ލަނޑު ޖެހުމަށް ފަހު ބެނާޑޯ ސިލްވާ އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ
30 ޖެނުއަރީ 2017 - 11:06
ޕެރިސް (ޖެނުއަރީ 30) - ފަހު ވަގުތު ބެނާޑޯ ސިލްވާ ވައްދާލި ހިތްގައިމު ލަނޑާ އެކު ޕީއެސްޖީއާ 1-1 އިން އެއްވަރުކޮށް މޮނާކޯ އަލުން ފްރެންޗް ލީގުގެ އެއް ވަނަ އަށް ޖެހިލައިފި އެވެ.
ރޭގެ މެޗަށް މޮނާކޯ ނުކުތްއިރު، ލީގުގެ އެއް ވަނައިގައި ނީސް އޮތީ ހޮނިހިރު ދުވަހުގެރޭ ޖުއަންގޯމްޕް އަތުން 3-1 އިން ހޯދި މޮޅާ އެކު އެވެ. މޮނާކޯ ރޭގެ މެޗުން ހޯދި ޕޮއިންޓާ އެކު އެއް ވަނަ އަށް ޖެހިލިއިރު، އެ ޓީމާއި ދެ ވަނައިގައި އޮތް ނީސް އަށް ލިބިފައިވަނީ 22 މެޗުން 49 ޕޮއިންޓެވެ. މޮނާކޯ އަށް ކުރި ލިބެނީ ފައިދާ ލަނޑުންނެވެ.
ޕީއެސްޖީ ތިން ވަނައިގައި އޮތީ 22 މެޗުން 46 ޕޮއިންޓާ އެކު އެވެ.
ރޭގެ މެޗުގައި އަމިއްލަ ދަނޑުގައި ކުޅުނު ޕީއެސްޖީ އަށް މެޗުގެ 81 ވަނަ މިނިޓްގައި ލިބުނު ޕެނަލްޓީ އަކުން ލަނޑުޖެހީ އެޑިސަން ކަވާނީ އެވެ. މި ޕެނަލްޓީ ލިބުނީ މޮނާކޯ އޭރިއާ ތެރެއިން ޕީއެސްޖީގެ ޖޫލިއަން ޑްރެކްސްލާ އަށް މޮނާކޯގެ ޖިބްރީލް ސިޑީބޭ ފައުލުކުރުމުންނެވެ.
ޕޯޗުގަލްގެ މިޑްފީލްޑަރު ސިލްވާ މޮނާކޯ އަށް އެއްވަރުކޮށްދިނީ މެޗުގެ އިތުރު ވަގުތުގަ އެވެ. އޭރިއާ ބޭރުން ސިލްވާ ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ތިރީ ކަނަށެވެ.
ޕީއެސްޖީގެ ކޯޗު އުނާއި އެމެރީ ބުނީ މިއީ މާޔޫސްވާން ޖެހޭ ނަތީޖާއެއް ނޫން ކަމަށެވެ.
"މޮޅުނުވެވުމުން އެ ހިތްހަމަ ނުޖެހުން އެބަހުރި. އެކަމަކު މިއީ މާޔޫސްވެގެން އުޅެންޖެހޭ ވަރުގެ ނަތީޖާއެއް ނޫން. އެއީ ތިން ޕޮއިންޓުގެ ފަރަގެއް އަދިވެސް އޮތީ. ލީގު ހޯދުމުގެ ފުރުސަތު އަދިވެސް ނުގެއްލޭ،" ކުރިން ސެވިއްޔާ އާއި ވެލެންސިއާ އަށް ކޯޗުކޮށްދިން އެމެރީ ބުންޏެވެ.
މޮނާކޯގެ ކޯޗު ލިއޮނާޑޯ ޖާޑިމް ބުނީ އޭނާގެ ޓީމުން މެޗަށް ނުކުތީ ތިން ޕޮއިންޓަށް ޓާގެޓް ކޮށްގެން ކަމަށާއި އެހެން ނަމަވެސް މެޗު ދިޔަ ގޮތަށް ބަލާއިރު، އެއް ޕޮއިންޓު ވެސް ގޯހެއް ނޫން ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy