ދުނިޔެ / އަބްދުލް ފައްތާހް އަލް ބުރްހާން

ސޫދާންގައި ހަމަލާތައް ވަރުގަދަ ވަނީ

17 މެއި 2023 - 12:59

2 comments

ސޫދާން ސިފައިންގެ ދެ ލަޝްކަރެއްގެ ދެމެދުގައި މިހާރު ފެށިފައިވާ ދާޚިލީ ހަނގުރާމަ ހުއްޓުމާ ބެހޭ ގޮތުން ދެ ފަރާތުގެ މަންދޫބުންގެ މެދުގައި، ސައޫދީ އަރަބިއްޔާގެ ޖިއްދާގައި މަޝްވަރާތައް ކުރިއަށް ދާއިރު، ސޫދާންގެ ވެރިރަށް ޚަރްތޫމްގައި ދެ ފަރާތުގެ ސިފައިންގެ މެދުގައި އަނެއްކާވެސް ހަމަލާ ބަދަލުކުރަން ފަށައިފި އެވެ.

ސޫދާންގައި ހަނގުރާމަކުރާ އެ ގައުމުގެ ސިފައިންނާއި، ސިފައިންގެ ތެރޭގައި އޮންނަ ރެޕިޑް ސަޕޯޓް ފޯސަސް (އާރްއެސްއެފް) ކިޔާ ލަޝްކަރުގެ ސިފައިންނާ ދެމެދު އިއްޔެ ހަމަލާތައް ވަރުގަދަ ވެގެން މިދިޔައީ، ސުލްހައިގެ ވާހަކަތަކަށް ޖާގަ ދިނުމުގެ ގޮތުން، ހަމަލާ ބަދަލުކުރުން ހުއްޓައިލުމަށް ދެ ފަރާތުން އެއްބަސްވެ އެ ގޮތަށް އަމަލުކުރަމުން އަންނަނިކޮށެވެ.

އިއްޔެ އިސްވެ ހަމަލާތައް ފެށީ ކޮން ބައެއް ކަމެއް ނޭނގެ އެވެ. ނަމަވެސް މައިގަނޑު ގޮތެއްގައި ހަމަލާތައް ބަދަލުކުރީ ވެރިރަށް ޚަރްތޫމުގައި ހުންނަ ސިފައިންގެ މައި މަރުކަޒާ ކައިރި ސަރަހައްދުތަކުގަ އެވެ. އިއްޔެ ބަދަލުކުރި ހަމަލާތަކުގައި، ސިފައިންގެ އަސްކަރީ މަތިންދާބޯޓުތަކުން، އާރްއެސްއެފް ލަޝްކަރުގެ ހަނގުރާމަވެރިންނަށް އަމާޒުކޮށް މިސައިލާއި ރޮކެޓުން ހަމަލާތަކެއް ދިނެވެ.

ވެރިރަށުގެ އިތުރުން އެ ގައުމުގެ ހުޅަނގުގައި އޮންނަ ދާރްފޫރު ސަރަހައްދުގައި ވެސް ދެ ފަރާތުގެ ސިފައިންގެ ދެމެދުގައި ހަމަލާތައް ބަދަލުކުރި އެވެ. ދާރްފޫރަކީ އާރްއެސްއެފް ލަޝްކަރުގެ ވަރަށް ބޮޑު ނުފޫޒެއް އޮންނަ ސަރަހައްދެކެވެ. އެހެން ސަރަހައްދުތަކުގައި ވެސް ހަމަލާތައް ބަދަލުކުރި ނަމަވެސް، މައިގަނޑު ގޮތެއްގައި ހަމަލާތައް ބަދަލުކުރީ ވެރިރަށް ޚަރްތޫމުގަ އެވެ. މި ހަމަލާތަކުގައި ދެ ފަރާތުން ވެސް ބޮޑުބަޑިއާއި މެޝިން ބަޑި ބޭނުންކުރި އެވެ.

ސޫދާންގެ ޑޮކްޓަރުންގެ ޖަމިއްޔާ އިން ބުނި ގޮތުގައި މިހާރު ކުރިއަށް ދާ ދާޚިލީ ހަނގުރާމަ އަށް މަސް ދުވަސް ފުރުނު އިރު، އާންމުންގެ ތެރެއިން މަރުވި މީހުންގެ އަދަދު ވަނީ 822 އަށް އަރައިފަ އެވެ. އަދި 7000 އަށް ވުރެ ގިނަ މީހުން ޒަޚަމްވެއްޖެ އެވެ. މި ހަނގުރާމައިގައި ގެދޮރު ގެއްލުނު މީހުންގެ ޖުމްލަ އަދަދެއް ކަށަވަރު ނުވާއިރު، ރައްކާތެރިކަން ހޯދުމުގެ ގޮތުން، 936000 އަށް ވުރެ ގިނަ މީހުން މިހާރު ވަނީ، ރެފިއުޖީންގެ ގޮތުގައި އަވައްޓެރި ގައުމުތަކަށް ދަތުރުކޮށްފަ އެވެ.

އެންމެ ގިނަ މީހުން ދިޔައީ ދެކުނު ސޫދާނަށާއި ޗާޑަށެވެ. އަދި ވެރިރަށް ޚަރްތޫމްގެ އެތައް ލައްކަ ބަޔަކު ވަނީ، އެ ގައުމުގެ އެހެން ސަރަހައްދުތަކަށް ބަދަލުވެފަ އެވެ. ވެރިރަށް ޚަރްތޫމުގައި ހަނގުރާމަ ހިނގަމުންދާ ސަރަހައްދުތަކުގައި ނުވަ މިލިއަނެއްހާ މީހުން ދިރިއުޅޭ އިރު، އެ ސަރަހައްދުގައި ކާބޯތަކެއްޗާއި ބޭސްފަރުވާގެ ޚިދުމަތް ލިބުން ވަނީ ވަރަށް ބޮޑަށް ދަތިވެފަ އެވެ. އެޕްރީލް 15، 2023 ގައި ސޫދާންގައި ހަނގުރާމަ ފެށުނީ، އެ ގައުމުގެ ސިފައިންނާއި، ސިފައިންގެ ތެރޭގައި އޮންނަ ރެޕިޑް ސަޕޯޓް ފޯސަސް (އާރްއެސްއެފް) ކިޔާ ލަޝްކަރުގެ ސިފައިންނާ ދެމެދުގަ އެވެ. ހަނގުރާމަ ފެށުނީ، އާރްއެސްއެފް ލަޝްކަރުގެ ސިފައިން ވެރިރަށް ޚުރުޠޫމަށް އަރައި، އަސްކަރިއްޔާގެ މައި މަރުކަޒަށާއި ރިޔާސީ ގަނޑުވަރު އަދި ސަރުކާރުގެ ޓީވީ ސްޓޭޝަނަށާއި، ވެރިރަށުގައި އޮންނަ ބައިނަލްއަގުވާމީ ވައިގެ ބަނދަރަށް ހަމަލާ ދީ އެ ތަންތަން ހިފަން އުޅުމުންނެވެ.

ސިފައިންގެ ލަޝްކަރުގެ ވެރިޔަކީ، އެ ގައުމުގައި މިހާރު އޮތް އަސްކަރީ ސަރުކާރުގެ ވެސް ވެރިޔާ، ޖެނެރަލް އަބްދުލްފައްތާހް އަލްބުރުހާން އެވެ. ސިފައިންނާ ދެކޮޅަށް ހަނގުރާމަ ފަށާފައިވާ އާރްއެސްއެފް ލަޝްކަރުގެ ވެރިޔަކީ، އެ ގައުމުގައި މިހާރު އޮތް އަސްކަރީ ސަރުކާރުގެ ވެރިޔާގެ ނައިބުގެ މަގާމުގައި ހުރި، ޖެނެރަލް މުހައްމަދު ހަމްދާން ދަގްލޫ (ހަމިއްތީ) އެވެ. ކުރީގެ ރައީސް އުމަރުލް ބަޝީރުގެ ވެރިކަން ވައްޓައިލުމަށް ކުރި މަސައްކަތުގައި މި ދެ ޖެނެރަލުންނަކީ ވެސް އެއް ފިޔަވަޅުމަތީ ހިންގެވި ދެ ބޭފުޅުންނެވެ.

2 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ބުހުތާނު

18 May 2023

ސޫދާން ގައި ހަގުރާމަ ކުރަނީ މުސްލިމުންނާ މުސްލިމުން. އެއްބަޔަކު އަނެއްބަޔަކު ދުވަސް ދުއްވާލަނީ ﷲއަކްބަރު ކިޔާފަ. 200 މަރު. އެކަކު އެވަަހަކަ ނުޖަހާތި. ފަލަސްތީނުގަ 2 މީހުން މަރުވީމަ ފަލަ އަކުރުން ލިޔެލަންވާނެ!

The name is already taken The name is available. Register?

މުހައްމާ

17 May 2023

ސޫ ދާނުގައި ހަމަލާ ނުދޭ ދުވަހެއް އައިތޯ؟

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454