16 އެޕްރީލް 2023 - 07:18
މި ރަށުގެ ތާރީޚުގެ ތެރެއިން ޝައުގުވެރިވި ވާހަކައެކެވެ; ހަންޏާމީދުއަށް ނާރައި އަލިހުރަސްކަނޑު ގިރާކޮށް ދަތުރެއް ނުކުރެވޭނެ އެވެ. އެއީ ހަމަ ހިނގި ކަމެއްތޯ އަހައި ނުނިމެނީސް، އެގޮތަށް މިރަށަށް އަރަން ޖެހުނު އެތައް ބައެއްގެ ވާހަކަ، އުމުރުން 80 އަހަރުގެ އަންހެންމީހާ ފެށި އެވެ.
"މި ރަށް ކުރިމަތިން ހުރަސްކޮށްފައި ހަމަ ނުދެވެނީ. އެ މީހުންނަށް ކޮންމެވެސް ގޮތެއް މެދުވެރިވެގެން މި ރަށަށް ލަފަން ޖެހެނީ."
ގާތުގައި އިން އެހެން މީހަކު އޭނާގެ ވާހަކައަށް ބާރުދިނެވެ.
"އަހަރެމެން އަދި މީ މާ ހަގު މީހުން، ހަނދާންހުރޭ. ރަށަށް އަރައި ޒިޔާރަތުގައި ދުންދަނޑި ޖަހައި ސޮލޮވާތް ކިޔާވާފައި ނޫނީ ލާހިކެއް ނޫން [އަލިހުރަސްކަނޑު] ގިރާކުރަން. ކިތަންމެ ބަޔަކު އަރަން ޖެހުނު,"
ހަންޏާމީދޫ އަތިރިމަތި. -- ފޮޓޯ: މިހާރު
އެކަނި ދަތުރުކުރި މީހުންނާއި ބައިބަޔަށް އެ ޒަމާނުގައި މި ރަށަށް މީހުން އެރިކަން ފިޔަވައި އަލިހުރަސްކަނޑު ގިރާކުރުމާއި މި ރަށަށް އަރަންޖެހުމާ ހުރި ގުޅުމެއް ކިޔައިދޭކަށް ނޭނގެ އެވެ. އެ މީހުން ބުނާ ގޮތުން އެއީ ކޮންމެހެން އެ ސަރަހައްދުގެ ކަނޑު ގަދަވެގެން ވާ ކަމެއް ނޫނެވެ. އޮންނަނީ، ރަށަށް އަރައި ޒިޔާރަތަށް ނަދުރު ބުނެފައި ނޫނީ ދަތުރު ނުކުރެވެނީ ކަމަށް ބުނާ ޔޯލަ ވާހަކައެކެވެ.
އަތިރިމަތީގެ އެކި މައިޒާންތަކުން ދިމާވި، އެ ހާދިސާ ކިޔައިދިން މީހުންގެ ތެރޭގައި ވެސް ސަބަބު އެނގޭ މީހަކު ނެތެވެ.
އެ ދުވަސްވަރު ދަތުރުފަތުރުގެ ކަންކަން ހުންނަ ގޮތަށް ބަލާއިރު އަލިހުރަސްކަނޑު ހުރަސްކޮށް އާންމުކޮށް ދަތުރުކުރަންޖެހޭ ގޮތުން އެ ދިގު ދަތުރުގައި އަރާމުކޮށްލަން ނުވަތަ އެހެން މުހުތާދެއްގައި ވެސް އެންމެ އަވަހަށް އެރޭނެ މީހުން އުޅޭ ރަށަކީ ހަންޏާމީދޫއޭ ބުންޏަސް އެއީ ގަބޫލުކުރެވޭނެ ވާހަކައެކެވެ. އެކަމަކު އެހެން ބުނި މީހަކާ ވެސް ދިމައެއް ނުވި އެވެ.
އަލިހުރަސްކަނޑުގެ ބޭރު ދުނީގައި އޮންނަ ހަންޏާމީދޫ: ދެން އެ ރަށާ އެންމެ ކައިރީ އޮންނަ މީހުން އުޅޭ ދެ ރަށަކީ އޮމަދު އާއި މަހިބަދޫ
މި ރަށުގެ ޒިޔާރަތަކީ ނަދުރު ބުނުމަށް އަތޮޅަށް މަޝްހޫރު ތަނެކެވެ. ކަނދި ދުވަސް ފަދަ އޭރު ފާހަގަކުރާ ޚާއްސަ ދުވަސްތަކުގައި ނަދުރު ފުއްދަން އަތޮޅުގެ ކައިރި ރަށްތަކުން ބޮޑެތި ކެޔޮގަނޑުތަކާ އެކު މީހުން އާދެ އެވެ.
މި ފާޑުގެ ނަދުރުބުނެ އުޅުމަކީ ބިދުއެއް ކަމަށް ވާތީ އެކަން އެގޮތަށް ނުކުރަން މީގެ 15 ވަރަކަށް އަހަރުކުރިން ސަރުކާރުން އެންގި ފަހުން ކުރީގެ އެފަދަ އާދަކާދަތައް މި ރަށުގައި ވެސް ވަޅުޖެހުނީ އެވެ. ނޫން ނަމަ ކޮންމެ ހުކުރު ހޯމަ ވިލޭރެޔަކު ޒިޔާރަތްދޮށަށް ކޭމެއް ނުގެންގޮސް ފަރުނުޖެހެ އެވެ. އެއީ ރައްޔިތު އެންމެންގެ ބައިވެރިވުމާ އެކު ނެރޭ ބޮޑު ކޭމެވެ.
"އެކަން އޭރުގެ ސަރުކާރުން ހުއްޓުވީ ބިދުއަކަށް ވެގެން."
ކުރީ ޒަމާނުގައި އަތޮޅުން މީހުން އައިސް ނަދުރުބުނެ އުޅުނު ޒިޔާރަތް. މިތަން ނިސްބަތްވަނީ ކަލާފާނު ރަސްގެފާނަށް.
އެ ހަނދާންތަކަކީ މި ރަށުގެ ދިރުމެވެ. "ދަރިފުޅު މެންނޭ މިވެނި ދުވަހެއް އަންނަނީ" ކަމަށް ބުނެ ދުރާލައި ތައްޔާރުވުމާއި އެންމެން އެއްވެ ކަނދި ކޭމުގައި ބައިވެރިވުމަކީ މި ރަށުގެ ސަގާފަތެވެ. ހުރިހާ ގެއެއްގައި ކެއްކިއަސް އެއް ގެއިން އަނެއް ގެއަށް ކެއުން ފޮނުވާނެ އެވެ.
އިރުއޮއްސުމަށް ފަހު ރަށުތެރެ ގުގުމާނީ ގޭގޭގައި އަޑު ހަރުކޮށް ކިޔަވަން ފަށާ ޔާސީން ސޫރަތުގެ އަޑުންނެވެ. ނުކިޔަވާ ބޭރަށް ނުކުތުން އެއީ ކޮންމެ ގެއެއްގައި ވެސް މަނާ ކަމެކެވެ.
"އޭރު ފަހެއް ޖަހާއިރު ކުޑަކުދިން ގެއަށް ވައްދާނެ. ނުކެރޭނެ މަގުމަތިން ކުއްޖަކު ދައްކާކަށް. ވަރަށް އަމާން ވެސް އަމާން ރަށެއް މިއީ."
ޒިޔާރަތުގެ ތެރޭގައި ހުރި ވަޅެއް. ޒިޔާރަތްތަކަށް ނަދުރުބުނުން ހުއްޓުވި ފަހުން މިތަނުގެ ވަށައިގެން ދިދަ ދަމައި ޒީނަތްތެރިކުރުން ވަނީ ހުއްޓާލާފައި.
ދިރިއުޅުމަށް ހެޔޮ މަގަށް ގެންދަން ބާރުއެޅުވި ކަމަށް މި ރަށު މީހުން ގަބޫލުކުރި މި އާދަތައް ބީވެ ދިއުމަކީ މި ރަށުގެ ދުވަސްވީ މީހުންގެ ހިތުގައި އޮތް ނުތަނަވަސްކަމެކެވެ. ބިދުއަކަށްވާ ކަންކަން ނުކުރިއަސް އޭރުގެ ބަދަހި ގުޅުން އަލުން ދިރުވޭނެ ގޮތެއް ހުރިހާ ރަށެއްގައި ވެސް އޮންނާން ޖެހޭ ކަމަށް ގަބޫލުކުރެ އެވެ. ތިޔާގިކަމާއި ކުރިއެރުމުން ބަލިކަށިވީ ބަދަހި ގުޅުންތައް ކަމަށް އެ މީހުން ދެކެ އެވެ.
މި ރަށުގައި ނަދުރުބުނެ އުޅުނީ އައްސުލްތާން އިބްރާހީމް (ތިންވަނަ) ނުވަތަ ކަލާފާނު ރަސްގެފާނަށް ނިސްބަތްކޮށް ހެދި ޒިޔާރަތަށެވެ. ރާއްޖެއަށް މަޝްހޫރި މި ޒިޔާރަތް ކުރިން ހުންނަނީ ހިމާޔަތުގައި ފާރު ރާނައި ވަށައި ދިދަ ދަމައިފަ އެވެ.
ކަލާފާނުގެ ރަސްކަމުގައި ރާއްޖެ އައި ހޮޅިންގެ ބަޔަކާ ދެކޮޅަށް ހަނގުރާމައަށް ނުކުންނަވައިގެން އުޅުއްވަނިކޮށް ހަމަލާތަކެއްގައި ކަނޑުމަތިން ޝަހީދުވީ އެވެ. އަރިހުގައި ހުންނެވި ޖަމާލު ކަލޯ އާއި ދެ މީހުން ލައްވީ ހަންޏާމީދު އަށެވެ.
ޒިޔާރަތުގެ މައުލޫމާތު ހިމެނޭ ބައި: މަރާމާތުނުކުރާތީ މިތަނުން ފެންނަނީ ވީރާނާކަން.
މިސްކިތްދޮށުގައި ފަސްދާނުލައި ހެދި ޒިޔާރަތުން މިހާރު ފެންނަނީ ވީރާނާ ކަމެވެ. ކުރިއެކޭ އެއްގޮތަށް ވަށައި ދިދައެއް ނުދަމަ އެވެ. އެ ޒިޔާރަތުގެ ތާރީހު އޮޅުންފިލުވައިދޭ މައުލޫމާތުތައް ހިމެނޭ ބައި ވެސް އޮތީ ގުދަނަކަށް ވެފަ އެވެ.
އެކަމަކު މިއީ އެއް ޒަމާނެއްގައި މި ރަށުގެ އެންމެ މުގައްދަސް އެއް ތަނުގެ ގޮތުގައި ރައްޔިތުން ގަބޫލުކުރި ބިނާއެކެވެ. އޭރުގެ އާދަތައް މިހާރު ނެތަސް އެތަން ނެތިވެ, ވީރާނާވާކަށް ނޭދެ އެވެ.
ހަންޏާމީދުއަށް ނާރައި އަލިހުރަސްކަނޑު ގިރާ ނުކުރެވޭނެ ކަމަށް ބުނާ ބުނުމާއި މި ބިނާ އާއި ނަދުރުތަކާ ގުޅުމެއް ނެތްކަން ގަބޫލުކުރަން ވެސް އެ މީހުން ދެކޮޅެވެ. އެއީ އެ ޒަމާނުގައި އެކަން ހިނގި ގޮތް ކަމަށް ގަބޫލުކުރެ އެވެ. އެ މީހުންނަށް ސަބަބެއް ނޭނގެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބިންގޯ
18 April 2023
އަލިހުރަސް ކަނޑު ހުރަސް ކޮއްފަައޭ ހަންޔާމީދޫ އަށް ދެވޭނީ. ހަންޔާމީދޫ އާ ހަމައަށް ދެވޭއިރު ތިބުނާ ކަނޑު ހުރަސްކޮއްނިމޭނެ.
ކަލޯގަޔާ
17 April 2023
މާލޭ ކިޔާފިޔާ ހަމަ ފޮނިވަނީޔޭދޯ. ރާއްޖެތެރެ މީހުން މާލެ ތަރައްގީ ކޮށްދީފަތިޔައޮތީ.
ޢަރުތަ
17 April 2023
ތީހާދަކޮށި ވިސްނުމެކޭ، ރާއްޖެތޭރޭ މީހުން އެމީހުންގެ ރަށާ އަތޮޅު ތަރައްޤި ނުކޮށް އެހެން ބައެއްގެ ރަށެއް، ފަސްގަނޑެއް ތަރައްޤީ ކޮށްދިނުމުގެ ސިއްރަކީ ކޮބައިބާ!
ކޮންމެސް
16 April 2023
އަލިހުރަސްކަނޑު ވެސް އޮޅިއްޖެ. ކުރަމަތި މީހުން އަތުން އެރަށް އަތުލިހެން އަލިހުރަސް ކަނޑުވެސް އަތުލާދެން ???
ގާސިމް އިބްރާހިމް
16 April 2023
އަހަރެމެން ދައްކާ ޓެކްސް ތިޔަހެން ކިރިޔާ ހުކުރު ހަމަވާ ރަށްރަށަށް ޚަރަދުކުރުމަކީ އިންސާފެއްނޫން، އެރަށުން ލިބޭ ޓެކްސް އިން އެރަށުގައި ދެބިތުގައި ދެބަދަރު ހަދައި ބޮޑުހިލަޖަހާ ދެންވެސް ބޭނުން ސަކަރާތް ޖަހާ، މާލެ ސަރަހައްދުން ދައްކާ ޓެކްސް އިން ތިކަންކަން ކުރުން އިންސާފެއްނޫން
ގޮމަ
16 April 2023
ޢަލިހުރަސްކަނޑަކީ ކޮބާތަ؟ ޢެ ކަނޑު ހާއްސައީ؟؟؟
ދަށުފަޅު
16 April 2023
މާލެއާ އަރިއަތޮޅާ ދެމެދު އޮންނަ ކަނޑުއެއީ. މާލޭގެ އަލި ހުރަސްކޮށް އައިސް ފެންނާނެ އަރިއަތޮޅުގެ އިރުމަތީ ރަށްރަށަށް.
ގެނޭގެނޭގެނޭ
16 April 2023
ރާއްޖެތެރޭގެ ރަށްރަށުގެ އާބާދީގައި 25 ހާހުން ދަށްނަމަ އެފަދަ ރަަށަކުން ޖެހޭނީ މީހުން ބާލަން އެގޮތުން ބަލާއިރު އަލިފު އަތޮޅަކީ އެއީ އެއްގޮތަކަށް ވެސް މީހުން ދިރިއުޅެން ޖެހޭ ރަށްތަކެއް ނޫނޭ ކުދި ކުދި އާބާދީ ތަކުގެ ބަނޑު ދަށުގައި މިގައުމުގެ ބޮޑެތި ރަށްރަށް ލައިގެން މަގޭ ރަށޭ ކިޔާ ރާއްޖޭގެ ރަށްތައް ވެރިކޮށްގެން އެގޮތަށް ރާއްޖެތެރޭ މީހުންނަށް ނުތިބެވޭނެއޭ އެ އެންމެން މާލެ ސަރަހައްދަށް ބަދަލު ކުރަން ފުށިދިއްގަރު ފަޅާއި މާލެ ގާފަރު ފަޅު ހިއްކަންވީއޭ..
ދޮން
16 April 2023
ކޮބާތޯ އާސާރީ ތަރިކަ މިނިސްޓުރީ ހަމަ އަމައެކަނި ކަޅުވަކަރު މިސްކިތް ތޯ މިނިސްޓުރީއަށް ފެންނަނީ..
ޢަރުތަ
17 April 2023
ރާއްޖޭގެ އެކިކަންކޮޅުތަކުގަ ތިކަހަލަ އެކި ޒިޔާރަތްތައް އެބަހުރި ދެން އެހުރިހާ ޒިޔާރަތެއް، އާސާރީ ތަރިކަ މިނިސްޓަރުގެ އުނގަންލައިގެން އުޅެން ޖެހޭބާ! ކޮބާތަ ރަށު ކައުންސިލު، އެމީހުނަށް އޮންނަނީ ހަމަ އެކަނި ކާޑު ޖަހާލާފަ މަހަށް ދިއުންތަ.
ނެތޭނެތޭނެތޭ
16 April 2023
ރައްޔިތުން އަތުން ނަގާ ޓެކްސް އަށް ބަލާއިރު ސަރުކާރަށް ދައްކާ ޓެކްސްގެ %95 މިދައްކަނީ އެއީ މާލެ ސަރަހައްދުގެ ވިޔާފާރިވެރިން އެކަމަކު އެދައްކާ ޓެކްސް ފައިސާގެ %3 ވެސް މާލެ ސަރަހައްދުގެ ތަރައްގީ އަށް ހޭދަކުރެވިފައި ނެތޭ ޚަރަދު ކުރުމަކީ މާލެ ސަރަހައްދުގެ ބިން ބޮޑު ކޮށް މާލެ ސަރަހައްދުގެ ވިޔާފާރި ފުޅާ ކޮށް ވިޔާފާރިވެރިންނަށް ކުޑަ އަގުގައި ދިގު މުއްދަތަކަށް ބިންދީގެން އެމެންގެ ވިޔާފާރި އިންޑަސްޓްރިއަލް ލެވެލް އަށް ގެންދިއުން މިފަދަ ވިސްނުމެއް ވެސް
މައްސަލައޭ
16 April 2023
ހަންޏާމީދޫގެ އާބާދީ އަކީ 500 ހަމަނުވޭ ދެން ސަރުކާރުން ކުރާ އެއްވެސް ކެޕިޓަލް ޚަރަދެއް ވެސް އަދި ރިކަރަންޓް ޚަރަދެއް ވެސް ފޫނުބެދޭ އެހުރިހާ ޚަރަދެއް ކުރަން މިޖެހެނީ މާލެ ސަރަހައްދުގައި ތިބޭ ވިޔާފާރިވެރިން ފެލައިގެން ނަގާ ޓެކްސް އިން ޓެކްސް ނަގަމުން ނަގަމުން ގޮސް އެންމެ ފަހުން ކޮތަޅުން ވެސް ޓެކްސް ނަގަން ފެށީއޭ ދެން އަނެއް ކޮޅުން ސަރުކާރަށް ދައްކަން ޖެހޭފީއެއްވެސް މިފެށެނީ 5 ހާސް ރުފިޔާ އިން މީ ބޮޑުވަރުދޯ މީ ރައްޔިތުން ފެލަނީދޯ މީކުދި އާބާދީ ތަކުގެ
ހސަންބޭ
16 April 2023
ހިތަށް އެރިހާ އެއްޗެއް ލިޔުމުގެ ބަދަލުގައި ތަންކޮޅެއް ހޭލުންތެރިވާން އެބަޖެހޭ. ހަންޏާމީދޫގެ އާބާދީއަކީ 700 އިން މަތި
މައްސަލޭ އަށް
16 April 2023
އދ. ހަންޏާމިދޫގެ އާބާދީއަކީ ގާތް ގަނޑަކަށް 785 ވަރު ހަންޏާމީދޫގައި އެބަ ދިރިއުޅޭ ހަންޏާމީދޫގައި 14 ގެސްޓް ހައުސް ހުރޭ އެތަންތަނުން ޓެކްސް ދައްކާ އެލާރިވެސް ދައުލަތަށް ލިބޭ ، މާލޭ މީހުންވެގެން ކޮމެންޓް ކުރާމީހުން ނަށް ބުނެލާން އޮތީ މާލެ ތަރައްޤީކުރީ ރާއްޖެތެރޭމީހުން ގޮސްގެން ރާއްޖެތެރޭ މީހުން ފެލައިގެން ، މިހާރުވެސް މާލޭ ސަރަހައްދުން ލިބޭ ލާރި މާލެ މީހުންނަށް ދީފަ ރާއްޖެތެރޭގެ ހުރިހާ ރިސޯޓަކާއި ގެސްޓްހައުސްތަކުން ލިބޭލާރި ރާއްޖެތެރޭ މީހުންނަށް
އަރި
16 April 2023
ދައުލަތައް އެެއްމެ ގިނައިން ޓެކްސް ދައްކަނީ އަރިއަތޮޅުން. ހަންޏާމީދޫ އަކީ އަރިއަތޮޅުގެ ރަށެއް. މާލެއައް ވުރެ ގިނަ ޓެކްސް ފައިސާ ދައުލަތައް ލިބެނީ އަރިއަތޮޅުން
މާލެ ބޮޑު މީހާ
16 April 2023
ކަލޯގެޔާ އަދުރޭ ކައިރިންތަ ހިސާބު ދަސްކުރީ. އާބާދީ ކުޑަޔަސް ދައުލަތައް ވައްދާ ޑޮލަރު މަދެއް ނުވާނެ. 14 ގެސްޓް ހައުސް އިން ދައުލަތައް ވައްދާ ޑޮލަރުން މާލޭގެ ބޭރުމަގުގަ ތާރުއަޅަނީވެސްއެ