ކުޅިވަރު / ދިވެހި ޕްރިމިއާ ލީގް

ގްރީން ސްޓްރީޓްސް ބަލިކޮށް، ސަސް އަށް އުންމީދީ ފެށުމެއް

ސަސްގެ ފަސްވަނަ ގޯލު ޖެހުމަށް ފަހު އަހުއްކޮ (ކ) އާއި ޓީމުގެ ކުޅުންތެރިން ރޭ އުފާފާޅު ކުރަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

އެމްޑަބްލިއުއެސްސީ ދިވެހި ޕްރިމިއާ ލީގުގައި ކްލަބް ގްރީން ސްޓްރީޓްސްއާ ވާދަކޮށް 5-1 އިން މެޗު ކާމިޔާބުކޮށް ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އިން އިތުބާރާ އެކު ލީގުގެ ފެށުން ރޭ ރަނގަޅު ކޮށްފި އެވެ.

ގްރީން އަކީ މި އަހަރުގެ ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ފަރިތަކުރުންތައް އެންމެ ލަހުން ފެށި ކްލަބެވެ. ފާއިތުވި ސީޒަންގައި ގްރީންގެ ކެޕްޓަން ކަން ކުރި ރިލްވާން ވަހީދު (ރިލޭ) ވަނީ މި ސީޒަނަށް ކްލަބް ދޫކޮށްލައިފަ އެވެ. މި ސީޒަންގައި ގްރީންގެ ކެޕްޓަނަކީ ކުރިން ގައުމީ ޓީމަށް ވެސް ކުޅުނު މިޑްފީލްޑަރު އަންސަރު އިބްރާހިން (އަންކޮ) އެވެ.

މި ސީޒަނުގައި ގްރީން އަށް ގެއްލުނު މުހިއްމު ބައެއް ކުޅުންތެރިންގެ ތެރެއިން ރިލޭ ވަނީ ކްލަބް ވެލެންސިއާއާ ގުޅެން ތައްޔާރު ވެފަ އެވެ. އުންމީދީ ފޯވާޑް ހަސަން ނަޒީމް (ޗޯޓު) ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނަށް ބަދަލު ވެފައި ވާއިރު، އިތުބާރު ޑިފެންޑަރު މުހައްމަދު ސާއިފް ގުޅުނީ އަލަށް ޕްރިމިއާ ލީގަށް ޕްރޮމޯޓްވި ބުރު ސްޕޯޓްސް ކްލަބާ އެވެ.

މިދިޔަ ސީޒަންގައި ރެލިގޭޝަން ޕްލޭއޮފް ވެސް ކުޅުނު ސަސް އަކީ ނިމިދިޔަ ޕްރެޒިޑެންޓްސް ކަޕް ފުޓްބޯޅަ މުބާރާތުގައި ސެމީ ފައިނަލް ކުޅުނު ޓީމެކެވެ. ގުރޫޕް ސްޓޭޖުގެ ފަހު މެޗުގައި އެ ޓީމުގެ ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ) އަށް އަނިޔާވެގެން ސެމީގައި މާޒިޔާއާ ދެކޮޅަށް ކުޅުނީ އަޝްފާގު ނުލަ އެވެ. އެ މެޗުގައި 8-0 ގެ ބޮޑު ތަފާތަކުން ސަސް ބަލިވި ނަމަވެސް ރޭގެ މެޗުގައި ސަސް ވަނީ އިތުބާރާއެކު މޮޅަށް ކުޅެފަ އެވެ.

ގަލޮޅު ދަނޑޫގައި ރޭ ކުޅުނު މެޗުގައި ސަސް އިން ލީޑު ނެގީ 17 ވަނަ މިނިޓުގައި މުހައްމަދު ޝަހާއު (ބޭލް) ނަގައިދިން ހުރަހަކުން ޑިފެންޑަރު މުހައްމަދު ނިޒާމް (ޕީކޭ) އެވެ. ދެވަނަ ގޯލަކީ 31 ވަނަ މިނިޓުގައި އަހުމަދު ހުސާމް (ހުޝާންކޮ)ގެ އެހީތެރިކަމާ އެކު މިޑްފީލްޑަރު އަހުމަދު އައިހަމް (ފަތޯ) ޖަހައިދިން ގޯލެކެވެ. އޭގެ ދެ މިނިޓު ފަހުން އަހުމަދު ހަމީދު ދިން ތުރޫ ޕާހެއް ހޯދައިގެން ތިންވަނަ ގޯލު ޖަހައިދިނީ އަލީ ނަސޫހު ރަޝީދު (ޕިލާ) އެވެ.

ސަސްގެ ހަތަރުވަނަ ގޯލު މެޗުގެ 54 ވަނަ މިނިޓުގައި ޖަހައިދިނީ، ފުރަތަމަ ގޯލު ވެސް ޖަހައިދިން ޕީކޭ އެވެ. މިއީ ހިލޭ ޖެހުމަކުން އަހުމަދު އައިހަމް (އައިހު) ނަގައިދިން ބޯޅައެއް ފާ ޕޯސްޓާ ދިމާލުން ބޮލުން އަރައި ކާމިޔާބު ކުރި ގޯލެކެވެ. އަޝްފާގު އަނިޔާގައި ހުރުމުން ސަސް ޓީމު ލީޑު ކުރަނީ ޕީކޭ އެވެ.

އިތުރު ގޯލެއް ޖަހަން ސަސްގެ އައިހު އަށް ރަނގަޅު ފުރުސަތެއް ލިބި ނާކާމިޔާބު ވި އެވެ. ޑިފެންޑަރުން ކައިރިން ނައްޓާފައި އޭރިއާ ތެރެއަށް ވަދެ ކީޕަރު ކައިރިން ވެސް ނައްޓާފައި އޭނާ ދެން ވެސް ބެލީ ކުރިމަތީ ހުރަސް އަޅަށް ތިބި ކުޅުންތެރިން ކައިރިން ނެއްޓޭތޯ އެވެ. އައިހު ބޯޅަ ގޯލަށް ފޮނުވާލި އިރު ގްރީންގެ ކީޕަރު އަހުމަދު ރަމީޒް ވަނީ ޕޮޒިޝަނަށް އައިސް ބޯޅަ އަތަށް ނަގައިފަ އެވެ.

ފަސްވަނަ ގޯލު ޖަހައިދިނީ ޑިފެންޑަރު އަހުނަފް ރަޝީދު (އަހުއްކޮ) އެވެ. އައިހު ހިލޭޖެހުމަކުން ފޮނުވާލި ބޯޅަ ގޯލު ތިރީ ކަނަށް ވަންނަން ދަނިކޮށް ކީޕަރު ރަމީޒް ދިފާއު ކުރި ނަމަވެސް ރީބައުންސްވި ބޯޅަ އަހުއްކޮ ވަނީ ބޮލުން ގޯލު ތެރެއަށް ފޮނުވާލައިފަ އެވެ.

ގްރީން އިން ސުން ކަނޑުވައިލީ ފުރިހަމަ ވަގުތު ހަމަވާން ދެ މިނިޓަށް ވެފައި ވަނިކޮށެވެ. މުހައްމަދު ޖައިލަމް (އޮގީ) ދިން ތުރޫ ޕާހެއް ހޯދައި ސަސްގެ ކީޕަރު އަބްދުﷲ ޒިމާމް ކައިރިން ނައްޓާލާފައި މި ގޯލު ޖެހީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި އަބްދުﷲ އަނޫސް އެވެ.

މިއާ އެކު ލީގުގައި ކޮންމެ ޓީމަކަށް ވެސް މިވަނީ އެއް މެޗު ކުޅެވިފަ އެވެ. ސަސްގެ އިތުރުން ޓީސީ ސްޕޯޓްސް ކްލަބާއި ކްލަބް އީގަލްސް އަދި ޗެމްޕިއަން މާޒިޔާ ވެސް ވަނީ ފުރަތަމަ މެޗުން މޮޅުވެފަ އެވެ.

ލީގުގައި ދެން މެޗެއް އޮންނާނީ އަންނަ ހޮނިހިރު ދުވަހު އެވެ. އެދުވަހުގެ ހަވީރު ސަސް އާއި ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) ބައްދަލު ކުރާއިރު ރޭގަނޑު ކުޅޭ މެޗުގައި ކުޅޭނީ މާޒިޔާ އާއި ގްރީން ސްޓްރީޓްސް އެވެ. އަދި އާދިއްތަ ދުވަހުގެ ހަވީރު ޓީސީ އާއި ބުރު ސްޕޯޓްސް ކްލަބް ބައްދަލު ކުރާ މެޗަށް ފަހު އެ ރޭ ކުޅޭނީ އީގަލްސް އާއި ކްލަބް ވެލެންސިއާ އެވެ.

2 ކޮމެންޓް, 1 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޔެސް

10 May 2023

2 ވަނަ ޑިވިޝަން ފަށާނެ ދުވަހަކަށް މިއިންތިޒާރު ކުރަނީ! 02 ވަނަ ޑިވިޝަން މިހާރު މާފޯރިގަދަ!

The name is already taken The name is available. Register?

ވާވާ

10 May 2023

ފެންވަރު ނެތް ދައް މެޗުތަކެއް ..... .

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454