޏެވެ. ނަމަވެސް އެއީ ބޮޑެތި ކްލަބްތަކަށް އަބަދުވެސް އާއްމު ކަމެއް ކަމަށް އޭނާ ބުންޏެވެ.

"މާޒިޔާއަށް އަންނަ ކޮންމެ ކުޅުންތެރިއަކަށް ވެސް ސައިކޮލޮޖިކަލް ޕްރެޝަރު އަންނާނެކަން ވިސްނެނެ ޖެހޭނެ. އެއީ [މޮޅު ޓީމަކަށް] އަބަދުވެސް އާއްމު ކަމެއް. އަހަރެމެންނަށް ޕްރެޝަރެއް މުހިއްމެއް ނޫން. މުހިއްމީ ކުޅުންތެރިން ދަނޑުމަތީގައި ދައްކާ ޕާފޯމަންސް."

މާޒިޔާ އަކީ މިދިޔަ އަހަރުގެ ޕްރެޒިޑެންޓްސް ކަޕްގެ ރަނަރަޕް ޓީމެވެ. ނަމަވެސް އިވާން ބުނީ މާޒިޔާއަށް މުހިއްމީ މާޒީއަށް ނުބަލައި މެޗަކަށް ފަހު މެޗެއްގެ ކުޅުން ރަނގަޅުކޮށްގެން ނަތީޖާ ނެރުން ކަމަށެވެ.

ޗެރިޓީ ޝީލްޑް މެޗުގައި އީގަލްސް އާ ދެކޮޅަށް ކުޅުނު މެޗުގެ ވަރަށް ކުރީކޮޅު، މި ސީޒަނަށް އީގަލްސް އިން މާޒިޔާއަށް ބަދަލުވި ޑިފެންޑަރު އަހުމަދު ނޫމާން އަށް ވަނީ އަނިޔާ ވެފަ އެވެ. ކޯޗު ބުނީ އެ މެޗަށް ފަހު ނޫމާން އަންނަނީ އަދިވެސް އަނިޔާއިން ރިކަވާ ވަމުން ކަމަށާއި، އޭނާ މި މެޗުގައި ނުފެންނާނެ ކަމަށެވެ. އަދި އެ މެޗަށް މާޒިޔާ ނުކުންނައިރު ފުރަތަމަ 11 އަށް ދެތިން ބަދަލެއް ގެންނާނެ ކަމަށް ވެސް އިވާން ބުންޏެވެ.

މި މުބާރާތުގައި ޓީސީ އަށް އިރުޝާދު ދޭނީ ކޯޗު އަހުސަން ރަޝީދު (ޗޭ) އެވެ. ޓީސީ އިން މި މެޗުގެ ޕްރެސް ކޮންފަރެންސަށް ހާޒިރު ވެފައެއް ނުވެ އެވެ.

މާޒިޔާ އާއި ޓީސީ ސްޕޯޓްސް ކްލަބް ބައްދަލުކުރާ މެޗު ފަށާނީ މިރޭ 10 ޖަހާއިރެވެ.

1 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މޯޑް

10 April 2023

ނިއު ދެވަނަ ޑިވިސަނަށް ދިޔައީމަ ބަވަ ބަވާފަ އުޅުނި ޓީމްތައް މި އަދުގެ ހާލަތާ މެދު ވިސްނާ ފިކުރު ކޮށްބަލަ. ދެންވެސް ތިމާމެންނީ މާ މޮޅުބައެއް ކަމަށް ހެދިގެން އެފްބީ ސުޓޭސަސްޖަހާ އެހެން ޓީމްތަކަށް ދިމާ ނުކުރާނި.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454