އައިވަރީ ކޯސްޓުގެ މިޑްފީލްޑަރު ޔާޔާ ޓޫރޭ.
25 ޖެނުއަރީ 2017 - 10:51
މެންޗެސްޓާ (ޖެނުއަރީ 25) – ފައިސާގެ ބޭނުމުގައި މަޝްހޫރު ކުޅުންތެރިން ޔޫރަޕް ދޫކޮށް ޗައިނާ ލީގަށް ބަދަލުވާ ބަދުލުވުން އޭނާ އަށް ގަބޫލުނުކުރެވޭ ކަމަށް މެންޗެސްޓާ ސިޓީގެ އައިވަރީ ކޯސްޓް މިޑްފީލްޑަރު ޔާޔާ ޓޫރޭ ބުނެފި އެވެ.
މި ސީޒަނަށް ފަހު ޓޫރޭގެ ކޮންޓްރެކްޓް ހަމަވާ ގޮތަށް އޮތް ނަމަވެސް އޭނާ ވަނީ ދާދި ފަހުން ޗައިނާ އަށް ލިބުނު ބޮޑު އޮފާއަކަށް ފުރަގަސްދީފަ އެވެ. ކާލޯސް ޓެވޭޒާއި އެކްސެލް ވިޓްސެލް އަދި އޮސްކާ ފަދަ ކުޅުންތެރިން ހިނގި މަގުން ދާން އޭނާ ބޭނުމެއް ނުވި އެވެ.
"އަހަރެން ޗައިނާ އަށް ނުދާނަން. އަހަރެންގެ ނަޒަރުގައި އަހަރެން އަދިވެސް ވަރަށް ޒުވާން. ބޭނުންވަނީ ޔޫރަޕުގައި ހާއްސަކޮށް އިންގްލެންޑުގައި ކުޅެން. އަހަރެން އަދި ބޭނުންވޭ މިގޮތުގައި އަހަރުތަކެއް ކުޅެން،" އުމުރުން 33 އަހަރުގެ ޓޫރޭ ބުންޏެވެ.
ޓޫރޭ ވަނީ ކުޅުންތެރިން ފުޓްބޯޅަ ކުޅެނީ ކުޅޭ ހިތުންތޯ ނުވަތަ ފައިސާގެ ބޭނުމުގައިތޯ ސުވާލު އުފައްދައިފަ އެވެ.
"އަހަރެން ޔަގީނުން ވެސް ފުޓްބޯޅަ ކުޅެނީ ކުޅޭ ހިތުން. ޓީމުގެ އެހެން ކުޅުންތެރިންނަށް އެހީތެރިވާން ބޭނުންވޭ. މަޝްހޫރު ކުޅުންތެރިންނާ ދެކޮޅަށް ކުޅެން ބޭނުންވޭ،" ޓޫރޭ ބުންޏެވެ.
"ބަލާބަލަ އަހަރެންގެ އެކުވެރިޔާ އިބްރަހިމޮވިޗަށް. އޭނާ އަށް 35 އަހަރުވެއްޖެ. އަދިވެސް އަހަރުތަކެއްގައި އޭނާ ކުޅޭނެ. އޭނާއާ އަހަރެން އެއް ވިސްނުމެއް. އޭނާ އަކީ ފުޓްބޯޅަ ދެކެ ލޯބިވާ ޗެމްޕިއަނެއް. ފުޓްބޯޅަ އަބަދުވެސް އެންމެ ކުރިން އަންނާނީ."
މި ސީޒަނުގެ ކުރީކޮޅު ފުރުސަތު ނުލިބޭތީ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާއާ ޓޫރޭ މައްސަލަ ޖެހުނެވެ. އެކަމަކު އަލުން އޭނާ އަށް ފުރުސަތު ދޭން ފަށާފައިވާއިރު ޓޫރޭ އަންނަނީ މޮޅަށް ކުޅެމުންނެވެ. އޭނާ ވަނީ މީގެ ކުރިން ސިޓީން ދެ ފަހަރެއްގެ މަތިން ޕްރިމިއާ ލީގު ކާމިޔާބުކުރިއިރު މުހިއްމު ދައުރެއް އަދާކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy