(ކ-ވ) ޝިޔާމްް، ރަމީޒް އަދި ޝުޖާއު.
18 އެޕްރީލް 2023 - 19:18
ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓްކަން ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ދީފައި ވަނިކޮށް، އެ މަނިކުފާނުގެ ކެންޑިޑެސީ އަށް ހުރަސް އެޅޭ ގޮތަށް މާލެ ސިޓީ ކައުންސިލްގެ މެމްބަރު އާދަމް ރަމީޒު މަސައްކަތް ކުރައްވާ ކަމަށް ތުހުމަތު ކުރެވޭ ކަމަށް ބުނެ އެ މައްސަލާގައި ޕީޕީއެމްގެ ލީޑަޝިޕްގެ ބޭފުޅުން ސުލޫކީ ކޮމިޓީ އަށް ހެކި ބަސް ދެއްވުމަށް ނިންމައވައިފި އެވެ.
އެނގިފައިވާ ގޮތުގައި ނައިފަރު ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމާއި ޕީއެންސީގެ ނައިބު ރައީސް އަދި ސިޓީ ކައުންސިލްގެ މެމްބަރު އިބްރާހިމް ޝުޖާއު މިރޭ 9:30 އަށް ސުލޫކީ ކޮމިޓީ އަށް ހާޒިރު ކުރަން ވަނީ ނިންމައިފަ އެވެ.
ސުލޫކީ ކޮމިޓީ އަށް ރަމީޒް މިއަދު މެންދުރު ހާޒިރުކޮށް ވަނީ ބަޔާން ނަގައިފަ އެވެ. ޔާމީނާއި އަނބިކަނބަލުން ފާތިމަތު އިބްރާހިމާ ވެސް ގާތް ގުޅުމެއް އޮންނަ ރަމީޒު ވަނީ ޔާމީނާ ދެކޮޅަށް މަސައްކަތް ނުކުރައްވާ ކަން ދެއްކުމަށްޓަކައި ހެކި ހުށަހަޅުއްވާފައި ކަމަށް ވެ އެވެ. އޭގެ ތެރޭގައި ޕީޕީއެމްގެ ބައެއް ސެނެޓަރުން ހިމެނެ އެވެ.
ރަމީޒާ މައިގަނޑު ގޮތެއްގައި ކުރި ސުވާލަކީ ޔާމީންގެ ކެންޑިޑެސީ އަށް އަސަރު ކުރާ ގޮތަށް ޕީޕީއެމްގެ ސެނެޓަރުންނާއި އެހެން ތަންތަނުގައި ވާހަކަ ދައްކަވާތޯ އެވެ. އެކަމަކު، ރަމީޒް އެ ތުހުމަތުތަކަށް ސުލޫކީ ކޮމިޓީގައި އިންކާރު ކުރެއްވި ކަމަށް ވެ އެވެ.
އެނގިފައިވާ ގޮތުގައި، ރަމީޒްގެ މައްސަލާގައި ސުލޫކީ ކޮމިޓީން މާދަމާ ގޮތެއް ނިންމާނެ އެވެ.
ރަމީޒްގެ މައްސަލަ ސުލޫކީ ކޮމިޓީ އަށް ފޮނުވީ ޖަލަށް ލާފައިވާ ޔާމީންގެ ފަރާތްޕުޅުން ފޮނުވި ނޯޓަކާ ގުޅިގެން ކަމަށް ވަނީ އަޑު އަރައިފަ އެވެ. އެ ނޯޓުގައި ޔާމީން ފާހަގަކުރެއްވީ އެ މަނިކުފާނުގެ ކެންޑިޑެސީ އަށް ހުރަސް އެޅޭ ގޮތަށް ރަމީޒް އެކި މީސްމީހުންނާ ވާހަކަ ދައްކަވައި މަސައްކަތް ކުރައްވާ ކަމަށެވެ. އެހެންވެ، ޔާމީން ޕީޕީއެމަށް ނޯޓެއް ފޮނުއްވައި އޭގައި އެދިވަޑައިގަތީ ރަމީޒުގެ މައްސަލަ ސުލޫކީ ކޮމިޓީން ބަލައިދިނުމަށެވެ.
އެއާ އެކު، ރަމީޒުގެ މައްސަލަ ސުލޫކީ ކޮމިޓީ އަށް ފޮނުވީ ޕީޕީއެމް/ޕީއެންސީގެ ލީޑަޝިޕުންނެވެ.
ރަމީޒާ ދެކޮޅަށް ހެކިބަސް ދޭން އެ ކޮމިޓީ އަށް ވަޑައިގަންނަވާ ޝިޔާމާއި ޝުޖާއު އަކީ ވެސް ޕީޕީއެމް ކޯލިޝަންގެ ލީޑަޝިޕްގައި ނަގައި ކިޔާ ބޭފުޅުންގެ ތެރެއިން އެންމެ ހަރަކާތްތެރި ދެ ބޭފުޅުންނެވެ.
ރަމީޒަށް "މިހާރު" އިން ގުޅި ނަމަވެސް ފޯނަށް ޖަވާބެއް ނުދެއްވަ އެވެ. އެހެންވެ، މިހާތަނަށް އޭނާގެ ބަހެއް އެ މައްސަލާގައި ނުލިބެ އެވެ.
ޔާމީންގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް އައިސްފައިވާއިރު، މި އަހަރުގެ ރިޔާސީ އިންތިހާބުގައި އެ މަނިކުފާނަށް ވާދަކުރެވިދާނެ ކަމާ މެދު ބައެއް މީހުން ދަނީ ސުވާލު އުފައްދަމުންނެވެ. އޭގެ ތެރޭގައި ޕީޕީއެމްގެ ބައެއް މެމްބަރުން ވެސް ހިމެނެ އެވެ. އެކަމަކު، ޕީޕީއެމްގެ ލީޑަޝިޕުން ބުނަނީ ސެޕްޓެމްބަރު 9 ގައި ބާއްވާ ރިޔާސީ އިންތިހާބުގައި ޔާމީން ވާދަކުރައްވާނެ ކަމަށާއި ޝަރުއީ ނިޒާމުގެ ތެރެއިން އެ މަނިކުފާނަށް އެ ފުރުސަތު ލިބޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.
އާރަށުގެ މައްސަލާގައި މިދިޔަ އަހަރުގެ ޑިސެމްބަރު 25 ގައި ޔާމީން 11 އަހަރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ކުރި ހުކުމާއެކު، ރައީސް ކަމަށް ކުރިމަތިލުމުގެ ޝަރުތު އެ މަނިކުފާނުގެ ކިބައިން މި ވަގުތަށް ވަނީ އުނިވެފަ އެވެ. އެކަމަކު، އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފު ކޮށްފައި އޮތުމުން އެ ކޯޓުން ނިމޭ ގޮތެއްގެ މަތިން ފުރުސަތު ލިބިވަޑައިގަންނަވާނެ އެވެ. ނަމަވެސް އިސްތިއުނާފުގެ މުއްދަތު ދިގުވެ، އިންތިހާބަށް އިއުލާން ކުރާ ހިސާބަށް މައްސަލަ ނުނިމިއްޖެ ނަމަ ބިރު ބޮޑު ކަމަށް ޕީޕީއެމްގެ އިސްބޭފުޅުން ވެސް ވިދާޅުވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަދުރެމެޓިކްސް
19 April 2023
ހަޖަމް ކުރަން ދަސްކުރޭ ދެން މިފަހަރު ކެތްކުރޭ މީ އެނގޭ ހަގީގަތޭ ސާފު ތެދޭ މީ
ބައުކަލޯ
19 April 2023
ޜަގަޅުވިސްނުމެއްއަނހެނުންބާރުވެރިކިރުންބުއްދިވެރި
އަންނަނީ އަންނަނީ
18 April 2023
މުއިއްޒު 2023 އިންޝާ ﷲ އިސްވެ ދުށް ކެރުމާއި މަންޒަރު ދައުރުވާ މުއިއްޒު ހޮވުމަށް ނިންމައިފީމޭ ވޯޓު ލާން ޕޕ ކުދިން ވިސްނާ އެހެންނޫނީ 2023 އިބޫ ނަގާނީ އެއްބުރުން
އައިދާ
18 April 2023
ޔާމީނު މިނިވަންކުރަން ނަމުގައި މަގުމަތީ ހަޅޭލަވާ ގުރޫޕްގެ މީހަކު ރިޔާސީ ކެޑިޑޭޓަކަށް ހެދުމަށްވުރެ ބުއްދިވެރި ގޮތެއް ނެތް އެއީ ޔާމީނަށް މަރުދޭ ބަޔެއް
ޓިން ޓިން
18 April 2023
ރަމީޒާ މުއިއްޒު ގުޅިގެން "ފިކުރެއްގެ ދިރުން" ޕީޕީއެމް ވާޝަން އުފައްދާންޖެހޭ. އޭރުން އެޕާޓީ ސަލާމަތުގެ އައްސޭރިއަކަށް ގެންދެވޭނީ.
ބުއްތޮންބެ
18 April 2023
ރޫހާނީ ވީމާ ވާ ގޮތް މީ.
ދާންނާ އިއްސެ
20 May 2023
1001 ޕަސެންޓް ޔާމިނަށް ޓިކެޓް ނުލިބޭނެ. މިކަން ގަބޫލު ނުކުރާ މީހުން އެތިބީ ހަމަޔަކުނޫން
ޒިންދަގީ
18 April 2023
އެހެންވީމަ މުއިޒުގެ ވެރިކަމެއްގަ ރަމީޒުތާ "ބްރޯ"އަކީ؟ މުއިޒަކީ ޕޮސިބަލް އަދި ޕޮޓެންޝިއަލް ކެންޑިޑޭޓަކަށްވާނެ.. ޕޕމގަ ޔާމީނުނޫންގޮތަކީ މުއިއްޒު..
ސަންޖަ ނާ
18 April 2023
މި މީހުންގެ ޕާޓީން ނެެރެންވީ ހީނާ! ހީނާ ދަންނަ މީހުން ޔާމިނަށް ވުރެ 4 ގުނަ ގިނަވާނެ،
ސާއިދު
18 April 2023
ޝިޔާމު އަދި ސުޖާއު މަސައްކަތް ކުރަނީ ގައްސާނުއަށް ޓިކެޓު ހޯދުމަށް، މިހިނގަނީ ކޮމްޕެޓިޓާއެއް އެލިމިނޭޓު ކުރުމުގެ މަސައްކަތް
ޤިސް މަތު
18 April 2023
އެއީ މައްސަލަ އެއް ނޫން! ބޭކާރު ހެކި ބަސް! މި މީހުންގެ ތެރެ އިން ކޮންމެ މީހަކަށްް ވެސް އެކަކު އަނެކަށް ކެމްޕައިންކޮށް ލެވޭނެ! ނަމަ ވެސް ވެރިކަމާއި ގާތަށް ވެސް ނާދެވޭނެ@ އެ ގެރެންޓީ އެބަ އޮތް