މެޗުން މޮޅުވުމަށް ފަހު ނަޑާލް އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ
26 ޖެނުއަރީ 2017 - 11:07
މެލްބަން (ޖެނުއަރީ 26) - ކުއާޓާ ފައިނަލުގައި މިލޯސް ރައޮނިޗް ބަލިކުރުމަށް ފަހު އޮސްޓްރޭލިއަން އޯޕަން ޓެނިސް މުބާރާތުގެ ސެމީ ފައިނަލުން މަޝްހޫރު ޓެނިސް ކުޅުންތެރިޔާ ރަފައެލް ނަޑާލް ޖާގަ ހޯދައިފި އެވެ.
މިއީ 2014 ވަނަ އަހަރުގެ ފްރެންޗް އޯޕަން އަށް ފަހު ޓެނިސް ގްރޭންޑް ސްލޭމް މުބާރާތެއްގެ ސެމީ ފައިނަލުން ނަޑާލަށް ޖާގަ ލިބުނު ފުރަތަމަ ފަހަރެވެ.
ގްރޭންޑް ސްލޭމް 14 މުބާރާތް ކާމިޔާބު ކޮށްފައިވާ ނަޑާލް އޮސްޓްރޭލިއަން އޯޕަން ސެމީން ޖާގަ ހޯދީ ދުނިޔޭގެ ތިން ވަނައިގައި މި ވަގުތު އޮތް ރައޮނިޗްގެ މައްޗަށް 6-4 7-6 (9-7) 6-4 އިން ކުރިހޯދައިގެންނެވެ.
"މިއީ ވަރަށް ބުރަ މަސައްކަތުގެ ނަތީޖާ. އަނިޔާގެ ސަބަބުން ފާއިތުވި ދެ އަހަރެއްހާ ދުވަހު އަހަރެންނަށް ވަރަށް ގިނަ ގޮންޖެހުންތަކާ ކުރިމަތިވެއްޖެ. ދެން ދުވަހަކު ބޮޑު މުބާރާތެއްގައި ކުޅުމުގެ އުއްމީދު ވެސް ގެއްލުނު. އެކަމަކު ބޭނުންވީ ހިތްވަރާ އެކު މަސައްކަތް ކުރަން މިއީ. އޭގެ ނަތީޖާ،" އުމުރުން 30 އަހަރުގެ ނަޑާލް ބުންޏެވެ.
ނަޑާލް ވަނީ މި މުބާރާތުގެ ޗެމްޕިއަންކަން 2009 ވަނަ އަހަރު ހޯދައިފަ އެވެ. މި މުބާރާތުގެ ސެމީ ފައިނަލުގައި ނަޑާލް މާދަމާ ނުކުންނާނީ ބަލްގޭރިއާގެ ގްރިގޯ ޑިމިޓްރޯވްއާ ދެކޮޅަށެވެ. ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި މިއަދު ރޮޖާ ފެޑެރާ ކުޅޭނީ ސްޓެން ވަވަރިންކާ އެވެ.
ދުނިޔޭގެ އެއް ވަނަ އެންޑީ މަރޭ އާއި ދެ ވަނައިގައި އޮތް ނޮވަކް ޖޮކޮވިޗް ވަނީ މި މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ނުލިބި ކަޓައިފަ އެވެ. ރޭންކިންގެ މައްޗަށް ޖެހިލުމަށް ނަޑާލް އާއި ފެޑެރާ އަށް މި މުބާރާތް ކާމިޔާބު ކުރުން މުހިއްމެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy