ކުޅިވަރު / ޔޫރޮޕާ ލީގް

އޮލޮންސޯ ކޯޗެއްގެ ގޮތުގައި މިރޭ މޮރީނިއޯއާ ދެކޮޅަށް

މޮރީނިއޯގެ ރޯމާ އާއި އޮލޮންސޯގެ ލެވެކޫސަން މިރޭ ޔޫރޮޕާ ލީގުގެ ސެމީ ފައިނަލްގައި ބައްދަލުކުރާނެ.--

11 މެއި 2023 - 09:32

ރޯމް (މެއި 11) - ކާމިޔާބު ކޯޗު ހޯޒޭ މޮރީނިއޯގެ ކޯޗު ކަމުގެ ދަށުން ރެއާލް މެޑްރިޑްގައި މޮޅު ކުޅުމެއް ދެއްކި ޒަބީ އޮލޮންސޯ މިރޭ ޖަރުމަންގެ ބެޔާ ލެވެކޫސަންގެ ގޮވައިގެން ޔޫއެފާ ޔޫރޮޕާ ލީގުގެ ސެމީ ފައިނަލުގައި މޮރީނިއޯގެ ރޯމާއާ ދެކޮޅަށް ނުކުންނަން ތައްޔާރުވެއްޖެ އެވެ.

މޮރީނިއޯގެ އިރުޝާދުގެ ދަށުން އޮލޮންސޯ، 41، ވަނީ ރެއާލްގައި ތިން ސީޒަން ކުޅެފަ އެވެ. އެ ދުވަސްވަރު ރެއާލްގެ ފުރަތަމަ 11 ގައި އަލޮންސޯ އަށް ވުރެ ގިނައިން މެޗު ކުޅުނީ ހަމައެކަނި ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ. އޮލޮންސޯ ހިމެނުނު ރެއާލަށް މޮރީނިއޯ ވަނީ 2010 އިން 2013 އާ ދެމެދު ސްޕެނިޝް ލީގާއި ސްޕެނިޝް ކަޕްގެ އިތުރުން ސްޕެނިޝް ސުޕަ ކަޕް ކާމިޔާބުކޮށްދީފަ އެވެ.

"އަހަރެންނަށް އޮލޮންސޯ ނުފެންނަތާ ވަރަށް ދުވަސްވެއްޖެ. އެކަމަކު ކޯޗަކާއި ކުޅުންތެރިއަކާ ދެމެދު އޮންނަ ގުޅުމަށް ވުރެ އަހަރެމެންގެ ގުޅުން ވަރުގަދަ،" އަލޮންސޯއާ ވާދަކުރަން ޖެހުމުން ކުރި ސުވާލުގައި މޮރީނިއޯ ބުންޏެވެ.

ރެއާލްގައި މޮރީނިއޯ، އޮލޮންސޯ އަށް ކޯޗު ކޮށްދިން މެޗެއްގެ ތެރެއިން.-- ފޮޓޯ: ފޮކްސް

ޔޫރަޕްގެ މަޝްހޫރު ކްލަބްތައް ކަމަށްވާ ލިވަޕޫލާއި ރެއާލް މެޑްރިޑް އަދި ބެޔާން މިއުނިކަށް ކުޅުމަށް ފަހު އޮލޮންސޯ ރަސްމީކޮށް ފުޓްބޯޅަ ކުޅުން ހުއްޓާލީ 2017 ވަނަ އަހަރު އެވެ. އޭގެފަހުން 2019 ވަނަ އަހަރު ކޯޗިން ފަށައި ލެވެކޫސަންއާ ހަވާލުވީ މިދިޔަ އޮކްޓޫބަރު މަހު އެވެ. އެޓީމާ ހަވާލުވެ އަލޮންސޯ ވަނީ ނަތީޖާތައް ރަނގަޅުކޮށްފަ އެވެ. ހަވާލުވި އިރު ޖަރުމަން ލީގުގެ ރެލިގޭޝަނުގައި އޮތް ލެވެކޫސަން މިހާރު އޮތީ ލީގުގެ ހަވަނައިގަ އެވެ.

"މޮރީނިއޯގެ ޓީމަކާ ދެކޮޅަށް ނުކުތުމަކީ ހާއްސަ ކަމެއް. މޮރީނިއޯގެ ފަރާތުން ވަރަށް ގިނަ ކަންކަން ދަސްވި. އެއީ އަބަދުވެސް ލީޑަރެއް. ކުޅުންތެރިން މޯޓިވޭޓް ކުރަން އެނގޭ ކޯޗެއް،" ކޯޗެއްގެ ގޮތުގައި ފުރަތަމަ ފަހަރަށް މޮރީނިއޯ އާ ދެކޮޅަށް ނުކުތުމުގެ ކުރިން އޮލޮންސޯ ބުންޏެވެ.

މިރޭގެ މެޗަށް ނުކުންނައިރު ލެވެކޫސަން އެންމެ ފަހުން ކުޅުނު ހަތަރު މެޗުގެ ތެރެއިން މޮޅުވީ ދެ މެޗުންނެވެ. އެންމެ ފަހުން ކުޅުނު ހަތަރު މެޗުން ވެސް ރޯމާ އަށް މޮޅެއް ނުލިބެ އެވެ. ޖަރުމަނު ލީގުގެ ހަ ވަނައިގައި ލެވަކޫސަން މިވަގުތު އޮތްއިރު ރޯމާ އޮތީ އިޓަލީ ލީގުގެ ހަތް ވަނައިގަ އެވެ.

މި ދެ ޓީމު އެންމެ ފަހުން ވާދަކުރީ 2015 ވަނަ އަހަރު އެވެ. އެ މެޗު 2-3 އިން ކާމިޔާބުކުރީ ރޯމާ އެވެ.

މިއީ ޔޫރަޕްގެ މުބާރާތުގެ ސެމީ ފައިނަލުން ރޯމާ ޖެހިޖެހިގެން ޖާގަ ހޯދި ތިން ވަނަ ސީޒަނެވެ. މީގެ ކުރިން 2021 ގެ ޔޫރޮޕާ ލީގު ސެމީ ފައިނަލުގައި އެޓީމު ބަލިވީ މެންޗެސްޓާ ޔުނައިޓެޑާ ވާދަކޮށެވެ. އެކަމަކު މިދިޔަ އަހަރު އެޓީމުން ވަނީ މޮރީނިއޯގެ ކޯޗުކަމުގައި، އަލަށް ފެށި ޔޫއެފާ ކޮންފަރެންސް ލީގު ކާމިޔާބުކޮށްފަ އެވެ. ސީޒަނެއްގެ މެދުކެނޑުމަކަށް ފަހު މިރޭ އަނެއްކާ ވެސް ޔޫރޮޕާ ލީގު ސެމީގައި އެޓީމު ވާދަކުރާނެ އެވެ.

ބެޔާ ލެވެކޫސަން އެންމެ ފަހުން ޔޫރަޕްގެ މުބާރާތެއްގެ ސެމީ ފައިނަލުގައި ވާދަކުރީ 2002 ވަނަ އަހަރު އެވެ. އެ ސީޒަނުގައި ޗެމްޕިއަންސް ލީގު ފައިނަލުގައި ލެވެކޫސަން ވަނީ ރެއާލް މެޑްރިޑް އަތުން ބަލިވެފަ އެވެ.

ޔޫރޮޕާ ލީގުގެ ދެ ވަނަ ސެމީގައި މިރޭ ޔުވެންޓަސް ނުކުންނާނީ ސެވިއްޔާއާ ދެކޮޅަށެވެ. މި ދެ ޓީމަކީ ވެސް ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުން ކަޓައި ޔޫރޮޕާ ލީގުގައި ވާދަކުރަމުން އަންނަ ދެ ޓީމެވެ. ޔޫރޮޕާ ލީގު ސެމީ ފައިނަލުގެ ދެ މެޗު ވެސް ފަށާނީ މިރޭ ރާއްޖެ ގަޑިން 12 ޖަހާއިރު އެވެ.

0 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454