ކުޅިވަރު / އިސްމާއީލް މަހެފޫޒް (އިންމަ)

މިވަގުތަށް އެންމެ ރަނގަޅީ ޕްރެޒިޑެންޓްސް ކަޕުން ފެށުން: އިންމަ

ސަސްގެ ކޯޗު އިންމަ، މިއަދު އޮތް ޕްރެސްގައި ނޫސްވެރިންނާ ވާހަކަ ދައްކަނީ.-- ފޮޓޯ: އިބްރާހިމް ފާއިދު/ އެފްއޭއެމް

ރާއްޖޭގެ ފުޓްބޯޅަ ސީޒަން ފެށުމުގެ ގޮތުން ޕްރެޒިޑެންޓްސް ކަޕް ފުޓްބޯޅަ މުބާރާތް ބޭއްވުމަކީ މި ވަގުތު ފުޓްބޯޅައިގެ ހާލަތަށް ބަލައި އެންމެ ރަނގަޅު ގޮތް ކަމަށް ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް)ގެ ކޯޗު އިސްމާއިލް މަހްފޫޒް (އިންމަ) ބުނެފި އެވެ.

އިންމަ މިހެން ބުނީ ސަސް މުބާރާތުގައި ކުޅޭ ފުރަތަމަ މެޗުގައި މާދަމާ ރޭ، އެންމެ ފަހުގެ ޗެމްޕިއަން ކްލަބް ވެލެންސިއާ އާ ދެކޮޅަށް ނުކުތުމުގެ ކުރިން ބޭއްވި ޕްރެސް ކޮންފަރެންސްގަ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާދައިގެ ތައްޓަކީ ރާއްޖޭގެ އެންމެ ޝަރަފްވެރި މުބާރާތެވެ. މީގެ ކުރިން މުބާރާތް ކުޅޭނީ ވެސް ލީގަށް ފަހު، ލީގުގެ ގަދަ ހައެއް ނޫނީ ގަދަ ހަތަރު ޓީމުގެ މެދުގަ އެވެ. އަދި ކުރީގައި މި މުބާރާތުގެ ފޯރިއަށް ބަލާއިރު، މުބާރާތުގައި ކުޅޭ ޓީމުތަކުން މުބާރާތަށް ކޮލިފައި ނުވާ ޓީމުތަކުން ކުޅުންތެރިން ގެނެސްގެން ސްކޮޑް ވަރުގަދަ ކުރުން ވެސް އޮވެ އެވެ. ނަމަވެސް މިދިޔަ ސީޒަނުން ފެށިގެން ޕްރެޒިޑެންޓްސް ކަޕް ތާވަލް ކޮށްފައި އޮންނަނީ ސީޒަން ހުޅުވަން ކުޅޭ ޗެރިޓީ ޝީލްޑް މެޗަށް ފަހު، ފުރަތަމަ ޑިވިޝަންގެ ޓީމުތައް ކުޅޭ ފުރަތަމަ މުބާރާތުގެ ގޮތުގަ އެވެ.

"މުބާރާތް ފަހަށް އައި ނަމަ ކުރިއަށް އަންނާނީ ލީގު ނުވަތަ އެފްއޭ ކަޕް. އޭރުން މިހާރަށް ވުރެ ބޮޑެތި ގޮންޖެހުންތައް އަންނާނެ. ލީގަށް ކުޅޭއިރު ލީގުގައި ކޮންމެ ޕޮއިންޓަކީ އެހާ މުހިއްމު ޕޮއިންޓްތަކެއް. ޓީމުތައް ތައްޔާރު ނުވެ ތިއްބާ ލިބޭ ގެއްލުން މާ ބޮޑުވާނެ. އެއީ އޭއެފްސީ ކަޕް ސްލޮޓްތަކެއް ލިބޭ މުބާރާތެއް. ދެން އޮތީ އެފްއޭ ކަޕް. އެއީ ވެސް އޭއެފްސީ ކަޕް ސްލޮޓް ލިބޭ މުބާރާތެއް. އެއީ ވެސް ކްލަބްތަކުން އެހާ އަހަންމިއްޔަތު ކަމެއް ދޭ މުބާރާތެއް،" ސީޒަންގެ ތާވަލާ ގުޅޭގޮތުން އިންމަ ބުންޏެވެ.

"މުހިއްމު ނޫން މުބާރާތެއް ނެތް. ތާވަލް ރާވާލާފައި އޮތްގޮތުން މިއީ އެންމެ ރަނގަޅު ގޮތް ކަންނޭނގެ މި ވަގުތަށް އަޅުގަނޑަށް ހީވަނީ."

ފުރަތަމަ މެޗަށް ނުކުންނައިރު އިންމަ ބުނީ އާ ސީޒަނަށް ތައްޔާރުވާން ސަސް އަށް އަދި ކުރިއަށް ގެންދެވުނީ ހައެއްކަ ޕްރެކްޓިސް ކަމަށެވެ. އަދި ޕްރެޒިޑެންޓްސް ކަޕް މުބާރާތުގެ ބޭނުން ހިފަން ނިންމާފައި ވަނީ ޕްރީސީޒަން މުބާރާތެއްގެ ގޮތުގައި ދެކިގެން ކަމަށެވެ.

މިއީ ވެލެންސިއާ ވެސް މުބާރާތުގައި ކުޅޭ ފުރަތަމަ މެޗެވެ. ވެލެންސިއާ މުބާރާތަށް ނުކުންނާނީ ފަސް ޕްރެކްޓިސް ސެޝަނަށް ފަހު އެވެ. ވެލެންސިއާގެ ސްކޮޑުގައި ތަށި ދިފާއު ކުރެވޭނެ ފެންވަރު އަދި ނެތް ކަމަށް އެ ކްލަބްގެ ކޯޗު އަހުމަދު މުޖުތަބާ ވެސް ވަނީ ފާހަގަ ކޮށްފަ އެވެ.

އިންމަ ބުނީ ޕްރެކްޓިސް މަދުވެ ކުޅުންތެރިންގެ ފިޓްނަސް ދަށްވުމާއި، ލީގު ފެށެން ވާއިރަށް ކުޅުންތެރިން އަނިޔާއިން ރައްކާތެރި ކުރުމަކީ ކޯޗުންނަށް ކުރިމަތިވާނެ ބޮޑު ގޮންޖެހުމެއް ކަމަށެވެ. ނަމަވެސް މި އުނދަގޫތަކާ އެކު އެކަން ބަލައިގަނެގެން ކުރިއަށް ދާން ޓީމު އޮތީ ތައްޔާރަށް ކަމަށް އިންމަ ބުންޏެވެ.

މީގެ އިތުރުން މި ސީޒަނުން ފެށިގެން ރާއްޖޭގައި ފަސް ބަދަލު ގެނެވޭ ގޮތަށް ވަނީ އުސޫލު އިސްލާހު ކޮށްފަ އެވެ. މިއާ ގުޅިގެން ކްލަބާ އަލަށް ގުޅުނު ކުޅުންތެރިން ދެނެގަންނަން، މި މުބާރާތުގައި ކުޅޭ މަދު މެޗުތަކުގައި ވީހާ ވެސް ގިނަ ކުޅުންތެރިންނަށް ކުޅުމުގެ ފުރުސަތު ވެސް ދޭން އިންމަ ހުރީ އުންމީދު ކޮށްގެންނެވެ.

"މުބާރާތަކީ ޕްލޭޔަރުން މިހާރު ތިބި ލެވެލް ދެނެގަތުމަށްޓަކައި ވަރަށް މުހިއްމު މުބާރާތެއް. ކުރިއަށް އޮތް ތާނގައި [ކުރިއަށް ގެންދާ] ޕްރެކްޓިސްތަކުގައި [ޓީމުގެ] ސްޓްރެންތާއި ވީކްނެސް އަށް މަސައްކަތް ކުރުމަށްޓަކައި ލިބޭ ވަރަށް ރަނގަޅު ފުރުސަތެއް،" މުބާރާތުގެ މުހިއްމުކަމާ ގުޅޭގޮތުން އިންމަ ބުންޏެވެ.

"ޓީމާ ގުޅިފައިވާ އާ ކުޅުންތެރިން ދެނެގަތުމަށްޓަކައި ފުރުސަތު ގިނަގިނައިން އިރާދަ ކުރެއްވިއްޔާ ދޭނަން. އެގޮތުން އަޅުގަނޑުމެންނަށް ވަރަށް މުހިއްމު މުބާރާތެއް މިއީ މިކަހަދަ ދަނޑިވަޅެއްގައި. ނަމަވެސް މީގެ ކުރިއަށް ހަ ދުވަސް [ފަރިތަކުރުންތަކަށް] އެއީ ވަރަށް ކުޑަ މުއްދަތެއް. އެކަމަކު ފަސް ކުޅުންތެރިން ޗޭންޖް ކުރެވުމަކީ އެއީ ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް."

ޕްރީ ސީޒަން މުބާރާތެއްގެ ގޮތުގައި ބެލި ނަމަވެސް މުބާރާތަކީ ރާއްޖޭގެ އެންމެ ޝަރަފްވެރި މުބާރާތް ކަމާމެދު އިންމަ ދެބަހެއް ނުވެ އެވެ. ނަމަވެސް ހާލަތު އޮތް ގޮތުން ސީދާ ތަށްޓަށް ބޮޑު އުންމީދެއް ކުރެވޭކަށް ނެތް ކަމަށް އިންމަ ބުނެ އެވެ.

"އަޅުގަނޑުގެ ޓީމު އޮތް ހިސާބެއް ބުނަން އަޅުގަނޑަކަށް ވެސް ނޭނގޭ. އެހެންވެ ނޭނގޭ ކަމަކަށް އުންމީދުތަކެއް ކުރުމަކީ ވެސް މާ ރަނގަޅު ކަމަކަށް ނުވާނެ،" އިންމަ ބުންޏެވެ.

"އަޅުގަނޑު އަބަދުވެސް ގަބޫލު ކުރަނީ ޕްރެޒިޑެންޓްސް ކަޕަކީ ރާއްޖޭގައި ބޭއްވޭ އެންމެ ޝަރަފްވެރި މުބާރާތް ކަމާއި އަދި މި މުބާރާތް ކާމިޔާބު ކުރުމަކީ ވަރަށް މުހިއްމު ކަމެއް ކަމުގައި."

ސަސް އާއި ވެލެންސިއާ ބައްދަލުކުރާ މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ މާދަމާ ރޭ 10 ޖަހާއިރެވެ.

0 ކޮމެންޓް, 2 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454