މިދިޔަ 12 އަހަރު ޔުނައިޓެޑްގެ ގޯލް ބެލެހެއްޓި ޑެހެއާ: އޭނާ ވަނީ އެ ކްލަބް ދޫކޮށްލާފަ
09 ޖުލައި 2023 - 10:59
މެންޗެސްޓާ (ޖުލައި 9) - މެންޗެސްޓާ ޔުނައިޓެޑަށް 12 އަހަރު ކުޅުމަށް ފަހު، ގޯލްކީޕަރު ޑޭވިޑް ޑެހެއާ ކްލަބް ދޫކޮށްލައިފި އެވެ.
ޔުނައިޓެޑުން އޭނާގެ ކޮންޓްރެކްޓް އާ ކުރަން މަސައްކަތް ކުރި ނަމަވެސް، ޑެހެއާ ނިންމީ ކްލަބް ދޫކޮށްލާށެވެ. އެނާގެ ކޮންޓްރެކްޓް ހަމަވީ މިދިޔަ މަހުގެ 30 ގަ އެވެ. މިހާރު އޭނާ ބޭނުންވާ ކްލަބަކަށް ހިލޭ ބަދަލު ވެވޭނެ އެވެ.
ޓްރާންސްފާ ޚަބަރުތައް ބުނާ ގޮތުން ޑެހެއާއަށް ޗެލްސީން ވެސް ޝައުގުވެރިވެ އެވެ. އެއީ އެ ޓީމުގެ އެއް ނަންބަރު ކީޕަރު އެޑްއާޑް މެންޑީ ސައުދީ ލީގަށް ބަދަލުވުމުންނެވެ. އަދި ސައުދީ ނުވަތަ އެމެރިކާގެ ލީގަށް ވެސް ޑެހެއާ ބަދަލުވެދާނެ ކަމަށް ޓްރާންސްފާ ޚަބަރުތައް ބުނެ އެވެ.
އެތުލެޓިކޯ މެޑްރިޑުން 2012 ޔުނައިޓެދަށް ބަދަލުވި ޑެހެއާ ވަނީ އެ ޓީމާ އެކު ޑޮމެސްޓިކް ހުރިހާ މުބާރާތެއް ކާމިޔާބު ކުރި އެވެ. އަދި ޔޫރޮޕާ ލީގުގައި ވެސް ޔުނައިޓެޑާ އެކު ހޯދި އެވެ.
ޑެހެއާގެ މަގާމު ފޫބައްދަން އިންޓަ މިލާންގެ ކީޕަރު އަންޑްރޭ އޮނާނާ ގެނައުމަށް ޔުނައިޓެޑުން ދަނީ މަސައްކަތް ކުރަމުންނެވެ.
ޔުނައިޓެޑްގެ ކޯޗު އެރިކް ޓެން ހަގް، އޮނާނާ އަށް ޝައުވެރި ވެއެވެ. އޭނާ އަޔެކްސްގައި މަސައްކަތް ކުރި އިރު އަޔެކްސްގެ ގޯލް ބެލެހެއްޓީ އޮނާނާ އެވެ.
އެކަމަކު އޭނާ ގެންނަ ކުރާ މަސައްކަތް ހީކުރިހާ ފަސޭހައެއް ނޫނެވެ. އިންޓަ އާއި ޔުނައިޓެޑާ ދެމެދު އަދިވެސް ވަކި ގޮތަކަށް އެއްބަސް ނުވެ އެވެ. އޭނާގެ ޓްރާންސްފާ އަށް އިންޓައިން ކިޔަނީ 50 މިލިއަން ޑޮލަރަށްވުރެ ބޮޑު އަގެކެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy