މާޒިޔާ އާއި ޓީސީ ބައްދަލުކުރި ޕްރެޒިޑެންޓްސް ކަޕްގެ ފުރަތަމަ މެޗުގައި މާޒިޔާގެ ކޯޗު އިވާން ކޮލޭވް.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
11 އެޕްރީލް 2023 - 10:43
ޕްރެޒިޑެންޓްސް ކަޕުގައި ރޭ މާޒިޔާ އަތުން 2-0 އިން ބަލިވި ޓީސީ އިން ކުޅުނީ ފުޓްބޯޅަ ނޫން ކަމަށް ބުނެ، މާޒިޔާގެ ކޯޗު އިވާން ކޮލޭވް ހިތްހަމަނުޖެހުން ފާޅުކޮށްފި އެވެ.
ޓީސީ އަކީ މުބާރާތުގައި ވާދަކުރާ ހަ ކްލަބުގެ ތެރެއިން ފަރިތަކުރުންތައް އެންމެ ފަހުން ފެށި ކްލަބެވެ. އެ ޓީމުން ފަރިތަކުރުންތައް ފަށާފައި ވަނީ ހޮނިހިރު ދުވަހު އެވެ. ޕްރެކްޓިސް މަދުވުމުގެ ސަބަބުން، މެޗުގެ ތެރެއިން ވެސް ވަނީ ޓީސީގެ ކުޅުންތެރިންގެ ފަރާތުން ފިޓްނަސްގެ މައްސަލަތައް ފާހަގަ ކުރެވުނެވެ. އެކަމަކު މާޒިޔާ އަކީ ފެބްރުއަރީން ފެށިގެން ޕްރެކްޓިސް ފަށައި ސައޫދީ އަރަބިއްޔާގައި ވެސް ތަމްރީން ހަދާފައިވާ ކްލަބެކެވެ.
"މެޗަށް ކޮމެންޓް ކުރަން ވަރަށް އުނދަގޫ. ފުރަތަމަ ހާފުގައި ފުލްކޮށް ޑޮމިނޭޓް ކުރެވުނު. އެކަމަކު ދެ ވަނަ ހާފުގައި ފުޓްބޯޅަ ކުޅުނީ 15 ވަރަކަށް މިނިޓު. ބާކީ 30 މިނިޓު ހޭދަވީ [ޓީސީގެ] އަނިޔާވި ކުޅުންތެރިންނަށް ފަރުވާދޭން. ކުޅުންތެރިން ތިބީ ދަނޑުމަތީގައި އޮށޯވެލައިގެން. މިއީ ފުޓްބޯޅައެއް ނޫން. ދެވަނަ ހާފަށް ކޮމެންޓެއް ދެވޭކަށް ނެތް،" މާޒިޔާގެ ކޯޗު ބުންޏެވެ.
"އެހެން ނަމަވެސް މެޗުގައި އަހަރެމެންނަށް ވަނީ [ގޯލު ޖަހަން] ގިނަ ފުރުސަތުތަކެއް ލިބިފައި. މި މެޗުގައި އެ ފުރުސަތެއްގެ ބޭނުން އެންމެ ރަނގަޅަށް ނުހިފުނު، އުންމީދަކީ ދެން އޮތް މެޗުގައި އެކަން ރަނގަޅުކުރުން."
މާޒިޔާ އާއި އީގަލްސް ފިޔަވައި ބާކީ ހަތަރު ކްލަބް ވެސް އާ ސީޒަނަށް ފަރިތަކުރުންތައް ފެށީ މިދިޔަ ހަފްތާގަ އެވެ. އަދި ކްލަބްތައް ޕްރެކްޓިސް ފެށީ ކޮން ވަގުތަކުތޯ ބެލުން މާޒިޔާއަށް މުހިއްމު ނޫން ކަމަށް ވެސް އިވާން ވަނީ މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ފާހަގަ ކޮށްފަ އެވެ.
އެކަމަކު ކުރިއަށް ހުރި މެޗްތަކުގައި ވެސް އިދިކޮޅުން ކުޅޭ ކްލަބްތަކުގެ ކުޅުންތެރިންގެ ފަރާތުން ފިޓްނަސްގެ މައްސަލަތަކާ އެކު މެޗު ލަސްވުމުގެ ކަންކަން ފެނިދާނެކަމަށް ބަލައި މާޒިޔާއިން ސަމާލުވާން ޖެހޭކަމަށް، ރޭގެ މެޗަށް ފަހު އިވާން ވަނީ ބުނެފަ އެވެ.
"މިކަންކަމަށް ސަމާލުވާން ޖެހޭ، މިއީ ފުޓްބޯޅައެއް ނޫން. މިއީ ފުޓްބޯޅައެއް ނޫން. އަހަރެންނަށް ވިސްނޭ އެމީހުންގެ ފިލޯސޮފީ، މިގޮތަށް ކުޅެނީ ވަކި ބޭނުމެއްގައި. އަހަރެމެން ޖެހޭނީ މިހާރަށް ވުރެ އެގްރެސިވް ކުޅުމެއް ކުޅެން،" އިވާން ބުންޏެވެ.
އިވާން ބުނީ މާޒިޔާގެ ސާބިއާ ފޯވާޑް ސްޓެފާން މިހައިލޮވިޗް މެޗު ކުޅުނީ ދަތުރު ވަރުބަލިކަން މަތީގައި ހުރެ ކަމަށެވެ. ޗެރިޓީ ޝީލްޑް މެޗު ކުޅެފައި ސާބިއާ އަށް ގޮސް، އޭނާ އެނބުރި ރާއްޖެ އައީ އާދިއްތަ ދުވަހު ކަމަށާއި މެޗު ކުޅުނީ ޕްރެކްޓިސް ނުކޮށް ކަމަށެވެ. އަދި ސްކޮޑް ގައި ހިމެނޭ ބިދޭސީ ދެ ކުޅުންތެރިއަކު ވެސް ކުރިއަށް އޮތް މެޗަށް ތައްޔާރު ކުރާނެ ކަމަށް ކޯޗު ބުންޏެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ތޯލަބޭ
11 April 2023
ކަލޯ ގެ ކޯޗިން ފެންވަރު ވަރައްދައް ، ދެން ސާފްޗެންޕިއަން ސިޕްގެ ތިޔަ ދައް ކުޅުން ފެންނާނީ މާޒިޔާ އިން ޒިންމާނަގަން ޖެހޭނެ
ބަލަ
11 April 2023
ތިޔަ މާޒިޔާގައި މުޅި ޤައުމީޓީމުއޮވެމެ އަދިވެސް ބިރުންތަތިޔަ ގެނައީ ބީދޭސީ އިތުރުކުޅުންރެރިން. މާޒިޔާގެ ބެންޗުގައިދޯ މިތިބެން މިޖެހެނީ ގައުމީތީމަށް ކުޅޭ ބައެއް ކުޅުންތެރިންނަށް ނުކުޅެވިފައި ގެނައި ބޭރު ކުޅުންތެރިން އަރުވަންހަދައިގެން. ޤައުމުގެ ފުތުބޯޅަ އަދިވެސް ފޯރިހިފާނި ވިކްޓަރީ އަދި ނިއު މިދެޓީމު1ވަނަ ޑިވިޝަނަށް އާދެވުނު ދުވަހަކުން. މިއިން އެއް ޓީމު އަޔަސް އެފޯރިއެއް ނުހިފާނެ، މިދެޓީމު1ވަނަ ޑިވިޝަނުގައި ކުޅޭދުވަހަކު މަދެން ދަނޑައްވެސް ވަންނާނީ
ތުނޑުހަސަނު
11 April 2023
ދިވެހިރާއްޖޭގައި ނޫޅޭނެ ފުޓުބޯޅަ ކުޅޭ އިތުރު ބަޔަކު. ކުޅޭބަޔަކު ވެއްޖެއްޔާ ތިބީ މާޒިޔާގައި. ދެންތިބީ ބައިބަލާ ކުޅޭ މީހުން. ފުޓުބޯޅަ ކުޅެންއުޅުނު ކްލަބްތަކާއި މީހުން ތިބީ ވަޅުގަނޑަކަށް ވައްޓާލާފައި. ބައިބަލާ ކުޅޭ ކްލަބްތައް ރަސްކަންކުރަނީ. ނަމުގައި ފުޓްބޯޅަ. ކުރަނީ އެހެންކަމެއް. ސިޔާސީ މަންފާއަށް ސިޔާސީ މީހުން ގައުމުގެ ހުރިހާކަމެއް ވެސް ހަލާކުކޮށްްފި. މިހެން ބުނަން ވެސް ދެރަވޭ. އެކަމަކު މިއީ ޙަގީގަތް. ސިޔާސީ އެއްވެސް މީހަކު އިސްތިސްނާ ނުވޭ.
ޑަންޑަނާސް
12 April 2023
ފުޓްބޯޅަކުޅެން އުޅުނު ތިބުނާކްލަބްތަށް އުޅުނީ ކުޅުންތެރިންނަށް މުސާރަނުދީ ކަމެއްނޭގޭތަ؟ އެއީ ފުޓްބޯޅަކުޅުންތަ؟ ނޫނީ އަޅުވެތިކަންތަ؟