އެސްއޯތަކުގެ ބައެއް އިސްވެރިން ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަކަށް ހާޒިރުކޮށްފައި. ކުންުފުނިތަކަށް ދައުލަތުން ދޫކޮށްފައިވާ ލޯނުގެ އަދަދު ހުރީ 10 ބިލިއަން ރުފިޔާއަށް ވުރެ މަތީގައި-- ފޮޓޯ: މިހާރު
30 ޖޫން 2023 - 10:31
ސަރުކާރު ހިއްސާވާ ކުންފުނިތަކަށް މިދިޔަ އަހަރުގެ ނިޔަލަށް ދައުލަތުން ދޫކުރި ލޯނުގެ އަދަދު 10.4 ބިލިއަން ރުފިޔާއަށް އަރައިފި އެވެ.
ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކުން އެނގޭ ގޮތުން، އެންމެ ބޮޑު އަދަދެއް ދައްކަން ޖެހެނީ އެމްއޭސީއެލް އިންނެވެ. އެ ކުންފުނިން 7.7 ބިލިއަން ރުފިޔާ ދައްކަން ޖެހެ އެވެ. އަދި އާބަންކޯ އިން 1.2 ބިލިއަން ރުފިޔާ ދައްކަން ޖެހެ އެވެ. އެމްއޭސީއެލް އިން ދައުލަތަށް ދައްކަން ޖެހޭ އަދަދުތައް އެހާ ބޮޑީ އެއާޕޯޓު ތަރައްގީކުރުމުގެ ބިޔަ ޕްރޮޖެކްޓަށް ނެގި ލޯނުތަކުންނެވެ. އާބަންކޯ އިން ހައުސިން އެކި މަޝްރޫއުތަކަށް ނެގި ލޯނުތައް އިތުރުވުމުންނެވެ.
އޭގެ އިތުރުން ފެކަނަ އިން ސަރުކާރަށް 440 މިލިއަން ރުފިޔާ ދައްކަންޖެހެ އެވެ. ސްޓެލްކޯއަށް ވަނީ 388 މިލިއަން ރުފިޔާ ދޫކޮށްފަ އެވެ. އައިލެންޑް އޭވިއޭޝަނަށް 327 މިލިއަން ރުފިޔާ ދޫކޮށްފައިވާ އިރު އެމްޓީސީސީއަށް 140 މިލިއަން ރުފިޔާ ދޫކޮށްފައިވެ އެވެ.
އޭގެ އިތުުރުން އެމްއެމްއޭއަށް 90 މިލިއަން ރުފިޔާ ދޫކުރި އިރު ބީއެމްއެލްއަށް ވަނީ 26 މިލިއަން ރުފިޔާ ދޫކޮށްފަ އެވެ.
ކޮންމެ އަހަރަކު ވެސް އެކި ބޭނުންތަކަށް އެސްއޯއީތަކަށް ބޮޑެތި އަދަދުތަކުން ދައުލަތުން ފައިސާ ހަރަދު ކުރަން ޖެހެ އެވެ. މިއަހަރުގެ ބަޖެޓުގައި އެސްއޯއީތަކަށް ދޫކުރާ ލޯނުގެ އިތުރުން ސަބްސިޑީގެ ގޮތުގައި ވެސް ބޮޑު ހޭދައެއް އެސްއޯއީތަކަށް ކުރެ އެވެ.
ދައުލަތުން އެސްއޯއީތަކަށް ދޭ ލޯނުތަކުގެ އަދަދު އިތުރުވަމުން ދާއިރު، ދައުލަތުގެ ޖުމްލަ ދަރަނި ހުރީ 108 ބިލިއަން ރުފިޔާގަ އެވެ. އޭގެ ތެރެއިން ބޭރުގެ ދަރަނި ހުރީ 49 ބިލިއަން ރުފިޔާގަ އެވެ. އެތެރޭގެ ދަރަނި ހުރީ 59 ބިލިއަން ރުފިޔާގަ އެވެ. ދައުލަތުން ގެރެންޓީ ދީގެން ނަގާފައިވާ ލޯނުގެ އަދަދު 16 ބިލިއަން ރުފިޔާގައި ހުރި އިރު ދައުލަތުގެ ދަރަނި މިވަގުތު ހުރީ ރާއްޖޭގެ އުފެއްދުންތެރިކަމުގެ ނިސްބަތުން 113 ޕަސެންޓުގަ އެވެ. މިއީ މާލީ އިދާރާ، އައިއެމްއެފް އިން ގައުމުތަކުގެ ދަރަނި ހުންނަން ޖެހޭ މިންވަރުގެ ގޮތުގައި ކަނޑައަޅާފައިވާ މިންގަނޑަށް ވުރެ 50 ވަރަކަށް ޕަސެންޓު އިތުރު އަދަދެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަންފެއަރ
02 July 2023
އެސްއޯއީ އޭ ބުނީމަ އެތަންތާ އެމް.ޑީ ނަން ހީވާކަހަލަ މީ ތިމަންނަމެންނަން ވާރުތަވެފައިވާ މުދަލޭ! އެހަރަ ބާއްވާލާ އަހަރީ ދުވަހުގެ ހަފްލާތަކާ އެއްޗިސް ބަލާލީމަ އަހަރުމެންގެ ލޮލޮން ކަރުނަ ފޭދޭ. ރިސޯޓް ތަކުގަޔާ، ދެންހުރި ގިރި ގިރި ހިފާލާފަ އަހަރީ ދުވަސްވެސް ފާހަގަކުރަނީ! ފްލެޓްތަކާއި އެއްޗިސް ހިތަންއެރި އަގެއްގަ ބަހާލާއިރު މި މީސްމީހުންނަށް ހީވާކަހަލަ މީ ތިމަންނަމެންގެ އަމިއްލަ މުދަލޭ. މުވައްޒަފުންނަށް ރޯދަ ހަދިޔާ އެބަދޭ ދައުލަތުން ލޯނު ނަގައިގެން.
ދިއްދޫހަސަނު
01 July 2023
އެސްއޯއީ ތައް ހިނަގަނީ ރައްޔިތިންގެ ފައިސާއިން ބޮޑު ހޭދައެއްކޮށއ، ބިންތައް ހިލޭ ދީގެން އަދި ސަރުކާރުން އެތައް ކަމެއް ޚާއްސަކޮށއ ފަހިކޮށްދީގެނ....ދެން އެތަނުން އެއްޗެއް ވިކޭ ކޮންމެ ފަހަރަކު ސްޓާފުންނަށް އެދޭ ބޯނަސްތަކާ، އިނާޔަތްތއް ބެހުން ކަމަކުނުދޭ
ހިތަދޫ 2
01 July 2023
އެއަކު ނެތް މައްސަލައެއް. އެމީހުނަށް ތި ދީގެން ނިކަމެތި މީހާގެ ބިލުން 2ރ ކެނޑުނަސް ދެން ހެޔޮތާ 5 ބިލިއަން ޑޮލަރު އަގު ހުރި ބިންތަ ބޯހިޔާވަހިކަމުގެ ނަމުގަ ބަހާލީ ތި. އަހަރެމެން ރަށުން 300،000ރ އަގު ހަމަ ނުވާ ބިމެއްވެސް ނުލިބާ އާއިލާގެ ކޮންމެ 2 މީހަކު ވެގެން ފޯމް ލައިގެން 2 ބިން ހޯދަން.
ހެޔޮނުބައި
01 July 2023
ދޫކުރާ ލޯނު ތަކާ، ނަގާ ލޯނުތަކުން ލިބޭ ނަތީޖާއަކީ ކޮބައިތޯ ބަލާނެ އިދާރާއެއް.އުފެދެން ޖެހިފައި މިހާރު ތިޔަހުރީ. ދައުލަތުގެ ޤާނޫނު ބުނާ މިންވަރަށްވުރެ އިތުރަށް ލޯނު ނަގާފައިވާނަމަ، އެކަމުގެ އަދަބު ވެރިނނަށް ލިބޭންޖެހޭނެ. މިހާރު ލޯނުގެ ގޮތުގައި ހުރި ފައިސާއިން ކުރި ޚަރަދަކީ ކޮބައިތޯ އެންޓި ކޮރަޕްޝަން ބޯޑުން ބަލން ޖެހިފައި ތިޔަހުރީ. ފައިސާ ޗާޕުކޮށްފައި ކަނޑަށް އެޅުން ކަމުގައި ވެގެންނުބާނެ.
ބަރބަންކޯ
01 July 2023
ކޮބާ އާރބަންކޯ 1.2 ބިލިއަން؟ ކީކޭ ބުނާނީ؟ ތިމަންނަމެން ލާރި ހޯދަމޯ، ޓެކްސްފައިސާ ބޭނުމެއް ނުކުރަމޯ، ތާކުންތާކު ނުޖެހޭ ސިޔާސީ މީހުން ލައިގެން ނުހިގާނެ. އެއްވެސް ކަމެއް ވާ ބައެއް ނޫން. ކޮރަޕްޝަންގެ ހާއްޔެއް.
ކޮރަލް
30 June 2023
ހަރަދު ކުޑަ ކުރަން އަވަސް ފިޔަވަޅު ތަކެއް ނާޅާ ނަމަ ރާއްޖެ ދާނީ ދަރަނި ވެރި ވުމާ ގާތަށެވެ. ރާއްޖެ އަކީ އިމްޕޯޓް އަށް ބަރޯސާ ވާ ގައުމެކެވެ. މިހާރު ނަގާފަ އަދި ނަގަމުންދާ ލޯން ތަކަށް ދެތިން އަހަރު ފަހުން ދައްކަން ޖެހޭ ފައިސާ ގެ އަދަދު ވ ބޮޑުވާނެ އެވެ. އެދައްކަން ޖެހެނީ ބޭރު ފައިސާ އިންނެވެ.
ޚަދީޖާ އަޙްމަދު
30 June 2023
އެމްއޭސީއެލް އިން ދައުލަތަށް ދައްކަން ޖެހޭ އަދަދުތައް އެހާ ބޮޑީ އެއާޕޯޓު ތަރައްގީކުރުމުގެ ބިޔަ ޕްރޮޖެކްޓަށް ނެގި ލޯނުތަކުން ކަމަށް ބުނާއިރު ، އެޕްރޮޖެކްތައް ހިންގަނީ އިންސާނުންގެ ހަމަ ލޮލަށް ނުފެންނަ ހިސާބެއްގަ ތޯ ؟؟ .
އަފްރާސިޔާބު
30 June 2023
އެމް.އޭ.ސީ. އެލް އިން ނެގި ލޯން ނެގީ އެޕާޓްމަންޓް ބިލްޑިންގ އަޅަން ކަމަށްވުމަކީ ގާތްކަމެއް. އެހެން ނޫނީ އާ އެއަރ ޕޯޓް އަޅަނީ އެނެގި ލޯނުން. އެހެންވީމާ ޑޮލަރުގެ ތަށިވެގެން.
ލޯނު ބެ
01 July 2023
ލޯން ތައް އެ ހުރީ އެކި ސަރުކާރުތަކުގަ ނަގާފަ، ހަމަ އެކަނި މިސަރުކާރުން ނެގި އެއްޗެއްގެ ވާހަކަ އެއް ނޫން އެހުރީއެއް