ކުޅިވަރު / ދިވެހި ޕްރިމިއާ ލީގް

ވެލެންސިއާ ބަލިކޮށް ބްރޭކުގެ ކުރިން ބުރަށް ހިތްހަމަޖެހުމެއް

ބުރުގެ އިބްރާހިމް އުސާމާ ހަސަން މަޖީދު (ވ) އަތުން ބޯޅަ ހޯދަން ވެލެންސިއާގެ ޔަޒީން (ވ) މަސައްކަތް ކުރަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ސާފް ޗެމްޕިއަންޝިޕަށް ލީގު މެދުކަނޑާލުމުގެ ކުރިން، ކުޅުނު ފަހު މެޗުގައި ކްލަބް ވެލެންސިއާ 2-0 އިން ބަލިކޮށް ބުރު ސްޕޯޓްސް ކްލަބުން ހިތްހަމަޖެހުމެއް ހޯދައިފި އެވެ.

މިއަހަރު އަލަށް ފުރަތަމަ ޑިވިޝަނުގައި ވާދަކުރާ ބުރު ސްޕޯޓްސް ކްލަބުން ލީގުގައި ކުޅުނު ފުރަތަމަ މެޗުން ވަނީ ކްލަބް އީގަލްސް އަތުން ބަލިވެފަ އެވެ. ނަމަވެސް މިރޭގެ މެޗަށް ނުކުތީ ދެވަނަ މެޗުގައި ޓީސީ ސްޕޯޓްސް ކްލަބް ބަލިކޮށް ލީގުގައި ފުރަތަމަ މޮޅު ހޯދައިގެންނެވެ.

ބުރުގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ވަނީ ލީގުގެ ފުރަތަމަ މެޗުން ފަހުވަގުތު ބަލިވި ނަމަވެސް، ބްރޭކަށް ދާއިރު ޓީމު ކުޅުންތެރިންގެ މޯޓިވޭޝަން ރަނގަޅު ކުރަން ދެ މެޗު ކާމިޔާބު ކުރުން މުހިއްމުކަމަށް ބުނެފަ އެވެ.

ގަލޮޅު ދަނޑުގައި މިރޭ ކުޅުނު މެޗުގައި ބުރުން ފުރަތަމަ ގޯލު ޖެހީ 15 ވަނަ މިނިޓުގަ އެވެ. އެޓީމުގެ އަހުމަދު ސުލޭމާން ޕެނަލްޓީ އޭރިއާގެ އަރިމަތިން ބޯޅަ ހޯދަން އުޅުމުގެ ތެރޭގައި ވެލެންސިއާގެ އަހުމަދު ޔަޒީން މަހުދީ ކުރި ފައުލަކަށް ލިބުނު ހިލޭޖެހުން ގޯލަށް ފޮނުވާލައިގެން ލީޑު ނަގައިދިނީ މުހައްމަދު ތަޝްމީން (ތައްތި) އެވެ.

މި ހާފުގައި ބުރުގެ ފާރޫގު އިސްމާއިލަށް ލިބުނު ފުރުސަތެއްގައި ބޮލުން ފޮނުވާލި ބޯޅަ ގޯލާ އަމާޒު ނުވިއިރު، އަހުމަދު ރަޝީދު (އަންމަޑޭ) ގެ ހަމަލާއެއް އަމާޒުވީ ގޯލުގެ ދަނޑިއަށެވެ. އަދި ވެލެންސިއާގެ އަބްދުﷲ ޔާމީން (ޔާނު) ގެ ހަމަލާއެއް ބުރުގެ ގޯލްކީޕަރު އަބްދުﷲ އަރުޝަން ވަނީ ދިފާއު ކޮށްފަ އެވެ.

ލީޑު ފުޅާ ކުރި ގޯލަކީ ދެވަނަ ހާފު ފެށިގެން ދެވަނަ މިނިޓުގައި މުހައްމަދު ސާމިރު ނަގައިދިން ހުރަހަކުން އަންމަޑޭ ބޮލުން ޖަހައި ބޯޅަ ގޯލަށް ފޮނުވާލައިގެން ކާމިޔާބު ކުރި ގޯލެކެވެ. ސާމިރު ހުރަސް ނަގަން ފުރުސަތު ތަނަވަސް ކޮށްދިނީ ތައްތި އެވެ. ލީޑު ފުޅާ ކުރިތާ އިރުކޮޅެއް ފަހުން ވެލެންސިއާގެ ދެ ކުޅުންތެރިން ކައިރިން ނައްޓާލާފައި ތައްތި އޭރިއާ ތެރެއަށް ވަދެ ގޯލަށް ފޮނުވާލި ބޯޅަ ދިފާއު ކުރީ ކީޕަރު އާދަމް އިމްއާން އެވެ.

އިތުރު ގޯލެއް ޖަހަން ބުރުގެ މުހައްމަދު ނާއިމް ފޮނުވާލި ބޯޅައެއް ގޯލުގެ ދަނޑިއަށް އަމާޒުވިއިރު، އަންމަޑޭގެ ހަމަލާއެއް ކީޕަރު އިމްއާން މަތަކުރުމުން ރީބައުންސްވި ބޯލަ މުހައްމަދު އަންވަރު ފޮނުވާލުމުން ދިޔައީ ގޯލު މަތިން ބޭރަށެވެ.

މިރޭގެ މެޗު ފެށިގެން އަރުޝަން ބުރުގެ ގޯލު ބެލެހެއްޓި ނަމަވެސް، މެޗުގެ ފަހު ތިރީހަކަށް މިނިޓަށް ކޯޗު ނިޒާމްބެ ވަނީ ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވާ ރާއްޖޭގެ ގައުމީ ޕްރިލިމިނަރީ ސްކޮޑުގައި ހިމެނޭ ޒުވާން ކީޕަރު ޝައިހާން އަލީ އަށް ފުރުސަތު ދީފަ އެވެ. ޝައިހާން ވަނީ ވެލެންސިއާގެ އީތަން އިބްރާހިމް ޒަކީ، ކައުންޓާ އެޓޭކެއްގައި ފޮނުވާލި ހަމަލާއެއް ދިފާއު ކޮށްފަ އެވެ.

ފުރަތަމަ ޑިވިޝަނަށް މުޅިން އާ، ކްލަބުގެ ޒުވާން ޓީމުތަކުގެ ކުދިން ހިމެނޭހެން ސްކޮޑު އެކުލަވާލައިގެން އާ ސީޒަނަށް ކުރިމަތިލި ވެލެންސިއާ، ލީގުގެ ފުރަތަމަ ތިން މެޗު ވެސް ނިންމާލީ ޕޮއިންޓެއް ނުހޯދި އެވެ. ފުރަތަމަ މެޗުގައި ޓީސީ އަތުން 2-0 އިން ބަލިވި އިރު ދެވަނަ މެޗުގައި އީގަލްސް އަތުން ބަލިވީ 3-0 އިންނެވެ. އެހެން ކްލަބުތަކުން ވެލެންސިއާ އަށް ކުޅުންތެރިން ގެނައި ނަމަވެސް މިދިޔަ ސީޒަންގެ ކުޅުންތެރިންގެ މުސާރައިގެ މައްސަލަ ހައްލު ނުވާތީ އަލަށް ޓީމަށް ގެނައި ކުޅުންތެރިން އެ ސްކޮޑުގައި ރަޖިސްޓްރީއެއް ނުކުރެވެ އެވެ.

0 ކޮމެންޓް, 2 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454