ދުނިޔެ / ސޫދާން

ބޭރުގެ ޑިޕްލޮމޭޓުން ސޫދާނުން ބޭރަށް

24 އެޕްރީލް 2023 - 12:29

1 comments

ސޫދާންގެ އެންމެ އިސް ދެ ޖެނެރަލުންގެ މެދުގައި ފެށިފައިވާ، ވެރިކަން ހޯދުމުގެ ހަނގުރާމަ އިތުރަށް ނުރައްކާވަމުން ދާތީ، އެ ގައުމުގައި ތިބި ބޭރު ގައުމުތަކުގެ ޑިޕްލޮމޭޓުން ސޫދާނުން ބޭރަށް ގެންދަން ފަށައިފި އެވެ.

ސޫދާންގެ ވެރިރަށް ޚަރްތޫމްގައި ތިއްބެވި ބައެއް ގައުމުތަކުގެ ސަފީރުންނާއި އެހެނިހެން ޑިޕްލޮމޭޓުން މިހާރު ވަނީ އެ ގައުމުން ބޭރަށް ގެންގޮސްފަ އެވެ. އަދި ބައެއް ގައުމުތަކުގެ ސަފީރުން ސޫދާނުން ބޭރަށް ގެންދިއުމުގެ މަސައްކަތް މިހާރު ވެސް ކުރަމުން އެބަ ގެންދެ އެވެ.

ޚަބަރުތައް ލިބޭ ގޮތުގައި، ޚަރްތޫމްގައި ތިބި އެމެރިކާ، އިނގިރޭސި ވިލާތް، ފަރަންސޭސި ވިލާތް، ޖަރުމަން ވިލާތް، އިޓަލީ ވިލާތް އަދި ސްޕެއިން އާއި ކެނެޑާގެ ސަފީރުންނާއި ޑިޕްލޮމޭޓުން އަދި އެމީހުންގެ މިހާރު ވަނީ ވައިގެ މަގުން، ސޫދާނުން ބޭރަށް ގެންގޮސްފަ އެވެ.

އެމެރިކާ އިން ބުނި ގޮތުގައި އެ ގައުމުގެ ވައިގެ ސިފައިންގެ ތިން ހެލިކޮޕްޓަރެއްގައި 100 އެއްހާ މީހުން އިއްޔެ ވަނީ ސޫދާނުން ބޭރަށް ގެންގޮސްފަ އެވެ. އަދި ޚަރްތޫމްގައި ހުރި އެމެރިކާ އެމްބަސީ މިހާރު ބަންދުކޮށްފައިވާ ކަމަށް ވެސް އެމެރިކާގެ ޚާރިޖިއްޔާ އިން އިއްޔެ ބުންޏެވެ.

އެހެން ނަމަވެސް، ވެރިރަށް ޚަރްތޫމާއި އެހެން ބޮޑެތި ސަހަރުތަކުގެ ހާލަތު މިހާރު ހުރި ގޮތުން، ސޫދާންގެ އެކި ސަރަހައްދުތަކުގައި ތިބި އެމެރިކާ ރައްޔިތުން ސޫދާނުން ބޭރަށް ގެންދިއުމުގެ މަސައްކަތް ކުރުމަކީ ރައްކާތެރި ގޮތެއް ނޫން ކަމަށް ވެސް ޚާރިޖިއްޔާ އިން ބުންޏެވެ.

އިނގިރޭސި ޚާރިޖީ ވަޒީރު ޖޭމްސް ކްލެވަލީ ވިދާޅުވި ގޮތުގައި ސޫދާންގައި ތިބި އިނގިރޭސި ޑިޕްލޮމޭޓުންނާއި އެމީހުންގެ އާއިލާގެ މީހުންތައް މިހާރު ވަނީ ސޫދާނުން ބޭރަށް ގެންގޮސްފަ އެވެ. އެހެން ނަމަވެސް ސޫދާންގައި ތިބި އިނގިރޭސި އާންމު ރައްޔިތުން އެގައުމުން ބޭރަށް ގެންދިއުމަށް އޮތީ ވަރަށް ހަނި ފުރުސަތެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އޭގެ އިތުރުން، ސޫދާންގައި ތިބި ސައޫދީ އަރަބިއްޔާ އާއި ގަލްފުގެ ބައެއް ގައުމުތަކާއި ޕާކިސްތާނުގެ ޑިޕްލޮމެޓުން ހިމެނޭ ގޮތަށް، 150 އަށް ވުރެ ގިނަ މީހުން މިހާރު ވަނީ ކަނޑު މަގުން ސައޫދީ އަރަބިއްޔާގެ ޖިއްދާ އަށް ގެންގޮސްފަ އެވެ. އެމީހުން ޖިއްދާ އަށް ގެންދިޔައީ، ސޫދާންގެ އިރުމަތީ ބަނދަރު ރަށެއް ކަމަށްވާ ޕޯޓް ސޫދާން އިން، ސައޫދީ އަރަބިއްޔާގެ މަނަވަރެއްގަ އެވެ.

ގައުމުތަކުގެ ޑިޕްލޮމެޓުން ސޫދާނުން ބޭރުކުރި ނަމަވެސް، ބޭރު ގައުމުތަކުގެ އެތައް ހާސް އާންމު ރައްޔިތުންނާއި ކިޔަވާ ކުދިން، ސޫދާންގެ އެކި ސަރަހައްދުތަކުގައި މިހާރު ވެސް އެބަ ތިއްބެވެ. އޭގެ ތެރެއިން ވެސް އެންމެ ގިނަ ބަޔަކު ތިބީ، އެންމެ ބޮޑަށް ހަނގުރާމަ ހިނގަމުންދާ ޚަރްތޫމް އާއި އެ ރަށުގެ ވަށައިގެންވާ ސަރަހައްދުތަކުގަ އެވެ.

އޭޝިޔާ އާއި އެފްރިކާ އަދި މެދުއިރުމަތީގެ އެތައް ހާސް ބަޔަކު ޚަރްތޫމްގައި ތިބި އިރު، ހަނގުރާމައިގެ ސަބަބުން، ކާބޯތަކެއްޗާއި ބޯފެން ލިބުން ދަތިވެ، ކަރަންޓާއި އިންޓަނެޓްގެ ޚިދުމަތް ކެނޑިފައިވާތ، އެ މީހުން ސަލާމަތުން ސޫދާނުން ނެރެ ގައުމަށް ގެންގޮސްދިނުމަށް އެދި އަންނަނީ އާދޭސް ކުރަމުންނެވެ.

މިހިނގާ އެޕްރީލް މަހުގެ 15 ވަނަ ދުވަހު ފެށުނު މި ހަނގުރާމައިގައި އެންމެ ވަރުގަދަ އަށް ހަމަލާ ބަދަލުކުރަމުން ދަނީ ވެރިރަށް ޚަރްތޫމްގަ އެވެ. އެ ސަހަރުގެ މަގުތަކުގައި ދެ ފަރާތުގެ ސިފައިން ހަމަލާތައް ބަދަލުކުރަމުން ދާއިރު، ދެ ފަރާތުން ދޭ ބަޑީގެ ހަމަލާތައް މައިގަނޑު ގޮތެއްގައި އަމާޒުވަމުން ދަނީ އާންމުން ދިރިއުޅޭ އިމާރާތްތަކަށެވެ.

ސޫދާންގައި މިހާރު ކުރިއަށް ދާ ހަނގުރާމަ ފެށުނީ، ޖެނެރަލް މުހައްމަދު ހަމްދާން ދަގްލޫ (ހަމިއްތީ)ގެ ކޮމާންޑަރުކަމުގެ ދަށުގައި އޮންނަ، ރެޕިޑް ސަޕޯޓް ފޯސަސް (އާރްއެސްއެފް) ކިޔާ ލަޝްކަރުގެ ސިފައިން، ވެރިރަށް ޚުރުޠޫމަށް އަރައި، އަސްކަރިއްޔާގެ މައި މަރުކަޒަށް ހަމަލާ ދޭން ފެށުމުންނެވެ. އެ ލަޝްކަރުގެ ބޭނުމަކީ، ސިފައިންގެ މައި މަރުކަޒާއި، ރިޔާސީ ގަނޑުވަރާއި ސަރުކާރުގެ ޓީވީ ސްޓޭޝަނާއި، ވެރިރަށުގައި އޮންނަ ބައިނަލްއަގުވާމީ ވައިގެ ބަނދަރު ހިފައި، ގައުމު އެމީހުންގެ ބާރުގެ ދަށަށް ގެންދިއުމެވެ.

އާރްއެސްއެފް ލަޝްކަރުގެ ކޮމާންޑަރު ހަމިއްތީ ވިދާޅުވާ ގޮތުގައި މައްސަލަ އަށް އޮތް ހަމައެކަނި ހައްލަކީ، މިހާރު އެ ގައުމުގައި ވެރިކަން ކުރާ އިންތިގާލީ ސިޔާދަތީ މަޖިލިސްގެ ރައީސް އަދި އަސްކަރިއްޔާގެ ވެރިޔާ ޖެނެރަލް އަބްދުލް ފައްތާހް އަލް ބުރުހާން އަމާން ދެއްވުމެވެ. އަމާން ނުދެއްވައިފި ނަމަ، އޭނާ ހުރި ތަނަކުން ހިފައި ހައްޔަރުކޮށް ޝަރީއަތަށް ހުށަހަޅާނެ ކަމަށް ވެސް، ހަމިއްތީ ވިދާޅުވި އެވެ.

1 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޢިހްސާސް

24 April 2023

ހައްގަކާނުލާ އެތައް މުސްލިމުންގެ ލޭއޮހޮރުވާ ބަޔަކާ މުހާތަބުކުރާއިރު ކޮން މާތް ބަހުރުވައެއް ބޭނުންކޮށްގެން ތިލިޔަނީ..

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454