ޓުވިޓާއާ ވާދައަށް ހެދި ތުރެޑްސް މިހާރު ބޭނުންކުރެވޭ.
06 ޖުލައި 2023 - 10:28
ފޭސްބުކްގެ ބެލެނިވެރި ކުންފުނި "މެޓަ" އިން ޓްވިޓާއާ ވާދައަށް "ތުރެޑްސް"ގެ ނަމުގައި ހެދި ސޯޝަލް މީޑިއާ ޕްލެޓްފޯމް މިއަދު ލޯންޗުކުރިތާ ހަތަރު ވަރަކަށް ގަޑިއިރުގެ ތެރޭގައި ފަސް މިލިއަން މީހުން އެ ޕްލެޓްފޯމް ބޭނުންކުރަން ފަށައިފި އެވެ.
"މެޓަ" ކުންފުނީގެ ވެރިޔާ މާކް ޒަކަބާގު ވަނީ ދެންމެ އެކަން އިއުލާންކުރައްވައިފަ އެވެ.
އެޕަލް އެޕް ސްޓޯރާއި އެންޑްރޮއިޑްގެ ޕްލޭ ސްޓޯރު މެދުވެރިކޮށް 100 އަށް ވުރެ ގިނަ ގައުމުގައި މިހާރު މި އެޕް ހިލޭ ޑައުންލޯޑުކުރެ އެވެ. ނަމަވެސް، ރެގިއުލޭޓަރީ ބައެއް މައްސަލަތަކާ ހެދި ޔޫރަޕުގެ ގައުމުތަކަށް އަދި މި އެޕްގެ ހިދުމަތް ނުލިބެ އެވެ.
"ތުރެޑްސް" ލޯންޗުކުރިތާ މާ ގިނައިރުތަކެއް ނުވެ، ދުނިޔޭގެ ބޮޑެތި ބްރޭންޑުތަކާއި އެހެން ވިޔަފާރިތަކާއި ސެލެބްރިޓީން ވެސް މި އެޕް ބޭނުންކުރަން ވަނީ ފަށައިފަ އެވެ.
"ތުރެޑްސް" ޑިޒައިންކޮށްފައި ވަނީ އިންސްޓަގްރާމްއާ ލިންކުވާ ގޮތަށެވެ. އެހެންވެ، މި އެޕް ބޭނުންކުރެވޭނީ އިންސްޓަގްރާމް އެކައުންޓެއް ގެންގުޅޭ ނަމަ އެވެ. ނަމަވެސް، ދެ އެޕްގެ ޕޯސްޓުތަކާއި ފޮލޮވާސް އިންޓަލިންކު ނުވާނެ އެވެ.
މި އެޕްގެ ފީޗާތައް ޓުވިޓާއާ ހަމަ ދާދި އެއްގޮތެކެވެ؛ ކޮންމެ ޕޯސްޓެއްގައި އެންމެ ދިގުވެގެން ބޭނުންކުރެވޭނީ 500 ކެރެކްޓާސް ނުވަތަ އަކުރެވެ. ފޮޓޯގެ އިތުރުން ފަސް މިނެޓުގެ ވީޑިއޯ ޕޯސްޓުކުރެވޭނެ އެވެ.
މެޓަގެ ވެރިޔާ މާކް ޒަކަބާގާއި ޓްވިޓާގެ ވެރިޔާ އީލޮން މަސްކްގެ މި ފަހުން ފެށުނު ވާދަވެރިކަމުގެ އަސްލަކީ މި އެޕެވެ. މިދިޔަ މަހު މި ދެ މީހުން ވަނީ "ކޭޖް ފައިޓް" އަކަށް އެއްބަސްވެ އެކަން އިއުލާނު ވެސް ކޮށްފަ އެވެ. އެކަމަކު މިއީ އެ މީހުން ސީރިއަސްކޮށް ދެއްވި ވާހަކައެއް ކަމެއް ނޭނގެ އެވެ.
ޓްވިޓާއިން ވަނީ، އެ މީހުންގެ "ޓްވީޓްޑެކް" އަކީ ފައިސާ ދައްކައިގެން ނޫނީ ބޭނުން ނުކުރެވޭ އެއްޗަކަށް ހަދަން ނިންމައި އެކަމަށް 30 ދުވަސް ދީފަ އެވެ. އެހެންވެ މި ސާވިސް އޭގެ ފަހުން ބޭނުންކުރެވޭނީ ޓްވިޓާ ބްލޫއަށް ސަބްސްކްރައިބް ކޮށްފައި ތިބޭ މީހުންނަށް އެކަންޏެވެ.
އޭގެ ކުރިން ޓްވިޓާއިން ވަނީ ޓްވިޓާ ބްލޫއަށް ސަބްސްކްރައިބް ނުކުރާ މީހުންނަށް ފެންނަ ޓްވީޓްތަކުގެ އަދަދު ވެސް ލިމިޓްކޮށްފަ އެވެ. އަދި ފައިސާ ދައްކައިގެން ގިނަ ފީޗާތައް ބޭނުންކުރެވޭ ގޮތް ހެދުމުން އާންމުންގެ ނުރުހުން ޓުވިޓާއަށް އަމާޒުވެފައިވެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy